ސިޔާސީ ކެންޕޭންތަކާއި ޖަމާއަތުގެ ފައިދާއަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ކެންޕޭންތަކާއި ވިޔަފާރި އުސޫލުން ހިންގާ ޕްރޮމޯޝަންތަކުގައިވެސް ޚަރަދު ކުޑަކޮށް، ކަސްޓަމަރުންގެ ސާމާލުކަން ހޯދައި ގަނެވޭނެ ގޮތަށް، މިފަދަ ކެންޕޭންތައް އިސްތިހާރުކުރުމަކީ އެފަރާތްތަކުން ކުރާނެކަމެވެ.
ކެންޕޭނެއް އިސްތިހާރުކުރެވޭނެ ވަރަށް ގިނަގޮތްތައް ހުރެއެވެ. މީޑީއާގެ ވަސީލަތްތަށް ބޭނުންކުރެވިދާނެއެވެ. ކަސްޓަމަރުންނާއި ސީދާ ބައްދަލުކޮށް ކޭންޕޭންގެ ވާހަކަ ދެއްކިދާނެއެވެ. އަދި ކަސްޓަމަރުންނަށް ފެންނަގޮތަށް ޕޯސްޓަރުފަދަ ތަކެތި ތަންތާނގައި ހިއްޕިދާނެއެވެ. މިދެންނެވީ އާންމުކޮށް އަޅުގަނޑުމެން ތެރޭ ކުރާ ކަންތައްތަކެވެ.
ޖަމާއަތުގެ ފައިދާއަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ސިޔާސީ ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެންމެ އެކަށޭނެ ބަޖެޓް ނުހުރެދާނެއެވެ. އެހެންކަމުން މިފަދަ ހަރަކާތްތަކުގެ އިސްތިހާރުކުރުމަށް، އާންމުން ހަރަކާތްތެރިވާ ތަންތަނުގައި ޕޯސްޓަރުތައް ހަރުކޮށްފައި ހުންނަތަން ފެނެއެވެ. އަދި ޕޯސްޓަރުގެ ސަބަބުން ލިބެންޖެހޭ ނަތީޖާ ލިބޭކަމަށްވެސް ޤަބޫލުކުރެވެއެވެ. އެއީ އަބަދުވެސް މިފަދަ ޕޯސްޓަރުތައް ފާރުތަކުންނާއި ތޮށީގަޑުން ފެންނަމުންދާތީއެވެ.
އަޅުގަނޑު ކަންބޮޑުވަނީ ފައިދާއަށް މަސައްކަތްކުރާ ބޮޑެތިކުންފުނިތަކުން އެމީހުންގެ ވިޔަފާރި ޕްރޮޕޯޝަންތައް ހިންގުމަށް ޒިންމާދާރުކުޑަކޮށް އިސްތިހާރު ކުރަމުންދާތީއެވެ. މިފަދަ ކުންފުނިތަކަކީ އެމީހުންގެ ވިޔަފާރީގެ އެކި ޕްރޮމޯޝަންތައް ހިންގުމަށް ބަޖެޓް އޮންނާނެ ފަރާތްތަކެވެ. ކުރިންދެންނެވިފަދަ ޖައިމިއްޔާތަކާއި ސިޔާސީ ޕާރޓީތަކުން އިސްތިހާރުތައް ކުރާގޮތަށް އުޅޭކަށް މިފަދަ ކުންފުނިތަކުންއުޅޭކަށް ނުޖެހެވެ.
ދާދި އިހަކަށް ދުވަހު އުރީދޫއާއި ކޮކާކޯލާ ކުންފުނި ގުޅިގެން ހިންގި ކެންޕޭނެއްގައި އައިޖީއެމްއެޗް ހުންނަ ހިސާބުން ފެށިގެން ގޮސް ބޮޑުތަކުފާނުމަގު އުތުރަށް ލަބާލަންދެންދެން މާލޭ ތޮށިގަނޑުގައި އޮތީ މިދެކުންފުނި ގުޅިގެން ހިންގާ ކެންޕޭނެއްގެ ޕޯސްޓަރެވެ. މިފަދަ ބޮޑެތި ކުންފުނިތަކުން މިއަށް ވުރެ ޒިންމާދާރުކޮށް އިސްތިހާރުކުރަން ދަންނަންވާނެއެވެ. އަދި މިފަދަ ޕްރޮމޯޝަން ހިންގޭނެ ފައިސާގެ ވަސީލަތްތައްވެސް މިކުންފުނިތަކުގައި ހުންނާނެއެވެ.
