ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކަށް2008ވަނަ އަހަރު ދިމާވި އިގްތިސާދީ ހީނަރުކަމާ ވިދިގެން ސަރުކާރުގެ މަގުބޫލުކަން ރައްޔިތުންގެ މެދުގައި ކުޑަވެގެން ދިޔުމާ އެކު ވެސް ވަރަށް ގިނަ ގައުމުތަކުން ރައްޔިތުންނަށް ދޭ ވެލްފެއަރ އެހީ ކުޑަކުރި އެވެ.
މި ރާއްޖޭގައި 2005 އިން ފެށިގެން މި އަންނަނީ ބަޖެޓް ޑެފިސިޓްވަމުންނެވެ. އަދި ކޮންމެ އަހަރެއްގެ މެދަކާ ހިސާބުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުއަޅަމުންނެވެ. މި ސިޔާސަތުން ލިބުނު ނަތީޖާއާ މެދު މިއަދު އަޅުގަނޑުމެން ސުވާލުކުރަން އެބަޖެހެއެވެ.
ޑިމޮކްރަސީގެ ރޫހު ދިވެހި ފަޒާގައި ގުގުމަން ފެށި ދުވަސްވަރު ރާއްޖެ އަށް ދިމާވި ސުނާމީގެ ކާރިސާއާ ވިދިގެން ގިނަ ބަދަލުތަކެއް ވަރަށް ހަލުވިކޮށް ދިޔައީ އަންނަމުންނެވެ. އެހެންކަމުން ސަރުކާރު ހިންގުމުގައި ބޭނުންވާ ތަރުތީބާއި އިޖްރާތުތައް އަލުން މުރާޖާކޮށް ބަދަލުކުރުމުގެ ބޭނުންތެރިކަން ވެސް އެހާ މުހިންމެވެ. ސަބަބަކީ ވިދިވިދިގެން ކޮންމެ އަހަރަކު އިގްތިސާދީ ހީނަރުކަން އިހްސާސްކުރަމުން ދާއިރު މިފަހުން، ހަމަ ކޮންމެ އަހަރު ކަހަލަ ގޮތަކަށް ގުދުރަތީ ކާރިސާތައް ވެސް އެކި ފެންވަރުގައި ރާއްޖެ އަށް ދަނީ ކުރިމަތިވަމުން ކަމަށް ވާތީ އެވެ. މި ކަންތަކުން އަރައިގަތުމަށް ވެސް މިޖެހެނީ ކުރިން ބަޖެޓް ނުކުރާ ފައިސާތަކެއް ޤުރުބާންކުރާށެވެ.
ކަންކަން ރަނގަޅުކުރުމުގެ ގާބިލުކަން އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންގެ ކިބައިގައި ނެތް ކަމަށް ބަލައިގެންނުވާނެ އެވެ. ސަބަބަކީ އެ މީހުން އެ މަޤާމަށް ރައްޔިތުން ހޮވަނީ އެ ގާބިލުކަން ހުރިކަމަށް ދައުވާކޮށްފައިވާތީ އެކަމަށް ބަރޯސާކޮށްގެންނެވެ. އެހެންނަމަވެސް، ލީޑަރުންގެ ފަރާތުން އަޅުގަނޑުމެންނަށް މިހާރު ތަމްސީލު ވެގެން ދާ ތަން ފެންނަނީ ރައްޔިތުންގެ ހިތާއި ފިކުރު ހާސިލުކުރުމަށް، ނުފޯރާފަށުން، ހެޔޮ ސިޔާސަތާ ދެކޮޅަށް ލީޑަރުންގެ ހުރިހާ ހަކަތައެއް ބޭނުންކުރާ ތަނެވެ. މިފަދަ އަމަލުތަކުގެ އަގަކީ ގައުމުގެ އިގްތިޞާދު އެންމެ ފައިދާހުރި ގޮތަށް ބައްޓަން ނުކުރެވުމެވެ.
