ޒަމާނުއްސުރެ ދިވެހީންގެ އާމްދަނީ ގުޅިފައި އޮތް ވަސީލަތަކީ ކަނޑުފަޅުން ހޯދާ ރޯއްޖެވެ. ޒަމާނީ ދިވެހިރާއްޖޭގެ އިގްތިސާދު، ކަނޑުފަޅަށް ބަރޯސާވާލެއް މާ ބޮޑުވަނީ، ފަތުރުވެރިކަން އަޅުގަނޑުމެން ވިއްކަނީ ކަނޑާއި ފަޅުގެ ރީތިކަން ވެސް ހިމަނައިގެން ކަމަށް ވާތީ އެވެ.
އަދި ކަނޑުފަޅު ފީނައިގެންނާއި އެކި ވައްތަރުގެ މަސްވެރިކަން ކުރާ ހީވާގި މަސްވެރިން، ދިރިއުޅުމުގެ ބޭނުންތައް ފުއްދަނީ މަސްވެރިކަމުން ލިބޭ ނަފާއިންނެވެ. އާންމުކޮށް އަޅުގަނޑުމެން ކުރާ ދޮށީގެ މަސްވެރިކަމާއި މިހާރު ކުރާ ބޮޑު ކަންނެލީގެ މަސްވެރިކަން ކޮންމެވެސް ވަރަކަށް ދަށަށް ހިނގައްޖެކަން މިދަނީ އަޅުގަނޑުމެން ތަޖުރިބާކުރަމުންވެ.
މަސްވެރިކަމުގެ މުފައްކިރުން ހާމަކުރާގޮތުގައި 2030 އާ ހަމައިގައި ކަނޑުތަކުން ކުރާ މަސްވެރިކަމަށް ބޮޑު ހީނަރުކަމެއް އަންނާނެ އެވެ. އަދި 2050 އާ ހަމައިގައި ކަނޑުތަކުން މަސްވެރިކަން ކުރާވަރުގެ ދިރުމެއް ނުހުންނާނެ އެވެ. އެހެންކަމުން، މިހާރުން މިހާރަށް ވެސް މަސްވެރިކަން ދެމެހެއްޓެނިވި މަސައްކަތެއް ގޮތުގައި ބޭއްވުމަށް އެެކި ގަވައިދުތައް މިދަނީ ވުޖޫދަށް އަންނަމުންނެވެ. ވަކި ދުވަސްވަރެއްގައި މަސްވެރިކަން ނުކުރުމާއި އަދި ހިފާ މަހުގެ އަދަދު ކޮންޓްރޯލް ކުރުމަކީ މިހާރު މަސްވެރިކަންކުރާ އަދި އިގްތިސާދީގޮތުން ބޮޑެތި ގައުމުތަކުން ބާރުއަޅާ އުސޫލުތަކެކެވެ.
މި އަންނަމުންދާ ބަދަލުތަކުގެ މައިގަނޑު ހައްލަކީ މެރިކަލްޗަރ ފާމްކުރުމަށް (ކަނޑު ގޮވާން) އަޅުގަނޑުމެން މިސްރާބުޖެހުމެވެ. އޭރުން އަޅުގަނޑުމެންނަށް ހަމަ މިހާރެކޭ އެއްފަދައިން، ކަނޑުންލިބޭ ނަފާ ލިބިގަނެގެން ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިގެން އުޅެވިދާނެ މަގު ފަހިކުރެވިދާނެ އެވެ.
މެރިކަލްޗަރގެ މަސައްކަތް ރާއްޖޭގައި ކުރުމަށް ނިމިދިޔަ ސަރުކާރުތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. ދެހާހުގެ އަަހަރުތަކުގެ ކުރީކޮޅުގައި މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވ. އަތޮޅު ބޮޑު މޮހޮރާގައި މެރިކަލްޗަރ ކުރުމުގެ މަސައްކަތް ފަށައިގެންފަ އެވެ. އެ ޕްރޮޖެޓުން ވަނީ އިތާމުތް އަލާކުރުމާއި ކުދި މަސްދިރުވާ ގެންގުޅުމުގެ މަސައްކަތް ކާމިޔާބު ކަމާއެކު ކޮށްފަ އެވެ.
