ޕީއެސްއެމްއިން 4.8 މިލިއަން ރުފިޔާ ސެޓެލައިޓް ފީގެގޮތުގައި ދައްކަން ޖެހޭކަމަށް ދިޔަރެސް އޮންލައިންގައި 23 އޮކްޓުބަރު 2023 ގެ ޚަބަރެއްގައި ޝައިއުކޮށްފައި އޮތްކަމީ އަޅުގަނޑަށް އެކަމާއި ގުޅޭގޮތުން އެއްޗެއް ދަންނަވާލަން ލިބޭ ފުރުޞަތެއްކަމަށް ދެކެމެވެ.
މީގެފަސް (5) އަހަރު ކުރިން ޕީއެސްއެމް ހިންގުމާ އަޅުގަނޑު ހަވާލުވިއިރު ސެޓެލައިޓް ފީގެ ގޮތުގައި އެޕްސްޓަރ ކުންފުންޏަށް މަހަކު 78،000 (ހަތްދިހަ އަށްހާސް) ޔޫއެސްޑޮލަރު ދައްކަމުން ގެންދެއެވެ. މިއަދަދު މިރޭޓުގައި ދައްކަމުންގެންދާތާ އޭރު އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މިއީ ބޭކާރު ޚަރަދެއްކަން އަޅުގަނޑަށް އެނގެނީ ކުރިން އަޅުގަނޑު ޓީވީއެމް ހިންގިއިރު ސެޓެލައިޓަށް ކުރާ ޚަރަދާ އަޅާބަލާއިރު މިހާރު ކުރާ ޚަރަދު ބޮޑުކަމަށް ވާތީއާއި، އެހެން ބައެއް ބުރޯޑުކާސްޓަރުންވެސް ސެޓެލައިޓަށް ކުރާ ޚަރަދު މިއަށް ވުރެ ބޮޑުތަނުން ކުޑަވީމައެވެ.
އެހެންކަމުން އަޅުގަޑު އަވަސްވެގަތީ މި ޚަރަދު ކުޑަކުރެވޭނެގޮތެއް ހޯދުމަށެވެ. އޭރު އެޕްސްޓަރ ކުންފުންޏަށް ނުދައްކާ 360،000 (ތިންލައްކަ ފަސްދޮޅަސް ހާސް) ޔޫއެސް ޑޮލަރު އޮތެވެ. އޭރު އެކުންފުނިން ދިޔައީ މިފައިސާ ދެއްކުމަށް ކެނޑިނޭޅި އަންގަމުންނެވެ. އަޅުގަނޑު އެފަރާތުގައި ވަރަށް ހަރުކޮށް ބުނިން ޕީއެސްއެމަށް ވިއްކާފައި ތިއޮތް ސެޓެލައިޓް ޖާގައަކީ ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރު ޖާގައެއްކަމަށާއި އެކަން ބަދަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި މީގެ ބޮޑު ޖާގަ ބޭނުންނުކުރާކަން އެފަރާތަށްވެސް ކަނޑައެޅިގެން އެނގޭނެކަމަށެވެ. އެހެންކަމުން މިހާރު މިވެފައިވާ ވިޔަފާރި އެއްބަސްވުން ދެފަރާތަށް ފައިދާ ވާގޮތަށް ކުރިއަށް ގެންދިއުމަށް މިހާރު މިޖާގަ ކުޑަކުރަންޖެހޭނެކަމަށެވެ.
އެފަރާތުން ކުރިމަތިކުރީ އެގްރީމެންޓްގެ މުއްދަތެވެ. އަޅުގަނޑު ވާހަކަދެއްކީ މިހާރު މިއަދަދަށް ކޮންމެ މަހަކު ފައިސާ ދެވެން ނެތްކަމަށްވާތީއާއި، ޕީއެސްއެމްއަށް ބޭނުންނުވާ ސެޓެލައިޓް ޖާގަ ވިއްކާފައިވަނީ އެފަރާތުގެވެސް އިޚްލާސްތެރި ވިސްނުމުގައި ނޫންކަމަށެވެ. އަދި މިޚަރަދު ކުޑަކުރުމަށް އެފަރާތުން ހުށަހެޅީ އެގްރީމެންޓުގެ މުއްދަތު އިތުރުކޮށް ދިނުމަށާއި އޭރު ނުދައްކާއޮތް ފައިސާ އެއްކޮށް ޚަލާސްކޮށް ދިނުމަށެވެ.