އަޅުގަނޑުމެން މިހާރު ކަޑައްތުކުރަމުން މިދަނީ ސިޔާސީގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް އުނދަގޫ ދުވަސްވަރެކެވެ. މިހާރު ހުރި ގޮންޖެހުންތަކުގެ ތެރެއިން ޓެކްސް ނެގުމަށްދާ ޚަރަދު ކުޑަކުރުމާއި، ތައުލީމީ ނިޒާމް ތަރައްގީކުރުމާއި، ގެދޮރު ހޯދައިދިނުމާއި، ވެލްފެއަރ ނިޒާމް ރަނގަޅުކުރުމާއި، ވަޒީފާގެ ފުރުސަތު އިތުރުކުރަން އެބަޖެހެއެވެ. ލިބިފައިވާ މަދު ވަސީލަތްތައް ބޭނުންކޮށްގެން ގިނަ ކަންތައްތަކެއް ޚަރދުކުޑަކޮށް ކުރެވިދާނެ މަގުތައް ހޯދައި ތަނަވަސްކުރަންޖެހޭ ވަގުތަކީ މިއީ އެވެ. މިކަންކަން ކުރުމަށް ސަރުކާރުގެ މެނޭޖްމަންޓް އެހެން ގޮތަކަށް ފަރުމާކުރަން މިވަނީ ޖެހިފަ އެވެ.
ސަރުކާރުގައި ހުރި ހުތޫރަތްތެރި މައްސަލަތައް ހައްލުކުރެވިދާނެ ގޮތެއް ދެނެގަންނަން އެބަޖެހެ އެވެ. ދިމާވާ މައްސަލަތަކުގެ ހައްލު ހޯދުމަށް ސަރުކާރުން ކަންކުރަމުންދާ ގޮތް އަލުން ބަލުން ބަލައި އޭގެ ތަރުތީބުތައް މުރާޖާކޮށް އަދި މިހާރަށް ނުފެތޭ ތަރުތީބުތައް ހުރިނަމަ އެކަން ދެނެގަނެ އެ ތަރުތީބުތަކުގައި މޫނުއަޅަން އެބަޖެހެ އެވެ.
މީގެ އަހަރުތަކެއް ކުރިއާ ޚިލާފަށް މި ގައުުމުގައި މިހާރު ހަރަކާތްތެރި ޕްރައިވެޓް ސެކްޓަރެއް އެބައޮތެވެ. ލަޑުދަނޑި ހާސިލު ކުރުމަށް ޕްރައިވެޓް ކުންފުނިތަކުން ގެންގުޅޭ އުސޫލުތައް ބަލައި އެފަރާތުން ކަންކުރާގޮތުގެ މިސާލުތައް ހޯދިދާނެ އެވެ. އަދި، އޭގެ ތެރެއިން ބައެއް ކަންކަން ސަރުކާރު ހިންގުމުގައި މިހާރު ގެންގުޅޭ އުޞޫލުތަކަށް ބަދަލު ގެނައުމަށް ބޭނުންކުރެވިދާނެ އެވެ. ޕްރައިވެޓް ސެކްޓަރގެ ވަޒީގައި އުޅޭ މުއައްޒަފުންނަކީ ކުންފުނީގެ މަގްސަދު ހާސިލުކުރުމަށް އަމަލީގޮތުން ގަދައަޅާ މަސައްކަތްކުރަންޖެހޭ ބައެކެވެ. ހުރިހާ މުއައްޒަފުންގެ ހަކަތަ އާއި ވިސްނުން ބައްޓަންކުރަން ޖެހެނީ އެއް އަމާޒަކަށް ވާޞިލުވުމަށެވެ. އެހެންކަމުން މިފަދަ އުސޫލުތަކާއި ސަގާފަތް ސަރުކާރު ހިންގުމުގެ ތެރެއަށް ގެންނަން އެބަޖެހެއެވެ.
އަދި އަޅުގަނޑުމެންނާ ދިމާވާ ފަދަ ކަންކަން ދުނިޔޭގެ އެހެން ގައުމުތަކަށް ދިމާވުމުން އެ ގައުމުތަކުން ކަންކުރަނީ ކޮންގޮތަކަށްތޯ ބަލައި، އެ ތަޖުރިބާތަކުގެ އަލީގައި ރާއްޖޭގެ މާހައުލުގައި ބަދަލު ގެނެވޭނެ މަގުތައް ތަނަަވަސްކުރަން މަސައްކަތްކުރަން އެބަޖެހެ އެވެ. އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުންނާއި މަދަނީ ޚިދުމަތުގައި އުޅުއްވާ ބޭފުޅުންނަކީ ވަރަށް ގިނައިން ބޭރު ގައުމުތަކަށް ދަތުރުކުރައްވާ ބޭފުޅުންނެވެ. އެހެންކަމުން ގައުމުތަކުގައި ކަންކަން ކުރާގޮތްތަކާއި އަޅުގަނޑުމެންގެ މާހައުލަށް އެކަންކަން ގެނެސް ތަޖުރިބާ ކުރެވޭނެ ގޮތުގެ ހިޔާލުތައް އެ ބޭބޭފުޅުންގެ ކިބައިގައި ހުރިކަން ދައްކަވާ ވާހަކަފުޅުތަކުން އެނގެ އެވެ.
