ދިވެހިރާއްޖެ އިން ވިލާތުގެ އިއްތިހާދުގެ ގައުމުތަކަށް އެތެރެކުރާ މަހުގެ ބާވަތްތަކުގެ ޑިއުޓީގެ އިނާޔަތް މި އަހަރު ނިމޭއިރު ކެނޑޭނެ އެވެ. އޭގެ ސަބަބަކީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފައި ވާތީ އެވެ. މިގޮތަށް ޑިއުޓީ އިނާޔަތް ކެނޑިއްޖެ ނަމަ ރާއްޖޭން ވިލާތުގެ އިއްތިހާދަށް އެތެރެކުރާ، ފިނިކުރި ތާޒާ ބޮޑު ކަންނެއްޔާއި ދަޅުމަހަށް ޖެހޭނީ 18 ޕަސެންޓާއި 22 ޕަސެންޓާ ދެމެދުގެ ޓެކްސްއެއް ދައްކާށެވެ. މި ޓެކްސް ދައްކަން ފެށުމުން އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިނާއަތަށާއި ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ކަށަވަރެވެ.
ރާއްޖެ އިން 1980 ގެ އަހަރުތަކުގެ ތެރޭގައި ވިލާތުގެ އިއްތިހާދަށް ދަޅުމަސް ބޭރުކުރަން ފެށި ހިސާބުން، މިއަދާ ހަމައަށް ވެސް މިވަނީ ވިލާތުގެ އިއްތިހާދަށް ރާއްޖޭން އެތެރެކުރާ ދަޅުމަހަށް ޖެނެރަލައިޒްޑް ސިސްޓަމް ޕުރިފަރެންސް (ޖީއެސްޕީ) ގެ ތެރޭން ޑިއުޓީ މައާފްކޮށްފަ އެވެ.
ޖީއެސްޕީ އަކީ ވިލާތުގެ އިއްތިހާދުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އެގައުމެއްގެ ހާލަތަށް ބަލައި ދެމުންގެންދާ ޑިއުޓީ ފްރީ އިނާޔަތެކެވެ. މި އަހަރު ނިމޭ ހިސާބުން ރާއްޖޭގެ އުފެއްދުންތަކަށް، ވިލާތުގެ އިއްތިހާދުން އިނާޔަތް ކެނޑިއްޖެ ނަމަ އެންމެ ފުރަތަމަ ބަދަލު އަންނާނީ މަހުގެ އަގަށެވެ. އެވަގުތަކު ހުރި އަގުން ރޯމަސް ގަންނަ އަގުން ގައިމުވެސް 18 ޕަސެންޓް ކުޑަކުރަން ޖެހޭނެ އެވެ. މިއާ ވިދިގެން ރާއްޖޭގެ އިގްތިސާދަށް ވަންނަ ޑޮލަރު މަދުވާނެ އެވެ. ޑޮލަރު ދަތިކަން މިހާރަށް ވުރެ ބޮޑުވެއްޖެ ނަމަ، ޑޮލަރުގެ ކަޅު ބާޒާރުގައި އަނެއްކާ ޑޮލަރު އަގު މައްޗަށް ގޮސް ތަކެތީގެ އަގު މިހާރަށް ވުރެ ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މަސްވެރިކަމުގެ ސިނާއަތަކީ މިހާރު ވެސް ވަރަށް މުރަނަ ސިނާއަތެކެވެ. އަންނަ ކުޑަ ބަދަލަކުން ވެސް އޭގަ އަސަރު ވަރަށް އަވަހަށް މި ދާއިރާ އަށް ކުރެ އެވެ. މަސްވެރިކަން ސިނާއަތެއްގެ ގޮތަށް ބަދަލުވެގެން އައީ ޓޫރިޒަމްއާ އެކުއެކީ ނަމަވެސް މަސްވެރިކަމުގެ ސިނާއަތް ޓޫރިޒަމް ބަލާ މިންގަނޑަކުން ނުމިނޭނެ އެވެ. ސަބަބަކީ އަދިވެސް މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ކުންފުނިތަކުން ފެށިގެން ކުދި ވިޔަފާރިތައް ވެސް މިދަނީ ހިންދެމިލުމަށް މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެ ހާލަތު ހުރީ އެއްގޮތަކަށޭ ބުނުމީ ދޮގެއް ނޫނެވެ.
