އެމެރިކާގެ ސެންފުރާންސިސްކޯގައި މިއަހަރު އޮތް، އޭޕެކް 2023 ސީއީއޯ ސަމިޓުގައި ގާޒާގައި އިޒްރޭޒުލުން ހިންގަމުންގެންދާ އުދުވާނާއި ދެކޮޅަށް މެލޭޝިއާގެ ޕްރައިމިނިސްޓަރ އަނވަރު އިބްރާހިމްގެ ވާހަކަފުޅު ދެއްކެވި ސާބިތުކަމަށްޓަކައި މީސްމީޑިއާގައި ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.
އަންވަރު ވިދާޅުވި ގޮތުގައި، އާންމުންގެ ތެރެއަށާއި ގެދޮރާއި ހޮސްޕިޓަލްތަކަށް ބޮން ގޮއްވާލުމުގެ ސަބަބުން ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންގެ މައުސޫމް ފުރާނަތަކަށް، ކުރާ އަނިޔާތައް މެލޭޝިޔާއިން ކުއްވެރިކުރާކަމަށެވެ. އަދި އޮކްޓޯބަރު 7، ވަނަ ދުވަހުން ފެށިގެން މިހާރު ހިނގަމުގެންދާ ގަތުލުއާމުންގައި މަރުވި މީހުންގެ އަދަދު ވަނީ 12،000 އަށް އަރާފައި ކަމަށެވެ.
ކޮންމެ ސިކުންތެއްވެސް މުހިންމުކަމަށާއި، މެދުކެނޑުމެއްނެތި ބޮން ގޮއްވާލުން ހުއްޓުވުމަށް ދުނިޔޭގެ ލީޑަރުންގެ އިއްތިފާގުން ގޮވާލުން ލަސްވުމުން، އޭގެ މާނައަކީ އިތުރު ތުއްތު ފުރާނަތަކެއް ގެއްލިގެންދާނެކަމެއް ކަމަށެވެ.
އަންވަރު މިވާހަކަ ދެއްކެވިއިރު ސަމިޓުގައި ބައިވެރިވަޑައިގެން އިންނެވި، އެމެރިކާގެ ރައީސް ޖޯބައިޑަނާއި އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވަރަށް ކަނުލައި އަޑުއައްސަވަން އިންްނެވިކަން ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ.
އަޅުގަނޑުގެ ރާޑަރަށް އަންވަރު އިބްރާހިމް އެރީ އަޅުގަނޑު ކިޔަވަން މެލޭސިޔާއަށް ފޭބި ހިސާބުންނެވެ. އޭރު އަޅުގަނޑު އަންހެނުން ބަނޑަށް 6 މަހެވެ.
އެދުވަސްވަރު، އަންވަރު ސަރުކާރުން ވަކިކުރައްވާގެން މުޒާހަރާތަކެއް ހިނގަނީއެވެ. އަދި ކޯޓުގައި އަންވަރުގެ މައްސަލައެއް ހިންގަން ފެށީ އެދުވަސް ވަރުއެވެ. އަންވަރު ޕްރައި މިނިސްޓަރަކަށް ވުމުގެ ފުރުޞަތު އޮތީ ކިހާވަރަށް ބާވައޭ، އަޅުގަނޑު ހިތަށް އެރިއެވެ. އަޅުގަނޑުގެ މެލޭ ރަހްމަތްތެރިން ދެކުނުގޮތުގައި އަންވަރުގެ ސިޔާސީ ހަޔާތް ނިމުނީއެވެ.
އަދި އަންވަރު ޕްރައިމިނިސްޓަރަކަށް ވަންދެންވެސް އަޅުގަނޑުގެ ރަހްމަތްތެރީން ޤަބޫލުކުރީ މިގޮތަށެވެ.
އަންވަރު ގެ ސިޔާސީ ހަޔާތް ފެށިގެން އަންނަނީ އަމިއްލަފުޅަށް އުފެއްދި ޖަމިއްޔާއަކުންނެވެ. ޒުވާނުންގެ އިސްލާމީ ޖަމިއްޔާއެއްގެ ޒުވާން ލީޑަރެއްގެ ގޮތުންނެވެ. މީހުންނަށް ޤަބޫލުކުރެވިފައިއޮތީ މުޅި ހަޔާތް ދާނީ އިދިކޮޅުގައި ހުންނަވާގެންކަމަށެވެ. ނަމަވެސް ޑރ.މަހާތީރު ވެރިކަމަށް ވަޑައިގެން އަންވަރުއަށް ސަރުކާރާއި ގުޅުމަށް ދައުވަތު ދެއްވިއެވެ.
