އާންމުކޮށް ހީވެފައި އޮންނަނީ އަލަށް އުފެދޭ ވަޒީފާތައް ވެސް އުފެދެނީ ބޮޑެތި ކުންފުނިންތަކުގެ ތެރޭން ކަމަށެވެ. ޙަޤީޤަތަކީ އިޤްތިޞާދު ތެރޭ އަލަށް އުފެދޭ ވަޒީފާތަކުގެ 50 ޕަސެންޓް ހިއްސާކުރަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުންކަމެވެ.

އަޅުގަނޑުމެނަށް އަދި ވިސްނިފައި އޮންނަނީ އިޤްތިޞާދީ ހަރަކާތްތައް އެންމެ ބޮޑަށް ހިންގަނީ ބޮޑެތި ކުންފުނިތަކުން ކަމަށެވެ. ތަފާސް ހިސާބުތަކުން ފެންނަގޮތުން 1960 ގައި ބޮޑެތި ކުންފުނިތަކުން އިޤްތިޞާދަށް ހިއްސާކުރީ 52 ޕަސެންޓެވެ. މިއަދުގެ ހަގީގަތަކީ މި އަދަދު 14 ޕަސެންޓަށް ދަށަށް ހިނގެއްޖެ ކަމެވެ.

ކުދި އަދި މެދުފަންތީގެ (އެސްއެމްއީ) ވިޔަފާރިތަކަކީ ޤައުމެއްގެ އިޤްތިޞާދުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އުފެއްދުންތެރި ވާދަވެރި އިޤްތިޞާދެއް ގާއިމު ކުރުމަށްޓަކައި ހަރަކާތްތެރި ކުދި ވިޔަފާރިތަކެއް ބޭނުންވާނެއެވެ. ވީއިރު ކުދި އަދި މެދު ފަންތީގެ ކުންފުނިތަކުގެ ދައުރު އަޅުގަނޑުމެންގެ އިޤްތިޞާދުގައި އެކަށީގެންވާ ވަރަށް ކުރިއަރުވަން މަސައްކަތް ކުރުން މުހިއްމެވެ.

އެސްއެމްއީ ވިޔަފާރިތައް ކުރިއަރުވަން ސަރުކާރުގެ ގިއުގަނޑުގެ ތެރޭގައި ރޭވުމެއް އެބަހުރިކަން ފާހަގަކުރަމެވެ. އެކަމަކު މިހާރު ހުރި ސްކީމްތަކުން ކުދި ވިޔަފާރިތަކުގެ ހަރަކާތްތައް ހަލުވިކުރެވި، އިގްތިސާދު ހިލޭ ފަދަ ބަދަލުތަކެއް އަތުވެދާނެބާ އެވެ؟

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އާންމުކޮށް ފައްޓައިގަންނަނީ އެހެން ވާދަވެރި ވިޔަފާރިތަކާ ތަފާތު، އާ ހިޔާލެއްގެ މައްޗަށް ފަރުމާ ކުރެވިގެންނެވެ. ދުނިޔޭގައި މިއަދު ނަން ހިނގާ ބޮޑެތި ބްރޭންޑްތަކާއި ކުންފުނިތައް ކަމުގައިވާ މައިކްރޯސޮފްޓް، ޑެލް، ބޮޑީ ޝޮޕް، ނައިކީ އަކީ އަލަށް ފެއްޓިއިރު ކުދި ވިޔަފާރިތަކެވެ.

މި ވިޔަފާރިތަކުގެ ކުރިމަގު އުޖާލާވެގެން ދިޔައީ ހަމައެކަނި އަމިއްލަ ފަލްސަފާއަކާއި އެހެން ވާދަވެރި ވިޔަފާރިތަކާ ތަފާތު އުކުޅުތަކެއް ނުވަތަ މޮޅު އުފެއްދުމެއް އޮތީތީއެއް ނޫނެވެ. އެވިޔަފާރިތަކަށް ކުރިއަރާ ދިއުމަށް ބޭނުންވާ އިންވެސްޓްމަންޓަށް މާލީ އެހީތެރިކަން ލިބުން އެއީ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެވެ.

އެސްއެމްއީ ވިޔަފާރިތައް އާންމުކޮށް ފެށިގެން އަންނަނީ އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ފެށުމަށް ވަޒީފާއެއް ހޯދުމަށްޓަކައި ގާއިމުކުރާ ވިޔަފާރި ނިޒާމެއްގެ ތެރޭންނެވެ.

