ސޮނީ ކުންފުނިން 9791ގައި ވޯކްމަން އުފެއްދި އިރު އަންދާޒާކޮށްފައިވަނީ މަހަކު 5000 ޔުނިޓް ވިކޭނެ ކަމަށެވެ. ނަމަވެސް ފުރަތަމަ ދެ މަސްދުވަހުގެ ތެރޭގައި ވެސް 50000 ޔުނިޓް ވިކުނެވެ. ސަބަބަކަށްވީ ބައެއް ކަހަލަ ތަކެއްޗަކީ ކަސްޓަމަރަށް އެ އެއްޗެއް ފެނުމުގެ ކުރީގައި ނުވަތަ ބޭނުންކުރަން ނުލިބޭނީސް އެއީ ބޭނުންވެގެން އުޅޭ އެތިކަން ނޭނގޭތީ އެވެ.

މާލޭގައި 1980ގެ ކުރީކޮޅު ރާއްޖޭގެ މަސްވެރިކަމާ ގުޅޭ ގޮތަށް ފަރުމާކޮށް ހަތަރު ދޯނި ބަނެވެ. މި ދޯނިތައް ބަނުމަށް ފަހު މަސްވެރިކަން ކުރުމަށް ހަވާލު ކުރެވުނެވެ. މަސްވެރިންނަށް މި ދޯނިތައް ފެނުމުން އެއީ މަސްވެރިކަމަށް އެންމެ ކަމުދާ ގޮތަށް، ރަނގަޅަށް ފަރުމާކުރެވިފައި ހުރި ދޯނި ކަމަށް ބަލައިގަތެވެ. އަދި ރ. އަލިފުށީގައި ބޯޓްޔާޑެއް ހަދައި ބޭރުގެ ލޯނުގެ އެހީގައި މި ދޯނިތަކުގެ މޮޑެލަށް ދޯނި ބަންނަން ފެއްޓުނެވެ. މިބޯޓް ޔާޑުންވަނީ 2000 ވަނަ އަހަރާ ހަމައަށް ގާތްގަނޑަކަށް 380 ދޯނި މާކެޓަށް ނެރެފަ އެވެ. އަށްޑިހައިގެ ގެ އަހަރުތަކުގެ ކުރީކޮޅު ރިސާޗްކޮށް ތަރައްގީކުރި ދޯނީގެ މޮޑަލަށް ފަހު މިފަދަ މަސައްކަތެއް ކުރެވިފައި ވަނީ ހަމައެކަނި އަމިއްލަ ވަކިވަކި ފަރުދުންގެ މަސައްކަތުން، އެއްވެސް ފަންނީ އިރުޝާދެއް ލަފަޔެއް ނެތި، އެ މީހުންނަށް މަސްވެރިކަމުގެ ރޮނގުން ލިބިފައިވާ ހަނި ތަޖުރިބާގެ މައްޗަށް ބުރަވެތިބެ ކަމަށް ރާއްޖޭގެ ފުރަތަމަ ނޭވަލް އާކިޓެކްޓް އަދި އަލިފުށި ބޯޓްޔާޑު ގިނަ ދުވަސްތަކެއްވަންދެން ހިންގެވުމާ ހަވާލުވެ ހުންނެވި އަހްމަދު ވަޖީހު ވިދާޅުވި އެވެ.

ރާއްޖޭގެ މަސްވެރިކަމަށް މިވަނީ 80 ގައި ފަރުމާކުރެވުނު މޮޑެލްގެ ދޯނި ފަރުމާކުރެވުނު ފަހުން ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މަސް ރައްކާކުރެވޭ އަދަދާއި ގަންނަ ތަންތަނާއި ގަންނަ ފަރާތްތަކާއި ކުރެވޭ މަސްވެރިކަން ވެސް މިވަނީ ބަދަލުވެފަ އެވެ. އެހެންކަމުން މިއައި ބަދަލާ ގުޅޭ ގޮތަށް ދޯނީގެ ބޭނުންތައް ވެސް ބަދަލުވާނެކަމީ ކަށަވަރުކަމެވެ.

ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް އާ ޑިޒައިންގެ ދޯނިތައް އަންނަންދެން މަސްވެރިންނަކަށް މަޑެއްނުކުރެވޭނެ އެވެ. އަދި އަންނާނެކަމުގެ އުއްމީދެއް ވެސް އޮތީކީ ނޫނެވެ. އެހެންކަމުން މަސްވެރިން އެ މީހުންގެ އޮޑި ހަރުގެތަކުގައި ދޯނީގެ ޑިޒައިނަށް ވަނީ ބަދަލުގެންނަން ފަށާފަ އެވެ.

