އަޅުގަނޑު ޕީއެސްއެމްގައި މަސައްކަތް ކުރަމުން ދިޔަ ދުވަސްތަކުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ބައެއް މުއައްޒަފުން، ކުންފުނިންވަކިވުމަށް ފޮނުވާސިޓީގައި އެބޭފުޅުން ވަޒިފާގައި އުޅުއްވިއިރު ކުރިތަމިވި ކަންބޮޑުވުންތައް ފާހަގަކުރައްވާފައި ހުންނަކަމެވެ.
ވަކިވެގެންދަނީ ކޮންމެވެސް ކަމާކާއި ހިތްހަމަ ނުޖެހިގެން ކަމަށް ވަރަށް ގިނައިން ފާހަގަ ކުރައްވާފައި ހުރެއެވެ.
އަދި ބައެއް ބޭފުޅުންގެ ވާހަކަތައް އަޑުއަހާލަން، އަޅުގަނޑު އެބޭފުޅުންނާއި ބައްދަލުކޮށްލާވެސް ހަދާލަމެވެ. ސަބަބަކީ ކުރިން އަޅުގަނޑަށް އަޑުއިވިފައި ނުވާ ވާހަކަތައް ވަކިވަމުން ފޮނުވާ ސިޓީގައި ފާހަގަކޮށްފައި ހުންނާތީއެވެ.
އަޅުގަނޑު ހިއުމަން ރިސޯސް ޑިޕާރޓްމަންޓާއި ވާހަކަ ދައްކާގެން ވަކިވާއިރު އިންޓަވިއު ކުރެވޭނެ ތަރުތީބެއް ހަމަޖެއްސީމެވެ. ވަކިވާ ވަރަށް ގިނަ ބޭފުޅުން މިއިންޓަވިއުއަށް އިޖާބަދެއްވައެވެ.
މިގޮތަށް އިންޓަވިއު ދެއްވާ ވަރަށް ގިނަ ބޭފުޅުންގެ ޝަކުވާތައް ހުރެއެވެ. ވަކިވެގެން ދާއިރު ބޭނުންއެއްޗެއް ބުނެލުމުގެ މަގު ތަނަވަސްވެފައި އޮތީމައި ފުރުޞަތުގެ ބޭނުން ހިފާލަނީ، ކަހަލަ މޭރުމަކުންވެސް ޝަކުވާހުރެއެވެ. ބައެއް ބޭފުޅުން އިންޓަވިއުއަށް ފަހު ލިޔުމުންވެސް ޝުއޫރުތައް ފާޅުކުރައްވައެވެ. ވަރަށް ދިގުކޮށްވެސް ލިޔުއްވާފައި ހުރެއެވެ.
އަޅުގަނޑު ހިތަށް އެރީ ވަކިވެގެން ދާއިރު ރުޅިވެރިކަން ފާޅުކުރުމުގެ ބަދަލުގައި ތިމާ ހިންގުމުގެ ތެރޭގައި މަސައްކަތް ކުރަމުން ދިޔައިރު މިފަދަ ޑައިލޮގެއް އުފެއްދިނަމަ މާބޮޑަށް ފުރިހަމަވީސް ކަމަށެެވެ. ދެފަރާތަށްވެސް ފައިދާ މާ ރަނގަޅަށް ކުރީހެވެ.
ރަނގަޅު މުއައްސަސާއެއް ގާއިމުކުރެވޭނީ މުއައްޒަފުންނާއި އެކު ބޭއްވޭ ޑައިލޮގާއި ކުރެވޭ މަސައްކަތުންނެވެ. ވަކިވެގެން ދާއިރު އުފަންކުރުވާ، އަނބުރާ ނުގެނޭވޭފަދަ ނުރުހުމުގެ އަސަރުތަކަކުން ނޫނެވެ.
މުއްސަސާތަކުންވެސް މުއައްޒަފުންނާއި ސިދާ ގުޅިގެން މަސައައްކަތް ކުރާ ސުޕަވައިޒުރުންނަކީ މުއްޒަފުންގެ ކަންބޮޑުވުންތައް އަޑުއެހުމުގެ ޤާބިލުކަން ހުރި ބަޔަކަށް ވާންޖެހެއެވެ. މިފަދަ ވިސްނުމަށް، ހޭލުންތެރިވެ އަހުވެރިވެެފައިވާ ބަޔަކަށް ވާންޖެހޭނެއެވެ.
އަޅުގަނޑަށް ވިސްނޭގޮތުގައި ޤައުމުގައި އެންމެ ބޮޑު ބަދަލެއް މިއަންނަނީ ވެރިކަން ބަދަލުވާއިރުއެވެ. ވެރިކަން ބަދަލުވުމުގައި އޮމާންކޮށް، މިމަރުހަލާ ގެންދިއުމަށް ކަންތައްތަކެއް ރޭވިފައި ހުރެއެވެ. އޮންނަ ސަރުކާރަަކުން ވެރިކަމާއި ހަވަލުވާނެ ސަރުކާރަށް ހަމަޖައްސާދޭންޖެހޭ ކަންތައް ތަކެއްވެސް ހުރެއެވެ.
ސަރުކާރާއި ހަވާލުވާ ފަރާތުން ކަންކަން ކުރިއަށް ގެންދާނެގޮތް ރާވަނީ، ޒިންމާތަކާއި މަތި ކުރާނެ ބޭފުޅުން ކަންޑައަޅަނީ އިންތިޤާލީ މުއްދަތުގެ ތެރޭގައެވެ. އިންތިޤާލީ މަރުހަލާއަކީ ފައިބާ ސަރުކާރުންވެސް ބައެއް ކަންކަން އިންތިޒާމްކޮށް ހަވާލުވާ ސަރުކާރަށް މަސްއޫލިއްޔަތު ހަވާލުކުރާ މަރުހަލާއެކެވެ.
ވެރިކަން ބަދަލުވާއިރު ސަރުކާރުގެ ސިޔާސަތު ބަދަލުވެއެވެ. ނަމަވެސް މުއައްސަސާތަކުންނާއި ކުންފުނިތަކުގެ މައިގަނޑު މެންޑޭޓަށް ބަދަލެއްނާދެއެވެ. އާންމުކޮށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކަށް ބަދަލެއް ނާދެއެވެ.
ވީއިރު ސަރުކާރު ބަދަލުވާއިރުވެސް ވަކިވުމުގެ ކުރިން ބާއްވާ އިންޓަވިއުއެއް އޮތުމަކީ ވަރަށް ފައިދާ ކުރާނެ ކަމެކެވެ. މުއައްސަސާތަކާއި ކުންފުނިތަކުން ބަދުލުވާ ވެރިންގެ މެދުގައި ވާހަކަ ދެކެވޭނަމަ، ނުތަނަވަސްކަން ކުޑަވެގެންދާނެއެވެ. އަދި ކަންކަން އޮމާންކޮށް ގެންދިއުމުގައި އިތުރު ބާރަކަށް ވާނެއެވެ.