މި އަހަރު ޖެނުއަރީ މަހު ބަނޑޮހުގައި އޮތް އިގްތިސާދީ ޑައިވަރސިފިކޭޝަން އާއި ބެހޭގޮތުން ބޭއްވި މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އެ ބައްދަލުވުމުގައި މަސްވެރިކަމާ ގުޅޭގޮތުން ހުށަހެޅުނު އެއްކަމެއްގައި އޮތީ މަސްވެރިކަމުން އިތުރު ފައިދާ ހޯދުމަށްޓަކައި ސިނާއީ މަސައްކަތުން އާމްދަނީ އިތުރުކުރަންޖެހޭ ކަމަށާއި، އަދި މިކަން ކުރެވޭނީ، މިހާރު ހުރި ދަޅުމަސް ބަންދުކުރާ ކާރުހާނާ އަށް އިތުރަށް އިންވެސްޓްކޮށް މަސްބަންދުކުރެވޭ އަދަދު އިތުރުކޮށްގެން ކަމަށެވެ.

މި ހުށަހެޅުން ގައުމީ ތަރައްގީގެ ލަނޑުދަނޑިއެއް ކަމުގައި ހެދުމުގެ ކުރިން ވިސްނާލުން މުހިންމު ކަންތަކެއް ހުރިކަމަށް އަޅުގަނޑު ދެކެމެވެ. މިހާރުން މިހާރަށް އިތުރު ފިޔަވައްސަކަށް ދިއުމުގެ ކުރިން، މި މަސައްކަތް ފެށިއިރުގައި މާ ހައުލު އޮތް ގޮތާއި އަދި މިހާރު ވިޔަފާރި މާހައުލު އޮތްގޮތް ރަނގަޅަށް ދެނެގަންނަންޖެހޭނެ އެވެ. އައިސްފައިވާ ބަދަލާއި އަންނަމުންދާ ބަދަލަށް ފެތޭގޮތަށް ވިޔަފާރި ބައްޓަންކުރަން ޖެހޭނެ އެވެ.

ހަތްދިހައިގެ އަހަރުތަކުގެ ފަހުކޮޅުގައި ޖަޕާނު ކުންފުންޏަކުން ޅ. ފެލިވަރުގައި ދަޅުމަސްބަނދުކުރާ ކާރުޚާނާ ގާއިމުކުއިރު އެ އަތޮޅަކީ މަސްވެރި އަތޮޅެކެވެ. ހިންނަވަރާއި ނައިފަރުގައި ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. އަދި ޖެހިގެން އޮތް ދެ އަތޮޅު ކަމުގައިވާ ބ. އަދި ރ. އަތޮޅަކީ ވެސް މަސްވެރި ދެ އަތޮޅެވެ. އެހެންކަމުން ކާރުޚާނާއެއްގެ ކާމިޔާބަށް ބޭނުންވާ ހުތޫރަތްތެރި މާއްދާއެއް ކަމުގައިވާ ރޯމެޓީއަރިލް (މަސް) އެއްވެސް ދަތިކަމެއް ނެތި ލިބެން ހުއްޓެވެ.

