އަޅުގަނޑުމެނަށް ދިމާވާ އިގްތިސާދީ ގިނަ މައްސަލަތައް ހައްލުކުރުމަށްޓަކައި އިގްތިސާދީ ތަސައްވުރެއްގެ މައްޗަށް ބިނާވެގެން ހިންގޭ ޕްލޭނެއް އޮތުމަކީ މުހިންމުކަމެކެވެ.

އިގްތިސާދު ހެދިބޮޑުވެ ފުޅާވުމަކީ ފަގީރުކަން ކުޑަވެގެންދާ ކަމެއްކަން އެއީ ހުރިހާ އެންމެނަށް ވެސް އެނގޭނެ ހަގީގަތެކެވެ. އިގްތިސާދު ފުޅާކުރުމަށް ދެނެގަންނަން ޖެހޭނީ ވިޔަފާރިތައް އިތުރަށް ފުޅާކުރެވޭނެ މަގުތައް ހޯދައިގަތުމާއި، އިންވެސްޓްމަންޓަށް އިގްތިސާދު ހުޅުވާލާނެ ދާއިރާތައް ކަނޑައެޅުމާއި، ޓެކްސް ނިޒާމް ރަނގަޅު ގޮތުގައި މެނޭޖްކުރުމާއި އާންމު ހަރަދުތައް ގެންގުޅޭނެ މިންގަނޑެއް ބެހެއްޓުމެވެ.

މިކަންކަމުގެ ތެރެއިން އަޅުގަނޑުމެނަށް އެދެވޭ ގޮތަކަށް ނުބެލެހެއްޓެނީ އާންމު ޚަރަދުތަކެވެ. މިއާ އެކު، އިގްތިސާދީ ގޮތުން އަޅުގަނޑުމެންނާ ދިމާވާ ގޮންޖެހުންތަކާ ކުރިމަތިވާއިރު މިއިން ސިޔާސަތަކާ ގުޅިފައި ހުންނަން ޖެހޭ އެހެން ސިޔާސަތުތައް ފަރުމާ ކުރެވިފައި ހުންނަނީ އެންމެ އެދެވޭ ގޮތަކަށް ނޫނުނެވެ. އެހެންވީމާ އެކަށީގެންވާ ނަތީޖާ މިއޮންނަނީ ނުނެރެވިފަ އެވެ.

މިއަހަރަށް ކަނޑައެޅި ބަޖެޓް ދެކޮޅަށް ދަމާފައި، މާ ބޮޑު އުނިކުރުމެއް ނެތި މަޖުލިހުން ބަޖެޓު ފާސްކުރުމާ ވިދިގެން ސަރުކާރުން ވަނީ ބަޖެޓުން ފުއްދުމަށްޓަކައި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އިއުލާންކޮށްފަ އެވެ.

ޚަރަދު ކުޑަކުރަނީ ކޮން ކަންކަމަކުންކަމެއް އަދި ނޭނގެ އެވެ. އެހެންނަމަވެސް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުން ކުޑަނުކުރާނެކަމަށް ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންނަށް ދޭ ޚިދުމަތަކީ ހަމައެކަނި އުމްރާނީ ޚިދުމަތްތައްތޯ ނުވަތަ އިޖްތިމާއީ އެހެނިހެން ޚިދުމަތްތައް ވެސް ހިމެނޭތޯ ދެނެގަތުމަކީ އިގްތިސާދީ ގޮތުން ތަދުމަޑުކަން ހުރި ދުވަސްވަރެއްގައި ކަނޑައެޅުން މުހިންމު ކަމެކެވެ.

މިހެން މިދަންނަވަން ޖެހެނީ ރައްޔިތުންނަށް ދޭ ޚިދުމަތްތަކުން ޚަރަދު ކުޑަކޮށްގެން އެދެވޭ ނަތީޖާތައް ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިނުވާތީ އެވެ. ޔޫރަޕަށާއި އެމެރިކާ އަށް 2008 ވަނަ އަހަރުން ފެށިގެން ކުރިމަތިވި އިގްތިޞާދީ ހީނަރުކަމާ ވިދިގެން ހަރަދު ކުޑަކުރުމު ޕްރޮގްރާމްތައް ހިންގި ބައެއް ގައުމުތަކަށް ބަލައިލާނަމެވެ.

