ދައުލަތުގެ މަސްކުންފުނިތައް އަލުން އަނބުރާ އެއްކުންފުޏަކަށް ބަދަލުކުރުމުން ކުންފުނީގެ ރައުސްމާލު މިހާރު ގާތްގަޑަކަށް 1 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވެއެވެ. މިއީ ދައުލަތުގެ މިހާރުގެ ބަޖެޓްގެ 51ބައިކުޅަ އެއްބާހާވަރެވެ. ނަމަވެސް ހިތާމައަކީ ކުންފުނީގެ ފައިދާ މިނިސްބަތުން ނުލިބޭނެކަމެވެ.

ދައުލަތުގެ މަސް ކުންފުނީގެ ފެށުން އައިސްފައިވަނީ 1971 ގެކުރީކޮޅުގައި ރާއްޖޭގެ މަސްވެރިން ބާނާ މަސް ގަތުމަށް ރާއްޖޭގެ އަތޮޅުތަކުގައި ހަރަކާތްތެރިވި ބޭރުގެ ކުންފުނިތަކާއި ހިސާބުންނެވެ. ދެން އެބޮޅަށް އިތުރުވެގެން ދިޔައީ ޖަޕާނު ކުންފުންޏަކުން ފެލިވަރުގައި ގާއިމުކުރި ދަޅުމަސް ހަދާ ކާރުޚާނާއެވެ. ދެން ލ އަތޮޅު ގއ. ކޫއްޑުގައި ގާއިމުކުރި ކޯލްޑް ސްޓޯރޭޖް އާއި އެކި ހިސާބުގައި ގާއިމުކުރެވުނު އައިސް ޕލާންޓްތަކާއި، އަލިފުށި ބޯޓް ޔާޑު ފަދަ އިންވެސްޓްމަންޓްތަކެެވެ. އަދި މާލެ އަތޮޅުގައި ގާއިމުކުރި ތާޒާ މަސް ބަނދުކުރާ ކާރުޚާނާވެސް ހިމެނެއެވެ.

މިފްކޯއަކީ އެއްވެސް ޒަމާނެއްގައި ސަރުކާރަށް މާލީ ފައިދާތަކެއް ހޯދައިދިން ކުންފުންޏެއްނޫނެވެ. ސަރުކާރުން ފިޝަރީޒް ދާއިރާ ހުޅުވާނުލާއިރު މަސްވެރިކަމާއި ގުޅުން ހުރިހުރިހާ ޚިދުމަތެއް

ދެމުން ގެންދިޔައީ މިކުންފުނިންނެވެ. ދޯނި ބަނުން، ހިކިކަނޑުމަސް އުފެއްދުން އެތަކެތި ރާއްޖޭން ބޭރަށް ފޮނުވުން، ރޯމަސް ގަނެ ފިނިކުރުން، ދަޅުމަސް ބަންދުކުރުން އަދި އެކްސްޕޯރޓްކުރުން، ބޮޑުކަންނެލި މަސްވެރިކަން، ކަންނެލި ޕްރޮސެސްކޮށް އެކެސްޕޯރޓްކުރުން ފަދަ ހުރިހާކަމެއް ކުރަމުން އައީ މިކުންފުނިންނެވެ.

މަސްވެރިކަން ހުޅުވާލުމާއި ގުޅިގެން މުޅި މާހައުލު މިވަނީ ބަދަލުވެފައެވެ. މަތީގައި ދެންނެވުނު ހުރިހާކަމެއް ކުރާ އަމިއްލަ ކުންފުނިތައް ހީވާގިކަމާއެކު ހަރަކާތްތެރިވަމުން އެބަދެއެވެ. ދޯނިބަނުން ކަހަލަ ކަންކަން ވާދަވެރިކަމާއެކު މިފްކޯއަށް ނުކުރެވިގެން ވަނީ ހުއްޓާލާފައެވެ.

