މި ރާއްޖޭގައި މި ވަގުތު ސަރުކާރު ހިއްސާވާ 60 އަށް ވުރެ ގިނަ ކުންފުނި އެބަހުއްޓެވެ. ގާތްގަނޑަކަށް މިހުރިހާ ކުންފުނިތަކެއްގައި ވެސް ކޮންޓްރޯލިން ހިއްސާ އޮތީ ދައުލަތުގަ އެވެ. ކުންފުނި ހިންގުމުގެ އޮނިގަނޑު އޮންނަގޮތުން، ހިއްސާދާރެއްގެ ހައިސިއްޔަތުން ކުންފުނީގެ ޑަރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރަނީ ސަރުކާރުންނެވެ.

ކަނޑައެޅިގެން އެނގޭ ހަޤީޤަތަކީ ކުންފުނިތަކުގެ ބޯޑް މެންބަރުކަމަކީ މިހާރު ސިޔާސީ ވަޒީފާތައް ކަމެވެ. އެއީ ސިޔާސީ ނުފޫޒު ހުރި ބޭބޭފުޅުންނަށް އާމްދަނީއެއް ޔަގީންކޮށްދިނުމަށް ރައްކާކުރެވިފައި ހުރި ވަޒީފާތަކެކެވެ. އެ ވަޒީފާގައި ލިބެނީ އެ މީހެއްގެ ފެންވަރަށް ތަޖުރިބާ އަށް ނުވަތަ އެއްވެސް އެގެން އޮތް އިވެލުއޭޝަންއެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ.

އެއްވެސް ކަހަލަ އިވެލޫއޭޝަނެއް ނެތި ކުންފުނިތަކުގެ ބޯޑްގެ ވަޒީފާތައް ސަރުކާރުން ސިޔާސީ ފަރާތްތަކަށް އަރުވަމުން ގެންދިޔަ ނަމަވެސް މި ވަޒީފާތަކަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އޮންނަ ވަޒީފާތަކެކެވެ. ކުންފުނީގެ މިސްރާބު ކަނޑައަޅަން އަދި ފަހުބަސް އިއްވަން އޮންނަ ފަރަތަކީ ކުންފުނީގެ ބޯޑެވެ. އެހެންވީމައި ކުންފުނީގެ ކުރިއެރުމާއި ގެއްލުމުގެ މަސްއޫލިއްޔަތު އުފުލަން އޮންނަފަރާތަކީ ވެސް ބޯޑެވެ.

ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމަށް އެންމެ އިސް ދައުރެއް އަދާކުރެވެނެ އެއް ބަޔަކީ ކުންފުނިތަކުގެ ބޯޑެވެ. ބޯޑުގެ އެއް މަސްއޫލިއްޔަތަކީ ކުންފުނީގެ ޕާފޮމެންސް ބެލުމެވެ. ބޯޑުގެ ޒަރިއްޔާއިން މިކަން ކުރުވުމަކީ ކުންފުނީގެ ހިއްސާދާރު ކަމުގައިވާ ސަރުކާރުގެ ޒިންމާއެކެވެ.

އެހެންވެ ދައުލަތުގެ ކުންފުނިތަކުގެ ބޯޑުން، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ރަނގަޅު ގަވާނެންސެއްގެ މަތީ ހިންގުމަށް ބާރުއަޅަންޖެހެ އެވެ.

އަޅުގަނޑަށް ފެންނަގޮތުން ކުންފުނިތަކާ ގުޅޭގޮތުން ފަސް ކަމަކަށް ސަމާލުވެ، ރަނގަޅު ގަވާނަންސްގެ ތެރޭގައި ކުންފުނީގެ ޕާފޮމަންސް ކުރިއަށް ޖައްސާލެވިދާނެ އެވެ.

އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކުންފުނިތަކުގެ އިސް މަގާމުތަކަށް ގެނެވޭ މުއައްޒަފުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ކޮންޓްރެކްޓް އުސޫލުން ގެނެވޭ ބައެއް ކަމުގައި ހެދުމެވެ. ކުންފުންޏެއް ދެމެހެއްޓެނީ ދިގު މުއްދަތުގެ ޕްލޭނެއް ވެސް އޮވެގެންނެވެ. މެނޭޖްމަންޓަށް އެ މީހުންގެ ވަޒީފާގެ ޔަޤީންކަމެއް ދީގެން ނޫނިއްޔާ ދިގު މުއްދަތުގެ ފައިދާއަކަށް މަސައްކަތެއް ނުކުރާނެ އެވެ.