ޕުރައިވެޓް ކުންފުނިތަކުން އެ މީހުންނާއި ވާދަވެރި، ކުރިއަރައިދާ އެހެން ކުންފުނިތަކުން ކަންކުރާގޮތް ހޯދައި އެގޮތަށް، ވިސްނުން ބަދަލުކޮށް، ތަރުތީބުތައް ރާވައި، ކަންކުރުމަށް މިލިއަނުން ފައިސާ ހޭދަކުރެއެވެ. ޕަބްލިކް ސެކްޓަރ އަކީ ހުޅުވާލެވިފައިވާ، އަމުދުން ވާދަވެރިކަމެއް ނެތް ދާއިރާއެކެވެ. އެހެންކަމުން އާ ކަންކަން ނަކުލުކޮށް އެކަންކަން ހިނގަން މާފަސޭހަވާނެ އެވެ.
ސަރުކާރު ފަރުމާކުރުން
ސިޔާސީ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ސަރުކާރު ހިންގުމުގެ ވާހަކައަކީ ރައްޔިތުންނަށް އެހާ ޝައުގުވެރިކަން ހުރި ވާހަކައަކަށް ނުވެއެވެ. އެހެންވީމާ ކަމަށް ވެސް ވެދާނެ އެވެ. މަދުން ނޫނީ ސިޔާސީ ބޭފުޅުންގެ ކެންޕޭންގައި ސަރުކާރު ހިންގުމުގެ އިންޖީނު ހަލުއިކޮށް ފުރިހަމަ ގޮތުގައި ހިންގާނެ ގޮތުގެ ވާހަކަ ދައްކާއަޑެއް ނީވޭނެ އެވެ. ސަރުކާރުގެ ބިޔުރޮކްރަސީގެ މައްސަލަތަކާއި އެކަމުގެ ހައްލުގެ ވާހަކައަކީ އެހާބޮޑު ތާއީދެއް ލިބޭ ކަމެއް ކަމަށް ސިޔާސީ ބޭފުޅުންނަށް ގަބޫލުނުކުރެވެނީ އެވެ. ރައްޔިތުންނާ ގުޅުންހުރި ކޮންމެވެސް ކަމަކާ ގުޅޭ ޤާނޫނެއް ހަދާލައިގެން ރައްޔިތުންގެ ކުރިމަތީ އެ ވާހަކަދައްކާލީމާ ރައްޔިތުންގެ ފަރާތުން ލިބޭ ތާއީދު ބޮޑުވާނެ ކަމަށް ގަބޫލުކުރެވެ އެވެ. ގާނޫނެއް ހަދައި އެ ތަންފީޒު ކުރުމުގައި ކާމިޔާބު ވަނީ ވެސް ވަރަށް މަދު ސިޔާސީ ބޭފުޅުންކޮޅެކެވެ. އެހެން މީހުން ހަދާ ބިލުތަކަށް ފާޑުކިޔައި އެ ވާހަކަ ދައްކާލައިގެން އުޅުއްވާ ސިޔާސީ ބޭފުޅުން ވެސް ފެންނަލެއް މަދެއްނޫނެވެ.
ސަރުކާރެއްގެ ކާމިޔާބާއި ނާކާބިޔާބު ބިނާވެގެންވަނީ ސަރުކާރުގެ އިންޖީނު ހިންގޭ ގޮތުގެ މައްޗަށެވެ. މިކަން ސަރުކާރު ހިންގުމުގައި ރައީސް އޮފީހުގެ ތެރެއިން ހަރަކާތްތެރިވި ބޭފުޅުންނާއި، މިނިސްޓްރީތައް ހިންގުމުގައި އެންމެ އިސްކޮށްއުޅުއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެވެ.