މަސްވެރިކަމުގެ އުފެއްދުންތަކަށް ވިލާތުން ލިބޭ އަގު ލިބިދާނެ ބޮޑު އެހެން މާކެޓަކަށް އޮތީ އެމެރިކާ އެވެ. މިހާރުވެސް ކޮންމެވެސް ވަރަކަށް މަހުގެ ތާޒާ އުފެއްދުންތަކާއި ފިނިކުރި ގަނޑު މަހުގެ އުފެއްދުންތައް އެމެރިކާގެ މާކެޓަށް ފޮނުވަމުން ގެންދެ އެވެ. އެމެރިކާގެ މާކެޓްގައި ދިވެހި އުފެއްދުންތަކަށް އަދި ޑިއުޓީއެއް ނުނަގަ އެވެ. ނަމަވެސް އެމެރިކާ މާކެޓަށް ދިވެހި އެކްސްޕޯޓަރުން ހޭނި ފަރިތިވާން ވަގުތުކޮޅެއް ބޭނުންވާނެ އެވެ.
އެހެން ނަމަވެސް ދަޅު މަހަށް ވިލާތުން ލިބޭ އަގެއް އެމެރިކާގެ މާކެޓަކުން ނުލިބޭނެ އެވެ. ރާއްޖޭން ބޭރުކުރާ ކަޅުބިލަމަސް ފިނިކުރި ގަނޑުމަހުގެ ބޮޑު ބައި މިދަނީ އެހެން ގައުމުތަކުގެ ކޭނަރީތަކުގައި ބަނދުކޮށްގެން ވިލާތުގެ މާކެޓަށެވެ. ދިވެހި މަސް ކޮންމެ ގައުމެއްގައި ބަނދުކުރި ނަމަވެސް ޑިއުޓީ އިނާޔަތް ވިލާތުން ދެ އެވެ. ނަމަވެސް ކަޅުބިލަމަސް ބަންދުކޮށްފައި ހުންނަ ދިވެހި ދަޅުމަހަށް ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ދައްކަން ޖެހުނީމާ ދިވެހި އުފެއްދުން ޖެހޭނީ ދުނިޔޭގެ ބޮޑެތި ގައުމުތަކާ އެއްހަމައެއްގައި ވާދަކުރާށެވެ.
ތައިލޭންޑަކީ ދަޅުމަސް ބަނދުކުރާ ދުނިޔޭގެ އެންމެ ބޮޑު ކާރުހާނާތައް ހުރި ގައުމެވެ. އެގައުމުގެ ކުންފުނިތަކުގެ ބްރޭންޑްތައް ޔޫރަޕާއި އެމެރިކާގައި ހުރެ އެވެ. އެހެންކަމުން ދަޅުމަހުގައި އެގައުމާ އެއް ހަމައެއްގައި ވާދަކުރުމަކީ އުނދަގޫ ކަމެކެވެ. ވުމާއެކު ކަޅުބިލަމަހުން މަސްވެރިންނަށް ލިބޭ އަގަށް ބަދަލު އައުން އެކަށީގެންވެ އެވެ.
ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަމަށް މިހާރު ވަނީ އެމްއެސްސީ ލިބިފަ އެވެ. އެހެންކަމުން ރާއްޖޭގެ ފިނިކުރި ގަނޑުމަސް ސީދާ ވިލާތަށް ވިއްކުމުގެ ފުރުސަތު މިވަނީ ހުޅުވިފަ އެވެ. އަދި ރާއްޖެ އަށް ލިބިފައިވާ ޑިއުޓީ އިނާޔަތާ އެކު ވިލާތުގެ މާކެޓްގައި ފުރުސަތުތަކެއް އޮތް ކަމަށް ބެލެވިދާނެ އެވެ. އެހެންނަވެސް މި މާކެޓަކީ ވާދަވެރިކަން ނެތް މާކެޓެއް ނޫނެވެ. ވިލާތުގެ އިއްތިހާދުގެ ގައުމުތަކުގެ ތެރޭން ފަރަންސޭސި ވިލާތާއި ސްޕޭނަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ލައިސަންސް ނަގައިގެން ފުޅާކޮށް މަސްވެރިކަން ކުރާ ފްލީޓްތައް ގެންގުޅޭ ގައުމުތަކެވެ. އަދި މި ފްލީޓްތަކަށް އެގައުމުތަކުން ބޮޑު ސަބްސިޑީއެއް ވެސް ދެ އެވެ. އެހެންކަމުން ރާއްޖޭން ޑިއުޓީ ދައްކަން ޖެހުމުން ވިލާތުގެ ގައުމުތަކަށް ނިސްބަތްވާ މަސްވެރިކަމުގެ ފްލީޓުން ގެންނަ ފިނިކުރި ގަނޑުމަހާއި ވާދަކުރުންވާނީ އުނދަގޫ ކަމަކަށެވެ.
