އެންމެ ދަތި ދަނޑިވަޅުތައް ކުރިމަތި ވާއިރާއިރު ހިފަހައްޓަން އުނދަގޫ ހުނަރަކީ ހިމޭންކަން އިސްކޮށް ބުއްދިވެރި ނިންމުންތައް ނިންމުމަށް ސަމާލުކަން ދިނުމެވެ. ކަންކަން ރަނގަޅަށް ދާއިރު ކޮންމެ މީހަކަށްވެސް ހިމޭނުން ހުރެވިދާނެއެވެ.

ލީޑަރެއްގޮތުން ތިމާގެ ބޭނުންޖެހޭ އެންމެ މުހިންމު ވަޤުތަކީ ތިމާގެ ޓީމުގެ ހިތްވަރު އެލޭ ވަޤުތުގައާއި، ގޯސްތަކެއް ހެދިފައިވީނަމަވެސް ޓީމު ބާރުވެރިކުރުވައި، އެމީހުން ކުރަމުންގެންދާ މަސައްކަތްތައް ކުރިއަށް ގެންގޮސް ލަނޑުދަޑި ހާޞިލުކުރުމަށް ހިތްވަރުދިނުމެވެ. މިއީ ތިމާގެ އެންމެ ވަރަގަދަ ހުނަރެވެ.

އިންޑިއާގެ ކުރީގެ ރައީސެއް ކަމުގައިވާ އަބްދުލްކަލާމް އަރިހުގައި ލީޑަރޝިޕްއަކީ ކޮބައިތޯ ސުވާލެއް ކުރުމުން ވިދާޅުވެދެއްވި ކުރު ވާހަކަ އެއް ލިޔެލާނަމެވެ.

ކަލާމް މަސައްކަތްކުރެއްވި ޕްރޮޖެކްޓެއްގައި އެއްފަހަރު ކުރެއްވި މަސައްކަތް ފެއިލުވެގެން މީޑިއާއާއި ކުރިމަތިލައްވަން ޖެހުނު ވަޤުތު ޕްރޮޖެކްޓުގެ ލީޑަރުގެ ހައިޞިއްޔަތުން ޓީމަށް ވިދާޅުވިކަމަށްވަނީ މިއަދު މީޑިއާއި ކުރިމަތި ލައްވާނީ އެބޭފުޅާކަމަށެވެ. އަދި އެދުވަހު ހުރިހާ ފާޑުކިޔުމަކަށް ކުރިމަތިލެއްވީ ޓީމްގެ ލީޑަރު އެކަންޏެވެ. ޕްރޮޖެކްޓު ހުއްޓާނުލާ ދެންވެސް ކުރިގެންދެވިއެވެ. އަދި ކަމިޔާބު ކަމާއެކު ޕްރޮޖެކްޓު ކުރިއަށް ގެންގޮސް ނިންމާލެވިއްޖެއެވެ. އެދުވަހު ޕްރޮޖެކްޓް ލީޑަރު ވިދާޅުވި ކަމަށްވަނީ މިއަދު ޓީމު ނުކުންނަންޖެހޭނެކަމަށެވެ. އަދި މީޑިއާއި ކުރިމަތި ލައްވާނީ ޓީމްކަމަށެވެ. ޓީމް ލީޑަރު ހުންނެވީ ފަރުދާގެ ފުރަގަހުގައެވެ.

ލީޑަރޝިޕްގެ މާޤާމުގައި ހުރެގެން އަހަރެމެން ކަންކަކުރާގޮތާއި ގެންގުޅޭ އުސޫލުތަކުން ދައްކުވައިދެނީ އަސްލު އަހަރެމެންގެ ޝަހުސިއްޔަތަކީ ކޮބައިކަމެވެ. އެމަޤާމުގައި ހުރެގެން މީހުން ބަލައިގަންނަ ޝަޙްސިއްޔަތެއް ދެއްކުމަކީ ފަސޭހަކަމެއް ނޫނެވެ.

ތިމާ ރުޅިނައިސް ހަމަ ޖެހިގެން ހުރެ ކަންކަންކުރުމަކީ އުނދަގޫކަމެކެވެ. ވެރިއެއްގެ ދައުރުގައި ހުންނަ އިރު ހިމޭން ކަމާއެކު މަޑުމައިތިރި ކަން އިސް ނުކުރުމުގެ އިޚްތިޔާރާއި ބާރު ލިބިގެންވެއެވެ. ނަމަވެސް ތިމާގެ ޖަޒުބާތުތައް ކޮންޓްރޯލްކޮށް، ހިމޭކަންގެއްލުވާނުލައި، ރުޅިވެރިކަން އިސްނުކުރާ ވެރިންނަކީ ހަޤީޤީ ބާރުވެރި ވެރިންނެވެ.

މަޑުމައިތިރިކަން އިޚްތިޔާރު ކުރާ ވެރިންގެ ފުށުގައި ކަންކަން ކުރުމުގެ ޖޯޝާއި ހަކަތަ ނުހުރެދާނަކަމަށް އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބަލައިގެން ނުވާނެއެވެ. މަޑުމައިތިރިކަމަކީ ކަންކަން ބާރު ސްޕީޑުގައި ކުރުމުގެ ހިތްވަރު ނެތްކަމުގެ އަލާމާތެއް ނޫނެވެ. އޭގެ ހަޤީޤީ މާނައަކީ އަމަލީގޮތުން ކަންކަން ކޮށްލުމުގެ ހަކަތަހުރުމެވެ.

ހިމޭނުންތިބޭ މީހުން ބޭކާރު ވާހަކައެއް ނުދައްކާނެއެވެ. އެމީހުންގެ ހިތްވަރު ހުންނާނެއެވެ. އެހިތްވަރު ބޭނުންކުރާނީ ކަންކަން ކޮށްލުމަށެވެ. ކަންކަން ހާޞިލު ކުރުމަށެވެ.