އެސްއެމްއީ ބޮޑު ވިޔަފާރިއަކަށް ފުރޮޅާލުމުގައި ވިޔަފާރި ނިޒާމް ބަދަލުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރެއެވެ. އޭގެ ތެރޭގައި، ވިޔަފާރި އެހެން މަރުހަލާއަކަށް ގެންދިއުމަށް ޖެހިލުންވުމާއި ވިޔަފާރި އާ ނިޒާމްއަކަށް ބަދަލުކުރާނެ ގޮތުގެ މައުލޫމާތާއި ތަޖުރިބާ ނެތުން ހިމެނެއެވެ. އެހެން ނަމަވެސް، އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ އިންވެސްޓްމަންޓް ފުޅާކުރަން ފައިސާ ލިބޭނެ ގޮތެއް ފަހިވެފައި ނެތުމެވެ.

އަޅުގަނޑުމެންގެ މާހައުލުގައި މާލީ އެހީތެރިކަން ހޯދުމަށް އޮތީ ސަރުކާރުން އެސްއެމްއީ އަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމަކުން ފައިސާ ލިބޭނެ މަގެއް ހޯދުމެވެ. ނަމަވެސް ސަރުކާރުން މި ސްކީމް އަމާޒު ކުރާނީ ވަކި ދާއިރާތަކަކަށެވެ. އަދި ފައިސާ ދޫކުރުމުގައި ހައްދުތަކެއް ވެސް ހުރެއެވެ. އެހެންވީމައި ހުރިހާ އެސްއެމްއީ އަކަށް މި ސްކީމުން އެހީތެރިކަމެއް ނުލިބޭނެއެވެ.

ސަރުކާރަކީ ވަރަށް ގިނަ ޚިދުމަތްތަކެއް ދިނުމަށް ވަޢުދުވެފައިވާ ފަރާތަކެވެ. އެހެންކަމުން ސަރުކާރުގެ ވަޢުދުތައް ފުއްދުމަށް ގޮންޖެހުންތަކާ ކުރިމަތިލަމުން ދާއިރު، އިތުރަށް އާންމު ފަރުދުންގެ ވިޔަފާރި ފުޅާކުރަން މާލީ އެހީތެރިކަން ފޯރުކޮށްދިމުނަކީ މިހާރު ހުރި މައްސަލަތަކުގެ މައްޗަށް އިތުރު ބުރައަކަށް ވާނެ ކަމެކެވެ.

މާލީ އެހީތެރިކަން ހޯދުމަށް ދެން އޮތީ ބޭންކުތަކެވެ. ބޭންކުން ލޯންދޫކުރާނީ ހަމަޖެހިފައިވާ އުސޫލުތަކެއްގެ މަތިން ވިޔަފާރި ނިޒާމަކަށެވެ. އާންމުކޮށް ބޭންކުން ގެންގުޅޭ އުސޫލުތަކުން އެސްއެމްއީތަކުގެ ބޭނުންތައް ފުދޭގޮތަށް މާލީ އެހީތެރިކަން ނުދެވެއެވެ.

ރޮބަޓް ކިޔޮސާކީ ލިޔެފައިވާ ފޮތެއް ކަމުގައިވާ "ކޭޝްފުލޯ ކުއަޑުރަންޓް" ގައި ބުނާގޮތުން ދުނިޔޭގައި ބޭންކުތައް އުފެދިގެން އައީ ސިނާއީ އިންގިލާބު ފެށުނު ހިސާބުން 1500 އާންމު ރައްޔިތުން ބިންވެރިވުމުގެ އިސްލާހުތައް ތަޢާރަފްވުމާ އެކުއެވެ. އާންމު ރައްޔިތުން ބިން މިލުކުކުރުމާއި އެބިމަށް އިންވެސްޓްކުރާނެ މާލީ އެހީތެރިކަން ހޯދާނެ ގޮތްތަކެއް ފަހިކޮށްދިނުމުގެ ނަމުގައި ޓެކްސް އާއި މޯގޭޖްކުރެވޭނެ ނިޒާމެއްގެ ގޮތުގައި ރަސްކަންތަކުންނާއި ނަސަބުވެރިން ބޭންކުގެ ނަމުގައި ފިހާރަތަކެއް ގާއިމު ކުރިއެވެ.