ޖަޕާނު މީހުން ފެލިވަރު ކާރުހާނާ ދޫކޮށް ދިޔައީ 80ގެ ކުރީކޮޅުގަ އެވެ. ޖަޕާނު ކުންފުނި ދިޔުމުން ދިވެހިން އެކަމާ ހަވާލުވެގެން ކުރިއަށް ގެންދިޔައީ ބޭރު މެނޭޖްމެންޓްއެއްގެ އެހީތެރިކަމާ އެކު އެވެ. އެ ދުވަސްވަރު އެ ކާރުހާނާ އަޕްގްރޭޑް ކުރުމުގެ އިންވެސްޓްމަންޓެއް ދިވެހި ސަރުކާރުން ވޯލްޑް ބޭންކްގެ ލޯންއެއްގެ ދަށުން ހަމަޖެއްސި އެވެ. މަސް ރައްކާކުރެވޭނެގޮތާއި އިތުރަށް މަސްބަނދުކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދެވުނެވެ. މި ދުވަސްވަރު ދަޅުމަސް ބަންދުކުރެވުމުގެ ވިޔަފާރި އަށް ފައިދާވެ، ހިންގުމާ ހަވާލުވެފައިވާ ފަރާތުން އެ ފަރާތުގެ ފައިދާގެ ކޮމިޝަން ވެސް ނެގި އެވެ. އެކަމަކު ފައިދާ ދެއްކުވީ ތަނުގެ ހަރު މުދާ ވެސް ހިމަނައިގެންނެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ދަޅުމަސް ބަނދުކުރުމުގެ ދާއިރާ އާއި ދިވެހި މެނޭޖްމަންޓަކާ ހަވާލުވި އެވެ. ސަބަބަކަށް ވީ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ ސަރުކާރުގެ މަސްވެރިކަމުގެ ވިޔަފާރީގެ ދާއިރާގައި އިސްކޮށް ތިބި ބޭފުޅުން ބަދަލުވުމެވެ. މި ދުވަސްވަރު ފެލިވަރު ކާރުޚާނާއިން ވެފައިވާނީ އޮޕްރޭޝަނަލް ފައިދާއެކެވެ. ސާފުފައިދާއެއް ލިބިފައިވާނީ މަދު އަހަރަކު އެވެ. ނުވަދިހައިގެ އަހަރުތައް ނިމެމުންދިޔަ އިރު މަސްބަންދުކުރާ ކާރުޚާނާ ނިސްބަތްވާ ކުންފުނި/މިފްކޯ އޮތީ ވަރަށް ހާލުގަ އެވެ. ހިންގަމުން ގެންދިޔައީ ސަރުކާރުން ޚަރަދުކޮށްގެންނެވެ.

ދަޅުމަހުގެ މާރކެޓްގައި އަޅުގަނޑުމެންނާއި ވާދަކުރާ އެހެން ގައުމުތަކަށްވުރެ މިރާއްޖޭގައި އެއްޗެތި އުފެއްދުމުގެ އަގުމައްޗެވެ. ސަބަބަކީ މަސް ފިޔަވައި ހުރިހާއެއްޗެއްވެސް ރާއްޖެއަށް ޖެހެނީ އެތެރެކުރަން ކަމުގައިވާތީއެވެ.ދަޅުމަސް ބަދުކުރުމުގެ ކާރުޚާނާ ފައިދާއެއް ނެތި ކުރިއަށް ނުގެންދެވޭނެ ކަން ދެނެގަނެ ދެހާސްވަނައަހަރުގެ ކުރީކޮޅު މިކަން ދެން ކުރެވިދާނެ ގޮތްތަކާއި މެދު މަޝްވަރާކުރެވުނެވެ. އެމަޝްވަރާގައި ކެއްކި މަސްތައްޔާރުކޮށް (ކުކްޑް ލޮއިންސް) ވިލާތުގެ ދަޅުމަސް ބަނދުކުރާ ކާރުޚާނާތަކަށް ވިއްކުމުގެ ހިޔާލު ފާޅުވެގެން ދިޔައެވެ. ހިސާބުތައް ދެއްކިގޮތުން އެއީ ފައިދާހުރިކަމެއް ކަމުގައި ފެނުނެވެ. ސަބަބަކީ ދަޅުމަސް ބަނދުކުރުމަށް ބޭނުންވާ އެހެނިހެން ތަކެތި ކަމުގައިވާ ޓިނު، ތެޔޮ، ލޮނު، ފޮށި، ލޭބަލް، ތެރަސް، ޓޭޕު އަދި ރަބަރު ފަދަ ތަކެތި ބޭރުން އެތެރެ ކުރަންޖެހުމުން ހަރަދު ބޮޑުވެ، ސްޓޮކް ކޮށްފައި ބެހެއްޓުމުން ގިނަ ފައިސާތަކެއް ބަންދުވެފައި ހުންނަންޖެހޭތީ، ޕެކިން ޚަރަދު ކުޑަ އުފެއްދުމެއް ތައްޔާރު ކުރެވުނީމައި ފައިދާ ދައްކާނެ ކަމަށް ބެލެވޭތީ އެވެ.

