މިފަހުން ނިމިދިޔަ ދެ ރިޔާސީ އިންތިހާބުގައި ވެސް، މި ރާއްޖެ ސިންގަޕޫރާއި ޑުބާއި އާ ހަމަނުވެވި އޮތް ސަބަބުތަކާއި ނުވަތަ އެ ހިސާބަށް ގެންދެވިދާނެ ކަމުގެ ވާހަކަތައް މިވަނީ ރިޔާސީ އިންތިހާބުގެ މައިގަނޑު ސުރުހީގެ ތެރޭގައި ސިޔާސީ ޕޯޑިއަމްތަކުގައި އަޑުއިއްވާފަ އެވެ.

އެކަމަކު އިންތިހާބު ނިމި ސަރުކާރު ހިންގުމާ ހަވާލުވާ ހިސާބުން، މިދެންނެވި ދެ ގައުމުގެ ކުރިއެރުމުގެ ވާހަކަ ދެއްކި ވާހަކައެއް ކަމުގައި ނުވާ ވަރަށް މި ވަނީ ފަނޑުވެ އެވެ.

އަޅުގަނޑުމެން ދެނެގަންނަންވީ ހަމައެކަނި އެ ދެ ގައުމު ކުރި އަރާފައިވާ މިންވަރާ ހިސާބު އެކަންޏެއް ނޫނެވެ. އެ ހިސާބަށް ދިއުމަށް އެ ގައުމުތަކުން ގެންގުޅުނު ސިޔާސަތުތައް ވެސް ވަރަށް ރަނގަޅަށް އެނގެން ޖެހެ އެވެ.

ސިންގަޕޫރާއި ޑުބާއީގެ ކުރިއެރުމުގައި އެއްކަހަލަ ސިޔާސަތުތަކެއް އެބަހުއްޓެވެ. ދެ ގައުމުގައި ވެސް ރުކުރުވާލެވިފައި އިޖްތިމާއީ ގަވާއިދުތަކެއް ހުރެއެވެ. އަދި ގަވާއިދަށް އިހްތިރާމް ކުރުމުގެ ސަގާފަތެއް ވަނީ ގާއިމު ކުރެވިފަ އެވެ. ގަވާއިދު ތަންފީޒްކުރާ ފަރާތްތައް ވަނީ ސާފުކޮށް ބާރުވެރި ކުރެވިފަ އެވެ. އެއާއެކު އެ ފަރާތްތަކަކީ އިހްތިރާމް ލިބިގެންވާ މުއައްސަސާތައް ކަމުގައި ވަނީ ހަދައިފަ އެވެ.

ދެ ގައުމުން ވެސް މިނިވަން ވިޔަފާރި އާއި ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައެވެ. އަދި ވިޔަފާރި ކުރުމަށް ފަސޭހަކުރުމަށް އުމްރާނީ ތަރައްގީ އަށް ވަރަށް ބޮޑަށް އަހްމިއްޔަތުކަން ދެއެވެ. ވިޔަފާރި ކުރުމުގެ ސިޔާސަތުގެ ތަރުތީބުތައް ޒަމާނަށް ފެތޭގޮތަށް އަބަދުހެން ދަނީ ދިރާސާކޮށް ބަދަލު ކުރަމުންނެވެ. އެހެންނަމަވެސް، ސިޔާސަތު ތަންފީޒު ކުރުމުގައި ތަފާތުތަކެއް ވެސް ދެ ގައުމުގެ މެދުގައި ހުރިކަން އެބަ ފެނެ އެވެ.

ފާހަގަކުރަން މުހިންމުކަމަކީ، ދެ ގައުމުން ވެސް ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާއިރު، އިންސާނީ ވަސީލަތުގެ ސިޔާސަތު ގެންގުޅޭގޮތް އިންތިހާ އަށް ތަފާތުކަމެވެ.

ސިންގަޕޫރުގައި ދުނިޔޭގެ މަލްޓިނެޝަނަލް ކުންފުނިތައް އިންވެސްޓް ކުރާއިރު އެ ގައުމުގެ މޮޅެތި މަސައްކަތްތެރީންނާއި ސިކުނޑިތައް ގައުމުން ބޭރު ނުވާނެގޮތަށް ސިޔާސަތުތައް ވަނީ ބައްޓަން ކުރެވިފަ އެވެ.