އަޔަލޭންޑްގެ އިގްތިސާދަށް ދިމާވި ތަދުމަޑުކަމުން އަރައިގަތުމަށްޓަކައި ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމެއް 2010 ވަނަ އަހަރު ހިންގަން ފެށިއިރު ވަޒީފާ ނެތް މީހުންގެ އިންސައްތަ ހުރީ 13.3 ގަ އެވެ. މިއަހަރު ޖެނުއަރީ މަހުގައި ހުރީ 14.6 ގަ އެވެ. އެހެންކަމުން ޕަބްލިކް އެކްސްޕެންޑިޗަ ކުޑަކޮށްގެން ޚަރަދު ކުޑަކުރުމުން ލިބުނު ކުރިއެރުމެއް ނެތެވެ.

އިނގިރޭސި ސަރުކާރުން ވަނީ އަޔަލޭންޑްގެ މި ޚަރަދު ކުޑަކުރުމުގެ ޕްރޮގްރާމް ބަލައިގަނެ އެއީ ރަނގަޅު ގޮތެއް ކަމަށް ގަބޫލުކުރެވިގެން މިފަދަ ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމެއް ހިންގާފަ އެވެ. އަދި މިދިޔަ އަހަރު އިނގިރޭސިންގެ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަނެވިއްޖެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. އިނގިރޭސި އިގްތިސާދު އޮތީ އެމެރިކާގެ އިގުތިސާދާ ގުޅިފަ އެވެ. އެހެންކަމުން އެމެރިކާގެ އިގްތިސާދަށް އައި ހެޔޮ ބަދަލު އިނގިރޭސި އިގްތިސާދުން ވެސް ވަނީ ދައްކާފަ އެވެ. މިއީ އިނގިރޭސިން ހިންގި ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމްގެ ނަތީޖާ ކަމަށް މުޅިއަކުން ބެލެވޭނެ ޖާގައެއް އޮތް ކަމަކަށް ނުފެނެ އެވެ.

އިގްތިޞާދީ ހީނަރުކަމުގެ މިދުވަސްވަރު ވިލާތުގެ ބައެއް ގައުމުތަކުން ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމްތައް ފަށައިގަތީ، ލެޓްވިއާގެ ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމް މިސާލެއް ކަމަށް ބަލައިގެންނެވެ. ވިލާތުގެ ނިސްބަތުން ލެޓްވިއާ އަކީ ސައިޒާއި އާބާދީ ވެސް ކުޑަ ގައުމެކެވެ. މިގައުމުގެ ޚަރަދު ކުޑަކުރުމުގެ ޕޮރޮގްރާމް ކާމިޔާބުކަމަށް ދެކިގެން އައިއެމްއެފުން ވަނީ ދެ ރިޕޯޓެއް ވެސް ޝާއިއުކޮށްފަ އެވެ. ނަމަވެސް ހަގީގަތަކީ އެގައުމުގެ ވަޒީފާ ނެތް މީހުންގެ މިންވަރު ހުރީ އަދިވެސް 14 ޕަސެންޓްގައި ކަމެވެ. އިގްތިސާދު މިހާރު އޮތީ ކުރިން އޮތް ފުޅާ މިނެއްގައެއް ނޫނެވެ. ހިތްހަމަޖައްސާލަނީ ވެއްޓުނު ވަޅުގަނޑުން ކޮންމެވެސް ހިސާބަކަށް އަރައިގަނެވުނީތީ އެވެ.

އަދިވެސް އެހެން ކުޑަ ގައުމެއްގެ އިގްތިސާދުގެ ތަޖްރިބާ ބަލާލަން ބޭނުން ނަމަ އެންމެ ރަނގަޅުވާނީ އައިސްލޭންޑްގެ ތަޖްރިބާއާ މެދު ވިސްނާލުމެވެ. އައިސްލޭންޑްގެ އިގްތިސާދު 2008 ގައި ފުނޑުފުނޑުވެގެން ދިޔުމުން ސުމަކުން ފެއްޓީ އާންމުކޮށް މިފަދަ ހަލާތުގައި ގެންގުޅޭ ސިޔާސަތާ ތަފާތު ސިޔާސަތެއް ބޭނުންކޮށްގެންނެވެ. މިއަދު އެގައުމު މިވަނީ މުޅިންހެން އިގްތިސާދީ ތަދުމަޑުކަމުން އަރައިގެންފަ އެވެ.

