ވިލާތުގެ އިއްތިހާދުން ރާއްޖެ އަށް ދޭ ޑިއުޓީ އިނާޔަތް ކެނޑިގެންދާނެ ކަމުގެ ސިގްނަލް މިވަނީ 2004 އިން ހިސާބުން އެނގިފަ އެވެ. އެހެންކަމުން އެ ހިސާބުން ފެށިގެން އޮތް ހުރިހާ ސަރުކާރަކުން ވެސް، މައިގަނޑު ގޮތެއްގައި ކޮށްފައި ވަނީ ކުރު މުއްދަތުގެ ހައްލު ހޯދުމަށް ކުރެވެން ހުރި ކަންތަކެވެ.

ދިގު މައްދަތަށް ވިސްނައި މިކަމުގައި ކުރިއަށް ދާނެ ގޮތުގެ މަގުޗާޓެއްގެ ޒަރިއްޔާއިން ދާއިމީކޮށް މިސިނާއަތު ވާދަވެރިކުރުމަށް ތަންފީޒު ކުރަންޖެހޭ ކަންކަމަށް ހުރީ ފަރުވާ ކުޑަކުރެވިފަ އެވެ. މިދެންނެވި ގޮތްތަކަށް މަސައްކަތްކޮށްފައި ނެތްކަން ހާމަވާ ސަބަބަކީ އިނާތް ކެނޑިގެން ހިނގައްޖެކަން އެންގުމަށްޓަކައި 7 ނޮވެމްބަރ 2013 ބޭއްވި ނޫސް ކޮންފަރެންސްގައި އޭރުގެ ފިޝަރީޒް މިނިސްޓަރ ޝަފީއު ވިދާޅުވެފައިވަނީ "މަސްވެރިކަން ޕްރޮމޯޓް ކުރުމާއި އަދި ސަރުކާރުން މި މައާފުކުރާ ބައެއް ފީތަކުގެ ތެރޭން ވީހާ ވެސް ބޮޑަކަށް މި ބަދަލުގެ އަސަރު މަސްވެރިންނަށް ނުފޯރާވޭތޯ މި ދަނީ ފިޔަވަޅުތަކެއް އަޅަމުން. ބައެއް މާކެޓްތަކުން އަޅުގަނޑުމެންނަށް ޔޫރަޕަށް ވުރެ ވެސް ރަނގަޅު އަގެއް ހޯދިދާނެ،" ކަމަށެވެ.

ޖީއެސްޕީ އާއި ގުޅޭގޮތުން ދިމާވާ ކަންތައްތަކާ ގުޅޭ ގޮންޖެހުންތަކަށް ކުރިމަތިލުމަށް މިވަނީ އާ ސަރުކާރެއް މަތިވެފަ އެވެ. މިދިޔަ ބުރާސްފަތު ދުވަހު 28 ނޮވެމްބަރ 2013 ގައި ސަރުކާރުން ބޭއްވި ޕްރެސް ކޮންފަރެސްއެއްގައި ހާމަކުރައްވާފައި ވަނީ ވިލާތުގެ އިއްތިހާދަށް ހުށަހެޅި ޖީއެސްޕީ އެޕްލިކޭޝަން އަނބުރާ ގެންނެވި ވާހަކަ އެވެ. ހަމަ މިއާ އެކު އަޅުއްވާނެ ފިޔަވަޅުތަކެއް ވަނީ ހާމަކުރައްވާފަ އެވެ. މައިގަނޑު ގޮތެއްގައި މިވަނީ އިތުރު މާކެޓްތަކަށް ވަންނާނެ މަގުތައް ފަހި ކުރުމަށް ކުރެވޭނެ މަސައްކަތުގެ ވާހަކަ އެވެ.

ހަޤީގަތުގައި މިހާރު ވެސް މިވަނީ ވަރަށް ގިނަ ކަންކަން މަސްވެރިކަމުގެ ސިނާއަތު ވާދަވެރި ކުރުމަށް ސަރުކާރުގެ ފަރާތުން ހަމަޖައްސާއި ދީފަ އެވެ. މަސްވެރިކަމުގެ އުފެއްދުން ބަންދުކުރުމަށް ބޭނުންވ ތަކެއްޗާއި ފެކްޓަރީތަކަށް ބޭނުންވާ ތަކެތި ވެސް މިހިރީ ޑިއުޓީ މަޢާފް ކުރެވިފަ އެވެ.

