ދިވެހިރާއްޖޭގައި ނޫސްވެރިކަން ކުރަމުން އަންނަތާ މިހާރު ޒަމާންތަކެއް ވެދާނެއެވެ. އަޅުގަނޑު ދުނިޔެއަށްހޭވެރިކަން ވީ އިރުންސުރެ ދުވަހު ނޫހެއް ނުފެންނަ ހަނދާނެއް ނުވެއެވެ. އަޅުގަނޑު ބައްޕައަކީ ޚަބަރާއި މައުލޫމާތު ހޯދަން ބޭނުންވާ މީހަކަށްވާތީ އަބަދުވެސް އަޅުގަނޑުމެންގެއަށް ނޫސްގެނެއެވެ. އެހެންކަމުން ކުޑައިރުއްސުރެ ނޫސްކިޔުމުގެ ކޮންމެވެސްވަރެއްގެ ޝައުގުވެރިކަމެއް އަޅުގަނޑުގެވެސް ހުރެއެވެ.
އަޅުގަނޑަށް އެންމެ ކުޑައިރު ފެނުނީ 'މޫންލައިޓް' ކިޔާ ނޫހެކެވެ. މޫންލައިޓް އުވިގެން ދިޔައީ ކުރީގެ ރައީސް އިބްރާހިމް ނާސިރު ވެރިކަން ދޫކުރެއްވި ހިސާބުންނެވެ.
ދެން އަޅުގަނޑަށް ފެނުނީ 'ހަވީރު' ދުވަހު ނޫހެވެ. އަދި ހަވީރު ނޫހުގެ ފަހުން ކިތަންމެ ނޫސްތަކެއް ފެނުނެވެ. ނަމަވަސް މިއަދާ ހަމައަށް އައިއިރު ޗާޕްކުރެވިގެން ނެރޭ ދުވަހު ނޫހަކަށް އޮތީ ހަވީރު އެކަންޏެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މިއަދު ހަވީރެއް ނާދެއެވެ.
ނޫހުގެ ވާހަކަ ދެކެވޭއިރު އަޅުގަނޑު ހަނދާން ހުންނަ ކަމެއްއޮވެއެވެ. އެއީ އެއްފަހަރަކު ސްކޫލު އަހަރީ ބަންދެއް ދިމާވި ދުވަސްވަރެއްގައި އަޅުގަނޑުމެން ކުދިން ގޭތެރޭ ފޫހިވެގެން އުޅޭތީ، ހަވީރު ނޫހުގެ ދެމަސް ދުވަހެއްގެ ނޫސްތައް އެއްކޮށް ދެފޮތެއް ތައްޔާރުކުރައްވައިގެން ބައްޕަ ގެނެސްދެއްވިއެވެ. މިނޫސްތައް އަޅުގަނޑުމެން ވަރަށް ގިނައިން ކިޔާ އުޅުނީމެވެ. އަދި ދާދި ފަހަކާޖެހެންދެންވެސް އަޅުގަނޑުމެން ގޭތެރޭ މިދެ ނޫސްފޮތް އޮތެވެ. އެއީ ގާތްގަޑަކަށް 1982/3 ދުވަސްވަރެވެ. ކުލީސިފައިންގެ ބަޣާވާތް އަދި މުޒާހަރާ އަޅުގަނޑުމެން އަޑު އެހީ މިދުވަސްވަރުއެވެ.
އެދުވަސްވަރު ސްކޫލަށް އަޅުގަނޑު ދާއިރު މަޖީދިއްޔާ ކުރިމަތީ ހުންނަގެއެއްގައި ހަވީރުގެ ކޮންމެވެސް ބޯޑެއް ހުންނަ ހަނދާނެއްވެސް ވެއެވެ. އަޅުގަނޑުމެން ކިޔާއުޅެނީ އެއީ ހަވީރުގެ އޮފީހެވެ.
އަޅުގަނޑުގެ ހަދާންތައް އެއްކިބާގައި ބާއްވަމާ ހިނގާށެވެ. އަދުގެ ހަޤީޤަތަކީ، ހަވީރު ނޫހެއް މިހާރަކު ނުނެރެއެވެ. ހަވީރު ނޫސް މިއަދު ވުޖޫދުގައި ނެތުމުން އަޅުގަނޑު ކަންބޮޑުވަނީ ނޫސްވެރިކަމަށް އައި ހީނަރުކަމުންނެވެ. މައުލޫމާތު ފެތުރުމުގެ ދާއިރާގައި ފޫބައްދަން އުނދަގޫ ކަންތަކެއް ހުރެދާނެތީއެވެ.