އަންވަރު ސަރުކާރާއި ގުޅިވަޑައިގަތީ 1982ގައެވެ. އަދި ވަރަށް ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ވެރިކަން ކުރާ އަމްނޯގެ ޕާރޓީއާ ސަރުކާރުގެ އެކި މަޤާމުތަކުން ޖާގަހޯދަވަމުން ކުރިއަށް ވަޑަައިގަތެވެ. ޑރ.މަހާތީރުގެ ނައިބެއްގޮތުގައި ހަމަޖެހިގެން ދިޔައީ 1993 ގައެވެ.
އަންވަރާއި މަހާތީރުގެ ގުޅުން ފިތުނަ ވެގެން ދިޔައީ ޤައުމަށް ކުރިމަތިވި މާލީ ކާރީސާގެ ދުވަސްވަރު، މަހާތީރު ވެރިކަމުން ދުރުކުރުމަށް އަންވަރު މަސައްކަތް ކުރަނީ ކަމަށް ތުހުމަތު ކޮށެެވެ. އެކި ތުހުމަތުތަށް އަންވަރު ގެ ކޮޑުފުޅުގައި އަޅުވައި އެންމެފަހުން ޖަލަށް ހުކުމު ކުރެވުނެވެ.
އަންވަރުގެ ހަޔާތުގައި ދެފަހަރަކު ވަނީ ދިގު ޖަލު ހުކުންތަކެއް ތަންފީޒު ކުރައްވާފައެވެ. އެއީ 1999 އިން 2004 އަކަށެވެ. އަޅުގަނޑު ކިޔަވަން މެލޭޝިއާގައި ހުރި ދުވަސްވަރު އަންވަރު ހުންނެވީ ޖަލުގައެވެ. އަދި 2014 އިން 2018 ވެސް އަންވަރު ޖަލަށް ވަޑައިގެންނަވަންޖެހުނެވެ. ދެވަނަ ފަހަރު އަންވަރު ޖަލުގެ ހުކުން ތަންފީޒުކުރައްވަމުން ދިޔަ ދުވަސްވަރު އަޅުގަނޑު ދަރިފުޅު ކިޔަވަން ބަހައްޓަން މެލޭޝިއާއަށް ދިޔައީމެވެ.
އަޅުގަނޑަށް އަންވަރު ސިފަ ކުރެވެނީ ސިޔާސީ ކުއްވެރި އަކުން ސިޔާސީ ބާރު ހޯއްދެވި ކުޅާދާނަ ހިކްމަތްތެރި ކެއްތެރި ލީޑަރެއް ގޮތަށެވެ. އަޅުގަނޑު އަންވަރު ހިމަނާލާނީ އިންޑިއާގެ ޖަވާހަރު ލާލް ނެހުރޫ، ސައުތު އެފްރިކާގެ ނެލްސަން މެންޑޭލާ އާއި މިޔަންމާ ގެ އަނގު ސަން ސޫޗީ ފަދަ ލީޑަރުންގެ ސަފުގައެވެ.
ޤަބޫލުކުރަން އުނދަގޫ، ނަމަވެސް 2018ގެ މޭލޭޝިއާގެ އާންމު އިންތިހާބުގައި މަހާތީރާއި އަންވަރާއި ދެބޭފުޅުން މަސައްކަތްކުރީ އެކުގައެވެ. އަދި މެލޭޝިއާ މިނިވަން ވީންސުރެން ވެރިކަން ކުރަމުން އަންނަ މެލޭ މީހުންގެ އަމްނޯ ޕާރޓީ ބޮޑު އަގްލަބިއްޔަތަކުން ބަލިކުރީ ސިޔާސީ ދެ ހަތުރުން އެކުގައި ކުރި މަސައްކަތުންނެވެ. ނަމަވެސް މަހާތީރަށް ޕްރައިމިނިސްޓަރުކަން ލިބުމުން ވެރިކަން ހިއްސާކުރަން ވެެފައިވާ އެއްބަސްވުން ނަގަހައްޓަން ދެކޮޅުހެއްދެވިއެވެ.
އަންވަރުގެ ތާއީދު އަނބުރާ ގެންދިއުމުން މަހާތީރުގެ ވެރިކަން ވެއްޓިގެންދިޔައެވެ.
އާންމު އިންތިހާބުގައި މޭލޭޝިޔާ ރައްޔިތުން ނަޫނެކޭ ބުނެފައިވާ، އަމްނޯ ޕާރޓީ އަނެއްކާވެސް ކޯލިޝަންއަކުން ސަރުކާރަށް އަތުވެއްޖެއެވެ. އަދި ވަރަށް އަވަސް އަވަހަށް ޕްރައިމިނިސްޓަރުން ބަދަލުވަމުންގޮސް، އެންމެފަހުން އަމްނޯގެ ޕްރައިމިނިސްޓަރަކުވެސް ސަރުކާރާއި ހަވާލުވެއްޖެއެވެ. ބަރުލަމާނީ ނިޒާމެއްގައި ރައްޔުތުންގެ އަގްލަބިއްޔަތު ނެތް ޕާރޓީއަކަށްވެސް ވެރިކަމަށް އައުމުގެ ފުރުޞަތު އޮވެއެވެ.