ދެން ހުރީ ނިމި ދިޔަ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޝަފީއު އެ ފާހާގަކުރެއްވި ފީތައް ކުޑަކުރައްވައިގެން ނުވަތަ އުވައިލައްވައިގެން މި ވަގުތުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެތޯ ބެލުމެވެ. ލަފާކުރެވޭ ގޮތުގައި ފީތަކާ ކުޅެގެން ބޭރުކުރާ ކަންނެލި މަސް ކިލޯއަކުން 15 ނުވަތަ 20 ސެންޓް ކުޑަކުރެވިދާނެ އެވެ. އެކަމަކު މިވަރަކުން އަދި މި ރާއްޖޭގެ މަހަކަށް ވިލާތުގައި ވާދަވެރިއެއް ނުވެވޭނެ އެވެ. އަދި އަމުދުން ކަޅުބިލަމަހުގެ އުފެއްދުންތަކަށް ވާދަވެރިވުމަށް ބާރެއް ނުލިބެ އެވެ.

މިހެން މިދަންނަވަނީ އަޅުގަނޑުމެން ވާދަކުރަން އޮތް އެއް ގައުމަކީ ސްރީލަންކާ އެވެ. އަޅުގަނޑުމެން ދެ ގައުމުގެ މީހުން މަސްވެރިކަން ކުރަނީ އެއް ކަނޑަކުންނެވެ. ނަމަވެސް، ދެބައި މީހުން މަސްބާނާގޮތާއި ޚަރަދު ތަފާތެވެ. އަދި މަސް ބަންދުކުރުމުގެ ޚަރަދު އެ ގައުމުގައި ކުޑަ އެވެ. އަދި ފްރައިޓަށް އެ ގައުމުގެ އެކްސްޕޯޓަރުން ވިލާތަށް ފޮނުވަނީ ރާއްޖެ އަށް ވުރެ އެއް ޑޮލަރު އަގު ހެޔޮކޮށެވެ.

ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ހަމަޖައްސާދެވިފައިވާ ލުޔާ އެކު ވެސް ވިލާތުގައި އަޅުގަނޑުމެން ވާދަވެރި ވުމަށް ގޮންޖެހުންތަކަކާ ކުރިމަތި ވެއެވެ. އެހެންކަމުން ބަލަން މިޖެހެނީ ދެން ކުރެވޭނީ ކޮންކޮން ކަމެއްތޯ އެވެ؟

މިހާރުން މިހާރަށް ކުރެވިދާނެ ކަމަކަށް ފެންނަނީ މަސްވެރިކަމުގެ ސިނާއަތަށް އިންވެސްޓްކޮށްފައިވާ ތަންތަނުގެ ކުލި ކުޑުކުރުމެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަންކަމަށް ކަނޑައަޅާ ބިން އެއް މިންގަނޑެއްގައި ކުލި ހަމަޖައްސާފައި ބޭއްވުމެވެ.

އެކަމަކު އެންމެ މުހިންމީ ދިގު މުއްދަތަށް ކުރަން ޖެހޭ ކަންތަކެވެ. މި ކަންތައްތައް މިހާރު ވެސް ހުރީ ފެށިފަ އެވެ. ނަމަވެސް ތަންކޮޅެއް ބާރުމިނުގައި މިކަންކަން ގެންގޮސްގެން ނޫނީ އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ވާދަވެރިއެއް ނުކުރެވޭނެ އެވެ.

މަސްވެރިކަމުގެ އުފެއްދުން އުފައްދާ ފެކްޓަރީތައް މިހާރު މިހިރީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް މަސް ބަންދު ކުރެވޭނެ ފެންވަރަށް ތައްޔާރުކޮށްފަ އެވެ. އަދި އެ ފެކްޓަރީތަކުގައި ބޭނުންކުރަނީ ޒަމާނީ އާލާތެވެ.

