ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ ޗެއާމަން އިއްޔެ ވަކިކުރައްވައިފި ކަމަށް މީޑީއާގެ ހަބަރުތަކުން ފެނިއްޖެއެވެ. އަޅުގަނޑު ހިތަށްއެރީ މެދުއިރުމަތީގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯ ކުންފުނީގެ ހިއްސާ ކޮންޓްރޯލް ކުރާ ދިރާގުގެ ވިޔަފާރި މިސްރާބަށް ބަދަލެއް އަތުވެދާނެބާއެވެ.
އަޅުގަނޑު މިހެން ހިތަށް އެރި ސަބަބަކީ ބަޓެލްކޯ ކުންފުނީގެ ދިރާގު އެންމެ މަތީ ތިން މަގާމު މިއަދާ ހަމައަށް ފުރަމުން ގެންދާ ތިން ބޭފުޅުން – ޗެއާމަން، މެނޭޖިން ޑަރެކްޓާ އަދި ޗީފް އެގްޒެކެޓީވް އަކީ އިސްތިއުމާރީ ދުވަސްވަރުގެ ކޭބަލް އެންޑް ވަޔަލެސްގެ ޒަމާނުން ފެށިގެން ރާއްޖޭގެ މުއާސަލާތީ ދާއިރާގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނެވެ.
މިބޭފުންޅުންގެ ވިސްނުމުގައި އިސްތިއުމާރީ މޮނޮޕޮލިސްޓިކް ވިސްނުން ނޫންގޮތަކަށް، ހަރަކާތްތެރިވާކަށް ދެނެވަޑަގަންނަވާހެން މިބޭފުޅުންގެ ކުންފުނި ހިންގަވާ ގޮތުން ދޭހައެއްނުވެއެވެ. ކޭބަލް އެންޑް ވަޔަލެސްގެ އިސްތިއުމާރީ ދުވަސްވަރު ނިމުމަކަށް އައީ ކޭބަލް އެންޑް ވަޔަލެސްއިން އިންގިރޭސިންގެ އިސްތިއުމާރީ ދުވަސްވަރުގައި އޭޝިއާ ޕެސިފިކްގައި އެކުންފުނިން
ގެންގުޅުނު ކުންފުނިތައް ބަހްރޭންގެ ބަޓެލްކޯ ކުންފުންޏަށް ވިއްކާލުމާއި ގުޅިގެންނެވެ. އެހެންކަމުން ބަޓެލްކޯ ކުންފުނީގެ ކުޑައިގެދަށަށް ދިރާގުވެސްވަނީ ވަދެފައެވެ.
ދިރާގުގެ އެންމެ މަތީ ފަންތީގައި ހިންގުމުގެ މަގާމުގައި ތިބި ބޭފުޅުން ކުރިއެކޭ އެއްފަދައިން ބަޓެލްކޯއަށް ދިރާގު ހިންގާދެއްވަނީވެސް ކޭބަލް އެން ވަޔަލެސްއަށް ހިންގަވާދެއްވިގޮތަށެވެ. ރާއްޖޭގެ ވިޔަފާރި މާހައުލު ވަރަށް ރަނގަގަޅަށް މިބޭފުޅުންދެނެވަޑައިގަންނަވާނެއެވެ. ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ގާނޫނުގައި ހުރި ހާތައް ރަނގަޅަށް އެނގި ބަޓެލްކޯގެ ވިޔަފާރި އެގެންދަވަނީ ރާއްޖޭގައިފުޅާކޮށް ރާއްޖެއަށް ނިސްބަތްވާ ރާއްޖޭގެ 100 އިންސައްތަ ވިޔަފާރިތައް ހަލާކުކޮށް ސުންނާފަތި ކުރަމުންނެވެ.
ގައުމެއްގެ އިގްތިސާދުގައި މެދު އަދި ކުދި ވިޔަފާރިތަކަކީ ގައުމުގެ އިގްތިސާދު ހިފެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ފަރާތްތަކެކެވެ. ރިސޯޓެއްގައި ކޭބަލެއް އެޅިޔަސް، އަލަށް ހަދާ އިމާރާތެއްގެ ސެކިއުރިޓީ ނިޒާމެއް ހަރުކުރަންވެސް، އޮފީހެއްގައި އިންޓަކަމް ނިޒާމެއް ހަރުކުރަންވިޔަސް ބަޓެލްކޯގެ ދިރާގު މިއަދު ދިވެހި ކުންފުނިތަކާ ވާދަކުރާނެކަމަށް ބަލާށެވެ. އަދި އެކުންފުނީގައި ހުރި ގިނަ ވަސީލަތާއި ފުންޖީބުގެ އެހީގައި ބިޑުތައް ކާމިޔާބުވެސް ކުރާނެއެވެ.
މިދެންނެވި ކަންކަމުގެ އިތުރުން މިހާރު ދިރާގު ޓީވީ ހަދައިފިއެވެ. އަނެއްކޮޅުން ސަރުކާރާއި ގުޅިގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި މޮނީޓަރިން ޑިވައިސް ހަރުކުރުމަށް އެތިބީ ފޫގަޅާފައެވެ. އެހެންވީމާ ކޮންމެ ދޯންޏަކުން 1،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ބަހުރޭންގެ ބަޓެލްކޯއަށް ވެދުން ކުރަން އެބަޖެހެއެވެ.