ޓޮމް ޕްލޭޓް ލިޔެފައިވާ "ކޮންވަޒޭޝަން ވިތު ލީކޫއާން ޔޫ"ގައި ބުނެފައިވަނީ ތިން ވަނަ ދުނިޔޭގެ ގައުމުތައް، ބަހުސެއްނެތި ޤަބޫލު ކުރާ އެއްކަމަކީ ބޮޑިތެ މަލްޓިނެޝަނަލް ކުންފުނިތަކަށް އެ ގައުމުތަކުން ފުރުސަތު ދިނުމަކީ ގައުމުގެ ރައުސުލްމާލުގެ ތަޅުދަނޑި އެ ކުންފުނިތަކާ ހަވާލުކުރުން ފަދަ ކަމެއް ގޮތަށެވެ. މަލްޓިނެޝަނަލް ކުންފުނިތަކުން ތިން ވަނަ ދުނިޔޭގެ ގައުމުތަކުގެ ގުދުރަތީ ވަސީލަތްތަކާއި ގައުމުގެ އެންމެ ހުނަރުވެރި އިންސާނީ ވަސީލަތް ޖަހައިގަނެގެން ގެންދާނެ ކަމަށެވެ. އެކަމު ސިންގަޕޫރުގައި މިކަން ތަފާތެވެ. ސިންގަޕޫރު އުފެއްދި ބާނީ އަދި 25 އަހަރު ބޮޑުވަޒީރުކަން ކުރެއްވި ލީ ކޫއާން ޔޫ މިފަދަ މަލްޓިނެޝަނަލް ކުންފުނިތަކުގެ ނަހަމަ ޝިކާރަވެރިކަން މަދުކުރުމަށް ވަނީ ފިޔަވަޅު އަޅުއްވައިފަ އެވެ.

ސިންގޫރުގައި އެ ގައުމުގެ އިންސާނީ ވަސީލަތް ހިފެހެއްޓުމުގެ އިތުރުން އެހެން ގައުމުތަކުން ސިކުނޑިތައް ގެނެސް ހިފެހެއްޓުމަށް ސިޔާސަތުތައް ވަނީ އެކުލަވާލެވިފަ އެވެ. ސިންގަޕޫރުގައި ދާއިމަށް ރަށްވެހިވެވޭނެ ގޮތާއި ރައްޔިތަކަށް ވެވޭނެ މަގު ވެސް ވަނީ ފަހި ކޮށްފަ އެވެ.

ޑުބާއީގައި ވިޔަފާރި ސިޔާސަތުތައް ހުޅުވާލެވިފައިވީ ނަމަވެސް ބިދޭސީ އިންސާނީ ވަސީލަތް ހިޖްރަކުރުމަށް މަގުފަހި ކުރެވިފައިއެއް ނޯވެ އެވެ. އެ ގައުމުގައި ބިދޭސީންނަށް ރަށްވެއްސެއް ނުވެވޭނެ އެވެ. އެ ގައުމުގެ ރަށްވެހީންނާއި ބިދޭސީން ކައިވެންޏެއް ވެސް ނުމެކުރެވޭނެ އެވެ.

ޑުބާއީގެ އިގްތިސާދު މިވަނީ 2008އިން ފެށިގެން ދަށަށް ދާން ފަށައިފަ އެވެ. އެ ގައުމުގެ އިގްތިސާދު ދަށްވެގެން ދާން ފެށުމުން އެންމެ އަވަހަށް ލުއްސާލައިގެން ދިޔައީ ބޭރުން އަރާ އެ ގައުމުގައި ފައިދާ ހޯދުމަށް ބަނދަރު ޖަހައިގެން ތިބި ވިޔަފާރިތަކެވެ.

ބޭރު އިންވެސްޓްމަންޓްތަކަށް ދޭސީވުމުގެ ފުރުސަތު ނެތް ނަމަވެސް ޑުބާއީގެ ދެ ލައްކައެއްހާ ރައްޔިތުންނަށް ކުރިއަރައި ދިއުމުގެ ފުރުސަތު އިންތިހާ އަށް އެ ގައުމުން ވަނީ ފަހިކޮށްދީފަ އެވެ.