ލުނބޯހުތު ފަނި ތައްޔާރުކުރެވެނީ ލުނބޮއިންނެވެ. މި ބީދައިން، ބޭންކުތަކުން ސީދާ ނުބުނި ކަމުގައި ވިޔަސް، މޯގޭޖާއި އެހެނިހެން ޓެކުހުގެ މަސްދަރަކީ ބިމެވެ.

އަޅުގަނޑުމެންގެ ތެރޭގައި އެންމެ ފުރުތަމަ އައި ބޭންކުތަކަކީ އިގިރޭސީންގެ އިސްތިޢުމާރީ ދުވަސްވަރުގައި ސަރަޙައްދީ ޤައުމުތަކުގައި އިސްތިޢުމާރީ ވެރިކަން ހިންގަމުން އައި ފަހުން ޤައުމުތައް މިނިވަންވުމުން، ޤައުމީ ބޭންކުތަކަށް ބަދަލުވި ތަންތަނެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ، ބޭންކް އޮފް ސިލޯން، ހަބީބް ބޭންކް ފަދަ ބޭންކުތަކުގެ ފަލްސަފާ އަކީ ރަސްކަމުގެ ދުވަސްވަރުގައި ބޭންކު ހިންގި އުސޫލުތަކެވެ. މި ބޭންކުތައް ރާއްޖެ އައިސްފައިވަނީ ސިޔާސީ ގުޅުންތަކުގެ ތެރޭންނެވެ. އަދި ޚާއްޞަކޮށް ސަރަހައްދީ ދޭދޭ ގައުމުތަކުގެ ވާދަވެރިކަމުގެ ތެރޭން ކަމުގައި ވެސް ބެލެވިދާނެއެވެ.

މި ފަހުން، ރާއްޖޭގައި ހުޅުވި އެޗްއެސްބީސީ އަދި އެމްސީބީ އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރާ ފަރާތްތަކާ އެކު، މިޔަރާއި އައްޓަމަސް ދަތުރުކުރާ ގޮތަށް އައި ބޭންކުތަކެކެވެ. މި ބޭންކުތައް ރާއްޖޭގައި އޮޕަރޭޓް ކުރަނީ އައުޓްލެޓް ކައުންޓަރުތަކެއްގެ ގޮތުގަ އެވެ. މި ބޭންކުތަކުން އެއްގޮތަކަށް ވެސް އިތުރު ދާއިރާއަކަށް އިންވެސްޓްކޮށް ރާއްޖޭގައި ވިޔަފާރި ފުޅާކުރުމުގެ ސިޔާސަތެއް ގެންގުޅޭ ތަނެއް ނުފެނެއެވެ.

ބައެއް ބޭންކުތަކުން އެހެން ދާއިރާތަކަށް ފައިނޭންސް ކުރަން ޖެހިލުންވަނީ އެ މީހުނަށް ކުރެވިފައި ހުރި ހިތި ތަޖްރިބާތަކުން ކަމަށް ވެދާނެއެވެ. ބައެއް އެސްއެމްއީތަކަށް ދޫކޮށްފައިވާ ލޯނުން ބޭންކުތަކުގެ އަތް ފިހިފައި ހުރީމައި އެ ދާއިރާތަކުގައި އަލުން އަތްލާން ޖެހިލުން ވަނީ ކަމުގައި ވެދާނެއެވެ. އެހެން ނަމަވެސް، މިގޮތަށް ކަންތައް ދިމާވަނީ އެއްވެސް ރިސްކެއް ނެތި އިންވެސްޓް ކުރާނެ ދާއިރާއެއް ލިބިފައިވާތީ އާއި ހަމައެކަނި ބޭންކުގެ ފައިދާއަށް މިނިވަންކަމާ އެކު އޮޕްރޭޓްކުރުމުގެ މާހައުލެއް އޮތީތީއެވެ.