ދައުލަތުގެ މަސްކުންފުނި އެކި ދުވަސްވަރު އެކި ކަހަލަ ހިންގުމުގެ އޮނިގަނޑުތެރޭން ބަދަލުވަމުން އައިއެވެ. އަދި މިހާރަށް އައިސް އަލުން ކުންފުނި އެއްކޮށްލުމުގެ ވިސްނުންތަކަކާއި ސަބަބުތަކެއް އޮންނާނެއެވެ. އެހެންނަމަވެސް ކުންފުނީގެ ވިޔަފާރި ޕްލޭންއެއް އަލުން އެއްކޮށްލަންޖެހުނު ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

މިފްކޯ ދުޅަހެޔޮކަމާއުކު އޮތުމުގެ ސުވާލު އުފެދުނީ 2009/2010 ހިސާބުން ފެށިގެން ކުންފުންޏަށް ނިހާޔަތަށް ގެއްލުންވާންފެށުމުންނެވެ. މިއަދު މިފްކޯއާ އެކު އަލުން ގުޅުވާލެވުނު ކުންފުނިތަކަށްވެސް އަދި ރާއްޖެއަށްވެސް ކުރިން މަސްލިބުނު މިންވަރަކަށް މަހެއް ނުލިބެއެވެ. ރޯމެޓީރިއަލްއަކީ ކުންފުނީގެ ފައިދާ އާއި ގެއްލުން ފެށޭހިސާބެވެ. ލިބޭ މަހުގެ ނިސްބަތުން ކުންފުންޏަށް އޮޕަރޭޝަނަލް ބަދަލު ގެންނަންޖެހޭނެއެވެ.

މިފްކޯގެ ގެއްލުމާއި ފައިދާ ބަރޯސާވަނީ ގަނެވޭ މަހުގެ އިތުރުން ކުންފުނިން ނަގާ ލޮގިސްޓިކަލް ނިންމުމާއި މަސްވިއްކުމަށް ގަންނަފަރާތްތަކާއި އެކު ކުރެވޭ އެއްބަސްވުމުގެ މައްޗަށެވެ. މިފްކޯ 2008 އަހަރާއި ހަމައިން ބޮޑެތި ގެއްލުންތަކެއްވާން ފެށީ ކުންފުނިން ދަޅުމަހާއި ފިނިކުރި ގަނޑުމަސްވެސް ވިއްކި އަގު ތަކުގެ އިތުރުން ކުރަމުން ގެންދިޔަ އިންވެސްޓްމަންޓްތަކުގެ ސަބަބުންނެވެ. މިއަދާހަމައަށްވެސް އެކުރި އިންވެސޓްމަންޓްތަކުގެ ނަތީޖާ ހުރީ ނުލިބިއެވެ.

މަސްގަތުން މަދުވެފައިވާ ދުވަސްވަރެއްގައި މަސްނުއަގުގައި ވިއްކުމުގެ ސަބަބުން ކުންފުންޏަށް ދެކޮޅު ނުޖެހޭވަރުގެ ދަރީނީގެ ގޮންޖެހުމާއި ކުރިމަތިވިއެވެ. އަދި އޭރުގެ ސަރުކާރުން ކުންފުނީގެ ހަރަދުކުޑަކޮށް ވީހާވެސް ކުޑަ ކުންފުންޏެއް ހިންގުމުގެ ނިޔަތުގައި ކުންފުނިން ކުރާ މަސައްކަތުގެ ދާއިރާއަށްވާގޮތަށް ކުންފުނި ފޮތިފޮތިކޮށްލިއެވެ.

މިފްކޯތެރޭން ކުންފުނިތަކެއް 2010 ވަނަ އަހަރު އުފަން ކުރުވަންޖެހުނީ އެކުންފުނީގެ މިސްރާބު ސަރުކާރުން ބަދަލުކުރަން ބޭނުންވެގެންނެއްނޫނެވެ. މަސްވެރިކަމަށް އައީ ހީނަރުކަމާއެކުވެސް ކުންފުނިކުރަމުންގެންދިޔަ އިންވެސޓްމަންޓްތަކާއި ވިދިގެން ކުންފުންޏަށް ވަމުންދާ ގެއްލުން ފޫބެއްދުމަށް ގެންނަންޖެހޭ ބަދަލުތައް ގެނެވުމަށް މިފްކޯގެ މެނޭޖްމަންޓްގައި ގާބިލުކަންނެތީތީއެވެ.

