އަޅުގަނޑުމެންގެ އެއާޕޯޓްއަކީ އަބަދުވެސް ވަރަށް މައްޗަށް ސިޔާސީ ނޫފޫޒާއި ބާރު ފޯރާފައިވާ ތަނެކެވެ. ހުޅުލޭގައި ހެދި ފުރަތަމަ އެއަޕޯޓް ހެދީ އިންގިރޭސިންނެވެ. އަދި އޭގެ ފަހު ދިވެހީން ގައުމީ ރޫޙްގައި ނިކުމެ އަމިއްލައަށް އެއާޕޯޓް ތައްޔާރުކުރިއެވެ.

 

 ޒަމާނީ ފެންވަރަށް އެއަޕޯޓް ފަރުމާކުރުމުގައި ރައީސް އިބްރާހީމް ނާސިރު އާއިރައީސް މައުމޫނުގެ ވެރިކަމުގު ދައުރުގައި ކުރެވުނު މަސައްކަތްތައް ގިނައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އެއަޕޯޓް ތަރައްޤީކުރަން ގަސްތުކުރީ ބޭރުކުންފުންޏެއް މެދުވެރިކޮށެވެ.

  

މިހާރުވެރިކަމުގައި ހުރި ރައީސް ވަހީދު، އެއަޕޯޓް މިވަނީ އަނެއްކާވެސް ދިވެހި ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ހިންގުމަށް ބަދަލުކޮށްފައެވެ. މިގޮތަށް މިބަދަލު ގެނެވުމުން އެއަޕޯޓް ކުއްޔަށް ހިފާއިގެން ހިންގަމުންގެންދިޔަ، ޖީއެމްއާރު ކުންފުނި މިވަނީ ދިވެހި ސަރުކާރާއި އެކު އާބިޓްރޭޝަންއަކަށް ގޮސްފައެވެ. މާނައަކީ ދިވެހި ސަރުކާރާއި ޖީއެމްއާރުއަށް ނިސްބަތްނުވާ ނިއުޓްރަލް ގައުމެއްގެ ޤާނޫނީ ހަމަތަކުގެ ތެރޭން ކޯޓް މަރުހަލާއިން ބޭރުން ދެފަރާތުންވާހަކަ ދައްކައި ހައްލެއް ހޯދަން މަސައްކަތްކުރަނީއެވެ.

 

ޖީއެމްއާރުން މިވަނީ1.4ބިލިއަން ޑޮލަރު (ގާތްގަނޑަކަށް21.5 ބިލިއަން ރުފިޔާ) ހޯދުމަށް އެދިފައެވެ. އާބިޓްރޭޝަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅުގައެވެ. ބަދަލުގެ ގޮތުގައި ހޯދަން ހުށަހަޅާފައިވާ އަދަދުގެ ތެރޭގައި ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބެން ޖެހޭ އަދަދާއި ސަބް ކޮންޓްރެކްޓަރުންނަށް ދައްކާފައިވާ ފައިސާ އާއި އެ ނޫން ވެސް ފައިސާ ހިމެނެއެވެ. އަދި އެ ބަދަލު ހޯދަން ހުށަހަޅާފައި ވަނީ ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ވެސް ހިމެނޭ ގޮތަށެވެ.

 

އެއާޕޯޓް ކުންފުނިން ބަދަލު ހޯދުމަށް ޖީއެމްއާރުން މަސައްކަތްކުރަމުންދާއިރު އެމްޑީޕީން ބުނަމުން މިގެންދަނީ އެޕާޓީ ވެރިކަމަށް އަތުވެއްޖެކަމުގައިވަނީ ނަމަ ޖީއެމްއާރުއަށް އަލުން އެއަޕޯޓް ދޫކުރާނެކަމަށެވެ.