ރާއްޖޭގައި ހުރި ބޭންކުތަކަކީ އެއްގޮތަކަށްވެސް ޓޫރިޒަމް ދާއިރާ ނޫން އެހެން ވިޔަފާރިއަކަށް ފައިނޭންސްކޮށްދޭން ޝައުގުވެރިވާ ބޭންކްތަކެއް ނޫނެވެ. ރާއްޖޭގެ އިޤްތިޞާދު ކުޑައެވެ. އަދި ކުރިއަރަމުން ފުޅާވަމުން އަންނަ ތަން ފެންނަން އޮތީ އެންމެ ދާއިރާއެކެވެ. އެއީ ޓޫރިޒަމް ދާއިރާއެވެ. އެހެންކަމުން ހުރިހާ ބޭންކުތަކުގެ އަމާޒަކީ ޓޫރިޒަމް ދާއިރާއެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ ފަރާތްތައް ޤާނޫނުހަދާ މަޖިލީހުގައި ހަރަކާތްތެރިވެއެވެ. ޓޫރިޒަމް ދާއިރާއަށް ބޭންކުތަކުގެ އެހީތެރިކަން ނިހާޔަތަށް އޮތްއިރު، ބޭންކުތަކަށް މިހާރު އޮތް މިނިވަންކަމަށް އުނިކަމެއް އަތުވެދާނެ، ނުވަތަ ބޭންކުތަކުގެ މައްޗަށް އެހެނިހެން ދާއިރާތަކުގައި އިންވެސްޓްކުރުން ލާޒިމް ކުރާ ގާނޫނެއް ހަދައިފާނެ ބާއެވެ؟

ނިމިދިޔަ ސަރުކާރުތަކުން ވަނީ އެސްއެމްއީ ނުވަތަ ޑިވެލޮޕްމަންޓް ބޭންކުގެ މުހިންމުކަމާއި އެފަދަ ބޭންކެއް ރާއްޖޭގައި ގާއިމްކުރާނެ ކަމުގައި ސުރުޚީތަކަށް އަރުވައިފައެވެ. އެހެންނަމަވެސް، އަމަލީގޮތުން އެކަން ކުރިއަށް ދިޔައީ ކިހާވަރަކަށް ކަމެއް އެނގޭ ފަދަ އެއްވެސް ލިސާނެއް ފެންނާކަށް ނެތެވެ.

ސިންގަޕޫރަކީ އަޅުގަނޑުމެންނާ އެކުހެން އެއް އަހަރަކު މިނިވަންވީ ޤައުމެކެވެ. އެ ގައުމުން ވަނީ 1968 ގައި ޑިވެލޮޕްމަންޓް ބޭންކްއެއް (ޑީބީއެސް) ޤާއިމްކޮށްފައެވެ. ޑީބީއެސް އިން ވަނީ ސިންގަޕޫރުގެ ކުރިއެރުމަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. އަދި މިއަދު އެ ބޭންކަކީ ޤައުމުން ބޭރުގައި ވެސް ހަރަކާތްތެރިވާ ކާމިޔާބު ބޭންކެކެވެ.

ހަމަ މިގޮތަށް 100 ޕަސެންޓް ސަރުކާރު ހިއްސާވެގެން ޖަޕާނާއި ސައުތު ކޮރެއާގައި ވެސް ކާމިޔާބު ކަމާއެކު ޑިވެލޮޕްމަޓް ބޭންކު ހިންގައެވެ. މި ޤައުމުތަކުގައި ޑިވެލޮޕްމަޓް ބޭންކު ކާމިޔާބުވީ ސަރުކާރުގެ ނުފޫޒެއް ނެތި ވަކި ގޮތަކަށް ރެގިއުލޭޓްކުރެވިގެން ހިންގުމަށް ފުރުސަތު ދިނީތީ ކަމުގައި ޖެނިފާ އަމީޒް އާއި މާރިއާއި ޓޮޔޯޑާ ލިޔެފައިވާ މަސައްކަތު ކަރުދާސް "އިވޯލްވިން ރޯލް އޮފް ނެޝަނަލް ބޭންކްސް އިން އީސްޓް އޭޝިއާ" ގައި ފާހަކަކޮށްފައިވެއެވެ. މި ކަރުދާހުގައިވާ ގޮތުގައި ޑިވެލޮޕްމަޓް ބޭންކު ތަޖްރިބާ އަޅުގަނޑުމެން ނިސްބަތްވާ ދެކުނު އޭޝިއާގެ އިތުރުން ލެޓިން އެމެރިކާ ގައުމުތަކުގައި އެހާ ރަނގަޅެއް ނޫނެވެ. ސަބަބަކީ ސަރުކާރުގެ ނުފޫޒް ބޮޑުވެގެން ގޮސް ބޭންކުގެ ރައުސުމާލުގެ 50 ޕަސެންޓާ ހަމައަށް ލޭންދޭނަށް ދޫކުރުމާ ގުޅިގެން ބޭންކުތައް ކުރިއަރާ ދިއުމަށް ނުކުޅެދިފައިވާތީ އެވެ.