ކުކްޑްލޮއިންސް އުފެއްދުމުގެ ވިސްނުން ބަދަލުވީ ބޭރުފަރާތެއްގެ އެހީތެރިކަމާ އެކު ޔީލްޑް (ރޯމަސް ޓަނަކުން އުފެއްދޭ ދަޅުމަސް ގިނަވުން) މަތިކުރެވިގެންނެވެ. އެ ދުވަސްވަރު މަހުގެ އަގު ދަށްވުމުންނާއި ބޭނުންވަރަކަށް މަސް ލިބެމުން ދިޔުމުގެ ސަބަބުން ކާރުޚާނާގައި އުފެއްދޭ މިންވަރު އިތުރުކުރެވުނީތީ ކާރުޚާނާގެ ވިޔަފާރި ދެކޮޅުޖެހުނެވެ. އެހެންނަމަވެސް ބޮޑު ފައިދާއެއް ނުލިބެ އެވެ.

މަސްވެރިކަން މިވަނީ 2006އިން ފެށިގެން ދަށަށް ދާން ފަށައިފަ އެވެ. އެހެން ކަމުން ދަޅުގައި ބަންދުކުރަން މަސްލިބުން ދިޔައީ މަދުވަމުން އަދި އަގުބޮޑުވަމުންނެވެ. ރޯކަނޑުމަސް ފިނިކޮށް ވިއްކުމުން ލިބޭ ފައިދާ ބޮޑުވެފައި އެކަމަށް ފައިސާ ބްލޮކްވެފައި ހުންނަ މުއްދަތު މަދުވީމައި، ލިބޭ ކުޑަ މަސްކޮޅު ފިނިކުރި ރޯކަނޑުމަސް ގޮތުގައި ވިއްކުމުގެ ވިޔަފާރި ފުޅާވެގެން ދިޔަ އެވެ. އުތުރުގެ މަސްވެރިކަން ދަށްވުމާ ގުޅިގެން ދެކުނުން މަސް ފެލިވަރަށް ގެންނަން ވެސް އިތުރަށް ހަރަދު ދާތީ އާއި، ދަޅަށް އެ މަސްކޮޅު ލުމުން ވަނީ ގެއްލުން ކަމަށްވާތީ، ދަޅުމަހުގެ ވިޔަފާރި ދިޔައީ ހައްތަހާ ދަށަށެވެ.

މިދަންނަވާ ވާހަކައިގެ ހެއްކަކީ އިހުގެ މިފްކޯއިން ކުރަމުން އައި މަސައްކަތްތައް ބައިބައި ކޮށްލައި، އެކިބައިބަޔަށް އާ ކުންފުނިތަކެއް ހެދުމެވެ. ފިނިކުރި ކަނޑުމަސް ބޭރަށް ވިއްކާލެވޭ އަގުގައި ފެލިވަރުން މަސްގަނެގެން ދަޅަށް އެޅުމުން ދެކޮޅެއްނުޖެހޭ ކަމުގައި ވާނަމަ ސަރުކާރަށް އޮތް ދެ ގޮތަކީ މަސްބަނދުކުރާ ކާރުހާނާ އަށް ނުއަގުގައި މަސްކޮޅުވިއްކާލައި، ކަރުޚާނާ ހިންގޭތޯ މަސައްކަތްކުރުން ނުވަތަ ފިނިކުރި ކަނޑުމަސް ގޮތުގައި ފައިދާއާ އެކު ބޭރަށް ވިއްކާލުމެވެ. އަޅުގަނޑުމެން އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން ލިބިފައި މިއޮތް ފުރުސަތުގެ އަގަކީ ކޮބައިކަން ވަރަށް ރަނގަޅަށް ވިސްނަންވާނެ އެވެ.