 

މިހާލަތުގައި އޮއްވައި ދިވެހިސަރުކާރުން އެއާޕޯޓް ޕަބްލިކް ކޮންޕެނީއަކަށް ހަދައި ހިއްސާ ވިއްކުމުގެ މަސައްކަތް ކުރާން އުޅުމުގެ މަގުސަދެއްއޮތިއްޔާ އެއީ ކޮންބޭނުމަކު ކުރާކަމެއްތޯ އެއީ ސުވާލު އުފައްދަންޖެހޭކަމެކެވެ.

 

އާންމު ގޮތެއްގައި ކުންފުންޏަކުން ހިއްސާވިއްކުމުގެ މަގުސަދުތަކެއް އޮވެއެވެ. އަދި ހިއްސާ ވިއްކުމުން އެކަމުން ކުރާ އެދެވޭ އަދި ނޭދެވޭ އަސަރު ހުރެއެވެ.

 

ހިއްސާވިއްކުމުން ލިބޭ ފައިދާތަކުގައި ކެޕިޓަލް އިތުރުވުން، އެހެން ކުންފުނިތަކަށް ހިއްސާ ވިއްކައިގެން އެކުންފުނިތައް އޮޕަރޭޝަން ކޮންޓްރޯލު ކުރުން، ކުންފުނީގެ ހިއްސާދާރުން ފުޅާކުރުން، އާންމުގެ މެދުގައި މަގްބޫލުކަން ހޯދުންފަދަ ކަންކަމެވެ.

 ހިއްސާ ވިއްކީމައިވާފައިދާއާއި އެއްގޮތަށް ނޭދެވޭ އަސަރުވެސް ކުރާނެއެވެ. އޭގެ ތެރޭގައި ހަރަދު ބޮޑުވުން، ވިޔަފާރިކުރުމަށް މެނޭޖްމަންޓްއަށް ހުރަސްތަކެއް ހުރުން، ކުރުމުއްދަތުގައި ފައިދާ ނެރުމަށް ޕްރެޝަރ ބޮޑުވުން، މަޢުލޫމާތު އާންމުކުރަންޖެހުން، އަދި ކަންކަން ނިންމުމަށް އޮންނަ ބާރުކުޑަވެގެން ދެއެވެ.

އިޤްތިޞާދީގޮތުން ގައުމު އޮތްހާލަތުން އަވަސް އަރުވައިގަނެގެން އެއާޕޯޓް ކުންފުނީގެ ހިއްސާ ވިއްކުމުގެ ހިޔާލު ފެންމަތިކޮށްގެން އުޅޭ ބޭނުމެއް ސާފުވުން އެއީ ވަރަށް މުހިންމުކަމެވެ. ސަބަބަކީ ހިއްސާ ގަތުމުގައި އާންމުގެ ތަރުހީބު ނުލިބުމަކީ އެކަށީގެންވާކަމެވެ. އެސްޓީއޯއާއި ދިރާގުއަކީ ފައިދާވާ އާންމު މީހުން ފަރިތަ ކުންފުނިތަކެވެ. ނަމަވެސް ހިއްސާ ވިއްކުމަށްޓަކައި، މުއްދަތު އިތުރުކޮށް މަސައްކަތް ތަކެއް ކުރަންޖެހުނެވެ. ސަބަބަކީ އާންމުގެ އަތުގައި މިވަގުތު ހިއްސާއަށް ހަރަދުކުރާން ފައިސާ ތިޔާގިއެއް ނޫނެވެ. އެހެން ކަމުން އެއާޕޯޓް ހެދުމަށް 1960ގެ ކުރީކޮޅުގައި އަޅުގަނޑުމެން މައިންބަފައިން ނިކުންގޮތަށް ގައުމީ ރޫޙްގައި އެއާޕޯޓްގެ ހިއްސާ ގަންނަން ނިކުމެދާނޭ ބުނަން މިވަގުތު ދައްޗެވެ.