ދެ ވަނަ އަށް ކުރަންވީ ކަމަކީ މިގޮތަށް ކުންފުންޏަށް ކޮންޓްރެކްޓް އުސޫލުން ގެނެވޭ ސިނިއަރ މުއައްޒަފުންގެ ސަބަބުން ކުންފުންޏަށް ލިބޭ ކުރިއެރުމަށް އެ މީހުންނަށް އެކަމުގެ އުޖޫރަ ދޭންވީ އެވެ. އުޖާރަ ކަނޑައަޅާނީ ބޯނަސް ނުވަތަ ކުންފުނީގެ ކުރިއެރުން ލިބޭ މިންވަރަކަށެވެ. ޕަބްލިކް ކުންފުނިތަކުން އެ ކުންފުނީގެ ހިއްސާ ވެސް އެ މީހުންނަށް ދެވިދާނެ އެވެ. އޭރުން ހިއްސާގެ އަގު މައްޗަށް ދިޔަވަރަކަށް އެ މީހުންގެ އާމްދަނީ ވެސް މައްޗަށް ދާނެ އެވެ.

މިގޮތަށް ބޯނަސް ދޭން ވާނީ ކުންފުނީގެ ކުރިއެރުމާއި ލިބޭ އާމްދަނީ ދިގު މުއްދަތުން ކުންފުންޏަށް ލިބިދާނެ ގެއްލުމެއް ގުރުބާން ކޮށްފައި ކުރުމުއްދަތުން ލިބޭ ފައިދާގެ މައްޗަށް ބިނާކޮށްފައެއް ނޫނެވެ.

މިގޮތަށް މިކަން ފާހަގަކޮށްލީ ރާއްޖޭގައި ވެސް އަދި ދުނިޔޭގައި ވެސް ފައިނޭންޝަލް ކުންފުނިތަކުން މިގޮތަށް ކުރު މުއްދަތުގައި ފައިދާ އަށް، ކަންކަން ރާވާލައިގެން ހިންގުމުގެ ސަބަބުން ބައެއް ކުންފުނިތައް ކުރިއަރާ ދިއުން ވަނީ މަޑުޖެހިފައިވާތީ އެވެ. މިފަދަގޮތަކަށް ކަންދިމާވި ކުންފުނިތައް ރާއްޖޭގެ އިގްތިސާދު ތެރޭން ފެންނަން އެބަހުއްޓެވެ.

ދައުލަތުގެ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު އެހެން ދާއިރާތަކާއި އަޅާބަލާއިރު އެހާގޯހެއް ނޫނެވެ. އެހެން ނަމަވެސް، އަހަރުތަކެއް ވަންދެން ފައިދާ ނުވާ ކުންފުނިތަކުގެ މުސާރަ އިގްތިސާދާ އެކު ބަދަލު ނުވެ އެބަހުއްޓެވެ. މި ކުންފުނިތަކުން މުސާރައިގެ ޝަކުވާ ކުރާކަން މީޑިއާ އަށް މިދަނީ އެނގެމުންނެވެ.

ގައުމުގެ އިގްތިސާދު މިގޮތުގައި އަބަދަކު ނޯންނާނެ އެވެ. އިގްތިސާދު ރަނގަޅުވެ، ފުޅާވާން ފަށާއިރު އިތުރު އިންވެސްޓަރުން ވެސް ރާއްޖެ އައިސް ކުންފުނިތައް ގާއިމުކުރުމަކީ ވުން ކައިރި ކަމެކެވެ. އަދި މިހާރު ދައުލަތުގެ ހިއްސާވާ މިހާ ގިނަ ކުންފުނި ހެދުމުގެ އެއް ފައިދާއަކަށް ވާނީ އެ ކުންފުނިތައް ޕްރައިވެޓައިޒްކޮށް އެހެން ފަރަތަކަށް ވިއްކާލުމެވެ. ކުންފުނިތައް ވިއްކާލާއިރު އާއި އިގްތިސާދު ފުޅާވެގެންދާއިރު، ސަރުކާރުގެ ކުންފުނިތަކުގައި ތިބި ގާބިލު މުއައްޒަފުން ހިފެއްޓޭނީ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްގެންނެވެ. މިކަން ކުރަން އެންމެ ރަނގަޅުގޮތަކީ ކުރިން ފާހަގަކުރިހެން ކުންފުނީގެ ކުރިއެރުން ލިބޭ މިންގަނޑަށް ބަލައި ބޯނަހެއް ދީގެންނެވެ.

ގައުމުގެ އިގްތިސާދު ރަނގަޅުވަމުން ދިޔަވަރަކަށް ކުންފުނިތަކުގެ އިސް މުއައްޒަފުންގެ މުސާރާއިގެ ވާހަކަ އަންނާނީ އިތުރަށް ހޫނުވަމުންނެވެ. އެހެންކަމުން މިކަމަށް ތައްޔާރުވުމަކީ ކުންފުނިތަކުގެ ބޯޑުތަކުން ވިސްނާލަންވީ ކަމެކެވެ.