އެންމެ ހަރާކަތްތެރި ހިވާގި ކެޔޮޅުކަމުގެ ލަގަބު 2000 ވަނަ އަހަރު ހޯއްދަވާފައިވާ ކެޔޮޅު އަބުދުއްރަޝީދު (އައްދު) ވިދާޅުވާ ގޮތުގައި މި ގޮތަށް އަމިއްލަ ޑިޒައިންގައި މިހާރު ފަރުމާކުރާ ދޯނިތަކުގެ ހަލް ހުންނަނީ ވަރަށް ރަނގަޅަށެވެ. އަދި ކޮޅުފަސްކޮޅު ހުންނަނީ ދޮށިއަޅަން ވަރަށް ފަސޭހަ ގޮތަށެވެ. އެއީ ފަހަތުގައި ހުންގާނު ނެތިފައި ބުރަފަތި ހުންނަނީ ތަންކޮޅެއް އެތެރޭގައި ކަމަށްވާތީ އެވެ.

ނަމަވެސް ބައެއް ދޯނިތަކުގައި އައިސް ރައްކާކުރަން ހުންނަނީ އިންޖީނުގެއާ މާ ކައިރީގައި ކަމުން، ގަނޑުފެން ނުވަތަ އައިސް ވިރޭލެއް އަވަސްވެ ގަނޑުފެނުގެ ހަރަދު ބޮޑުކަމަށް ފާހަގަކުރެވެ އެވެ. އައްދު ފާހަގަކުރާ ގޮތުގައި ބައެއް ދޯނިތަކުގައި އިންޖީނާއި ޖެނެރޭޓަރު އެއް ގޮޅިއެއްގައި ހުރުމަކީ ވެސް އެންމެ ރައްކާތެރިގޮތެއް ނޫނެވެ. އަދި ދޯނީގައި ގެންގުޅޭ ފެން ޕަމްޕުތައް ހުންނަންޖެހޭނީ އެއްވެސް ލީކެއް ވިޔަސް މަހަށް ތޮޔޮނުފޯރާނެ ގޮތަށެވެ. ބައެއް ދޯނިތަކުގައި ޕަމްޕު ގެންގުޅެނީ މި ގޮތަކަށް ނޫނެވެ.

މިހާރު މަސްވެރިކަމަށް ނިކުންނަނީ ދެ މަސްވެރިކަމެއް ކުރަންކަމުން ދެ ވައްތަރުގެ އެން ގެންގުޅެންޖެހޭތީ އެންވަތްތައް ހުންނަންޖެހޭނީ އެއް ވަތާ އަނެއް ވަތާ ނުގުޅޭ ގޮތަށް ބައިކުރެވިފައި ކަމަށެވެ.

އައްދުގެ ޚިޔާލުގައި ދޮށީގެ މަސްވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް 80 - 85 ފޫޓަށް ވުރެ ބޮޑު ދޯންޏެއް ބޭނުމެއްނުވާނެ އެވެ. އަދި އެންމެ މަތިވެގެން ވެސް 350 ހޯސް ޕަވަރުގެ އިންޖީނަކުން ފުދޭނެ އެވެ. އެއީ މި ސައިޒްގެ (80ފޫޓް) ދޯންޏެއްގައި ވެސް ކުރެވޭނީ މިއަށް ވުރެ ބޮޑު ދޯންޏެއްގައި ވެސް ކުރެވޭނެ މަސްވެރިކަން ކަމުގައި، 99 ފޫޓްގެ ފައިބާގްލާސް ދޯންޏެއް ދުއްވާ ކެޔޮޅު ބުންޏެވެ.

ތެޔޮ ހަރަދަށް ބަލާއިރު 350 ހޯސްޕަވަރުގެ ދޯންޏަކަށް ދުވާލަކަށް 5000ރ. ހަރަދުވެ އެވެ. މިއީ މިހާރު ކުރެވޭ ދެ ވައްތަރުގެ މަސްވެރިކަމުން ދެކޮޅުޖައްސާލެވިދާނެ ވަރެކެވެ. ނަމަވެސް 600 ހޯސްޕަވަރުގެ ދޯނިތަކަށް ގާތްގަނޑަކަށް 10000ރ. ތެލަށް ހަރަދުވެ އެވެ. މިއީ ދެކޮޅުޖައްސަން އުނދަގޫ ވަރެކެވެ. އަދި ކޮންމެ ދަތުރެއްގެ ކޮއްތަށް ގާތްގަނޑަކަށް 10000ރ. ހަރަދުވެ އެވެ.

