މިދިޔަ ފިތުރުޢީދު ވިލޭރޭ އަޅުގަނޑުގެ އާއިލީ ރަހްމަތްތެރިއަކު އަޅުގަނޑަށް ފޯނުން ގުޅިއެވެ. އޭނާ އަޅުގަނޑުމެން ގޭގައި މީގެ 50 އަހަރު ކުރިން ދިރިއުޅުނެވެ. އޭނާ އަޅުގަނޑަށް ގުޅާފައި އޮތްކަން އެނގުނީ އީދު ދުވަހުގެރެއެވެ. އަޅުގަނޑު އަނބުރާ އޭނާގެ ފޯނަށް ގުޅީމެވެ. ނަމަވެސް އެވަގުތު ޖަވާބެއް ނުދެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވުނީ އޭނާއަށް އޮޅިގެން ގުޅުނީ ކަމަށެވެ. އެނެއްދުވަހު، އެއީ ވަޅުޢީދު ދުވަހު އޭނާ އަނެއްކާވެސް ގުޅިއެވެ. ނަމަވެސް އަނެއްކާވެސް އަޅުގަނޑަކަށް އެކޯލު ނެގޭގޮތެއްނުވިއެވެ. ދެން އަޅުގަނޑު މެސެޖް ކޮށްލައިފީމެވެ. މެސެޖާއާއި އެކު އޭނާ އަނެއްކާވެސް ގުޅައިފިއެވެ.
އެންމެ ފުރަތަމަވެސް އަހާލީ އަޑުން މިކާކުކަން އެގިއްޖެތޯ އެވެ. އަޅުގަނޑަން އެގިއްޖެކަމަށް ބުނުމުން ހާލު އަހުވާލު އަހާލިއެވެ. އެއްބަނޑު އެއްބަފާ އެހެން މީހުންގެ ހާލުވެސް އެހިއެވެ. އަދި ރާއްޖޭގައިތޯ ހުރީވެސް އަހާލިއެވެ.
އޭނަ ބުނީ ގުޅާލީ ހަމަ ޙާލު ބަލާލަންކަމަށާއި އަދި އެއްވެސް ކަމަކުނޫންކަމަށެވެ.
އަދި އަބަދުވެސް އަޅުގަނޑުގެ ބައްޕައާއި މަންމަ މަތިން ހަނދާން ހުންނަކަމަށެވެ.
އެއީ އަޅުގަނޑުމެން ގޭގައި އޭނާ ހުރިއިރު، އޭނާ މީހަކަށް ހެދުމަށް ފެހުމުގެ މަސައްކަތް އަޅުގަނޑުގެ ބައްޕަ ދަސްކޮށްދިންކަމަށް ވާތީކަމަށެވެ.
އިތުރުވާހަކައެއް ނުބުނެ، ފޯނު ބާއްވާލައިފިއެވެ.
އަޅުގަނޑު ވަރަށް އުފާވިއެވެ. އަޅުގަނޑު ނޫނަސް އަޅުގަނޑުގެ މައިންބަފައިން މަތިން ހަނދާން ކުރާ މީހުން އުޅޭކަމުގެ އިހްސާސް ކުރެވުނީމައެވެ.
ބުނެއުޅެއެވެ. އެއަތަކުން ދީލަތިވީ މިންވަރަކުން ލިބޭމިންވަރުވެސް އިތުރުވާނެއެވެ. އެކި މިހުންނަށް ދިލަތިވެވޭނީ އެކި މިންވަރަށެވެ. އެކިގޮތަށެވެ. ފައިސާގެ އެހީތެރިކަމުން ނޫނަސް ދީލަތިވެވޭނެއެވެ.
ދިރިއުޅަމަށް ބޭނުންވަނީ ސާފުހިތަކާއި، ތެދުވެރިކަމެވެ.
އަޅުގަނޑުމެންގެ ދަރީންގެ ތަރުބިއްޔަތާއި އުޅުމަށް އަޅުގަނޑުމެންގެ ޙިއްޞާބޮޑެވެ. އެކުދީން ބޮޑުވަމުން އަންނައިރު އަޅުގަނޑުމެން ކުރާ ވަރަށް ގިނަ ކަންކަން ކުރަން އާދަވެއެވެ. އަދި އެކަންކަމަކީ އެންމެ ރަނގަޅު ކަންކަންކަމުގައި ބަލައިގަނެއެވެ.
އަޅުގަނޑުމެންގެ މައިންބަފައިންނަށް ހެޔޮކޮށްހިތައި އެމީހުން މަތީން ހަނދާންކޮށް ދުޢާ ކުރާނަމަ އަޅުގަނޑުމެންގެ ދަރީންވެސް އެގޮތަށް ކަންކުރުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެއެވެ.
ރަސޫލުﷲ (ސއވ)ގެ ހަދީޘްއެއްގައި ވެއެވެ. މީހަކު ދުނިޔެ ދޫކުރުމަށްފަހު އެނޭ ގެ އުޚްރަވީ ދުނިޔެއަށް ކުރެވޭނެކަމެއް ނޯންނާނެއެވެ. އެނާއަށް ފައިދާ ކުރާނީ 3 ކަމަކުންނެވެ. އެއީ ދުނިޔެމަތީގައި ދެމިގެން ދާގޮތަށް އެމީހަކު ކޮށްފައިވާ ހެޔޮކަމަކާއި އިލްމީގޮތުން ކޮށްފައިވާ ޚިދުމަތަކާއި އަދި ދަރީންގެ ހެޔޮދުޢާއެވެ.
އެހެން ކަމުން ދަރީންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މައިންބަފައިންނަށް ކޮށްދެވޭނެ އެންމެ މުހިންމު ކަމަކީ ހެޔޮ ދުޢާކުރުމެވެ.
[caption id="attachment_970" align="aligncenter" width="300"] ސޫރަތު ތޯހާ[/caption]