ފިނިކުރި ތާޒާ ކަންނެލި ވިލާތުގެ އިއްތިހާދަށް 18 ޕަސެންޓްގެ ޑިއުޓީއާ އެކު އެތެރެކުރަން ފެށުމުން ރާއްޖެ އަށް ވާދަކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އަޅުގަނޑުމެންގެ ވާދަވެރިން ކަމުގައިވާ ސްރީ ލަންކާ، އިންޑިއާ، އިންޑޮނީޝިއާ، އަދި އޮމާން ފަދަ ގައުމުތަކުގެ އުފެއްދުމުގެ ހަރަދު އަޅުގަނޑުމެނަށް ވުރެ ކުޑަވީމަ އެވެ. އެހެންކަމުން ދިވެހި ބޮޑުކަންނެލި ވިލާތުގައި ވިއްކާ ނަމަ ޖެހޭނީ މަސްވެރިން އަތުން މަސް ގަންނަ އަގު ތިރިކުރާށެވެ.
ޖީއެސްޕީގެ އިނާޔަތް ކެނޑުމުން އެންމެ ބޮޑު ލޮޅުމެއް އަރާނީ މަސްވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށެވެ. އެއީ އޮޑިވެރިންނާއި ފެކްޓަރީތަކަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކެވެ. މި އިންވެސްޓަރުންގެ ވިޔަފާރި ކުރިމަގު ވިސްނާފައި އޮތީ ޖީއެސްޕީއާ އެކު އެވެ. އެހެންކަމުން ޖީއެސްޕީ ކެނޑިގެން ދިޔަ ކަމަށް ވިޔަސް މިވަގުތު މާކެޓް ޑަައިވަސިފައިވުމަށް އިތުރު ފުރުސަތުތަކެއް ނެތުމުގެ ސަބަބުން އިންވެސްޓަރުންނަށް މަޖްބޫރުވާނީ ވަރަށް ހަނި ދާއިރާއެއްގައި މި ވިޔަފާރީގައި ދެމިތިބޭށެވެ.
އިންވެސްޓަރުން މި ވިޔަފަރީގައި ދެމިތިބުމުގެ އަގަކަށް ވާނީ ވިޔަފާރީގެ ފައިދާ ކުޑަވުމެވެ. އަދި ވިޔަފާރި އަށް އިންވެސްޓްކުރުމަށް ނަގާފައިވާ ލޯންތައް ދެއްކުމަށް ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. މިހާރު ވެސް ބޭންކްތަކަށް ނުދެއްކި ހުރި މަސްވެރިކަމުގެ ލޯންތައް އިތުރަށް ބޮޑުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. ނުދެއްކޭ ލޯންތައް ބޭންކުގައި ގިނަވުމަކީ އިގްތިސާދަށް ބުރަ ބޮޑުވާނެ ކަމެކެވެ.
ވިލާތުގެ އިއްތިހާދުން ރާއްޖެ އަށް ޖީއެސްޕީ އިނާޔަތް އުނިކުރުމުގެ މައްސަލަ ކުރިމަތިކުރީ ރާއްޖެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ ލިސްޓުން 2004 ގައި އުނިކުރަން ކަނޑައެޅުމާ ގުޅިގެންނެވެ. އެހެންނަމަވެސް ރާއްޖެ މިކަމަށް ތައްޔާރުވުމަށްޓަކައި ތިން އަހަރުގެ މުއްދަތެއް ދިނެވެ. ކަންދިމާކުރި ގޮތުން ސުނާމީގެ ސަބަބުން އިގްތިސާދަށް އައި އުނިކަމާ ގުޅިގެން އިތުރު ތިން އަހަރު އިތުރުކުރި އެވެ. އެ މުއްދަތު ހަމަވީ 2010 އަށެވެ. ނަމަވެސް އިތުރު މުއްދަތު ބޭނުންކަމަށް ރާއްޖޭން އަނެއްކާވެސް އެދުމާ ގުޅިގެން މިވަނީ މި އަހަރުގެ ޑިސެމްބަރަށް މުއްދަތު އިތުރުކޮށްދީފަ އެވެ.