ހިއްސާ ވިއްކަން އޮތީ އާންމުންކަމަށް ވަނީ ވިއްޔާ ހިއްސާއެއްގެ އަގު ހަމަޖެހިގެންދާނީ މިހާރު އެސްޓީއޯ،ބޭންކް އޮފް މޯލްޑިވްސް ނޫނީ ދިރާގުން ހިއްސާ ވިއްކާފައިވާ އަގުތަކެވެ. މިއަގުގައި ހިއްސާ ވިއްކާގެން އެއާޕޯޓްއިން ކުރަން ބޭނުންވާ އިންވެސްޓްމަންޓްއަކަށް ހަރަދު ލިބޭވަރުވާނެބާއެވެ.

ނޫނީ ޖީއެމްއާރުން ބަދަލުގެ ގޮތުގައި ހޯދުމަށް ދައުވާކުރާ ފައިސާ ހިއްސާ ވިއްކާގެން ތެދުކުރެވެދާނެ ކަމަކަށް އަޅުގަނޑު ހިތެއް ނުބުނެއެވެ.

 

އަޅުގަނޑުގެ ލަފާއަކީއާންމުނަށް ހިއްސާ ވިއްކާގެން އެއާޕޯޓްގެ އިންވެސްޓްމަންޓް ނޫނީ ޖީއެމްއާރުން ބަދަލުގެ ގޮތުގައި ބޭނުންވާ ވަރަށް ފައިސާ އެއް ނުހޯދޭނެކަމަށެވެ.

 

ހިއްސާ ވިއްކުމުން ޖީއެމްއާރުއަށް އެއާޕޯޓް އަލުން ދިނުން ހުރަސް އެޅޭނެކަމެއް ކަމަށް ލަފާކޮށް ހިއްސާ ވިއްކާގެން މި މަގުސަދު ހާސިލު ވެދާނެ ކަމެއް ކަމުގައި ނުވެދާނެއެވެ. ބައެއްގެ ހިއްސާއެއް އޮތުމަކީ އަދި ކުންފުނީގެ ބޮޑުފަޅި އޮންނަ ފަރާތުން ކުންފުނި ވިއްކާނުލެވޭނެ ހާލަތެއް ނޫނެވެ.

 

ހިއްސާގެ މުޢާމަލާތް ހިންގުމަށް މަދުވެގެން މަހަކަށްވުރެ ގިނަ ދުވަސް ނަގާނެއެވެ. މިހެން އޮތް ހާލަތެއްގައި އަޑުއިވެމުން މިދަނީ ގައުމުގެ ތިބި ފައިސާވެރިންނަށް ހިއްސާތައް ވިއްކާލަން އުޅޭވާހަކައެވެ. މިވާހަކައިގެ ތެދުދޮގު އަދި އެންމެ ރަނގަޅަށް ފެންމައްޗެއް ނުވެއެވެ.

 

ކޮންމެހެން މުއްސަދިންނަށް ހިއްސާ ވިއްކާފައި، ދެން އެއާޕޯޓް ބޭރުގެ ފަރާތަކަށް ކުއްޔަށްދިން ދިނުމަކީ، ދިވެހިންގެ ބައެއްގެ އަތުގައި ހިއްސާ ހިފޭއްޓޭނެ ކަމުގެ ގަރެންޓީއެއް ނޫނެވެ. މިސާލަކީ އެމްޓީޑީސީގެ ހިއްސާ ހިސޯރުކޮށް އެތަން ގެއްލުމަށް ވައްޓާލުމުގެ ޒިންމާ ނަގަންޖެހެނީ ނަހަމަގޮތުގައި އެހިއްސާތައް ގެންގުޅޭ ވިޔަފާރިވެރިންނެވެ. ކުރުމުއްދަތުގެ ފައިދާ ނެގުމުގެ ބޭނުމުގައި އިންވެސްޓްކުރި ފައިސާއަށް ބޭނުންވާ ފައިދާ ނަގާނިމި، މިހާރު ގަންނަމުން ދަނީ އެކުންފުނީގެ ހަރުމުދަލެވެ. އާހިރުގައި ގެއްލުން މިވަނީ ހިއްސާއަށް އިންވެސްޓްކުރި އާންމު މީހާއަށެވެ.