ބްލޮކްބަސްޓަރ އާއި ކޮޑަކްފަދަ ބައިނަލްއަޤްވާމީ ކުންފުނިތައް އެފަރާތް ހަރަކާތްތެރިވި ސިނާއަތުން ބޭރުވެގެން ދިޔައީ އެކުންފުނިތަކުގެ ބޯޑް އޮފް ޑިރެކްޓަރުންގެ ނުވަތަ ކުންފުނީގެ މެނޭޖްމަންޓްގެ ފެންވަރުދެރަވެގެންނޫނެވެ. ސިނާއަތަށް އަންނަމުންއައި ބަދަލަށް ގާފިލުވެ ކަންކުރެވެނީ ރަނގަޅުކަމަށް ދެކެވިގެން ތިބީތީއެވެ.

އެހެންކަމުން މިފްކޯއަށް ލިބެމުން ދިޔަ ގެއްލުން ފޫބެއްދުމަށް ސަރުކާރަށް މަޖުބޫރުވީ ކުންފުނީގެ ވިޔަފާރި ޔުނިޓްތައް ކުންފުނިތަކަކަށް ބަދަލުކޮށް ގެއްލުން ދުވަހެއްދުވަހަކަށް ކުޑަކުރާށެވެ.

ވުމާއެކު ފިނިކުރިގަނޑުމަހާއި ކަޓްސޫބޮށީ މަސައްކަތްކުރުމަށް ކޫއްޑު ފިޝަރީޒް މޯލްޑިވްސް އުފެއްދިއެވެ. ދަޅުމަސް އުފެއްދުމަށް ފެލިވަރު ފިޝަރީޒް މޯލްޑިވްސް އުފެއްދިއެވެ. އަދި މިފްކޯ ހޯލްޑިން ކުންފުންޏެއް ގޮތަށް ބާއްވާ ތާޒާ މަސް ބަނދުކޮށް ބޭރުކުރުމަށް ހަމަޖެއްސިއެވެ.

ނަމަވެސް މިރޭވުން ތެރިކަން ގިނަދުވަހަކަށް ދެމިގެން ނުދިޔައެވެ. ހޯލްޑިންކުންފުނީގެ ބާރު އަނެއް ދެ ކުންފުނީގެ މައްޗަށްގެއްލި، އެއްބަޔަކު އަނެއް ބަޔަކު ވާދަވެރިވެއްޖެއެވެ. އެންމެންވެސް ފިނިކުރި ގަނޑުމަސް ބޭރުކުރަން ބޭނުންވެއްޖެއެވެ. ކުއްޑޫއިން ދަޅުމަސް ހަދަން ޖެހިއްޖެއެވެ. ދައުލަތުގެ މަސްކުންފުނިތަކަށް މަސް ލިބެމުން ދިޔަ އަދަދެއް އިތުރުވެގެން ނުދެއެވެ. އަދި މިއިން އެއްވެސް މަސްކުންފުންޏަކަށް ގެއްލުންވާހިނދުހޯލްޑިންކުންފުނިން ލިބޭ އެހީތެރިކަމެއް ނެތެވެ. ސަބަބަކީ އެފަރާތުގެ ބާރު ވަނީ ކެނޑި އަދި ފައިދާ ލިބޭ ދުވަސްވަރު މަސްނުލިބޭދުވަސްވަރަކަށް ފައިސާ ރައްކާކޮށްފައިނެތުމެވެ.

ކުންފުނިތައް ބައިކުރުމުގެ މަޤްޞަދު ހަސިލުއެއް ނުވިއެވެ. މިފްކޯގެ ތެރޭން ތިންކުންފުނި އުފެއްދިފަހުން މިވީ ހަތަރު ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ކޮންމެ ކުންފުންޏެއްގެ ބޯޑާއި މެނޭޖްމަންޓް މިވަނީ ތިންފަހަރު ބަދަލުވެފައެވެ. ވުމާއެކު ކުންފުނިތަކުގެ އިސްސަފުގައި ނަގާކިޔަން ތިއްބަވާ ބޭފުޅުންނަށް ކުންފުނި ބައިބައިކުރެވުނު މަޤްޞަދު އޮޅި، މަތި ހަށިނެގީ ކޮންމެ ބައެއްގެވެސް ރަސްކަން ބޮޑުކުރާށެވެ. ނަތީޖާއަކަށްވީ ކުރިއެކޭ އެއްގޮތަށް ދައުލަތަށްވަމުން ދާ ގެއްލުން އަނެއްކާވެސް ވާން ފެއްޓީއެވެ.