ކުރަންވީ ކޮންކަމެއް؟
ފުރަތަމަ ކަމަކީ ކުރިން ކަންކުރަމުން ދިޔަ ނަތީޖާ ނުލިބޭ ކަންކަމަށް އަލްވަދާއު ކިޔުމެވެ. ރަނގަޅުކަމަށް ލަފާކުރެވޭ އަދި ނަތީޖާ ނެރެވޭނެ ކަމަށް އުއްމީދުކުރެވޭ ކަންކަމަށް މިސްރާބު ބަދަލުކުރަންވީ އެވެ. ސަރުކާރު ހިންގުމުގައި އާ ވިސްނުމަށް ޖާގަ ދޭންވީ އެވެ. ކުރަން އުޅޭކަމެއް ދިގުމުއްދަތައް ފަރުމާކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ގޮތް ހޯދައި، އަހަރުން އަހަރުން މުރާޖަކޮށް ގެންނަންޖެހޭ ބަދަލު ގެންނަންވީ އެވެ.
މިސާލެއްގެ ގޮތުން، ސުވިޑުންގެ އިގްތިސާދު 1990 ގައި އޮތީ އައިއެމްއެފް އިން އެ ގައުމު އިފްލާސްއިން ނެރޭ ހިސާބުގަ އެވެ. ޑެފިސިޓް 11 ޕަސެންޓްގައި އޮއްވައި ރަނގަޅު ޕްލޭންއެއްގެ ދަށުން މިއަދު އެއީ އަރަނިވެރި ގައުމެކެވެ. އަދި މުޅި ވިލާތުގައި ވެސް ރައްޔިތުންނަށް އެންމެ ރަނގަޅު ވެލްފެއަރގެ ހިދެމަތް ދޭ ގައުމަތަކުގެ ތެރޭގައިވާ ގައުމެކެވެ.
މެލޭޝިއާގައި ކްރައިމް ގިނަވެގެން ކުށްމަދުކުރުމަށް އެކުލަވާލި ފަސް އަހަރުގެ (2003-2007) ޕްލޭންގެ ދަށުން ވަނީ ބޮޑެތި ކުށްތައް 03 ޕަސެންޓް މަދުކޮށްފަ އެވެ.
އަޅުގަނޑުމެންގެ ޑެފިސިޓް މި އަހަރަށް މިވަނީ ހަތަރު ޕަސެންޓް ހިފެއްޓުމަށް ކަނޑައަޅައިފަ އެވެ. އަދި ޖީޑީޕީ އަންދާޒާ ކުރަނީ 3.4 ގެ ކުރިއެރުމެކެވެ. ޖީޑީޕީ އާއި ޑެފިސިޓާ ދެމެދު ތަފާތު އެންމެ ކުޑަމިނުން 4 ޕަސެންޓުގައި ހިފަހައްޓަން ޖެހޭ ކަމަށް އައިއެމްއެފް ފަދަ އޯގަނައިޒޭޝަންތަކުން ލަފާދެ އެވެ. ޕްލޭނެއްގެ ދަށުން މި ފަރަގު ކުޑަކުރަމުން ގެންދެވިއްޖެ ނަމަ އަޅުގަނޑުމެންގެ ގައުމު ވެސް އަރަނިވުމަށް ދާނީ މަގުފަހިވަމުންނެވެ. މި ބިންގަލުގައި ކުރިއަށް ދިއުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު މަޖްލީހުގައި އެބައޮތެވެ. މި ބިލު ފާސްވުމުން އިގްތިސާދު ހަމަމަގުގައި ހިފެހެއްޓުމަށް މަގު ފަހިކުރާނެ އެވެ.