ވިޔަފާރި މިފަދަ މިވިސްނުމެއްގައި އެއާޕޯޓްއަށް އިންވެސްޓްކުރާ ފަރާތްތައް އެއާޕޯޓްގެ ހިއްސާގެ ބޮޑުފަޅި ބޭރުގެ ފަރާތަކަށް ސަރުކާރުން ވިއްކާލައިފި ކަމަށްވަނީނަމަ، ވިޔަފާރި ވެރިޔާ ދިވެހިގައުމުގެ ހައްގުގައި ހިއްސާ ހިފައްޓައިގެން ތިބެދާނެކަމީ މިދެންނެވި މިސާލުންނާއި ފެންނަމުންދާ ކަންކަމުން ޔަގީންކަން ލިބޭކަމެއް ނޫނެވެ.

ދިރިހުރި މިސާލެއް ބަލައިލަމާ- ރާއްޖޭގައި ސީޕްލޭން ދުއްވައި ދެކުންފުނީގެ ހިއްސާ މިވަނީ ބޭރު ކުންފުންޏަކުން ގަނެފައެވެ. ހިއްސާގެ ބޮޑުބައި ކޮންޓްރޯލުކުރާތީ މިހާރު މިވިޔަފާރީގެ މޮނޮޕޮލީއެއް މިވަވަނީ ގާއިމު ވެފައެވެ. މި ހިއްސާ ވިއްކާލާފައިވާނީ މިހެން މިކަންވާނެކަން ދެނެގެން ތިބެއެއްނޫންތޯއެވެ.

ހަމަ މިފަދަގޮތެއް އެއާޕޯޓްގެ ހިއްސާއަށްވެސްވުން އެކަށީގެންވެއެވެ. އާދެ، ވިޔަފާރިވެރިޔާއަށް ހިއްސާގެ އަގަށް ފައިދާ ޖެހުމުން ވިއްކާލުމަކީ ބުއްދިވެރި ވިޔަފާރިއެވެ. މިއީ ކަން ހިންގާނެ ގޮތުގެ ހަގީގަތެވެ.

ސަރުކާރު ހިންގުމަށް ކޮންމެ ޕާޓީއެއް އޮތްކަމުގައި ވިޔަސް ވިސްނާލަންޖެހޭ ކަމަކީ، އަޅުގަނޑުމެން އިގްތިސާދީ ގޮތުން ދެމިތިބެވޭނީ އެއާޕޯޓްއިން ދޯރިވެގެން ލިބޭ ހިދްމަތުންކަމެވެ. ޓޫރިޒަމްގެ އިތުރުން މިހާރު މަސްވެރިކަމުންވެސް ނަފާ ލިބޭ ދިމާއަކަށް އެއާޕޯޓްވެއްޖެއެވެ.