ސަރުކާރުން ވަނީ 2008ގެ ކުރީކޮޅުގައި ފަޅާއި ރަށް ބިޑް އުސޫލުން ފުރަތަމަ ފަހަރަށް މެރިކަލްޗަރ ކުރުމަށް ދޫކޮށްފަ އެވެ. ބިޑް އުސޫލުން މިކަން ކުރުމުންނާއި ފުރަތަމަ ފަހަރުކަމުން، ކުއްޔަށް ހުށަހަޅާފައިވަނީ ވަރަށް ބޮޑެތި އަގުތަކެކެވެ. މިގޮތަށް ފަސް ފަސްފަޅެއް ވަނީ ދޫކޮށްފަ އެވެ. މީގެ ތެރެއިން ގިނަ ފަޅުތަކުގެ ކުލި ނުދެއްކިގެން ގިނަ ކުންފުނިތައް އޮތީ ޝަރީއަތުގަ އެވެ.
ސަރުކާރުން މެރިކަލްޗަރގެ މަސައްކަތްކުރި ބޮޑުމޮހޮރާއަކީ މިފަދަ މަސައްކަތެއް ކުރުމަށް ފުރިހަމަ ފަޅަކާއި ބިން އޮތް ރަށެކެވެ. ނަމަވެސް މި ތަނުގައި މެރިކަލްޗަރ މަސައްކަތް ވަނީ ހުއްޓާލައި، ބަންދުކުރުމަށް ފަހު އެ އިންވެސްޓްމަންޓް ވިއްކާލުމަށް ސަރުކާރުން ނިންމަވާފަ އެވެ. އަދި ވ. ބޮޑުމޮހޮރާގައި ހުރި ތަކެތި ކ. މަނިޔަފުއްޓަށް ބަދަލުކޮށް ކޮންމެވެސް ގޮތަކަށް މަސައްކަތް މިރަށުގައި ކުރާކަމަށް އަޑުތައް އިވެއެވެ. ނަމަވެސް ކ. މަނިޔަފުއްޓަކީ ހެޗަރީއެއް ނުވަތަ މެރިކަލްޗަރގެ މަސައްކަތުގައި ބޭރުން އެތެރެކުރެވޭ ފްރައިސް (ކުދި މަސް) ކަރަންޓީންގެ މަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެވަރުގެ ފަޅެއް އޮތް ރަށެއް ނޫންކަމަށް އޮސްޓްރޭލިޔާގެ މެރިކަލްޗަރގެ ތަޖްރިބާކާރަކު ވަނީ ލަފާދެއްވާފަ އެވެ.
މެރިކަލްޗަރގެ މަސައްކަތަށް ރާއްޖޭގެ ވިޔަފާރިވެރިންގެ އިތުބާރާއި، ޔަގީންކަމާއި ހޭލުންތެރިކަމެއް ނެތް ދަނޑިވަޅެއްގައި ސަރުކާރުން ބޮޑުމޮހޮރާގައި ކުރަމުން އައި މަސައްކަތް ހުއްޓާލުމަކީ މެރިކަލްޗަރ މަަސައްކަތް ކުރިއެރުމުގެ މިސްރާބަށް އެޅުނު ހުރަހެކެވެ.
ސަރުކާރުން އަމަލީ ގޮތުން ކުރަމުން އައި މަސައްކަތް މަޑުޖެހިގެން ދިޔަތަން އިހްސާސްކުރަން ޖެހުން ނަމަވެސް ސަރުކާރުން ވަނީ 2010 ހިސާބުގައި މެރިކަލްޗަރ މަސައްކަތަށް ދޫކޮށްފައިވާ ފަޅުގެ ކުލީގެ އަގު މިވިޔަފާރިއާ ގުޅޭ އެކަށީގެންވާ އަގަކަށް ކުޑަކޮށްފަ އެވެ. އަދި މެރިކަލްޗަރ ކުރުމަށް ބޭނުންވާ ފަޅުރަށްރަށުގެ ރަށްވެރީންނަށް ރަށުގެ ގޮނޑުން ފެށިގެން މޫދަށް 700 މީޓަރު ކުއްޔެއް ނެތި ހިލޭ ލިބޭގޮތަށް ވެސް ވަނީ ހަމަޖައްސަވައި ދެއްވައިފަ އެވެ. މިއީ ރަނގަޅު ނިޔަތުގައި މެރިކަލްޗަރ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި ބަލައިގަނެވިދާނެ އެވެ.
