ދައުލަތުގެ ވަޒީފައި އަދާކުރާއިރު އާންމު ރައްޔިތުންނާއި ގުޅުން ބޭއްވުމާއި އާންމުން ދެކޭގޮތް ދެނެގަތުމަށް މީސް މީޑީއާގައި ހަރަކާތްތެރިވުމަކީ ކޮންމެހެން މިހާރު ކުރަންޖެހޭކަމަކަށް މިއޮތީވެފައެވެ.

މީސްމީޑިއާގައި ހަރަކާތްތެރިވުމުން ގިނަ ފައިދާތަކެއްވެސް ހުރެއެވެ. ކުރަމުންގެންދާ މަސައްކަތްތަކާއި އޮޅުންފިލުވާލަދޭންޖެހޭ ކަންކަން އަންގާދިނުމަށް ވަރަށް ފަސޭހައިން ބޭންނުންކޮށްލެވޭ އާލާތަކަށް މީސްމީޑިއާ މިވަނީ ވެފައެވެ. އަދި އެކި ފަރާތްތަަކުން އެކިކަންކަމުގައި ފާޅުކުރާ ހިޔާލުތައްވެސް ވަރަށް ފުޅާކޮށް ލިބިގަނެވޭނެ މަންސައަކީ މިއަދު މީސް މީޑިއާވެއެވެ.

މީސްމީޑިއާގައި ހަރަކާތްތެރިވާ ނަމަވެސް އަދި ނުވާނަމަވެސް، އަޅުގަނޑުމެނަށް އެހެން މީހުން ދެކޭގޮތާއި ބުނާއެއްޗެއްގެ ކޮންޓުރޯލު ކުރުމުގެ ބާރެއް ނޯވެއެވެ. އެހެންނަމަވެސް ކަންކަން އޮންނަގޮތާއި އަޅުގަނޑުމެނާއި ދޭތެރޭކަންކަމުގައި އުފައްދާ ތަސައްވަރު ބަދަލުކުރުމަށް ކުރާ މަސައްކަތުގައި ކަންކަން އޮންނަގޮތް އޮޅުން ފިލުވައިދެވޭނެއެވެ.

އަޅުގަނޑުމެނާއި ދޭތެރޭ އެހެންމީހުން މީސްމީޑިއާގައި ފާޅުުކުރާ ހިޔާލުތަކަށް ޖަވާބު ދިނުމުގެ ކޮންޓުރޯލު އޮންނަނީ އަޅުގަނޑުމެން އަތުގައެވެ.  

އަޅުގަނޑުމެންގެ ވާހަކަ އެހެން މީހުން ދައްކާނެެއެވެ. އެކަމެއް ނުހުއްޓުވޭނެއެވެ. މިއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ.

އަޅުގަނޑުމެނާއި ގުޅޭގޮތުން ދެއްކޭވާހަކާގެ އެހެން މީހުން ދެކޭގޮތް އާހިރުގައި އޮންނަނީ އަޅުގަނޑުމެން ޖަވާބުދޭގޮތުގެ މައްޗަށެވެ. އަޅުގަނޑުމެން ދޭރައްދަކީ އަޅުގަނޑުމެންގެ ކޮންޓުރޯލުގައި އޮންނަ އެއްޗެކެވެ.

ސަބަބަކީ އަޅުގަނމެންގެ ޖަވާބަކީ އަޅުގަނޑުމެންނާއި ދޭތެރޭ އެހެންމީހުންގެ ތަސައްވަރު ކުރެހިންގެން ދާނެއެއްޗަކަށް ވާކަމެކެވެ.

އެހެންވީމައި އަޅުގަނޑުމެން ވިސްނަންވީ ދޭޖަވާބަކީ، ރައްދަކީ އަޅުގަނޑުމެން އެހެންމީހުންނަށް އަޅުގަޑުމެނާއި ދޭތެރޭ ކަންކުރުމަށް ދަސްކޮށްދޭ މިންގަޑުކަމެވެ.  

ދެން ސުވާލަކީ މީސްމީޑިއާގައި ދައްކާވާހަކައަށް ޖަވާބު ދޭންޖެހޭތޯއެވެ.

އިންޓަނެޓްގެ ރައްވެހީންކަމުގައި ބެލެވޭ މިލެނިއަލުސާއި ޖެންޒީގެ ޖީލުގެ ކުދިންނަކީ ޓީވީބަލާ އުޅޭ ކުދިބައެއް ނޫނެވެ. އަދި ހުރިހާ މައުލޫމާތެއް ހޯދަނީ އިންޓަނެޓްގެއެހީއާ މާސްމީޑީއާގެ ވަސީލަތްތަކުންނެވެ. މީސްމީޑިއާއިން ކަންކަންހޯދައި ފަރާތްތަކުގެ 45% އަކީ 'ކޮންސްޕިރަސީ ތިއަރީ' ޤަބޫލު ކުރާ މީހުންނެވެ.

އެހެންވީމައި އެކިކަހަލަ ކަންތަކާއި އަދި މީހަކާއި ގުޅޭގޮތުން ދެކެވޭ ވާހަކައަށް އެދެވޭ ޖަވާބު ނުދެވިއްޖެނަމަ އެކަންމެއް އޮންނަނީ ދޮގެއްވިޔަސް ހަޤީޤަތަކަށްވެފައެވެ. އަދި ދޮގު ހަގީގަތަކަށް ބަދަލުވާން ވަކި މުއްދަތެއްވެސް އޮވެއެވެ. ރާއްޖޭން ބޭރުގައި އެކަން ބަލަނީ ދެ ހަފްތާއެވެ. އެކަމު މިޒަމާނަކީ މީސްމީޑިއާގެ ދުވަސްވަރު ވީމާއި އަޅުގަނޑު ޤަބޫލު ކުރަނީ އެންމެ ދިގުވެގެން ހަފުތާއެއްގެ މުއްދަތުގައި ޖަވާބު ދޭންވާނެކަމަށެވެ.