އަޅުގަނޑުމެނަށް ފެނިގެން ދިޔައީ 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި ދޯނިތަކުގެ ސައިޒްތައް އިންތިހާއަށް ބޮޑުވެގެން ދިޔަ ތަނެވެ. އެއް ސަބަބަކީ މަސްވެރިކަން ވެސް ރަނގަޅުވުމެވެ. އަނެއް ސަބަބަކީ ބޭންކް ލޯން ފަސޭހަ އިން ލިބެމުން ދިޔަ ކަމެވެ.

ކުރިޔަށް ވިސްނާނުލައި ޑިޒައިންކޮށްފައިވާ ބޮޑެތި ދޯނިތައް މިދަނީ މަސްވެރިކަން ދަށްވުމާ އެކު ބޭންކު ލޯން ނުދެއްކިގެން އެކަކު އަތުން އަނެކަކު އަތުން އޮޑިވެރިކަން ބަދަލުވަމުންނެވެ. އަދި ދޯނިތަކަށް ލޯން ދޫކުރި ލީޒިން ކުންފުނިތަކުގައި ދޯނިތަކުގެ ލޯންތައް ނުދެއްކުމުގެ މައްސަލަތައް ދިމާވަމުންނެވެ. އެހެންކަމުން، މިހާރު ދޯނި ބަނުމަށް ލޯނު ހޯދުން މިވަނީ އެހާ ފަސޭހަކަމަކަށް ނުވެފަ އެވެ.

ކެޔޮޅު އައްދުގެ ހިޔާލުގައި މިހާރު ހުރި ބޮޑެތި ދޯނިތައް ދޮށީގެ މަސްވެރިކަމާއި ލޭނުއެޅުގެ މަސްވެރިކަމަށް އެނބުރުމުން ރަނގަޅު ފައިދާއެއް ނެރެވިދާނެ އެވެ. މިއަށް އިތުރު ހިޔާލެއް އަޅުގަނޑަށް ދެއްވީ އެތައް ޒަމާނެއްވަންދެން އަލިފުށީ ބޯޓްޔާޑް ހިންގެވި ވަޖީހެވެ. ވަޖީހު ވިދާޅުވަނީ ޒަމާނަށް އައި ތަރައްގީއާ އެކު ފަހުގެ ޓެކްނޮލޮޖީ މަސްވެރިކަމަށް ބޭނުންކުރަން ޖެހޭ ކަމަށެވެ.

އެންވެރިކަމާއި މަސްވެރިކަން ހުރި ސަރަހައްދުތަކުގެ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މިހާރު ލިބެން އެބަހުރި ކަމަށެވެ. އެހެން ކަމުން ބޭކާރު ދުއްވުންތައް ނުދުއްވައި ތެލަށް ކުރަންޖެހޭ ހަރަދު ކުޑަކޮށް ސީދާ އެންވެރިކަމާއި މަސްވެރިކަން ހުރި ތަނަށް ދޯނިތައް މިސްރާބު ކުރެވިދާނެ ކަމަށެވެ.

ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު މަސައްކަތްކޮށްފި ނަމަ މިހާރު ގެއްލުންވާތީ މަހަށް ނުފުރި ހުރި ބޮޑެތި ދޯނިތަކަށް އަނެއްކާވެސް މަހަށް ނުކުމެވިދާނެ އެވެ. ނަމަވެސް ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު މަސްވެރިކަންކުރާ ދޯނި ފަރުމާކުރަންވާނީ ކޮންމެވެސް އެއް ވައްތަރެއްގެ މަސްވެރިކަމަށް ހާއްސަވާ ގޮތަށެވެ. ދެ ވައްތަރުގެ މަސްވެރިކަމަށް ދޯނި ފަރުމާކުރާނަމަ އެއްވެސް މަސްވެރިކަމެއް ކުރުމަށް އެންމެ ފުރިހަމަ އުޅަނދެއް ތައްޔާރެއް ނުކުރެވޭނެ އެވެ. އެއީ ދެ މަސްވެރިކަމަށް ބޭނުންވާނެ ހުރިހާ ސިފަތައް އެންމެ ފުރިހަމަކޮށް އެއް ދޯންޏެއްގައި ފަރުމާނުކުރެވޭނެތީ ކަމަށް ވަޖީހު ވިދާޅުވެ އެވެ.