އެހެން ނަމަވެސް މަސްވެރިކަން ކުރުމުގެ ދާއިރާ އަޅުގަނޑުމެން އެބަ ކުރިއަރުވަން ޖެހެއެވެ.

މަސްވެރިކަން ކުރާ ގޮތް ލޭނަށް (ލޯންގް ލައިން) އަށް ބަދަލުކޮށް ކޮންމެ މަސްވެރިކަމެއްގެ ދަތުރެއްގައި ބާނާ ކަންނެލީގެ އަދަދު އިތުރު ކުރަން ޖެހެ އެވެ. މިކަން ކުރެވޭނޭ މަސްވެރިންނަށް ތަމްރީން ދީ އަދި މިކަން ކުރާނެ އާލާތް އަގު ހެޔޮކޮށް ފޯރުކޮށްދީގެންނެވެ. އެއީ އެއް މަސްވެރިކަމުން އަނެއް މަސްވެރިކަމަށް ހިޖްރަކުރުމަށް މަސްވެރިންނަށް ބާރު އެޅުމުގެ ބޭނުމުގަ އެވެ.

އާ ޖީލެއްގެ ދޯންޏެއް ފަރުމާކުރަންޖެހޭ ދުވަސްވަރު 2000 ގެ އަހަރުތަކުގެ ކުރީކޮޅު އަތުވެއްޖެ ކަމަށް ގަބޫލުކުރެވެ އެވެ. އެހެންނަމަވެސް ސަބަބުތަކަކާ ހުރެ އެކަން މިއޮތީ ނުވެ އެވެ. ނަތީޖާއަކަށްވީ މަހަށް ނުފުރޭ ދޯނިތަކެއް ގިނަވެ، މަސްވެރިންގެ ވަޒީފާ މަދުވެ، ބައެއް އޮޑިވެރިން ބަނގުރޫޓްވެ ބޭންކަށް ނުދެއްކި ހުރި ލޯންތަކެއް ހުރުމުން އިގްތިޞާދަށް ނޭދެވޭ އަސަރު ކުރުމެވެ. އެހެންވީމަ ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިކަން ކުރުމަށް އެކަށޭނެ ސައިޒެއްގެ، ޑިޒައިންއެއްގެ، ތެޔޮ ހަރދުކުޑަ އުޅަނދަކަށް މިހާރު މިވަނީ ބޭނުން ޖެހިފަ އެވެ.

މި އަހަރުގެ ބަޖެޓްގައި މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ކަންތައްތަކުގެ ތެރެއިން އެއް މިލިޔަން ރުފިޔާ ވަނީ ޕޮޓެންޝިއަލް ފިޝަރީ ޒޯން (ޕީއެފްޒެޑް) ނުވަތަ މަސްވެރިންނަށް ފަސޭހައިން މަސްއައިން ހޯދޭނެ ނިޒާމެއް ހޯދައިދިނުމަށް ޚަރަދުކުރުމަށް ކަނޑައަޅައިފަ އެވެ. ނަމަވެސް މި މަޢުލޫމާތު ބޭނުންކުރުމަށް މަސްވެރިން އަހުލުވެރިން ކުރުވަން ޖެހެ އެވެ. އަދި ބޭނުންކުރާނެ ގޮތަށް މަސްވެރިނަން އަންގައިދީ އެ މަޢުލޫމާތު އެމީހުންނަށް ފޯރުކޮށްދޭން ޖެހެ އެވެ.

މިކަންކަން ކޮށްގެން ނޫނީ އަޅުގަނޑުމެންގެ މަސްވެރިން އިގްތިސޯދީ އިންފާރުގެ ބޭރުންނާއި އެތެރޭން ކޮންމެ މަސްވެރި ދަތުރެއްގައި ރަނގަޅު ނަފާއެއް ނުނެރެވޭނެ އެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކެއް ބޭރުގެ މާކެޓްތަކުގައި ވާދަވެރިއެއް ވެސް ނުވެވޭނެ އެވެ.

މިމަޒުމޫނުވާނީ 2 ޑިސެމްބަރ 2013ގައި ހަވީރު ނޫހުގައި ޝާއިއު ކުރެވިފައެވެ.