އެކަމަކު އަދި މިހާތަނަށް ނިމިދިޔަ އެއްވެސް ސަރުކާރަކުން މުޅި މެރިކަލްޗަރ ސިނާއަތުގެ ހުރިހާ ކަމެއް އެކުލެވޭ ޕްލޭނެއްގެ ދަށުން މަސައްކަތްކޮށްފައި އޮތްކަމެއް ފާހަގަ ކުރެވިފައެއް ނެތެވެ.
ފެންނަން ހުރި ހަގީގަތަކީ ސަރުކާރުން އަމަލީގޮތުން ވ. ބޮޑުމޮހޮރާގައި ކުރަމުން އައި މެރިކަލްޗަރ މަސައްކަތް ހުއްޓާލައި، ސަރުކާރުގެ މަސްވެރިކަމުގެ ކުންފުނީން މެރިކަލްޗަރ މަސައްކަތް 2008އިން ފެށިގެން ފޫގަޅައިގެން މަސައްކަތްކުރާ ކަމަށް އަޑު އުފުލި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް، ކުރި އެއްވެސް ހަަރުދަނާ މަސައްކަތެއް ފެންނާކަށް ނެތެވެ. މިއީ ހުރިހާ ވަސީލަތަކާއި ފައިސާ ވެސް ހުރެގެން، މި މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ކުންފުންޏަކަށް ވީވަރެވެ.
ނަމަވެސް މެރިކަލްޗަރ ކުރުމަކީ ރާއްޖޭގައި އަލަށް ކުރާކަމެއް ނޫނެވެ. ދިވެހި ކުންފުންޏަކުން ހުއިފިލަނޑާ ވިއްސައި، ދިރުވައި ބޮޑުކޮށް ރާއްޖޭން ބޭރުކުރުކުރުމުގެ މަސައްކަތް ށ. ނަލަންދޫގައި ވަރަށް ފުޅާކޮށް މިހާރު ވެސް ހިނގަމުން އެބަގެންދެއެވެ.
ރާއްޖޭގައި މި ވަގުތު މެރިކަލްޗަރ މަސައްކަތްކުރުމަށް ހުރި ގޮންޖެހުންތަކުގެ ތެރޭގައި ކުދި މަސް ދިރުވާ ގެންގުޅޭނެ ހެޗަރީއެއް، މެރިކަލްޗަރ ފުޅާކޮށް ކުރުމަށް ބޭނުންވުން ހިމެނެ އެވެ. ޕްރައިވެޓް ސެކްޓަރ މެރިކަލްޗަރ މަސައްކަތަށް ވެއްދުމަށް، އެ ފަރާތްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސް ވާން ޖެހެ އެވެ. އަދި މެރިކަލްޗަރ މަސައްކަތުގައި ހުއިފިލަނޑާ ވިޔަސް، ފާނަ، ރަތްމަސް ވިޔަސް ދިރޭތަކެތި ކަމަށް ވާތީ ކާން ދޭން ޖެހޭނެ އެވެ. މެރިކަލްޗަރ ކުރާ ދިރޭ އެއްޗެތީގެ ކާނާގެ ޑިއުޓީ މިއަދު ވެސް ހުރީ 20 ޕަސެންޓްގަ އެވެ.