ޑެން ސެންޏޯރު އާއި ސައުލު ސިންގަރ ލިޔެފައިވާ "ސްޓާރޓް އަޕް ނޭޝަން" ގައި ބުނެފައިވަނީ ޑުބާއީގެ ޝާހީ އާއިލާއިން ރަސްގެފާނުގެ ހާއްސަ ޓީމަކުން އެ ގައުމުގެ ރައްޔިތުންގެ ތެރެއިން ހުނަރާއި ގާބިލިއްޔަތު ދެނެގަތުމަށް ދަނީ ފަރާލަމުންނެވެ. އަދި އެފަދަ ހުނަރު ހުރި މީހުން ފާސްޓްރެކް މެނޭޖްމަންޓް ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން ވިޔަފާރި ލީޑަރުންނަށް ވުމަށް މަގު ތަނަވަސްކޮށްދެ އެވެ.

އަޅުގަނޑުމެން މި ގައުމުތަކުގެ، ވާހަކަދައްކަނީ އަޅުގަނޑުމެން ވެސް މި ރާއްޖެއާ މެދު ހުވަފެންތަކެއް އުންމީދުތަކެއް އޮތީތީ އެވެ. އެހެންކަމަށް ވަނީ ނަމަ އެ ގައުމުތަކުން ބައްޓަންކޮށްފައިވާ މޮޑެލްތައް އަޅުގަނޑުމެނަނަށް އެނގެން ޖެހެ އެވެ. އެއީ އަޅުގަނޑުމެން ދިރާސާކޮށް ދައްކަން ވެސް ޖެހޭނެ ވާހަކަތަކެކެވެ.

ސިންގަޕޫރު އަދި ޑުބާއީ ކުރިއަރާ ދާން ފައްކާކުރި މޮޑެލް އަޅުގަނޑުމެނަށް ހެޔޮވަރު ކުރެވިދާނެތޯ އެއީ ބަލަންޖެހޭ ކަމެކެވެ. ނޫނީ އަޅުގަނޑުމެންގެ ސަގާފަތާ އެއްގޮތަށް މޮޑެލްއެއް ފަރުމާކުރާނީތޯ އެއީ މިއަދު ބަހުސް ކުރަންވީ ކަންކަމެވެ.

ޑުބާއީ، ސިންގަޕޫރުގެ ވާހަކަ ސިޔާސީ ބޭފުޅުން ދައްކަވަނީ އެއީ ދިވެހީން ފަރިތަ ގައުމުތައް ކަމުގައިވެފައި އާންމު ފަރުދުންނަށް ވިސްނައިގަންނަން ފަސޭހަވާނެ ކަމަށް ދެކޭތީ ކަމަށް އަޅުގަނޑަށް ބެލެވެއެވެ.

ޔޫރަޕްގައި ވެސް ކުދި ގައުމުތައް އިގްތިސާދީ އަޑިގަނޑުން ކާމިޔާބު ކަމާއެކު އަރައިގަނެ މިއަދު ކާމިޔާބު އިގްތިސާދުތަކަށްވެފައިވާ ގައުމުތައް އެބަތިއްބެވެ. ސުވިޑުން، ޑެންމާރކް، ފިންލޭންޑް ފަދަ ގައުމުތަކުން އަޅުގަނޑުމެންނަށް ފިލާވަޅު ލިބިގަނެވިދާނެ އެވެ. އަދި މެދުއިރުމަތިން ސައުދީ އަރާބިއާގެ އިގްތިސާދާ މެދު އަޅުގަނޑުމެން ކަޅި ހިންގާލުމަކީ މުހިންމުކަމެވެ. ސައުދީ އަކީ މިއަދު ވަރުގަދަ ވަމުން އަންނަ އިގްތިސާދެކެވެ. ޑުބާއީގެ އިގްތިސާދު 2008ގައި ދަށަށް ދަމުން ދިޔައިރު ސައުދީ އިގްތިސާދު އައީ ކުރިއަރަމުންނެވެ. މައިގަނޑު ސަބަބަކީ ސައުދީގައި ވިޔަފާރީގައި ސާބިތުވެތިބީ އެ ގައުމުގެ ވަތަނީ ރައްޔިތުންކަމުގައި ވާތީ، ގައުމުގެ ވިޔަފާރިވެރިން އިގްތިސާދީ ކޮންމެ ލޮޅުމަށް ގުޑުވާލައިގެން ނުދާތީ އެވެ.

އަޅުގަނޑުމެނަށް ފެންނަތަނުން ހާމަވަނީ ގައުމުގެ ކުރިއެރުން ބިނާވާ އެންމެ މުހިންމު ކަންތަކުގެ ތެރޭގައި އެ ގައުމަކާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ އިގްތިސާދީ ސިޔާސަތަކާއި އިންސާނީ ވަސީލަތް މެނޭޖްކުރާގޮތް އެއީ ގައުމުތައް ކުރިއަރާ ދިއުމުގެ ސިއްރުކަމުގައި ބެލެވެއެވެ.