އެޕަލް ކުންފުނީގެ ވެރިޔާ ސްޓީވް ޖޮބްސް ބުނާ ގޮތުން އައިޕޮޑް ވާންޖެހޭނީ ސޮނީ ކުންފުނީގެ އުފެއްދުމަކަށެވެ. ނަމަވެސް ސޮނީން މުޅިން ވެސް މަސައްކަތް ކުރަމުން ދިޔައީ ވޯކްމަންގެ އެކި ވައްތަރުތައް އުފައްދޭތޯ އެވެ. ކަސްޓަމަރުންގެ ވިސްނުމާއ ބޭނުންތަކާއި ޓެކްނޮލޮޖީ އަށް އަންނަމުން ދިޔަ ބަދަލުތަކަކަށް އެހާބޮޑު ވިސްނުމެއްނެތި އެވެ. ނަތީޖާއަކަށްވީ އެހެން ކުންފުންޏަކުން މުޅިން އައު އުފެއްދުމަކަށް ޖާގަލިބިގެން ދިއުމެވެ. ދެ ހާސް އެއް ވަނަ އަހަރު ދުނިޔޭގެ ބާޒާރަށް އައިޕޮޑް ނެރުމުން މިއީ ކަސްޓަމަރުން އެ މީހުން ބޭނުންވެގެން އުޅޭ މިޔުޒިކް ގެޖެޓްކަމަށް ބަލައިގެންފި އެވެ.

ހަމަ މިބީދައިން އަޅުގަނޑުމެންވެސް އާ ޖީލެއްގެ ދޯންޏެއް ފަރުމާކުރަންޖެހޭ ދުވަސްވަރު 2000ގެ އަހަރުތަކުގެ ކުރީކޮޅު އަތުވެއްޖެކަމަށް ގަބޫލުކުރެވެ އެވެ. އެހެން ނަމަވެސް ސަބަބުތަކަކާ ހުރެ އެކަން މިއޮތީ ނުވެ އެވެ. ނަތީޖާއަކަށްވީ މަހަށް ނުފުރޭ ދޯނިތަކެއް ގިނަވެ، މަސްވެރިންގެ ވަޒީފާ މަދުވެ، ބައެއް އޮޑިވެރިން ބަނގުރޫޓްވެ ބޭންކަށް ނުދެއްކި ހުރިލޯންތަކެއް ހުރުމުން އިގްތިސާދަށް ނޭދެވޭ އަސަރު ކުރުމެވެ. މިވެއްޓިފައިވާ އަނދަވަޅުން އަރައި ގަތުމަށް އަޅުގަނޑުމެން ކުރަން ހުރިކަންކަން ގިނަކަން ޔަގީނެވެ.

މިހާރު ހުރި ބޮޑެތި ދޯނިތަކަށް ލޭނުއެޅޭނެ ގޮތްތައް ތަނަވަސްކުރުމާ އެކު ޓެކްނޮލޮޖީ ބޭނުންކުރުމަށް މަސްވެރިން އަހުލުވެރިކުރުން މުހިންމެވެ. އަސްދަނޑިން ބޭރަށް ގޮސް މަސްވެރިކަން ކުރަންޖެހޭނެކަމަށް ކުރީގެ ރައީސަކު ވިދާޅުވި އެވެ. އަސްދަނޑި އެއީ ހުރިހާ ހިސާބެއްގައި ވެސް ހުންނަ އެއްޗެކެވެ. މުހިންމު ކަމަކީ މިހާރުގެ އިގްތިޞާދީ އިންފާރުން ބޭރުގައި މަސްވެރިކަންކުރާ ގޮތަށް އަހުލުވެރިކުރުމެވެ.