ދުނިޔޭގެ ނިސްބަތުން ރާއްޖޭން އެކްސްޕޯރޓް ކުރެވެނީ އެއްވެސް މާރކެޓަކަށް އެނގުންވާ ވަރުގެ އަދަދެއް ނޫނެވެ. އެހެންކަމުން ރާއްޖެ އަށް އަގު ކަނޑައެޅުމުގެ ބާރެއް ނުލިބެ އެވެ.

މި ވަގުތު ރާއްޖޭގައި ހުރީ ދަޅުމަސް ބަނދުކުރާ ދެ ކާރުހާނާ އެވެ. މިތަނުން އެއް ކާރުޚާނާއަކުން ވެސް ފައިދާއެއް ވާ ކަމަކަށް އެނގިފައެއް ނެތެވެ. ނަމަވެސް އަޅުގަނޑު ހަނދާންވާގޮތުގައި 2011 ވަނަ އަހަރު ފެލިވަރު ދަޅުމަސް ބަންދުކުރާ ކާރުޚާނާއިން ކޮންމެވެސް ވަރެއްގެ ނިސްބަތުން ކުޑަ ފައިދާއެއް ވިއެވެ. މިއީ 220 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކުން ހިތްހަމަޖައްސާލަންވީ ވަރެއް ނޫނެވެ.

ދަޅުމަހުގެ ކާރުޚާނާއަކީ ވަރަށް ބޮޑަށް އިންސާނީ ހަކަތައަށް ބަރޯސާވާ މަސައްކަތެކެވެ. ދަޅުމަސް ބަންދުކުރާ ކާރުހާނާއެއްގެ ގިނަ ވަޒީފާތަކަކީ ދިވެހިން މާ ގަޔާވާ ވަޒީފާތެކެއް ނޫނެވެ. ސަބަބަކީ ވަޒީފާގެ މުސާރަ އާއި ކުރަންޖެހޭ މަސައްކަތް ނުބައްދަލުވުމެވެ. ރާއްޖޭގެ ކާރުޚަނާގައި ލޭބަރުންގެ ގޮތުގައި ބިދޭސީން ގެންގުޅުނު ނަމަވެސް އެ މީހުންނަށް ކުރަންޖެހޭ ޚަރަދު ބޮޑެވެ. ލޭބަރުންނަށް ކުރާ ޚަރަދު ކުޑަކުރުމަށްޓަކައި ތައިލޭނޑްގެ ދަޅުމަސް ހަދާ ކާރުޚާނާތަކުގައި ވެސް ބޭނުންކުރަނީ ބިދޭސީ ލޭބަރުންނެވެ. ބަރުމާ އާއި ކެންބޯޑިއާގެ މީހުންނެވެ. އެ މީހުންނަކީ އާމްދަނީއެއްގެ ބޭނުމުގައި ވަރަށް ކުޑައަގެއްގައި ވަޒީފާ އަދާކުރާ ބައެކެވެ. އެހެންކަމުން އެ މީހުންގެ މުސާރަ ވަރަށް ކުޑައެވެ. ތައިލޭންޑްގައި މަސްބޯޓްތައް ހުސްކުރުމަށް ބަންގްލަދޭޝްއިން މީހުން ގެނައުމަށް ވެސް ދަނީ ވާހަކަ ދައްކަމުންނެވެ. ބޭނުމަކީ އިހަށް ވުރެ ވެސް ބޮޑަށް ލޭބަރ އަގުހެޔޮ ކުރުމެވެ. ދެ ގައުމުން ވެސް ގެންގުޅެނީ ބިދޭސީ ލޭބަރުންނެވެ. އެހެންނަމަވެސް ރާއްޖޭގައި ލޭބަރުންގެ ޚަރަދު ނިސްބަތުން ބޮޑެވެ.