އަޅުގަނޑުމެނަށް މި ސިޔާސަތު ވަނީ މީގެ 1400 އަހަރު ކުރީގައި މިސާލުން މި އުންމަތުގެ ރަސޫލާ ދައްކަވާދެއްވައިފަ އެވެ. އަބުދުލް އަޒީޒް އަލް ޝަނާވީ އެކުލަވާލައްވާފައި ފޮތް ކަމުގައިވާ "މިނިސްޓަރސް އެރައުންޑް ދަ ޕްރޮފެޓް" ގައި އަބޫ ދަރު އަލް ގިފާރީ އާއި ގުޅޭގޮތުން ލިޔުއްވާފައިވާ ބައިގައި ވަނީ، އެއްދުވަހެއްގައި އަބޫ ދަރު ރަސޫލު ﷲ (ސއވ)އަށް ދެންނެވި އެވެ. ތިމަން ކަލޭފާނު ކޮންމެވެސް ތަނެއްގެ ގަވަރނަރު ކަމަށް ނުވަތަ ބައެއްގެ އަމީރު ކަމާ މަތިކޮށްދެއްވާށެވެ.

ރަސޫލު ﷲ (ސއވ) ޖަވާބުގައި ހަދީސް ކުރެއްވި އެވެ. އޭ އަބޫ ދަރު އެވެ. ކަލޭގެފާނަކީ ބަލިކަށި މީހެކެވެ. ހަމަގައިމުވެސް ތިމަން ކަލޭފާނު ނަފްސުދެކެ ލޯބިވާވަރަށް ކަލޭފާނު ދެކެ ލޯބިވަމެވެ. ދެ މީހެއްގެ މައްޗަށް ވެސް ކަލޭގެފާނުގެ ވެރިއަކަށް ނުވާހުއްޓެވެ. އަދި ޔަތީމެއްގެ މުދަލުގެ ވެސް، ބަލަދުވެރިއެއް ކަމުގައި ނުވާހުއްޓެވެ.

އިސްލާމް ދީން އުފެދި ބިނާވަމުން ދިޔަ ދުވަސްވަރު ވެސް ރަސޫލާ ﷲ(ސއވ) އަރިސް މިނިސްޓަރުންނަށް ވެސް ފުރުސަތު ދެއްވީ އެބޭފުޅެއްގެ ގާބިލިއްޔަތާއި ހުނަރާއި ގުޅޭގޮތުންނެވެ.

ގައުމެއް ކުރިއަރައިދިއުމަށް ބޭނުންހިފޭނެ އެންމެ މުހިންމު އެއްބަޔަކީ އެ ގައުމެއްގެ އިންސާނީ ވަސީލަތެވެ. އަޅުގަނޑުމެން ފަދަ އިންސާނީ ވަސީލަތް މަދު ގައުމަކަށް ހުނަރާއި ގާބިލު މީހުންނަށް ފުރުސަތު ނުދީ ގައުމު ހަރުކޮށް ކުރިއެއް ނޭރުވޭނެ އެވެ.

މި ޒަމާނުގައި އިންސާނީ ވަސީލަތް މެނޭޖްކުރުމަށް ލަފާދެނީ، އެ މީހަކާ ގުޅޭ ހުނަރާއި ގާބިލު ކަން ހުރި ދިމާލަކަށް ފުރުސަތު ދިނުމަށެވެ. މިއީ މީގެ 1400 އަހަރު ކުރިން އަޅުގަނޑުމެންގެ ރަސޫލާ(ސއވ) ވެސް ޢަމަލުން ދައްކަވައިދެއްވާފައިވާ ލާމަސީލު މިސާލެވެ. އަޅުގަނޑުމެން ގައުމު ކުރިއަށް ގެންދިއުމަށް ކަންކަން ރާވާއިރު އިބްރަތް ލިބިގަންނަންވީ މިފަދަ ލީޑަރޝިޕްގެ މިސާލުތަކުންނެވެ.

މިއާޓިކަލް ވަނީ ހަވީރު ނޫހުގެ 10 ފެބުރުއަރީ 2014ގައި އަދަދުގައި ޝާއިއު ކުރެވިފައެވެ. .