އަޅުގަނޑު ސަޕޯޓްކުރާ ފަސްޓް ޑިވިޝަން ޓީމް ރެލެގޭޓްވީމާ އަޅުގަނޑު ދެރެވާނެއެވެ. އެކަމު އެއީ ޖުމްލަކޮށް ފުޓްބޯޅައަށްލިބޭނެ ދެރަޔަކަށް ނުވެދާނެއެވެ. އެއީ އެފަދަ އެހެން ކުލަބެއް އެޖާގަ ނަގާނެތީއެވެ. އެހެން ނޫސްތަކަށް ބުނާ ދެރަބަހެއްކަމަށް ބަލައިނުގަތުމަށް އެދި ބުނެލަން ޖެހެނީ ހަވީރަކީ އަމިއްލަ ލީގެއްގައި މަސައްކަތްކުރާ ފަރާތެއްކަމެވެ.
މިހެން ބުނެލަން ޖެހެނީ މިވަޤުތު އޮތް ޗާޕްވެގެން ނުކުންނަ ހަމައެކަނި ނޫސް، އެންމެ ގިނަ މުއައްޒަފުން ތިބެ މަސްކަތްކުރާ ނޫސް، އެންމެ ދުވަސްވީ ދުވަހު ނޫސް، އަދި ރާއްޖޭގެ މީޑީއާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރޭން ފައިދާ ނެރެ ހިންގާ ކުންފުންޏަށް ނިސްބަތްވާ ނޫހަށް ވާތީއެވެ.
އަޅުގަނޑު ހަނދާނަށް އަންނަނީ 1985ގައި ކޮކާކޯލާ ކުންފުނިން ރިސާޗްއާއި ސާވޭ ކުރުމަށް ފަހު ނިއު ކޯކް ގެ ނަމުގައި އާއުފެއްދުމެއް ތައާރުފުކުރިދުވަހެވެ. ނަމަވެސް ކޯކުގެކަސްޓަމަރުން މިއާއުފެއްދުން ބަލައެއް ނުގަތެވެ. ކޯކު ހިފައްޓަމުންއައި އެންމެ ގިނައިން ވިކޭ ސޮފްޓް ބުއިމުގެ ޖާގަ ކޯކަށް ގެއްލިގެން ދިޔައެވެ. އަދި ކޯކްގެ ކަސްޓަމަރުން 'ކްލެސިކް ކޯކް' އަލުން އަނބުރާ ދިނުމަށް މުޒާހަރަކުރަންފެއްޓިއެވެ. އެންމެފަހުން ކޯކް ކުންފުންޏަށް ޖެހުނީ ކުރީގެ ކޯކް މާރކެޓްއަށް ނެރޭށެވެ. ކޯކުގެ ކަސްޓަމަރުން ދެކޭގޮތުގައި ކޯކަކީ އެކުންފުނީގެ މުދަލެއްނަމަވެސް އެއީ ކަސްޓަމަރުންގެ ތަރިކައެވެ. އެހެންވީމައި ކުންފުންޏަށް ބޭނުންހާ ބަދަލެއްނުގެނެވޭނެކަމެވެ.
އަޅުގަނޑު ދެކޭގޮތުގައި މިއަދު ރާއްޖޭގެ މީޑިއާ މާހައުލު އޮތްގޮތުން 'ހަވީރު' އަކީ ކިޔުންތެރިންގެ ތަރިކައެވެ. ހަވީރު ޖެހޭނީ އަންނާށެވެ. 'ހަވީރު' ކުރުމަކީ ހުއްދަކަމެއް ގޮތުގައި މިވަނީ ކޯޓުން ނިންމާފައެވެ. ހަވީރު ކުރާނީ ކޮން ކޮންފަރާތަކުންތޯ، ކަނޑައެޅިގެން މިވަޤުތު އެނގެން ނެތުމުން، ހަވީރުގެ ދެމިއޮތުން މިވަނީ ނޭގުމެއްގެ ތެރޭގައެވެ. މިއީ މިހާރު ޤާނޫނީ މައްސަލައަކަށްވާތި އަޅުގަނޑަކަށް މިކަމާ ބަހުސް ކުރާކަށް ނުކެރޭނެއެވެ.
އަޅުގަނޑު މިހިރީ 'ހަވީރު' އަންނާނެ ކަމުގެ އިންތިޒާރުގައެވެ.