އެހެންކަމުން 2019ގައި އެޕްސްޓަރގެ އެގްރީމެންޓުގެ އެމެންޑުމަންޓުގައި ސޮއެކުރެވުނެވެ. އެއީ އެގްރީމެންޓުގެ މުއްދަތު 2025ށް އިތުރުކުރުމާއި، މަހުފީ 22،000 (ބާވީސް ހާސް) ޔޫއެސް ޑޮލަރަށް ކުޑަކުރުމެވެ. މިއީ ކުރިން ދައްކަމުން އައި ވަރަށް ވުރެ 56،000 ޔުއެސް ޑޮލަރު ކުޑަ އަދަދެކެވެ.
އެގްރީމެންޓުގެ މުއްދަތު 2025ށް އެއްބަސްވީ 24/2023 ހާތަނުގައި ޕީއެސްއެމްގެ އަމިއްލަ ވިޔުގައެއް މުޅި ރާއްޖޭގައި ގާއިމު ކުރެވޭނެތީއެވެ. މިނިންމުން މިގޮތަށް ނިންމީ އޭރު އަޅުގަނޑަށް ލިބުނު މަޢުލޫމާތުގެ މައްޗަށް ބަލާފައެވެ.
ކޭބަލު ޚިދުމަތްދޭ ފަރާތްތަކާއި އެކު، އެކި ކަންކަމުގައި ކުރެވުނު މުއާމަލާތްތަކުންނާއި، ޕީއެސްއެމުން ހިންގި ސާވޭއިން އަޅުގަނޑަށް ދެނެގަނެވުނީ ސެޓެލައިޓުގައި ޕީއެސްއެމްގެ ޗެނަލްތައް ބެހެއްޓުމުގެ ބޭނުންމެއް ނެތްކަމެވެ. މިހާރު ޓިއުންކޮށްގެން ޓީވީ ބަލާ މީހުން ނެތޭ ބުނާހައި މަދެވެ. މުޅިރާއްޖޭގައި 50 ގޭބިސީވެސް ހަމަ ނުވާނެއެވެ.
ކޯވިޑުގެ ދުވަސްތަކަށްފަހު މަސައްކަތަށް ނިކުމެވުނު އިރު ޕީއެސްއެމް އޮތީ ސެޓެލައިޓް ފީ އަނެއްކާވެސް ދައްކަންޖެހިފައެވެ. ދެން އަޅުގަނޑު އަނެއްކާވެސް ބެލީ ރާއްޖޭގައި އޭރުއޮތް އިޤްތިޞާދީ ހާލަތާއި ކޭބަލް ޓީވީގެ ވިޔުގައަށް އައިސްފައިވާ ބަދަލު އެޕްސްޓަރ އަށް ކިޔާދޭށެވެ.
އެޕްސްޓަރ އާއެކު ޕީއެސްއެމް ވިޔަފާރި ފެއްޓީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. އޭރު ރާއްޖޭގެ ކޭބަލް ޚިދުމަތް ދިނުމަށް އޮތް ވިޔަފާރި ހަމަޔާއި، ކޭބަލު ޓިވީ ޚިދުމަތުގެ ވިޔުގަ މިހާރު މިވަނީ އެއްކޮށް ކަހަލަގޮތަކަށް ބަދަލުވެފައެވެ. ކޭބަލުގެ ޚިދުމަތް ދޭ ފަރާތްތަކުން މިވަނީ ވަރަށް ބޮޑު ހޭދައެއްކޮށް މި ވިޔުގަ ވަރަށް ބޮޑަށް ތަރައްޤީކޮށްފައެވެ. މިހާރު ރާއްޖޭގެ މީހުން ޓީވީ ބަލަނީ ކޭބަލުންނެވެ. އަދި ވަރަށް ގިނަ ބަޔަކު މިހާރު ރޭޑިއޯވެސް އަޑުއަހަމުން ގެންދަނީ ކޭބަލްޓީވީ އިންނެވެ.