މެރިކަލްޗަރގެ ސިނާއަތަށް އިންވެސްޓަރުން ހޯދުމަކީ މިއަދު އެހާ ފަސޭހައިން ވާނެކަމެއް ނޫނެވެ. ސަބަބަކީ ދުނިޔޭގެ އިގްތިސާދު 2008 އިން ފެށިގެން މިހިރީ ވަރަށް ދެރަކޮށެވެ. އަދި މި އަހަރަކީ ވެސް ވަކި ރަނގަޅު އަހަރެއް ކަމަކަށް ނުބެލެވެއެވެ. މި ހިސާބުގަނޑުގަ އާއި އިރުމަތީ ގައުމުތަކުގައި ވެސް މެރިކަލްޗަރ މަސައްކަތް ވަރަށް ފުޅާކޮށް ކުރެވެއެވެ. އަޅުގަނޑުމެންނާ އެންމެ ކައިރިން އިންޑިއާގެ ކެރެލާގައި ލަންޑާ މެރިކަލްޗަރ ކުރެއެވެ. ދެން އިރުމަތީކޮޅުން މެލޭޝިޔާ، ޗައިނާ، ޖަޕާން، ތައިލޭންޑް، ވިއެޓްނާމް އަދި ކެންބޯޑިއާ އަކީ ލަނޑައާއި އެހެނިހެން ފަރުމަހުގެ މެރިކަލްޗަރ ވަރަށް ފުޅާކޮށް ކުރާ ގައުމުތަކެވެ. މިހާރު މި ވިޔަފާރި ތެރެއަށް އަނެއްކާ ވެސް އެނބުރި އެހެން ކުޅުންތެރިއަކު ވަނީ ވަދެފަ އެވެ. ބަރުމާ ވަނީ އިންވެސްޓަރުންނަށް ވަރަށް ލުއި އޮނިގަނޑަކާ އެކު މި ވިޔަފާރި ހުޅުވާލައިފަ އެވެ. މި ދެންނެވި، ކޮންމެ ގައުމަކީ ވެސް އެ ގައުމަކުން ގާތްގަނޑަކަށް މި ވިޔަފާރި އަށް ބޭނުންވާނެ ހުރިހާ ތަކެއްޗެއްހެން އެ ގައުމު ތެރޭން ލިބެން ހުރި ގައުމުތަކެވެ. އެހެންކަމުން، ވަރަށް ވާދަވެރިކޮށް މި ވިޔަފާރު ކުރުމުގެ ގާބިލުކަން މި ގައުމުތަކުގައި އެބަހުއްޓެވެ. އަދި މިއިން ކޮންމެ ގައުމަކީ މި ވިޔަފާރީގެ އުފެއްދުމުގެ އަމިއްލަ މާކެޓެއް ވެސް އޮންނަ ގައުމުތަކެވެ.
މެރިކަލްޗަރ ވިޔަފާރި ކުރުމަށް ލޯންގެ ކަންކަން ހަމަޖެއްސުމަށް އިންވެސްޓްމަންޓް ބޭންކެއް ގެނެއުމަކީ ފަސޭހަކަމެއް ނޫނެވެ. ވޭތުވެދިޔަ ދެތިން އަހަރަކު އަޅުގަނޑުމެން ދެއްކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް އަމާޒުކުރެވޭ ބޭންކެއް ރާއްޖެ ގެނައުމަށް މަސައްކަތްކުރާ ވާހަކަ އެވެ. އަޅުގަނޑުމެނަށް މިފަދަ ބޭންކެއް އައި ތަނެއް ނުފެނުނެވެ. ސަބަބަކީ ރާއްޖޭގައި ޓޫރިޒަމް ފިޔަވައި އެހެން ހުރިހާ ދާއިރާއެއް އަދި ކުޑަ އެވެ. އެހެންކަމުން ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް އަމާޒުކުރެވިގެން ހިންގާ ބޭންކަކަށް އަލާކެނޑޭވަރުގެ ވިޔަފާރިއެއްގެ ވާހަކަ ބާއްވަވާށެވެ. ދެކޮޅުޖެހޭވަރުގެ ވިޔަފާރިއެއް ވެސް ނުލިބޭނެ އެވެ. ދެން އިންވެސްޓް ބޭންކުގެ ވާހަކަ ކޮބައިތޯ އެވެ؟
މެރިކަލްޗަރގެ މަސައްކަތަށް އޮތް އަނެއް ގޮންޖެހުމަކީ މަހުގެ ކާނާ އެވެ. މަހުގެ ކާނާ އުފެއްދުމަށް ބޭނުންވާ ހުރިހާ މާއްދާއެއް ރާއްޖެއަކުން ނުލިބެއެވެ. އެހެންކަމުން މަހުގެ ކާނާ އުފެއްދުމުގެ ބަދަލުގައި އެތަކެތި އެހެން ގައުމަކުން އެތެރެކުރުން ބުއްދިވެރި އެވެ. އެންމެ އަގުހެޔޮކޮށް މަހުގެ ކާނާ ލިބޭ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ހުރީ ޗައިނާއިން ކަމަށެވެ. ޗައިނާއިން ގެނައުމަށް ފްރައިޓް ވެސް ކުޑައެއް ނޫނެވެ. އަދި އޭގެ މައްޗަށް ޑިއުޓީ އަށް 20 ޕަސެންޓް ދައްކަންޖެހެ އެވެ. ނަތީޖާއަކަށް ވަނީ ރާއްޖޭގައި މިހާރު މެރިކަލްޗަރކުރުމަށް ހެދިފައިވާ ވިޔަފާރި ގިއުގަނޑުގެ ތެރެއިން މި ވިޔަފާރި ދެކޮޅުނުޖެހޭ އެއްސަބަބަކީ މަހުގެ ކާނާ އަގުބޮޑުވުމެވެ.