ދުނިޔޭގެ ގައުމުތަކުގައި އާންމުކޮށް ގެންގުޅޭ މަސްއުނި އިގްތިސާދީ ސިޔާސަތުގެ ތެރޭން އެގައުމަކަށް މުހިއްމުވާ އިގްތިސާދީ ހިދްމަތްތަށް ހުންނަނީ ސަރުކާރުގެބެލުމުގެ ދަށުގައެވެ. އިންޑިއާގައި މައި ރޭލްވޭ ކުންފުނި އެއީ އެގައުމުގެ ސަރުކާރުން ބަލަހައްޓާ ކުންފުންޏެކެވެ. ސަބަބަކީ ރޭލުގެ ހިދްމަތަށް އުނިކަމެއް އައުމަކީ އެމީހުންގެ އިގުތިސާދަށް ގިނަގުނަ ގެއްލުންތަކެއް ވެދާނެކަމަކަށްވާތީއެވެ. މީގެ އަށެއްކަ އަހަރާއި ޖެހެންދެން އިންޑިއާގެ ރޭލްވޭ ކުންފުންޏަކީ ގެއްލުމުގައި ހިންގާފައިވާ ކުންފުންޏެކެވެ. ނަމަވެސް އެކުންފުނިންޏަށްވާ ގެއްލުމަށްވުރެ ދޭ ހިދްމަތުން އިގުތިސާދަށް ލިބޭ ފައިދާ ބޮޑުވީމައި ކުންފުނި ހިންގުން ސަރުކާރަށް މުހިންމުވަނީއެވެ. އަޅުގަނޑުމެންގެ ބައިނަލްއަގްވާމީ އެއާޕޯޓްއަކީ މިބީދައިން މިނަންޖެހޭ ތަނެކެވެ.

ކޮންމެ ގޮތަކަށް ކޮންމެ މެނޭޖްމަންޓްއެއްގައި އެއާޕޯޓް ހިންގިކަމުގައި ވިޔަސް ބޭނުމަކަށްވާންވީ، ރާއްޖޭގެ އިގުތިސާދަށް ކަންކަން ފަސޭހަވާނޭމަގަށް، އެއާޕޯޓް ހިނގޭނެ ގޮތްތަކެއް މެދުވެރިވެފައި އޮތުމެވެ. އަޅުގަނޑުމެންގެ އެއާޕޯޓްއަކީ އެއާލައިންތަކަށް ވާދަވެރި ހިދްމަތެއް ދެވޭ އެއާޕޯޓްއަކަށްވާންޖެހެއެވެ. އެހެންނޫނީ އެއަލައިންތައް މެދުވެރިކޮށް މިއަންނަ ޓޫރިސްޓުން އެހެން މަންޒިލްތަކަށް ގެންދިއުމަށް ބާރު އަޅަން ފަށާފާނެއެވެ. ނޫނީ ޗުއްޓީގެ ބައިކުޅަބައެއް ހޭދަކުރުމަށް މިމަންޒިލްއަށް ފުރުސަތު ބާއްވަފާނެއެވެ. ނަތީޖާއަކަށްވާނީ އާހިރުގައި އަޅުގަނޑުމެންނަށް އިގުތިސާދީގޮތުން ގެއްލުންވާންފެށުމެވެ.

އަދި އެއާޕޯޓްއަކީ އެއާލައިންގެ ކާގޯ ރަނގަޅަށް ގެންގުޅެ ބެލެހެއްޓޭ ތަނަކަށް ވާންޖެއެވެ. މިހާރު ވަރަށްގިނަ މަހުގެ ބާވަތްތައް ކާގޯގެ ގޮތުގައި ދުރު މަންޒިލްތަކަށް މިދަނީ މިރާއްޖޭން ފޮނުވަމުންނެވެ. އެހެންކަމުން މިހިދްމަތް ފުޅާކުރަން އެއާޕޯޓްއިން އިންތިހާއަށް ވިސްނަންޖެހެއެވެ.

އެއާޕޯޓްއަކީ ދިވެހީންގެ މިނިވަންކަން ހޯދުމަށް ކުރި މަސައްކަތުގެ އެއްދަންމަރެވެ. އަޅުގަނޑުމެންގެ މައިންބަފައިން އަޅުގަނޑުމެންނާއި ހަމައަށް ފޯރުކޮށްދިން ދަންމަރު މިއަދު މިވަނީ އަޅުގަނޑުމެންގެ އިގުތިސާދީ މިނިވަންކަން ދަމަހައްޓަން ހުރި ދޮރާއްޓައްވެފައެވެ.

މިމަޒްމޫނު ވާނީ ސީއެންއެމްގައި 8 ނޮވެމްބަރ 2013 ގައި ޝާއިޢުކޮށްފައެވެ.