މިއަހަރު ތެރޭގައި ތިން ހަތަރު ޓީވީ ޗެނަލު ރާއްޖޭގައި އަލަށް އުފައްދައިފިއެވެ. އެޗެނަލްތައް ރާއްޖޭގެ އެންމެނަށް އެބަފެނެއެވެ. މިޗެނަލްތައް ސެޓެލައިޓުގައި ހުރެދާނެކަމަށް އަޅުގަނޑަކަށް ލަފައެއް ނުކުރެވެއެވެ. ސަބަބަކީ އެއީ ބޭކާރު ޚަރަދަކަށް ވާނެތީއެވެ. އަދި ސެޓަލައިޓަށް ނުލާވެސް ހުރިހާ ގޭބިސީއަކަށް ޗެނަލްތައް މިހިރީ ފެންނާށެވެ. ކޭބަލުގެ ޒަރިއްޔާއިންނެވެ.
ކޯވިޑުގެ ދުވަސްތަކަސްފަހު ނުދެއްކި ހުރިފައިސާ ދައްކަމުން ދިޔައިރު އަޅުގަނޑު ސެޓަލައިޓުގެ ޖާގަ ކުޑަކުރަނަ އަނެއްކާވެސް ޖެހޭނެ ކަމަށް މުއާމަލާތް ކުރަން ފައްޓައިގަތީމެވެ. އެޕްސްޓަރއިން އެންމެ ފުރަތަމަ އުޅުނީ އަޅުގަނޑަށް އޮޅުވާލާށެވެ. އެއީ ސެޓެލައިޓުގެ ޚިދުމަތް ކެނޑިއްޖެނަމަ ސިގްނަލް ކެނޑޭނެކަމަށް ބުނެއެވެ. އަޅުގަނޑު އެމީހުނަށް ބެނެދިނީ ސެޓަލައިޓާއިނުލާ މިހާރު އަޅުގަނޑުމެންގެ ތެރޭގައި، އެތޭރެގެ ހައްލެއް ހޯދާފައިވާ ކަމަށެވެ. އަދި މިއަދު ސެޓެލައިޓު ޚިދުމަތް ކެނޑުނަސް ޗެނަލްތައް ހުއްޓިދާނެކަމުގެ ބިރެއް ނެތްކަމަށެވެ. އަދި ދެޚަރަދު ކުރުމަކީ ބުއްދިވެރި ކަމެއް ނޫންކަމަށެވެ.
އެޕްސްޓަރއިން ދެން އަޅުގަނޑަށް ދައުވަތު ދިނީ ސިންގަޕޫރުގައި އޮތް ފެއަރއަކަށް އައުމަށެވެ. އެއީ ޚިދުމަތުގެ އެވޯޑެއް ދޭން ބޭނުން ކަމަށް ބުނެއެވެ. އަޅުގަނޑު އެދުވަސްވަރު ދަތުރު ނުކުރެވޭނެކަމަށް ބުނީމެވެ. ދެން ރާއްޖެއައިސް އަޅުގަނޑާއި ވަކިން ބައްދަލުކުރުމަށް އެތަށް ފަހަރަކު އެދުނެވެ. އަދި އެންމެ ފަހުން މިއަހަރު ތެރޭގައި ކުއްލިއަކަށް ރާއްޖެއައިސް އަޅުގަނޑާއި އެކަނި ބައްދަލުވުމެއް ބޭއްވުމަށް އެދުނެވެ. މިއިން އެއްވެސް ފަހަރެއްގައި އަޅުގަނޑު އެމީހުންނާއި އެކަނި ބައްދަލުވުމެއްގައި ބައިވެރި ނުވަމެވެ.
އަޅުގަނޑު އެދެމުން ދިޔައީ މިހާރު ދައްކަންމުންދާ ފީ އަނެއްކާވެސް ކުޑަކުރުމަށެވެ. އަދި ކުރީ ފަހަރުގޮތަށް އެޕްސްޓަރއިން އަޅުގަނޑު ހުށަހަޅާވަރަށް ކުޑަކުރުމަށް އަނގަބަހުން އެއްބަސް ވިއެވެ. އެކަމަކު ލިޔުމަށް ވާހަކަތައް ތިރިކުރަން އެދުމުން އެފަރާތުން ބުނަނީ ފައިސާ އެއްކޮށް ޚަލާސް ކޮށްފައި ދެން މެނޭޖުމަންޓާއި ވާހަކަ ދެއްކުމަށެވެ.
