މި ދެ އެތުލީޓުންވެސް އަޅުގަނޑު ދަންނަނީ އާދަޔާ ޚިލާފު ދުވުންތެރީންގެ ގޮތުގައެވެ.
ކުޑަ ހުސެން އަޅުގަނޑުގެ ކްލާސްމޭޓެއް ގޮތަށްވުރެ ބޮޑަށް އަޅުގަނޑަށް ފާހަގަވަނީ ދިގު ދުވުންތެރިއެއްގެ ގޮތަށެވެ. އަޅުގަނޑު ސްކޫލު ނިމުނު އަހަރު ރާއްޖޭގައި އޮތް މެރަތަން ދުވުމުގެ މުބާރާތުގައި ދުވެ، 1 ވަނަ ހޯދީވެސް ކުޑަ ހުސެންއެވެ. މިއީ ކުޑަ ހުސެން މިހާރު ޑރ.ހުސެން ދުވި ފުރަތަމަ މެރަތަން ރޭސް މެއެވެ. އަޅުގަނޑަށް ލަފާކުރެވެނީ ދުވުން ވައިގައި ހިފަން ފެށީ މި ދުވަސްވަރުކަމަށެވެ. މިގޮތުގައި ގޮސް ރާއްޖޭގެ މެރަތަން ރިކޯޑް ކުޑަ ހުސެން ގާއިމުކުރިއެވެ. ކުޑަ ހުސެންގެ ރިކޯޑެއް ގޮތުގައި ރާއްޖޭގެ މެރަތަން ރިކޯޑް 27 އަހަރު ވަންދެން އޮތެވެ. އަދި ކުޑަ ހުސެން ދުވުމާ ދުރަށް ދިޔަ ފަހުންވެސް މި ރިކޯޑް މުގުރާ ނުލެވި އިއްޔެއަކާ ޖެހެންދެން އޮތެވެ. މި ދުވަސްވަރު ކިތަންމެ ދުވުންތެރިންނެއް އުޅެފައިވެއެވެ. ރިކޯޑްގައި އަތެއް ނުލެވެއެވެ.
މިކަމުން އަޅުގަނޑަށް ދޭހަވަނީ ވަސީލަތެއް ފަހިވެފައި ނެތް، ދުވުމުގެ ފޯރި ކުޑަ ދުވަސްވަރެއްގައި، ކުޑަ ހުސެން ކުރި ބުރަ މަސައްކަތެވެ. އަޅުގަނޑު މިހެން މި ދަންނަވަނީ ކުޑަ ހުސެން މި ރިކޯޑް ގާއިމުކޮށްފައިވަނީ އުމުރުން އެންމެ 20 އަހަރުގައެވެ. އާންމުކޮށް މެރަތަން ދުވާ މީހުންގެ އުމުރު ދޮށިވާނެއެވެ. އަދި 20 އަހަރަކީ މެދު ރާސްތާ ދުރުމިނުގެ ދުވުން ދުވާ އުމުރެވެ. އަޅުގަނޑަށް ލަފާ ކުރެވެނީ ދިގު ދުވުމަށް މީހާ ފައްކާ ކުރަނީ މި އުމުރު ފުރާގައި އޭނާ ފަރިތަކުރާ އެއްޗަކުންކަމެވެ.
އަދި ފަހުގެ ދުވަސްވަރުގައި ދުވުމުގެ ހޭލުންތެރިކަމާއި ތަމްރީނުތަކާއި ވަސީލަތްތައް ފަހިވެގެން އައި އިރުވެސް މި ރިކޯޑް 27 އަހަރު ވަންދެން ނުގުޑާ އޮތް އޮތުމަކީ، ކުޑަ ހުސެން އޭރު އެ ކުރި ބުރަ މަސައްކަތުގެ ދަލީލެކެވެ. އެހެންކަމުން ކުޑަ ހުސެން ކޮށްފައިވާ މަސައްކަތަށް ސާބަސް ޙައްޤެވެ. ރާއްޖޭގެ މެރަތަން ރިކޯޑް ވާހަކަ ދެކެވޭއިރު، ތާރީޚަށް ގޮސްފައިވާ ހުސެންގެ ރިކޯޑްގެ ވާހަކަ ނުދައްކައެއް އާ ރިކޯޑްގެ ވާހަކަ މިވަގުތު ނުބުނެވޭނެއެވެ.
ދުވުމުގެ ފޯރިއާއި ވާދަވެރިކަން މިއަދު ގަދަވަމުން އަންނަތަން ފެނެވެ. ލަފާކުރެވޭގޮތުގައި ދުވުމުގެ ރިކޯޑު ދެން 27 އަހަރު ވަންދެން އެކަކު އަތްމައްޗަކު އޮންނާނެހެނެއް ހިއެއްނުވެއެވެ.
ދުވުމުގެ ޝައުގުވެރިކަން ހުންނަ މީހެއްގެ ހައިސިއްޔަތުން މެރަތަންގެ ރިކޯޑް ޝަރަފް އާކޮށްލަދިންކަމީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެކެވެ. ސަބަބަކީ މިކުޅިވަރު ކުރިއަރައިގެން އަންނަކަމުގެ އިހްސާސް ލިބެނީ މިކަހަލަ ރިކޯޑްތައް ގަދަވަމުން އަންނަ ތަން ފެނުމުންނެވެ. ކުޅިވަރެއްގެ ގޮތުގައި ދުވުމުގެ ކުރިމަގު އުޖާލާކަން ޔަގީންވަނީ ރިކޯޑްތައް ބަދަލުވަމުން އަންނަން ފެށީމައެވެ.
އަޅުގަނޑަށް އެންމެ ފުރަތަމަވެސް ޝަރަފް އެނގުނީ ދުވުންތެރިއެއްގެ ގޮތުގައެވެ. ޝަރަފްއަކީ ވަރަށް އަޚްލާޤު ރަނގަޅު، ދުވުމުގެ ކަންކަމަށް ފަރުވާތެރި، އެތުލީޓެއްގެ ހުންނަންޖެހޭ ގިނަ ސިފަތައް ހުރި ދުވުންތެރިއެކެވެ. މީގެ އިތުރުން، ޝަރަފްއަކީ އަޒުމް ވަރުގަދަ، ކަނޑައަޅާ ލަނޑުދަނޑި ހާސިލުކުރުމަށް ހިތްވަރާއެކު ގަދައަޅައި މަސައްކަތްކުރާ ފަރާތެއްކަން އަޅުގަނޑަށް ފާހަގަވިއެވެ.
ޝަރަފް މިހޯދި ކާމިޔާބީގެ އަސްލަކީ މިދެންނެވި ކަންކަންމުގައި ކެތްތެރިކަމާއެކު ދެމިހުރުމުގެ ނަތީޖާއެވެ. ޝަރަފްގެ މި ކާމިޔާބީއަކީ ހަމަ އެކަނި ޝަރަފަށް ހޯދައިދިން ކުރިއެރުމެއްނޫނެވެ. ދިގު ދުވުމުގައި ކާމިޔާބު ހޯދުމަށް މަސައްކަތްކުރާ ހުރިހާ ދިވެހި އެތުލީޓުން ހިތްވަރު ލިބިގަންނަންވީ ކަމެއްގެ ގޮތުގައި، ޝަރަފުގެ ރިކޯޑު އަޅުގަނޑު ސިފަކުރަމެވެ.