އަނެއް ހަގީގަތަކީ ފާމްކުރެވިގެން އުފެއްދޭ ތަކެއްޗެއް ގުދުރަތީ ގޮތުން ލިބޭ އަގެއް މާކެޓުގައި ނުލިބޭ ކަމެވެ. އެހެންވީމާ، ރާއްޖެއިން މިހާރު ބޭރުކުރާ ފާނަ އާއި ލަނޑާއަށް ލިބޭ އަގު ފާމްކުރާ އުފެއްދުމުށް ނުލުބުމަކީ އެކަށީގެންވާ ކަމެވެ. މިދަންނަވާ އެއްޗަކީ ރާއްޖޭއިން ލަނޑައާއި ފާނަ މިހާރު ވެސް ބޭރުކުރަނީ އެ ގައުމުތަކެއްގައި ނުވަތަ އެ ގައުމުތަކާ ކައިރި ހިސާބެއްގައި މާ އަގުހެޔޮކޮށް ފާމްކުރެވިފައި ހުންނަ ތަކެތި ލިބެން ހުރި ގައުމުތަކަށެވެ. ނަމަވެސް، ރާއްޖޭގެ ފާނަ އާއި ލަނޑާއަކީ ގުދުރަތީ ތަކެތި ކަމުގައިވާތީ އެ ތަކެއްޗަށް މާކެޓް ފަސޭހަކަމާ އެކު ލިބެއެވެ.
އަދި މަސްވެރިކަމުގެ މުފައްކިރުން ލަފާކުރާގޮތަށް، 2030 އާ ހަމާގައި ދުނިޔޭގައި ގުދުރަތީގޮތުން އުފެދޭ މަހުގެ ސްޓޮކަށް ހީނަރުކަމެއް އަތުވެއްޖެނަމަ ފާމްކުރެވޭ މަހުގެ އަގު މައްޗަށް އެރުމަކީ ޔަގީން ކަމެކެވެ.
މިހާރު އަޅުގަނޑުމެންގެ ފަރުމަހުގެ އުފެއްދުން މިފޮނުވެނީ އިރުމަތީގެ މާކެޓްތަކަށެވެ. ނަމަވެސް، ފާމްކުރެވުމުން މަހުގެ ސައިޒާއި ފޮނުވޭ އަދަދު ޔަގީން ވާނެ އެވެ. އެހެންކަމުން، ހުޅަގުގެ މާރކެޓް ފަސޭހަކަމާ އެކު ހުޅުވޭނެ އެވެ.
މެރިކަލްޗަރ މަސައްކަތަށް ކުރިމަތިލާއިރު އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެން އަތުގައި މިއޮތީ ކަނޑާއި ފަޅުކަން އެކަނިކަމެވެ. އަޅުގަނޑުމެން ވާދަކުރާ އެހެން ގައުމުތަކުގައި ވެސް މި ވަސީލަތް އެބައޮތް ކަމެވެ. އަޅުގަނޑުމެން ރޭވުންތެރިކަން، ބޭނުންވަނީ ފައިސާ ހޯދޭނެގޮތާއި ގަވާއިދުތައް މި މަސައްކަތަށް ފަހިވާގޮތަށް ފަރުމާ ކުރުމަށެވެ. އަދި އެހެން ގައުމުތަކުން ގެންނަންޖެހޭ ތަޖުރިބާއާއި ތަކެތި ހޯދޭނެ ގޮތްތައް ހޯދުމަށެވެ.
މިމަޒުމޫނުވާނީ 4 މޭ 2013ގެ ހަވީރު ނޫހުގައި ޝާއިއު ކުރެވިފައެވެ. ތިރީގައި އެވަނީ ހަވީރު ނޫހުގައި ހުރި ކޮމެންޓްސް ތަކެވެ.