ދެން ކުރިމަތިވި އާންމު އިންތިހާބުގައި އެންމެން ހައިރާކުރުވާފައި އަންވާރާއި އެކު ބައިވެރިވި ކޯލިޝަން ޕާރޓިތައް އިންތިހާބު ކާމިޔާބުކުރިއެވެ. އުފެދުނު ސަރުކާރުގެ ޕްރައިމިނިސްޓަރަކީ އަންވަރެވެ. ވަރަށް ދިގު އިންތިޒާރަކަށްފަހު އަންވަރުގެ ލީޑަރޝިޕްގައި އަމިއްލަފުޅު ޕާރޓީ ސަރުކާރެއް އުފެއްދުމުގެ ފުރުޞަތު ހޯއްދެވިއެވެ.
އެޕާރޓިއެއްގައި އަންވަރު ޑެޕިއުޓީ ޕްރައިމިނިސްޓަރުކަން ކުރި އަދި އެ ޕާރޓިގެ ވެރިކަމުގައި އަންވަރު 9 އަހަރު، ޖަލުގައި ހޭދަކުރަންޖެހުނު އަމްނޯ ޕާރޓީވީ އަންވަރުގެ ކޯލިޝަން ބައިވެރިއަކަށެވެ.
ގިނަ ފަރާތްތަކުން ހީކުރެވިފައި އޮތީ އަންވަރުގެ ސަރުކާރު ދާދީ އަވަހަށް ވެއްޓޭނެކަމަށެވެ. އަދި ބޮޑުވަޒީރުކަމުގައި ހުންެނެވޭނީ ކުޑަ ދުވަސް ކޮޅަކުކަމަށެވެ. މިމަހު މިދަނީ އަހަރު ކިޔާށެވެ. އަންވަރުގެ ކޯލިޝަން އޮތީ ބަދަހިކޮށެވެ. އެހެންނަމަވެސް އަންވަރު ސަރުކާރު ހިފޭއްޓުމަށް، މެލޭ ދަރިކޮޅުގެ ވޯޓާއި ތާއީދު ވަރަށް މުހިންމުވެއެވެ.
މޭލޭޝިއާއަށް މިނިވަންކަން ލިބުނު އިރު މޭލޭ ދަރިކޮޅުގެ އާބާދީ އޮތީ 50% ގައެވެ. ޗައިނާ ދަރިކޮޅުއޮތީ 37%ގައެވެ. އެކަމު މިހާރަށް ބަލާއިރު މެލޭދަރިކޮޅުގެ އަބާދީ 70% އަށް އިތުރު ވެއްޖެއެވެ. ޗައިނާ ދަރިކޮޅުގެ އާބީދީ 23% އަށް ކުޑަވެއްޖެއެވެ. އަންވަރުގެ ކޯލިޝަންގައި މޭލޭގެ އަމްނޯ ޕާރޓީ އޮތްކަމުގައި ވިޔަސް، ކުރީގައި އެޕާރޓީއަށް އޮތް ތާއިދެއް މިހާރަކު ނެތެވެ. ވޭތުވެދިޔަ އަހަރުތަކުގައި އެޕާރޓީވަނީ ކޮރަޕްޝަންގެ ސަބަބުން މަޤުބޫލުކަން ކުޑަވެފައެވެ. އެޕާރޓީގެ ކުރީގެ ޕްރައިމިނިސްޓަރު މިހާރުވެސް 12 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނީއެވެ.
އަންވަރުގެ ސަރުކާރަށް އެއް އަހަރު ފުރިހަމަ ކުރާއިރު ކުރިމަތި ވަނީ ސްޓޭޓުތަކުގެ އިންތިހާބެވެ. މިވޭތުވެ ދިޔަ އެއްއަހަރުގެ ވެރިކަން ހިންގިގޮތަށް ބަލާއިރު ސާފު ރަނގަޅު ވެރިކަމެއް ކޮށްފައިވާކަމަށް ގިނަރައްޔިތުން ދެކެއެވެ. އެހެން ކަމުން އަންވަރުގެ ޕާރޓީއަށް ސްޓޭޓް އިންތިހާބުގައި ކާމިޔާބުތަކެއް ހޯދިދާނެކަމަށް އުއްމީދު ކުރެވެއެވެ.
އަކަމަކު އަންވަރުގެ މަޤްބޫލުކަން މިހާރު އަންނަނީ ކުޑަވަމުންނެވެ. އެއީ އިންފްލޭޝަނާއި މުސާރާގެ ކުރިއެރުންތައް ފެންނަމުން ނުދާތީއެވެ.