އޭޝިއާގެ ގައުމުތަކަށް 1999 ގައި ދިމާވި އިގްތިސާދީ ހީނަރުކަމުގައި މެލޭޝިއާ ގެންގުޅުނީ އައިއެމްއެފުން ކަނޑައެޅި އިގްތިސާދީ ޕްލޭނެއް ނޫނެވެ. މެލޭޝިއާގެ އަމިއްލަ އިގްތިސާދީ ވިޔައެއް ބޭނުންކޮށްގެން އެހެން ގައުމުތަކަށް ވުރެ ކުރިން އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތެވެ.

ރާއްޖޭގެ މިވަގުތުގެ އިގްތިޞަދީ ޙާލަތަކީ މުޅިއަކުން އިގްތިސާދީ ތަދުމަޑުކަމެއް އައިސްގެން އެއިން އަޅުގަނޑުމެނަށް ދިމާވެގެން އުޅޭ ކަމެއް ކަމަކަށް ނުބެލެވެ އެވެ. މިއީ އަޅުގަނޑުމެން ގެންގުޅޭ ދޯހަޅި އިގްތިސާދީ ސިޔާސަތުން ދިމާވެގެން އުޅޭ ދަތިތަކެކެވެ. އިގްތިސާދީ ސިޔާސަތުގައި މިސްރާބު އޮޅި ޙާސިލުކުރަން ބޭނުންވާ މަގްސަދު ނޭނގެނީ އެވެ. އަދި މާ އަވަސްއަވަހަށް ސިޔާސަތު ބަދަލުވަނީ އެވެ.

މި އަހަރު ސަރުކާރުން ކަނޑައެޅި ބަޖެޓް ހުށަހެޅި ގޮތަށް ފާސްނުވުމުން، މަޖްލީހުން ފާސްކޮށްދިން ބަޖެޓުން ފުއްދައިގެން ކަންކަން ރާވާނީ ކަމަށް އިއުލާންކުރުމާ އެކުހެން، މިހާރު އިވެމުންދަނީ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަން މަސަކަތްކުރާނެ ވާހަކަ އެވެ. އެހެންވެއްޖެ ނަމަ މިދެކެވޭ ވާހަކައެއް ދެކޮޅެއްނުޖެހެ އެވެ. އަދި އިގްތިސާދީ ސިޔާސަތުގައި މިގެންގުޅެނީ ދެ މިންގަނޑެއް ކަމަށް ބެލެވެ އެވެ.

ސުނާމީ އަށް ފަހު 2005 ވަނަ އަހަރާއި މިއަދާ ހަމައަށް ތިން ސަރުކާރުގެ ވެރިކަން މިދަނީ ފެންނަމުންނެވެ. ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު ހިންގުމަށް ބަދަލެއް ނާދެ އެވެ. ހަރަދު ކުޑަކުރެވެނީ ހަމަ ރައްޔިތުންނަށް ކޮށްދޭން ހުންނަ ކަންކަމުންނެވެ. ސަރުކާރުން އެޕްރީލް 2011 ގައި ފައިސާގެ އަގު ތިރިކުރިއިރު ދެން ކަންކުރާނެ ގޮތެއްގެ ރޭވުމެއް ނެތެވެ. މިހެން މިދަންނަވަނީ ދިވެހި ފައިސާގެ އަގު ތިރިކުރުމާ ގުޅިގެން ކުރިމަތިވި ސިޔާސީ ފިއްތުންތަކުގެ ސަބަބުން މެނުވީ އިގްތިސާދީ ޕްލޭނެއް އެކުލަވާލުމުގެ ފިކުރެއް ސަރުކާރަކުން ނުގެންގުޅެ އެވެ. އެހިސާބުން މަސައްކަތް ފައްޓައިގެން ޕްލޭނެއް އެކުލަވާލެވުނީ އޭގެ ހައެއްކަ މަސް ފަހުންނެވެ. ރަނގަޅު ޕްލޭނަކާ އެކު މި މަސައްކަތް ކުރެވުނު ނަމަ ފައިސާގެ އަގުވެއްޓުމުގެ ސަބަބުން ދިމާވި ގިނަ މައްސަލަތަކެއް ކުޑަކުރުމަށް ކުރިޔާލާ ފިޔަވަޅު އެޅުނީހެވެ.