މާލޭގެ ތޮށިގަނޑަކީ ދައުލަތުގެ މުދަލެކެވެ. އޭގެ ހައްޤުވެރިންނަކީ ދިވެހި ރައްޔިތުންނެވެ. އެބޭނުންކުރެވެންވާނީ އެންމެނަށް އޭގެ އުފާލިބޭގޮތަށެވެ. ތޮށިގަނޑު އޮތުމުން އަޅުގަނޑުމެނަށް ރައްކާތެރިކަން ލިބެއެވެ. އަދި ތޮށިގަނޑު ސާފުތާހިރުކޮށް އޮތުމުން ތޮށިގަނޑު ކައިރިއަށް ހިތްފަސޭހަކޮށްލަން ނުކުންނަފަރާތްތަކަށް ހިތްހަމަޖެހުންލިބެއެވެ.
އުރީދޫ އާއި ކޮކާކޯލާ ކުންފުންޏަކީ ގްލޯބަލް ދެކުންފުންޏެވެ. ދުނިޔޭގެ ފެންވަރުގައިވެސް ބޮޑެތިކުންފުނިތަކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ކާމިޔާބުކަމާއެކު އެކުންފުނިތަކުގެ އުފެއްދުމާއި ޙިދުމަތް ފޯރިކޮށްދެމުން ދާ ދެކުންފުންޏެވެ. އުރީދޫވަނީ ދާދި އިހަކަށް ދުވަހު 100 މިލިއަން ކަސްޓަމަރުން އެމީހުގެ ތިބިކަށް އިއުލާންކޮށްފައެވެ. ކޮކާކޯލާގެ ޓްރޭޑް މާކްއަކީ ދުނިޔޭގެ އެންމެގިނަ މީހުން ދަންނަ ޓްރޭޑް މާކެވެ. ބުނެވޭގޮތުގައި ދުނިޔޭ 90 ޕަސެންޓް މީހުންނަށްވުރެ ބޮޑު ބަޔަކަށް މިޓްރޭޑް މާރކް ފެނުމުން ކޮކާކޯލާކަން ދެނެގަނެވެއެވެ.
އަދި ކޮކާކޯލާ ކުންފުނި ރާއްޖޭގައި ނިސްބަތްވަނީ އަޅުގަނޑުމެން ކާބަފައިންގެ ޒަމާނުނުއްސުރެ މަހުޖަނު ހާންދާނަކަށެވެ. އުރީދޫއަކީ ތެލުގެ މުއްސަދިކަން ލިބިފައިވާ ޤަތަރުގެ ސަރުކާރުގެ އިންވެސްޓްމަންޓް ގުރޫޕްއަކަށް ނިސްބަތްވާ ކުންފުންޏެކެވެ.
މިހުރިހާ ސަބަބަކަށްޓަކައި މިދެކުންފުނިން ހިންގާ ޕްރޮމޯޝަން ހަރަކާތްތައް ދައުލަތާއި އާންމުރައްޔިތުންގެ ތަކެތި ހަޑިނުވާގޮތަށް ޒިންމާދާރުކޮށް ކުރުމަކީ ހެޔޮ ވިޔަފާރި އެތިކްސްއަކަށް ވާނެއެވެ.