މަގްސަދު ޙާޞިލުކުރުމަށް އެކަށޭނަ ކަންކުރުން
ސަރުކާރުން ވަސީލަތްތަކަށާއި ސިސްޓަމްތަކަށް އިންވެސްޓްކުރާއިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ ގާބިލުކަން ވަރުގަދަ ކުރުމަށް ވެސް އިންވެސްޓްކުރަން ޖެހެ އެވެ. މިދަންނަވާ ގާބިލުކަމަކީ މި ވަޞީލަތްތަކުގެ ޚިދުމަތް ލިބިގަންނަ ފަރާތްތައް މި ޚިދުމަތައް އަހުލުވެރި ކުރުމެވެ. ޚިދުމަތް ލިބިގަންނާނީ ހަމައެކަނި ސަރުކާރަކުން ނޫނެވެ. އަމިއްލަ ފަރުދުންނާއި، ޕްރައިވެޓް ސެކްޓަރުންނާއި، މިނިވަން މުއައްސަސާތަކުންނާ، ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތައް ވެސް ހިމެނެ އެވެ.
އަދި މީގެ އިތުރުން ސަރުކާރުގެ އިންސާނީ ވަސީލަތް މެނޭޖްކުރުމާއި، ޓެކްނޮލޮޖީ ބޭނުންކުރާ ގޮތާއި އޮޕަރޭޝަނަލް ކަންކަން ހިންގުމާއި ބަޖެޓާއި ފައިސާ ބަލަހައްޓާ ގޮތްތަކުގެ ބެސްޓް ޕްރެކްޓިސަސް އަށް ލޯހުޅުވައި ކަންކަންކުރުމަށް އަހުލުވެރި ސަގާފަތެއް ގާއިމްކުރުމެވެ.
ސަރުކާރުތަކުން މިއަދު ގެންގުޅޭ ޒަމާނީ ވިސްނުމަކީ ޚިދުމަތް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދެވޭނެ ގޮތްތަކަކަށް ކަންކަން ފަރުމާކުރުމެވެ. މިގޮތަށް ޚިދުމަތް ފަރުމާކޮށް ސިޔާސަތު އެކުލަވާލައި ތަންފީޒުކުރުމަށް ސަރުކާރުގައި ނުހިމެނޭ ފަރާތްތައް ކަމުގައިވާ އާންމު ކުންފުނިތަކާއި ރައްޔިތުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ އެހީތެރިކަން ސަރުކާރަށް ހޯދިދާނެ އެވެ. މިހާރުވެސް ސަރުކާރުގެ ބައެއް ދާއިރާތަކުގައި މިގޮތަށް މަސައްކަތް ފަރުމާކުރަންމުން ދާތަން ފެންނަކަމީ އުފާކުރުންޖެހޭ ކަމެކެވެ.
ސަރުކާރުގެ ސައިޒް އޮންނަންވީ ދޭންޖެހޭ ޚިދުމަތައް ހެޔޮވަރުވާވަރަށެވެ. އެހެންވީމާ، ކުޑަސަރުކާރު/ ބޮޑުސަރުކާރުގެ ވާހަކައިގެ ބަދަލުގައި ދައްކަންވީ ހެޔޮވަރުސައިޒްގެ ސަރުކާރުގެ ވާހަކަ އެވެ. ސްމާރޓް ސައިޒްގެ ސަރުކާރުގެ ވާހަކަ އެވެ. ރައްޔިތުން ބޭނުންވަނީ ޚިދުމަތް ލިބުމެވެ. އެހެންވީމާ ސަރުކާރު އޮންނަންވާނީ ޚިދުމަތްދެވޭ ސައިޒުގަ އެވެ.
ސަރުކާރު ކުޑަކުރުމުގެ ބޭނުމުގައި ރިޓަޔަރމަންޓް ޕެކޭޖްތައް ހަދައި ވަކިވުމުގެ ފުރުސަތު މުއައްޒަފުންނަށް ހުޅުވާލުމުން ސަރުކާރު ދޫކޮށް ދިޔަ ގިނަ ފަރާތްތަކަކީ ގާބިލް، ސަރުކާރަށް ބޭނުންތެރި ފަރާތްތަކެވެ. އެންމެ ފަސޭހައިން އެހެން ދާއިރާއަކުން ވަޒީފާ ލިބޭނެ ފަރާތްތަކަކީ ވެސް އެއީ އެވެ. ނަތީޖާއަކަށްވީ ސަރުކާރުން ދޭ ޚިދުމަތް ދަށްވެގެން ދިއުމެވެ.
މިމަޒްމޫނުވާނީ ހަވީރުގެ 27 ފެބްރުއަރީ 2013ގެ ނޫހުގައި ޝާއީ ކުރެވިފައެވެ.