އިގްތިސާދީ ހާލަތު ގޯސްވެފައި ވާކަން އިތުރަށް ހާމަވީ 2011 ގެ މިނިވަން ދުވަހު ރައީސް ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި 27 ޕަސެންޓް މީހުން ވަޒީފާ ނުލިބިފައި ތިބި ކަމަށް ވިދާޅުވި ހިސާބުންނެވެ. މާނަ އަކީ އަޅުގަނޑުމެންގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކީ ވަޒީފާއެއް ނެތް މީހަކަށް ވުމެވެ.

މިވޭތުވެދިޔަ އަށެއްކަ އަހަރު އަޅުގަނޑުމެން މިދިޔައީ ލިބޭ އާމްދަނީ އަށް ވުރެ ބޮޑު ބަޖެޓެއް އެކުލަވާލައި ހަރަދުތައް ފަހާދުވަމުންނެވެ. އަހަރުތަކެއް ވަންދެން ރާއްޖޭގެ އިގްތިސާދު މިގޮތަށް ހިންގުމުގެ ނަތީޖާއަކަށް މިވަނީ ދުވަހަކަށް ވުރެ ދުވަހެއް، އަހަރަކަށް ވުރެ އަހަރެއް ގައުމުގެ ދަރަނި ބޮޑުވަމުން ދިއުމެވެ.

މިހެން ދިމާވާން މިޖެހުނީ، ސިޔާސީ ގޮތުންނާއި އިގްތިޞާދީ ގޮތުން ދިމާވި ގޮންޖެހުންތަކުން އަރައިގަތުމަށް ދުރުވިސްނުމެއް ނެތި ކޮންމެ ސަރުކާރަކުން ވެސް ގެންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުންނެވެ. މި ގެނައި މަޖްބޫރީ ބަދަލުތަކުގައި އިގްތިސާދުގެ އަސާސްތަކަށް ވެސް ވަނީ ހަލުވައި ބަދަލު ގެނެސްފަ އެވެ.

މިދެންނެވި ބަދަލުވަމުން ދިޔަ، ހަރުދަނާ ކަމެއް ނެތް ސިޔާސަތުތައް ހިންގައިގެން އަޅުގަނޑުމަނަށް ލިބުނު އެދެވޭ ނަތީޖާއެއް ނެތެވެ. އެހެންކަމުން، ހަރަދު ކުޑަކުރުމުގެ ޕްރޮގްރާމަށ ްވުރެ ބޮޑަށް ބަލަންވީ ބެލެންސް ބަޖެޓެއް އެކުލަވާލައި، ވަކި ދާއިރާއަކަށް ބުރަނުވެ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތަކަށް އަމާޒުކޮށްގެން ކަންކަން ހާސިލްކުރަން މަސައްކަތްކުރުމެވެ.

ހަޤީޤީ މައްސަލަތަކާ ކުރިމަތި ލާން ފޫގަޅަން ޖެހިއްޖެ އެވެ. ވަޒީފާ ނެތް މީހުންގެ އިންސަންތަ ކުޑަކުރެވޭނެ މަގެއް ހޯދަން ޖެހިއްޖެ އެވެ. ވަޒީފާގެ ފުރުސަތު އިތުރު ކުރަން ޖެހިއްޖެ އެވެ. ބަޖެޓް ޑެފެސިޓްކުރުމުގެ ސިޔާސަތުން ދުރުވާން ވެއްޖެ އެވެ. އިގްތިސާދީ ތަސައްވަރަކަށް ބަޖެޓް އެކުލަވާލައި ލިބޭ އެއްޗަކުން ބަޖެޓް ބިނާކޮށް، ކުރަން ކަނޑައަޅާ ކަންކަން ކުރުމަށް ފަރުވާތެރިވާން ވެއްޖެ އެވެ.

އެޑިޓަރުގެ ނޯޓު: އަލީ ޚާލިދަކީ ކުރިން މިފްކޯގައި އިސް މަގާމުތަކެއް ފުރުއްވި އަދި ޓީވީއެމްގެ ސީއީއޯގެ މަގާމު ވެސް އަދާކުރެއްވި، ވިޔަފާރި އަދި ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިއާރޓިކަލްވަނީ 12 ފެބްރުއަރީ 2013ގައި ހަވީރު ނޫހުގައި ޝާއިއު ކޮށްފައެވެ.