އަޅުގަނޑަށް ލަފާ ކުރެވޭގޮތުގައި ދައުލަތުން ބަލަހައްޓަން ޖެހޭ ތަންތަނުގެ ތެރޭން ސީދާ ވަކި މުއައްސާސާއެއް އެތަނެއްގައި ނެތް ތަންތަނުގައި އިސްތިހާރު ހަރުކުރެވެނީ ހެންނެވެ. މިހެން މިދަންނަވަންޖެހެނީ ސަރުކާރުގެ މުއައްސަސާއެއްގެ ބޭރުފާރުގައި އިސްތިހާރު ތަތްކުރެވިފައި ހުއްޓައެއް ނުފެނެއެވެ. އަދި އިސްތިހާރެއް ހަރު ކުރި ނަމަވެސް ވަޤުތުން ނައްޓާލާނެއެވެ. ނޫނީ ފުލުހުންނަށް އަނގާ އެކަން ހުއްޓުވާނެއެވެ. މިކަމުގެ އަސްލަށް ބަލާއިރު ތޮށިގަނޑުގައި އިސްތިހާރު ހަރުކުރުމާއި ދައުލަތުގެ މުއައްސަސާއެއްގެ ފާރުގައި ހަރުކުރުމާއި އުސޫލެއްގެ ގޮތުން ތަފާތެއް ނެތެވެ.
އެހެންވީމާ އާންމު ތަންތަނުގައި ހާއްޞަކޮށް މަގުމަތީގައި އިސްތިހާރު ކުރާގޮތް ހަރުދަނާ ވާންޖެހެއެވެ. ބަދަލުވެފައިވާ ހާލަތާއި ދިމާވާގޮތަށް ޤަވާއިދު ބަދަލުކުރަންޖެހެއެވެ. އަޅުގަނޑުމެން ތެރޭ ހަރަކާތްތެރިވާ ގުލޯބަލް ކުންފުނިތައް އިސްތިހާރުކުރުމަށް މިފަދަ އަގުހެޔޮ ފަސޭހަ ގޮތްތަށް ހިޔާރުކުރަން ފައްޓައިފިނަމަ، އެފަރާތްތަކުގެ އިސްތިހާރު ބަޖެޓް ކުޑަވެގެންދާނެއެވެ. ނަތީޖާއަކީ އިސްތިހާރަށް ބަރޯސާވެގެން ހިންގާ މީޑިއާއަށް ފަންޑުގެ ދަތިތަކެއް ކުރިމަތިވުމެވެ. އަދި ސިޔާސީ ކެންޕޭން ނިމޭއިރު ރަށް ގޮންޑުވެފައި އޮންނަގޮތަށް ކޮންމެ ވިޔަފާރި ޕޮރޮމޯޝަންއަކަށް ފަހު ރަށް އޮންނާނީ ގޮނޑުވެފައެވެ. ވިޔަފާރި ޕްރޮމޯޝަން ތަކަކީ އަބަދުހެން ކުރާކަމަކަށްވަތީ ރަށުތެރޭގެ ސާފުތާހިރުކަމަށް ނުހަނުބޮޑަށް އަސަރުކުރަމުންދާނެއެވެ.
ޕްރޮމޯޝަން އިސްތިހާރުކުރުމަށް ކުރެވޭ ކެންޕޭންގެ ސަބަބުން ރަށުތެރެ ގޮނޑުވާން ދިމާވާ އެންމެބޮޑު ސަބަބަކީ އިސްތިހާރު ކުރާ ފަރާތްތަކުން ހިއްޕާ ޕޯސްޓަރުތައް ނެއްޓުމުގެ ޒިންމާ ނުނަގާތީއެވެ. ޕޯސްޓަރުތައް ނެއްޓިގެން ދަނީ އޭގެ އަމިއްލަ ޒާތުގައެވެ. ނޫނީ ލާނެއް ކުދިވެރިންތަކެއް މަޖަލަކަށް ޕޯސްޓަރުތައް ނައްޓާލަނީއެވެ. އެހެން ޕޮރޮމޯޝަންއެއްގައި ޕޯސްޓަރު ތަތްކުރަން ބޭނުންވާ ފަރާތްތަކުން ކުރިން ހުރި ޕޯސްޓަރުތައް މަތީ އެހެންނޫނީ ނައްޓާލާފައި ތަތްކޮށްލަނީއެވެ.
މިމަޒްމޫނުވަނީ 15 މާރޗް 2015 ގައި ސީއެންއެމް ގައި ޝާއިއު ކުރެވިފައެވެ.