މިހުރިހާ ވިޔަފާރިއެއް ބަޓެލްކޯއިން ރާއްޖޭގައި ހިންގަނީ ދިރާގު މެދުވެރިކޮށެވެ. ގާނޫނާއި ގަވާއިދުގެ ތެރޭންރާއްޖޭގައި ނަގަންޖެހޭ ހުއްދަތައް ވެސް ނަގައިގެންނެވެ. ރާއްޖޭގެ ވިޔަފާރި މާހައުލު ދިރާގުގެ މެނޭޖްމަންޓްގައި ހަރަކާތްތެރވާ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ރާއްޖޭގެ މުއާސަލަތީ ރެގުއުލޭޓިން ގުނަވަނުގެ ހުރި ބަލިފައިތައް އެތެރެއާއި ބޭރުންވެސް ދެނެވަޑައިގަންވައެވެ. އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ކަންކަން ތަންފީޒުކުރުމުގެ ގާބިލުކަން ނެތްކަން އެނގި ތިބެ އޭގެ ފައިދާ ފުރިހަމައަށް ނަގައެވެ.
މިހެން މިދަންނަވަނީ އަޅުގަނޑުމެން ރާއްޖޭން ޖީއެމްއާރު ބޭރުކުރިއިރު ދެއްކި އެއް ހުއްޖަތަކީ ރާއްޖޭގައި އެކުންފުނި އޮވެއްޖެނަމަ އެކުންފުންޏަށް ދީފައިވާ ވިޔަފާރި ހުއްދަތަކުގެ ސަބަބުން އާންމުންކުރާ ވިޔަފާރި ތެރެއަށް ވަންނާނޭކަމާއި އަދި ދިވެހި ކުންފުނިތައް ބިކަވެ ހަލާކުވާނެކަމުގައެވެ. މިއަދު ބަޓެލްކޯގެ ދިރާގު ރާއްޖޭގެ ވިޔަފާރި މާހައުލުގައި މިކުރަނީ ކޮންކަމެއްތޯއެވެ.
މާދަމާ ޓްރާންސްޕޯޓް ވިޔަފާރި ތެރެއަށްވެސް ދިރާގުން ވަންނަންވީއެވެ. އަދި އިމާރާތްކުރުމުގެ ވިޔަފާރި ތެރެއަށްވެސް ވަންނަންވީއެވެ. މިހާރު ހުއްދަދީފައި ހުރިކަންކަމަށް ހުއްދަ ލިބުނުގޮތަށް މިދެންނެވި ދާއިރާތަކަށްވެސް ހުއްދަ ލިބެންވާނެ ނޫންތޯއެވެ. މިހެންވާތީ ބަހްރޭންގެ މުއާސަލަތީ ކުންފުނި އުރީދޫވެސް މިހާރު ދަނީ ދިރާގު ކޮށާދޭމަގުން ކުރިއަށެވެ. އުރީދޫންވެސް ވަރަށް ޝައުގުވެރިކަމާއެކު ކުދި ވިޔަފާރިތަކާއި ވާދައަށް މަޑުމަޑުން ދަނީ ނިކުންނަމުންނެވެ.
ދުނިޔޭގައި ގްލޯބަލް ކުންފުނިތައް އިންވެސްޓްކުރިނަމަވެސް އެކުންފުނިތަކަށް ގައުމުތަކުގައި ހަރަކާތްތެރިވެވޭނީ ވަކި ހުދޫދެއްގެ ތެރޭގައެވެ. އެކުންފުނިތަކަށް ކުރަން ބޭނުން ހުރިހާ ވިޔަފާރިއެއް ކުރާކަށް ހުއްދައެއް ނުލިބޭނެއެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދު އެމެރިކާ، ޗައިނާ، އިންޑިއާ، ޖަޕާން އަދި ކުދި ގައުމުތަކުންވެސް ގެންގެންގުޅޭ އުސޫލެވެ. އަޅުގަނޑުމެން ތެރޭ މިއުސޫލު މިގޮތަކަށް ނޯންނަ ސަބަބެއް އެބަބަލަންޖެހެއެވެ.
ދިރާގު ޗެއާމަނަށް އަންނަބަދަލާއެކު ދިރާގުން މިގެންގުޅޭ ވިޔަފާރި ފުޅާކުރުމުގު ސިޔާސަތަށް ބަދަލު އަންނާނެކަމަށް ލަފައެއް ނުކުރެވެއެވެ. އެއީ ދިރާގުގެ ހަށިގަނޑުގައި ވާދަވެރި ވިޔަފާރި މާހައުލެއްގައި ހަރަކާތްތެރިވުމުގެ ޑީއެންއޭއެއް ނެތެވެ. އަދިވެސް ހުރީ ކޭބަލް އެން ވަޔަލެސް ޒަމާނުގެ އިސްތިއުމާރީ އުސޫލުތައް ވަރުގަދައަށް ކުންފުނިތެރޭ އަށަގެންފައެވެ.
މިމަޒްމޫނުވަނީ ސީއެންއެމްގައި 19 ފެބްރުއަރީ 2015ގައި ޝާއިއު ކުރެވިފައެވެ.