ޖީއެސްޕީގެ އިނާޔަތް މި އަހަރު އުނިވެގެންދާނެކަން ސަރުކާރަށާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެނގެ އެވެ. އަދި އިނާޔަތް ކެނޑުމުން ވިޔަފާރިއަށާއި ގައުމުގެ އިގްތިސާދަށް ކުރާނެ އަސަރު ވެސް އެނގޭނެ އެވެ.
އެހެންކަމުން ސަރުކާރާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުން ގުޅިގެން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި އިކޮނޮމިކް މިނިސްޓަރާއި، ފިޝަރީޒް މިނިސްޓަރާއި މަސްވެރިކަމުގެ ސިނާއަތުގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންގެ ވަފްދެއް ވަނީ ކޮލަމްބޯގައި ހުންނަ ވިލާތުގެ އިއްތިހާދުގެ އެމްބެސެޑަރާ ބައްދަލުކޮށްފަ އެވެ. އަދި މި އަހަރު ކުރީކޮޅު ވިލާތުގެ އިއްތިހާދާ ބައްދަލުކުރުމަށް މަސްވެރިކަމުގެ ސިނާއަތުގެ ވަފްދަކާ އެކު އިކޮނޮމިކް މިނިސްޓަރު ވަނީ ބްރަސަލްސްގައި އޮތް ވިލާތުގެ އިއްތިހާދުގެ ޕާލިމަންޓްގެ ޖީއެސްޕީއާ ގުޅޭ ކޮމިޓީއާ މަޝްވަރާ ވެސް ކުރައްވާފަ އެވެ.
ނަމަވެސް ވިލާތުގެ ޕާލިމަންޓުން ރާއްޖޭގެ އެދުމަށް ދިނީ ފިނި ރައްދެކެވެ. އެހެންކަމުން މި އަހަރު ޑިއުޓީ ފްރީ އިނާޔަތުގެ މުއްދަތު އިތުރުކޮށްފާނެކަމުގެ އުއްމީދު ވަރަށް ކުޑަ އެވެ. ނަމަވެސް ޑިއުޓީ އިނާޔަތް ހޯދުމުގެ ފުރުސަތު މުޅިން ގެއްލިފައި ނެތުމާ އެކު ޑިއުޓީ އިނާޔަތް ލިބިގަތުމަށް ރާއްޖޭން ފުރިހަމަކުރަން ޖެހޭ ގަވާއިދާއި ގާނޫނުތަކުގެ މަސައްކަތް ކުރިއަށް ދިއުމަކީ ހިތްހަމަޖެހޭ ކަމެކެވެ.
ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ދޭ ޑިއުޓީ އިނާޔަތް ކެނޑިގެންދާނެކަމުގެ ސިގްނަލް މިވަނީ 2004 އިން ފެށިގެން ލިބިފަ އެވެ. އެހެންކަމުން އެހިސާބުން ފެށިގެން އުފެދުނު ހުރިހާ ސަރުކާރެއް ވެސް ވަނީ މިކަމުގައި މަސައްކަތްތަކެއް ކޮށްފަ އެވެ. ކުރީ ދެ ސަރުކާރުން ވެސް މައިގަނޑު ގޮތެއްގައި ކޮށްފައި ވަނީ ކުރު މުއްދަތުގެ ހައްލު ހޯދުމުގެ މަސައްކަތްތަކެވެ. ދިގު މައްދަތަށް ވިސްނައި މިކަމުގައި ކުރިއަށް ދާނެ ގޮތުގެ މަގު ޗާޓެއްގެ ޒަރިއްޔާ އިން ދާއިމީ ހައްލަކަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނެތްކަން ހާމަވާ ސަބަބަކީ އިނާތް ކެނޑިގެން ދާކަމުގެ ބިރު މިއަދު އުފެދިފައި އޮތުމެވެ.
އެހެންކަމުން ސިޔާސީ ހުރިހާ ފަރާތްތަކުގެ ފިކުރު އެއްގޮތްކޮށް މިކަމުގައި ދާއިމީ ހައްލެއް ހޯދަން މަސައްކަތްކުރުމަކީ ރާއްޖޭގެ އިގްތިސާދަށް މިހާރަށާއި ދުރު މުސްތަގުބަލަށް ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމެކެވެ.
މިއާޓިކަލްވަނީ ހަވީރުނޫހުގައި 1 ޖުލައި 2013ގައި ޝާއިއުކުރެވިފައެވެ.