މިއަދު އަނެއްކާވެސް ސަރުކާރަށް މަޖުބޫރުވަނީ ގެއްލުން ކުޑަކުރުމަށެވެ. އެހެންކަމުން މިފަހަރު ނިންމީ އަލުން އަބުރާ ކުރިގައި އޮތްތޮަށް ބަދަލުކުރާށެވެ. އެއް ކުންފުންޏެއް ގޮތުގައި ސަރުކާރުގެ މަސްކުންފުނިތައް ބޭއްވުމަށެވެ.

މިގޮތަށް އެއްކުންފުންޏެއްގޮތަށް ބަދަލުވެގެން ދާއިރު ކުންފުނީގެ ބޯޑާއި އިސް މެނޭޖްމަންޓް މިވަނީ އެކުލަވާލާފައެވެ. ބޯޑާއި މެނޭޖްމަންޓްއިން ފެންނަނީ މިކުންފުނިތަކަށް ގެއްލުވެގެން ދިޔައިރުވެސް ވަހާގައި ތިއްބެވި ބޭފުޅުން އަނެއްކާވެސް އެއްކޮށްލެވުނު ކުންފުނީގެ އިސްސަފުގައި ހަރަކާތްތެރިވާތަނެވެ.

މިގޮތަށް ކުންފުނި އަލުން އާރޫހަކާއެކު ފައްޓާގަންނައިރު އެންމެ ބޮޑަށް ބެނުންވާ އެއްކަމަކީ އައުލޭ ކުންފުނިތެރެއަށް އަޅާ ހިންގުމުގެ ގިއަރު ބަދަލުކުރުމެވެ. މިއުޅެނީ ކުރިން ހިންގިގޮތް ކަމުނުގޮސްގެނެވެ. އެހެންކަމަށް ވަނީނަމަ ކުންފުނިން ފައިދާ ނެރެވޭނެ ވަރުގެ ގާބިލު މެނޭޖްމަންޓްއެއް ބޭނުންވާނެއެވެ. ކުންފުނީގެ ކުރިމަގު ބައްޓަންކުރެވޭނެ ވަރުގެ ވިޔަފާރި ޕުލޭން އެއް އެކުލަވާލެވޭނެ ގާބިލު ބޯޑަކާއިޕުލޭން ތަންފީޒު ކުރެވޭނެ ފެންވަރުގެ އެގްޒެކެޓިވް މެނޭޖްމަންޓްއެއް އޮތުމަކީ ކުންފުނި ހެޔޮ މިސްރާބަށް ގެންދިއުމަށް މިވަގުތަށް އެންމެ މުހިންމު ކަންތަކެވެ.

ކުންފުނީގައި ހުރި ދޯހަޅި ލޮގިސްޓިކަލް ތަރުތީބުތައް ހަރަދު ކުޑަވާގޮތަށް ބަދަލުކުރުމާ، ސީދާ މާކެޓްއަށް ނުވިއްކާ ބޭކާރު މެދުވެރިން ބޭނުންކޮށްގެން ވިޔަފާރި ކުރަން އުޅުމުން ދުރުވުމާ، ކުންފުނީގެ ދުޅަހެޔޮކަމަށް ނިންމަންޖެހޭ ކަންކަންވެސް ސިޔާސީ ނުފޫޒުގެ ކަސްތޮޅުގައި ކުންފުނި ބާއްވާގެން ހިންގަން އުޅުމުން ބާރު ބޮޑުވާނީ ޓެކްސް ދައްކަމުންދާ ދިވެހި ރައްޔިތުންނަށެވެ. އެއީ ކުންފުނި ބަނގުރޫޓްވުުމުން ދަރަނި ފިލުވާދޭން ޖެހެނީ ޓެކްސްގެ ފައިސާކަމަށްވާތީއެވެ.