ރާއްޖެ އަށް އެތެރެކުރާ ދަޅުމަސް މިހާރު ވެސް ވިއްކަނީ އަޅުގަނޑުމެން އުފައްދާ ދަޅުމަހަށްވުރެ އަގު ހެޔޮކޮށެވެ. އެއީ ރާއްޖެ އަށް ވާދަކުރެވެން ނެތްކަމުގެ ދަލީލެކެވެ. އެތެރެކުރާ ދަޅުމަހުގެ ފްރައިޓް، އަދި ޑިއުޓީގެ އަގު ހިމެނީމާ ވެސް ބާޒާރުގައި ހެޔޮކޮށް ލިބެންހުރީ ބޭރުން އެތެރެކުރާ ދަޅުމަހެވެ. ރާއްޖޭގައި އުފައްދައިގެން ރާއްޖޭގެ ބާޒާރަށް ނެރޭ ދަޅުމަހަކުގެ އަގު ކަނޑައެޅުމުގައި ފްރައިޓް އަދި ޑިއުޓީއެއް ވެސް ހިމަނާކަށް ނުޖެހޭނެ އެވެ. އެހެންކަމަށް ވާނަމަ ރާއްޖެއިން ހަދާ މަސްދަޅު ރާއްޖެއެތެރެ ކުރާ މަސްދަޅަށްވުރެ އަގު ހެޔޮނުވާންވީ ކީއްވެތޯ އެވެ؟

ރާއްޖެއިން ދަޅުމަސް އެެކްސްޕޯޓް ކުރަނީ ވިލާތަށެވެ. ރާއްޖެ ނޫނަސް އެހެން ގައުމުތަކުން ވެސް ވިލާތަށް ދަޅުމަސް އެކްޕޯޓުކުރެއެވެ. ދިވެހި އުފެއްދުމަށް ވުރެ އަގުހެޔޮކޮށެވެ. ރާއްޖޭގެ ބާޒާރުގައި ދަޅުމަސް ލިބެން ހުރި އަގަކީ ޖަރުމަނުގެ ބާޒާރުގައި ވެސް ދަޅުމަސް ލިބެން ހުރި އަގެވެ. މި ދެމިގެންދާ އިގްތިޞާދީ ހީނަރުކަމުގައި ވިލާތުގެ ކަސްޓަމަރުން ހެޔޮ އަގުގެ ދަޅުމަސް އިޚްތިޔާރުކުރުމަކީ ނުވެނުދާނެ ކަމެކެވެ.

ދަޅުމަހާއި އެހެނިހެން މަހުގެ ބާވަތްތައް ރާއްޖެއިން ވިލާތަށް އެތެރެ ކުރަނީ ޑިއުޓީ ފްރީކޮށެވެ. އަޅުގަނޑުމެންނާ ވަދާކުރާ ގައުމުތަކުން 22 ޕަސެންޓް ޑިއުޓީ ދައްކައިގެން އެކްސްޕޯޓް ކުރާއިރު ވެސް އުނދަގޫ ކަމެއްނެތި ރާއްޖެއާ ވާދަކުރެއެވެ. މި އަހަރުގެ ނިޔަލަށް ވިލާތުގެ އިއްތިހާދުން ރާއްޖެ އަށް ދޭ ޑިއުޓީ އިނާޔަތް ނިމުމަކަށް އަންނާނެ އެވެ. މިކަން މިނުމަކަށް އަތުވެއްޖެނަމަ ދަޅުމަހުގެ ވިޔަފާރީގައި ރާއްޖެއިން ވާދަކުރުމުގެ ފުރުސަތު ބަންދުވީއޭ ދެންނެވިއަސް ދޮގަކަށް ނުވާނެ އެވެ.