މަސްވެރިންނަށް ކަންކަން އަންގައިދިނުމާއި އެ މީހުންނަށް އުގަންނައި ދިނުމަށް މަސައްކަތްތަކެއް ކުރަން އެބަޖެހެ އެވެ. މަސްވެރިކަމަށް މިހާރު ކުރިމަތިލާ ކުދިންނަކީ ސްކޫލުގެ ދައުރެއް އަދާކޮށްފައި ތިބޭ ކުދިންނެވެ. އެ މީހުންނަށް މަސްވެރިކަން ކުރުމުގެ އެކަޑަމިކް އެހީތެރިކަން ލިބިއްޖެނަމަ މިކަން މާ ފުރިހަމަކޮށް ކުރާނެ އެވެ. މިކަމަށް މީޑިއާގެ ބޭނުން ހިފަނީ ކިހާ ވަރަކަށްތޯ އެވެ. މިއީ މަސްވެރިކަމަށް އަޅުގަނޑުމެން އަހައްމިއްޔަތުކަން ނުދޭކަން އަނގައިދޭ ކަންކަމެވެ.

ސަރުކާރުގެ މަސްވެރިކަމާ ގުޅޭ ކަންކަން ރެގިއުލޭޓްކުރާ މުއައްސަސާ އާއި މަސްވެރިން ނިސްބަތްވާ ޖަމްއިއްޔާތަކުން މަސްވެރިންގެ ބޭނުންތައް ދިރާސާކޮށް ދާއިރާ ތަރައްގީކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަމީ މިފަދަ ބަދަލުތައް ނުގެނެވޭ ސަބަބުތަކެވެ.

މަސްވެރިންނަށް ނިސްބަތްވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ދެ ޖަމިއްޔާއެއް އޮވެ އެވެ. ފިޝަމަން އެސޯސިއޭޝަން އާއި ފިޝަމަން ޔުނިއަން އެވެ. ނަމަވެސް މި ފަރާތްތަކުގެ މާބޮޑު ދައުރެއް އަދި ނުފެނެ އެވެ. އަދި މީގެ އިތުރުން ދާދި އިހަކަށް ދުވަހަކު މޯލްޑިވްސް ބޯޓް ބިލްޑާސް އެސޯސިއޭޝަންގެ ނަމުގައި ވެސް މިކަމުގައި އިސްނަގަން ޖެހޭނެކަމަށް ފެންނަ ޖަމްއިއްޔާއެއް ވެސް ވަނީ އުފެދިފަ އެވެ.

މަސްވެރިކަން ކުރުމުގެ މަސައްކަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ 70ގެ އާއި 80ގެ އަހަރުތަކުގެ އެވެ. މައިގަނޑު ސަބަބަކީ ވިސްނުންތެރިކަމާ އެކު މަސްވެރިންނަށް ނިސްބަތްވާ ގޮތަށް ދޯނީގައި އިންޖީނު އެޅުމާއި މަސްވެރިކަން ކުރުމަށް ކަމުދާ ގޮތަށް 380 ދޯނި ބަނދެ އެ ދޯނިތައް ދިގު މުއްދަތުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް ސްކީމެއްގެ ދަށުން މަސްވެރިކަމަށް ދޫކުރުމެވެ.

މިއަށްފަހު މަސްވެރިކަމުގެ އުމްރާނީ ތަރައްގީ ކުރިއަރައިގެން ވަރަށް ބާރަށް ހިނގައްޖެ އެވެ. ނަމަވެސް މަސްވެރިކަން ތަރައްގީކުރުމަށް ކުރެވުނު ކަންކަން މަދެވެ. ކުރީގައި މަސްވެރިކަން ކުރިއެރުވުމަށް ކަންކުރިގޮތާއި މިޒަމާނުގައި ކުރާނެ ގޮތް ތަފާތުވާނެ އެވެ. މަސްވެރިކަން ކުރާ އާޖީލެއްގެ ދޯންޏެއް ފަރުމާކުރުމުގެ ބޭނުމާއި މުހިންމުކަން ބޮޑެވެ. އަދި މީގެ އިތުރުން މިހާރު ބޭނުންވަނީ ރިސާޗްގެ އަލީގައި މަސްވެރިކަން ކުރިއަރުވާނެ މަގުތަކެއް މަސްވެރިންނަށް ފަހިކޮށްދިނުމެވެ. މަސްވެރިކަމުގައި ދުނިޔޭގައި އަލަށް ތައާރަފްވާ އާލާތްތަކާއި، ޓެކްނޮލޮޖީ މަސްވެރިންނާއި ހަމައަށް ގެނެސްދީ އެތަކެއްޗާއި ކަންކަމަށް މަސްވެރިން އަހުލުވެރި ކުރުވުމެވެ.

މިއާޓިކަލް ވާނީ 14 މާޗް 2013ގައި ހަވީރުގައި ޝާއިއު ކުރެވިފައެވެ.