ތިން ވަނަ އަށް ކުރަންވީ ކަމަކީ ކުންފުނިތަކުގެ ބޯޑަށް، ވިޔަފާރި ވިސްނުމުގެ ބޭފުޅުން ގިނަކުރުމެވެ. ރާއްޖޭގައި ކުންފުނި ހިންގައި ގަވާއިދުތަކައި ސްޑޭންޑަޑްތައް މި އަންނަނީ އިންތިހާ އަވަހަށް ބަދަލުވަމުންނެވެ. ކުންފުނިތަކުގައި އެކި ވައްތަރު އޯޑިޓާ އެކު ތަރުތީބުތައް ބަދަލުކުރަން ޖެހެ އެވެ. ޓެކްސް ނިޒާމަށް ބައްޓަންވާ ގޮތަށް ކުންފުނި ތަރުތީބުކުރަން ޖެހެ އެވެ. ކުންފުނި ހިންގުމުގައި ގުޑް ގަވަނަރސް އަދި ބެސްޓް ޕްރެކްޓިސް އަކީ މިހާރު ކުންފުނިތައް ހިންގުމުގައި ލާމެހިފައި ހުންނަ ކަންކަމެވެ. އެހެންކަމުން ކުންފުނިތަކުގެ ބޯޑްގައި ގާބިލު މެންބަރުން ތިބެގެން ނޫނީ ކުންފުނިތައް އެންމެ ރަނގަޅުގޮތުގައި ނުހިންގޭނެ އެވެ.

ބޯޑް މެންބަރުންގެ ވިސްނުމާއި ފިކުރު ކުންފުނި ހިންގުމަށް، ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކެއް ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން (ސީއެމްޑީއޭ) ފަށައިފަ އެވެ. މި ޕްރޮގްރާމްގައި ބައިވެރި ނުވާ ބޭފުޅުންނަށް ބޯޑްތަކުގައި ނުތިބެވޭނެ ކަމަށް ވެސް ވަނީ ވާހަކަދެކެވިފަ އެވެ. އެހެންކަމުން ގަވަރނަސް އަށް ކުންފުނިތަކުގެ ބޯޑުތައް އަހުލުވެރި ކުރުމާ އެކު ރަނގަޅު ގަވަނިން ތަންފީޒް ނުކުރާ ކުންފުނިތައް އެނގޭނެ ގޮތެއް ވެސް އޮތުން މުހިންމެވެ.

މިހާރު ދައުލަތުގައި އޮތް 60 އަށް ވުރެ ގިނަ ކުންފުނި އެއީ ސަރުކާރުން ފުރިހަމައަށް ޒިންމާ ނަގާގެން ހިންގޭނެ ތަންތަންތޯ އެވެ؟ ޒަމާނީ ވިސްނުމުގައި ސަރުކާރަކީ ހުރިހާ ވިޔަފާރިއެއްގައި ހަރަކާތްތެރިވާނެ ބައެއް ނޫނެވެ. އެހެން ކަމަށްވާ ނަމަ މިދެންނެވި ކުންފުނިތަކުން ކޮންމެ ވެސް މިންވަރެއް ނޫނީ ބައެއް ޕްރައިވެޓައިޒް ކުރާނެ އެވެ. މިގޮތަށް އެހެން ފަރާތަކަށް ކުންފުނި ދުކޮށްލާއިރު، ކުންފުނި އަގުމަގު ރަނގަޅަށް ކުރެވޭނީ ރަނގަޅު ގަވަރނަސް އަށް މެނޭޖުކުރެވިފައި ހުރުމާއި ދެފުށް ފެންނަގޮތަށް ހިންގިފައި ހުންނަ ކުންފުނިތަކެވެ. އެހެންވީމަ ވިއްކާލާއިރު ރަނގަޅު އަގު ލިބޭނީ މިފަދަ ކުންފުނިތައް ކަމުގައި ބެލެވެ އެވެ.

ހަތަރު ވަނަ ކަމަކަށް ކުރަންވީ ކަމަކީ ކުންފުނިތައް ރަނގަޅު ގަވަނަންސްގެ ތެރޭގައި ހިންގުމަށް ބާރު އެޅުމެވެ.