އެހިސާބުން އަޅުނގަނޑު ނިންމީ އަޅުގަނޑު ދެން ވާހަކަ ދައްކަން ޖެހޭނީ މެނޭޖުމަންޓުން ކަންކަން ނިންމޭވަރުގެ ފަރާތަކާ ކަމަށެވެ. އެހެންކަމުން އަޅުގަނޑު އެފަރާތުގައި ކުންފުނީގެ މެނޭޖުމަންޓާއި ވާހަކަ ދައްކަން އެދުނީމެވެ. އަދި ދެން އަޅުގަނޑު އިތުރަށް ވާހަކަ ދައްކަން ބޭނުމީ މެނޭޖުމަންޓާއި އެކު ކަމަށް ބުނީމެވެ.
މި މުއާމަލާތްތައް ކުރިޔަށް ދިޔައިރު މިކަމާއި ގުޅުން ނެތް ފަރާތްތަކުން މިކަންކަން ހިނގަނީ ކިހިނެތްތޯއާއި އަޅުގަނޑު ގެންގުޅޭ ވިސްނުން ހޯދުމަށް ބައެއް ފަރާތްތަކުން ގުޅަމުން ދެއެވެ. އަދި ބައެއް ފަހަރު މިކަމަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކުރަމުން ގެންދިޔަކަން އަޅުގަނޑަށް ދެނެގަނެވުނެވެ. މިގޮތުން ދިޔަރެސްގައި މިޖެހި ޚަބަރަކީވެސް އެފަދަކަމެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަމެވެ. ސަބަބަކީ ޕީއެސްއެމުން ދިވެހި ކުންފުނިތަކަށްވެސް ދައްކަންޖެހޭ، މާގިނަދުވަސްވެފައިހުރި ފައިސާ އެބަހުއްޓެވެ. މިހެން ހުއްޓާ ކުއްލިއަކަށް ޗައިނާ ކުންފުންޏަކަށް ދައްކަންހުރި ފައިސާއާއި ގުޅޭ ގޮތުން މުއާމަލާތްކުރަމުންދާ ދަންޑިވަޅެއްގައި މީގެ ތެރެއަށް ވަނުމުން ބާރު މިލިބެނީ ބޭރުގެ ކުންފުނި ކޮޅަށެވެ.
ދިޔަރެސްނޫހުގައި ޝާއިއުކޮށްފައިވާ އެޕްސްޓަރ އިން ފޮނުވައިފައިވާ ނޯޓިސްއަކީ އެފަރާތުގެ ލިޔުމެކެވެ. އެލިޔުން އެފަރާތުން ފޮނުވީ ޕީއެސްއެމްގެ ސިގްނަލް ކެނޑިދާނެކަމުގެ ބިރެއް އަޅުގަނޑުގެ ނެތްކަމަށް ބުނުމުންނެވެ. އެއީ ސެޓެލައިޓު ބޭނުން ނުކުރިޔަސް ޕީއެސްއެމްގެ ޗެނަލް ނުކެޑެނޭނެކަމަށް ބުނުމުންނެވެ. އެފަރާތުން ފޮނުވާފައިވާ ލިޔުމަކީ މިހާރު ނުދައްކާ ހުރި ފައިސާ ޚަލާސްކުރުމަށް ފޮނުވި ލިޔުމެކެވެ. އަދި އެފަރާތުން މިހާރުވެސް މިކަމާއި ވާހަކަދައްކާ މުއާމަލާތް ކުރިއަށް އެބަދެއެވެ. އަދި މިހެން ހުންނަ ފައިސާއަކީ އަބަދުވެސް ދައްކަމުން ދާފައިސާއެވެ. ވޭތުވެދިޔަ 15 އަހަރު ތެރޭގައި މިގޮތަށް ފައިސާ ދެއްކުން ކިތަންމެ ފަހަރަކު ލަސްވެފައި ހުންނާނެއެވެ.
މިހާރު ދެބަސްމިވެވެނީ އަގު ކުޑުކުރަން ވާހަކަ ދެއްކޭތީއެވެ. މިހިސާބުން އަޅުގަނޑު ޤަބޫލު ކުރަނީ މިމުއާމަލާތް ނިމޭއިރު 3000- 6000 ޔޫއެސް ޑޮލަރަށް މިއަގު ކުޑަ ނުކުރެވޭނީ މިކަމުގައި ފަސާދައާއި ކޮރަޕްޝަނާއި ދަހިވެތިކަމާއި އަމިއްލަ އެދުން ވަދެގެން ވެދާނެ ކަމެއް ގޮތަށެވެ.