އަޅުގަނޑުމެންގެ ފަހުރެއް ކަމުގައިވާ ދޮށީގެ މަސްވެރިކަން އެމްއެސްސީގައި ސަރޓިފައި ކުރުވައިގެން ލިބޭ ފައިދާއަކީ ހަމައެކަނި މި ގައުމުން އެކަނި ހޯދާ އެއްޗެއް ނޫނެވެ. ރާއްޖެ ފަދައިން އެހެން ގައުމުތަކުން ވެސް މި ސަރޓިފިކޭޝަން ހޯދަ އެވެ. އެމްއެސްސީއަކީ ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއް ކަމުގެ ސަނަދެވެ.

ބެލެވޭގޮތުގައި އެމެއެސްސީގައި ރާއްޖެ ރަޖިސްޓްރީ ކުރެވުމުން އެކްސްޕޯޓު މުދަލުގެ އަގުގެ 21 ޕަސެންޓް އިތުރަށް ލިބެއެވެ. ނަމަވެސް ޙަގީގަތަކީ މި 21 ޕަސެންޓް އެމްއެސްސީ ސަރޓުފައިކުރުމުގެ ކުރިން ވެސް ލިބޭ ކަމެވެ. އެމްއެސްސީ އިން މިކަން ހަމައެކަނި އެންޑޯޒް ކުރީއެވެ. ނަމަވެސް ރާއްޖޭގައި ކުރާ ދެމެހެއްޓެނިވި މަސްވެރި ކަމަށް މިހާރު ވެސް ލިބޭ އަގުގެ އިތުރުން އެއްވެސް އަގެއް ލިބިދާނެ ކަމަކަށް ލަފައެއްނުކުރެވެއެވެ. ދެން ސުވާލަކީ ލިބޭ 21 ޕަސެންޓަކީ މުޅި ޑިސްޓްރިބިއުޝަން ޗޭންއަށް ލިބޭ އެއްޗެއްތޯ އެވެ؟ އެހެންކަމަށް ވަނީ ނަމަ އެމްއެސްސީ އޮތުމަކުން ރާއްޖޭގެ މަސްދަޅު އެހެން މާރކެޓްތަކުގައި ވާދަވެރިވުމަށް ފުރުސަތު ފުޅާވެގެނެއް ނުދެއެވެ.

އެމްއެސްސީ ސަރޓިފައި ކުރެވެނީ ވަކި އުފެއްދުމަކަށް ނޫނެވެ. އެއީ މަސްވެރިކަން ކުރާގޮތަށް ލިބޭ ސަރޓިފިކޭޝަނެއް ކަމުން ފިނިކުރި ކަނޑުމަހަށް ވެސް މި އަގު ލިބެއެވެ.

ރާއްޖޭގައި މަސްދަޅު ކާރުޚާނާ ހިންގުމުގެ ހާލަތު މިފަދަ ގޮތަކަށް އޮތް އިރު އެއްބަޔަކު ކާރުޚާނާ އިތުރަށް ފުޅާކުރުމަށާއި އަދި އިތުރު ކާރުހާނާ ހެދުމުގެ ހިޔާލުތައް މިގެން ގުޅޭ ސަބަބުތަކަށް ވިސްނާލަން އެބަ ޖެހެއެވެ.

މި ވާހަކަތައް އެންމެ ހަރުއަޑުން ދައްކަމުންދަނީ ކުރިން ކާރުޚާނާ ހިންގުމުގައި އުޅުއްވި ނުވަތަ އެއާ ކޮންމެވެސް ގުޅުމެއް ހުރި ބޭފުޅުންނެވެ. މަސްދަޅު ކާރުޚާނާ ހިންގުމުގެ މަތިފަޑީގައި އެބޭފުޅުން ތިއްބެވިއިރު ނަފާ ވިޔަފާރިއަކަށް ބަދަލު ނުކުރެވުނު ކަމެއް މިހާރު ކުއްލިއަކަށް ފައިދާ ފެނުން އެއީ އަރަތެކެވެ.