އަންވަރުގެ ވިސްނުން ހުންނަނީ މޭލޭޝިއާގެ ހުރިހާ ދަރިކޮޅަކަށްވެސް ހަމަހަމަ އެއް ސިޔާސަތުތަކެއް ހިންގާށެވެ. މިއަންނައަހަރު ޖެނުއަރީގައި މެލޭޝިއާގެ ރަސްކަން ބަދަލުވާނެއެވެ. ރަސްކަމުގެ ތަހުތު މިފަހަރު ލިބިވަޑައިގެންނަވާ ރަސްގެފާނަކީވެސް އަންވަރުގެ ސިޔާސަތާއި އެއް ފިކުރެއް ގެންގުޅުއްވާ ރަސްކަލެކެވެ.
އެހެން ކަމުން ލަފާކުރެވެނީ އަންވަރުގެ ބޮޑުވަޒީރުކަން އިތުރަށް ހަރުދާނާވުމުގެ މަގު ފުޅާވެގެން ދާނެ ހެޔޮފާލެއްކަމުގައި މިކަން ވެގެން ހިނގައިދާނެކަމަށެވެ.
ބޭރުގެ އިންވެސްޓްމަންޓް މެލޭޝިއާއަށް ގެނެސްދިނުމުގައި ބޮޑެތި ކުރިއެރުންތަކެއް އަންވަރު ވަނީ ހޯދައިފައެވެ. އަންވަރު ވަނީ ސިދާ އެލަން މޮސްކާއި ވާހަކަދައްކައިގެން މެލޭޝިއާ ޑާޓާ ހަބަކަށް ބަދަލުކުރުމުގެ މަސައްކަތްކޮށްފައެވެ. އަންވަރު ވިދާޅުވަނީ އިންވެސްޓަރުންގެ މަންޒިލަކަށް މެލޭޝިއާ ހެދުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެކަމަށެވެ.
އަންވަރުގެ މަސައްކަތުގެ ނަތީޖާވެސް ދަނީ ފެންނަމުންނެވެ. މިއަހަރު މެލޭޝިއާގެ އިގްތިޞާދު 3.9% ކުރިއަރާނެއެވެ. އަދި މިއަންނަ އަހަރު 4.3% ކުރިއަރާނެކަމަށް ވަނީ ވޯލްޑު ބޭންކުން ލަފާކޮށްފައެވެ. މިއީ އާސިއާން ގައުމުތަކުގެ ތެރޭން އެންމެ ބޮޑު ކުރިއެރުމެއް ލިބޭ ގައުމެވެ. ނިމިދިޔަ އަމްނޯގެ ވެރިކަމުގައި ކުރިއެރުން ނުލިބޭފަދަ ކުރިއެރުމެއް އަނވަރުގެ ބޮޑު ވަޒީރުކަމުގައި މިވަނީ ހޯދައިފައެވެ.
އަދި އަންވަރުގެ ވެރިކަމުގައި މިވަނީ ގައުމަށް ހަމަޖެހުން ގެނެސްދީފައެވެ. ސަރަހައްދުގެ ކުރިއެރުން ބިނާވެފައި އޮންނަނީ އަވަށްޓެރި ގައުމުތަކުގެ ހަމަޖެހުމުގެވެސް މައްޗަށެވެ. މިވަޤުތު ތައިލެންޑުގައި ހިނގާ ސިޔާސީ ކޯޅުމާއި މިޔަންމާގައި ހިނގަމުންދާ މަދަނީ ހަމަނުހުމުގެ ސަބަބުން ސަރަހައްދުގެ ކުރިއެރިމަށް ހުރަސްތަކެއް އެބަހުއްޓެވެ. އަންވަރުގެ ބޮޑުވަޒީރުކަމުގައި މެލޭޝިއާގެ ސިޔާސީ ހަމަޖެހުން ގެނެސްދީ އިޤްތިޞާދީ ކުރިއެރުން ހޯދަމުން ގެންދާކަމީ އާސީއާން ސަރައްހައްދަށް މިވަޤުތު ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްވާނެއެވެ.
ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާއިރު އުމުރުން ދޮށީވުމާއި ފުރައްސާރައާއި ކުރިމަތިވުމާއި، ހައްޔަރުގައި ހުންނަޖެހުމަކީ ވެރިކަމަށް ނާދެވޭނެ ހުރަސްތަކެއް ނޫނެވެ. ތިމާއަށް ތާއިދު ކުރާ ފަރާތްތަށް އެކުލާވާލައިގެން ހިފެއްޓޭނެ ހިކުމަތްތެރިކަން ބޭނުންކުރަން ދަންނަނީނަމަ މަގްސަދު ހާޞިލު ކުރެވޭނެއެވެ.