އަޅުގަނޑުމެންގެ ޤައުމީ ބޭންކު ވުޖޫދަށް އައީ 1982 ގައެވެ. މިއީ މި ޤައުމު މިނިވަންވިތާ 17 އަހަރު ފަހެވެ. އަޅުގަނޑުމެންގެ ޤައުމީ ބޭންކަކީ ވެސް މިޤައުމުގައި ދެން ހުރި ބޭންކުތަކާ މާ ބޮޑު ތަފާތެއް ހުރި ބޭންކެއް ނޫނެވެ. އެސްއެމްއީ ތަރައްޤީއަށް ފޯކަސް ކުރާ ބޭންކެއް ނޫނެވެ. އެސްއެމްއީއަށް ބޭނުންވާ ފަދަ ލޯން ޕެކޭޖްތަކެއް ބޭންކުންދޭ ޚިދުމަތްތަކުގެ ތެރޭގައި ހުރި ކަމަކަށް ނުފެނެއެވެ. މިހެން މި ވަނީ އެސްއެމްއީގެ ވިޔަފާރި މާހައުލު ދެނެގެން އެ ފަރާތުގެ ބޭނުންތަކަށް ޚިދުމަތް ދެވޭނެ ޤާބިލުކަމާއި ހަކަތަ ބޭންކުގައި ނެތީމައެވެ.

މި ހާލަތުގައި ރާއްޖޭގެ އެސްއެމްއީ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކުރުމަށް ރާއްޖޭގެ މާހައުލަށް ފަރުމާކުރެވިފައިވާ މޮޑެލް އެއް ބޭނުންވެއެވެ. ވިޔަފާރި ފައިދާއަށް ވުރެ ބޮޑަށް އިޖްތިމާއި ވިޔަފާރި އަށް ބުރަވެގެން ދެވޭ ޚިދުމަތެއްގެ ބޭނުމުގައެވެ.

އިނގިރޭސި ބިލިއަނަރު ރިޗަޑް ބްރެންސަން ލިޔެފައިވާ ފޮތް "ބިޒްނަސް ސްޓްރިޕްޑް ބެއާ" ގައި ބުނެފައި ވަނީ މުހައްމަދު ޔޫނުސް 1976 ގައި ހުޅުވި ގްރަމީން ބޭންކުން ކުޑަ އިންޓަރެސްޓެއްގައި އަދި އެއްޗެއް ރަހުނު ނުކޮށް، ކުރަން ގަސްދުކުރާ މަސައްކަތަށް ބަލައިގެން ދޭ ލޯނުގެ ސަބަބުން ކޮންމެ އަހަރަކު މި ބޭންކުގެ ކަސްޓަމަރުން ތެރެން ފަސް ޕަސެންޓް ފަގީރުކަމާ އަލްވަދާޢު ކިޔާ ކަމަށެވެ. ގްރަމީން ބޭންކުގެ ކަސްޓަމަރުން ތެރޭން ލޯން ނުދެއްކެނީ އެންމެ ދެ ޕަސެންޓަށެވެ. މިހާރު ގްރަމީން ބޭންކުގައި 2400 ބްރާންޗާއި 7.5 މިލިއަން ކަސްޓަމަރުން ތިބެއެވެ.

މިވަގުތު ރާއްޖޭގެ އިޤްތިޞާދުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވަނީ މުހައްމަދު ޔޫނުސް ފަދަ އިޖްތިމާއީ ވިޔަފާރީގެ އޮންޓަޕްރިނިއާ އެކެވެ. ރާއްޖޭގެ އިޤްތިޞާދުގައި އެސްއެމްއީ އަށް އަމާޒުކުރެވިގެން ކުރާ މާލީ ވިޔަފާރިއަށް ނިސްބަތުން ފުދޭ ވަރެއްގެ މާކެޓެއް އޮންނާނެކަން ޔަޤީނެވެ.

މި މަޒުމޫނު ވާނީ ހަވީރުގެ 14 އޭޕްރިލް 2014ގެ ނޫހުގައި ޝާއިއު ކުރެވިފައެވެ.