ސަރުކާރުގެ މަސްދަޅު ތައްޔާރުކުރާ ކާރުޚާނާ ބަނގުރޫޓުވެގެން ހުއްޓާލަން ޖެހުމަކީ އެކަމުގެ ސިޔާސީ އަގު ވަރަށް ބޮޑު ކަމެކެވެ. އެހެންކަމުން ވިޔަފާރި އަށް ގެއްލުވަމުން ދިޔަ ކަމުގައިވީ ނަމަވެސް އެއްވެސް ސަރުކާރަކުން ކާރުޚާނާ އަށް ބަދަލުތަކެއް ގެނެއުމަށް ޖެހިލުންވެއެވެ. އަދި ކާރުހާނާގެ މެނޭޖްމަންޓާ ހަވާލުވާ ފަރާތްތަކުން ވެސް ހަވާލުވުމަށްފަހު އެއްގޮތަކަށް ވެސް އެތަނުން ގެއްލުންވާ ވާހަކަ އާއި އެތަނާ ދޭތޭރެ އެހެން ގޮތަކަށް ވިސްނަންޖެހޭ ވާހަކައެއް ނުދައްކަ އެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.

މި ރާއްޖޭގައި ފިނިކުރި ކަނޑުމަހުގެ ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު އެވްރެޖްކޮށް ބޭރުކުރެވިފައި ވަނީ 81000 މެޓްރިކް ޓަނެވެ. ކޫއްޑޫ ފިޝަރީޒަށް 2102ވަނަ އަހަރު ލިބުނީ 24000 މެޓްރިކް ޓަނުގެ މަހެވެ. މި މަސްކޮޅު ފިނިކުރި ކަނޑުމަހުގެ ގޮތުގައި ފައިދާއެކު ވިއްކާލެވޭއިރު އަދި ދަޅަށް އަޅަގެން ލިބޭނީ ގެއްލުންކަން އެނގޭއިރު ކޫއްޑޫ ފިޝަރީޒްއިން މަސްދަޅުގެ ކާރުޚާނާއެއް އަޅާ ވާހަކަ މިދައްކަނީ ކީއްވެގެންތޯ އެވެ؟

ސަރުކާރުން ކަންބޮޑުވާންޖެހޭ ކަންކަން ކަމުގައި ބެލެވެނީ ދަޅުމަސް ހަދާ ކާރުޚާނާގައި ތިބި ދިވެހި މުއައްޒަފުންގެ ވަޒީފާގެ މައްސަލަ އެވެ. ތަން ބަންދުވެއްޖެނަމަ ވަޒީފާ ގެއްލުނީ އެވެ. އިގްތިސާދީ ނަޒަރަކުން ވިސްނާއިރު ގައުމަށް އެންމެ ފައިދާވާނެ ގޮތެއްބަލައި އެގޮތަށް ކަންކަން ބައްޓަންކުރުން ސަރުކާރަށް މުހިންމެވެ. ރާއްޖެ އަށް އެންމެ ފައިދާ ބޮޑީ ލިބޭ މަސް ދަޅަށް އަޅައިގެންތޯ ނޫނީ ފިނިކުރި ކަނޑުމަސް ގޮތުގައި ބޭރުކޮށްގެންތޯ ނުވަތަ އެހެން ގޮތަކުންތޯ ބެލުމަކީ ގައުމުގެ ލޭނާރު ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. ވިސްނައިފިނަމަ ފެލިވަރުގައި ވެސް ވަޒީފާތައް ދެމެހެއްޓޭނެ ގޮތްތައް ހުރިކަން އެއީ ވިޔަފާރި ނަޒަރަކުން ވިސްނާލީމައި ފެންނަން ހުރިކަމެވެ.

މިއާޓިކަލްވަނީ 6 މާޗް 2013ގައި ހަވީރުގައި ޝާއިއުކުރެވިފައެވެ. ތިރީގައިވާ ބައެއް ކޮމެންޓްއެހެރީ ހަވީރުގައި ހުރިގޮތަށެވެ.