ބޭނުމަކީ ކުންފުންޏަށް އިންވެސްޓްކުރާ ފަރާތެއް ނުވަތަ ހިންގުމާ ހަވާލުވާ ފަރާތަކުން ވެސް ކުންފުނި ހިނގާގޮތާއި، ދުރުމުސްތަގުބަލުގައި ފައިދާވާނެތޯ އާއި ވިޔަފާރިއަކީ ދެމެހެއްޓެނިވި ވިޔަފާރިއެއްތޯ ދެނެގަންނަން ބޭނުންވާނެ އެވެ. މިކަން އިންވެސްޓަރަކަށް އެންމެ ރަނގަޅަށް ދައްކުވައިދެވޭނީ ރަނގަޅު ގަވަރނާސްގެ ތެރޭގައި ހިންގާ ކުންފުނިތަކަށެވެ.

ފަސް ވަނަ ކަމަކަށް ކުންފުނިތައް ރަނގަޅު ގަވަރނާންސްގެ ތެރޭގައި ހިންގަމުން ގެންދިއުމަށް ސަރުކާރުގެ ކުންފުނިތަކާ ބެހޭ އިދާރާ ޕަބްލިކް އެންޓަޕްރައިސަސް މޮނިޓަރިން ބުޔުރޯގެ (ޕެމެބް) މޮނިޓަރިން ދައުރު ވަރުގަދަ ކުރުމެވެ.

ކުންފުނިތައް ދިގު މުއްދަތަށް ފައިދާކުރާނެ ކަމަށް ބަލައި ބޯޑުން ކުރަން ކަނޑައަޅާ ބޮޑެތި އިންވެސްޓްމަންޓްތައް ވީހާ ވެސް ބޮޑަށް ދެފުށް ފެންނަ ގޮތަށް މުއާމަލާތްކޮށްފައި ހުރޭތޯ ބެލިދާނެ އެވެ.

މިހާރު ވެސް ސަރުކާރަށް ތިން އަހަރުގެ ވިޔަފާރި ޕްލޭނެއް ކުންފުނިތަކުން ހުށަހަޅަން ޖެހެއެވެ. މި ބިޒްނަސް ޕްލޭން ރޭވިފައިވާގޮތަށް ތަންފީޒް ކުރޭތޯ ސަރުކާރުން މޮނީޓަރ ކުރެވިދާނެ އެވެ. ބިޒްނަސް ޕްލޭނާ އެއްގޮތަށް ވިޔަފާރި ކުރިއަށް ނުދާ ނަމަ ކުންފުނީގެ ބޯޑާއި ސީނިއަރ މެނޭޖްމަންޓާ ސުވާލު ކުރެވިދާނެ އެވެ. އަދި ކުންފުނިން ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލު ނުކުރާ ނަމަ ޒިންމާވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ކުންފުނި ހިންގުމުގެ މަސްއޫލިއްޔަތުން ވަކިކުރެވިދާނެ އެވެ.

އެންޓި ކޮރަޕްޝަނާ ގުޅޭގޮތުން ބޯޑުގެ ސިޔާސަތަކީ ކޮބައިތޯ ބަލައި، ކުންފުނީގައި ސިޔާސަތެއް ނެތް ނަމަ ސިޔާސަތެއް އެކުލަވާލުމަށް ބާރުއަޅައި އެ ސިޔާސަތު ހިންގުމަށް ބޯޑުން އެކަށީގެންވާ ސަމާލުކަން ދެމުންގެންދޭތޯ ވެސް ބެލިދާނެ އެވެ.

ކުންފުނިތައް އެންމެ އެދެވޭގޮތަށް ނުހިންގޭ މައިގަނޑު ސަބަބުތަކަކީ ސިނިއަރ މެނޭޖްމަންޓާއި ބޯޑް އެކުލަވައިލެވެނީ އެ މީހުންގެ ގާބިލްކަމާއި، ފެންވަރާއި ތަޖުރިބާގެ މައްޗަށް ބުރަވެގެން ނޫން ކަމަށް ވާތީ އެވެ. ސަރުކާރުން ކުންފުނި ހިންގުމަށް އިންސާނީ ވަސީލަތް ހޯދަނީ ސިޔާސީ ނުފޫޒަށް ބުރަވެ އެވެ.

ސަރުކާރުގެ ހިއްސާގައި ހުރި ކުންފުނިތައް ދުޅަހެޔޮކުރުމަށް ސަރުކާރުގެ އިހްލާސްތެރިކަމެއް ހުރިއްޔާ މިހާރު ވެސް ކުންފުނިތަކުގެ ހިންގުން މިހާރަށް ވުރެ އެތައް ގުނައެއް ކުރިއަށް ޖައްސައިލައި ފައިދާ ކުރެވިދާނެކަން ކަށަވަރެވެ.

މިއާޓިކަލް ވަނީ 17 އެޕްރިލް 2013ގައި ހަވީރު ނޫހުގައި ޝާއިއުކުރެވިފައެވެ. ކޮމެންޓްތައްވެސް އެއީ ހަވީރު ނޫހުގައި ހުރިގޮތަށެވެ.