އެއްފަހަރަކު ރަސޫލާ صلى الله عليه وسلم އިންނެވި މަޖްލީހެއްގައި އެކަލޭގެފާނުގެ އެންމެ މަތިވެރި ޞަޙާބީ އަބޫބަކުރު (ރ.އ)، ރަސޫލުﷲ (ސއވ) އަށް ފުރައްސާރަކުރާ މީހަކަށް ޖަވާބުދާރީވުމުން ދުރުހެލިވަމުން ރަސޫލާﷲ (ސއވ) އަބޫބަރުގެފާނަށް އެއްޗެއް ވިދާޅުނުވެ ހިނިވަރުނަކުރެއްވިއެވެ. ނަމަވެސް ފަހުން އަބޫބަކުރު (ރ.އ) ވާހަކަފުޅު ދެއްކެވުމުން ރަސޫލާ ﷲ صلى الله عليه وسل ހިތްހަމަޖެހިވަޑައިނުގެން އެމަޖްލިސް ދޫކުރައްވާ ވަޑައިގެންނެވިއެވެ.

ރަސޫލުﷲ صلى الله عليه وسلم ފަހުން ވިދާޅުވިއެވެ. އެކަލޭގެފާނު ހިމޭނުން އިންނެވިރު އެކަލޭގެފާނު އަރިހުގައި މާލާއިކަތެއް އެކަލޭގެފާނުގެ ފަރާތްޕުޅުން ވާހަކަދައްކަވަންއިންނެވިކަމަށެވެ. ނަމަވެސް އެކަލޭގެފާނު ޖަވާބުދެއްވަން ފެއްޓުމުން ޝައިތޯނާ އެތަނަށް އަތުވެއްޖެކަމަށެވެ. އެހެންކަމުން ޝައިތޯނާއެކު އެމަޖްލިސްގައި ރަސޫލާ صلى الله عليه وسلم އިށީނދެ ވަޑައިގެން އިންނަވަން ބޭނުންފުޅުވެވަޑައިނުގަންނަވާތީ އެތަނުން ވަޑައިގަތީކަމަށެވެ. 

މަޑުމައިތިރި ކަމާއެކު ހިމޭންކަން އިޚްތިޔާރުކުރުމަކީ ތިމާގެއެތެރޭގައި ފައްކާވެފައި ހުންނަ ހަކަތައެކެވެ. އަޅުގަނޑުމެންގެ ވިސްނުމަށް އަންނަ މޮޅެތި ހިޔާލުތައް ތަންފީޒުކުރުމުގެ ބާރަކީ ހިމޭންކަމުގެ ހަކަތައެވެ. އަޅުގަނޑުމެންގެ ޚިޔާލުތަކަށް އަމަލީ ސިފަ ޖައްސާލާ ބާރަކީ މިއެވެ. އަޅުގަނޑުމެންގެ ޚިޔާލުގައި ހުންނަކަންކަން ހަޤީޤީ މަންޒަރަށް ބަދަލުކޮށްލަނީ އަޅުގަނޑުމެންގެ ހިމޭން ހަކަތައެވެ.

ހިމޭނުން ހުރުމާއި މަޑުމައިތިރިކަމާއެކު ކަންކަމާއި ކުރިމަތިލުމަކީ ލީޑަރަކު ދެނެގަންނަން ޖެހޭ އަދި ލިބިގަންނަންޖެހޭ ހުނަރެކެވެ. ތިމާއަށް މަލާމާތްކުރާއިރުވެސް ހިމޭނުން ހުންނަން ދަސްކުރަންޖެހެއެވެ. އެކަނިވާ ވަޤުތުގައިވެސް ހިމޭނުން ހުންނަން އެނގެންޖެހެއެވެ. ސުވާލުކުރެވޭއިރުވެސް މަޑުމައިތިރުކަމާއެކު ބުއްދިވެރި ޖަވާބު ދޭން ދަންނަންވާނެއެވެ.

މީހަކު ހިމޭންކަން އިޚްތިޔާރު ކުރަނީ ކޮންމެހެން އެހެންމީހުން ހައްޤުގައި ތިބީތީއެއްނޫނެވެ. ނޫނީ ތިމާއަށް ނޭނގޭތީ އެއްވެސް ނޫނެވެ. އަދި ތިމާ ދެކޭގޮތް ގޯސްވީމަ އެއްވެސް ނޫނެވެ. ކޮންމެ މީހަކު ރަނގަޅު ފަރާތުގައި ހުރިނަމަވެސް، ހިމޭންކަން އިޚްތިޔާރުކުރަނީ ރުޅިއިސްކުރުމުން، ވިސްނުން ކޮށިވެ، ކަމެއް ރަނގަޅުކުރުމަށް ހުޅުވިފައި އޮތް މަގު ބަނދުވެގެން ދާނެތީއެވެ.

ހަމަޖެހުމާއި، ޢާންމު ޙާލަތުގައި އޮންނަ ވަޤުތުތަކުގައާއި ދުވަސްތަކުގައި ކޮންމެ މީހަކަށްވެސް ހިމޭނުން ތިބެވިދާނެއެވެ. ނަމަވެސް،  ހަލަބޮލި ދުވަސްތަކުގައި ނޫނީ ކާރިސާއެއްގެ ވަޤުތުގައި މަޑުމައިރިކަމާއެކު ކަންކަން ކުރެވޭނީ ހިތްވަރުގަދަ ދުރު ވިސްނުން އިޚްތިޔާރު ކުރާ މީހުންނަށެވެ.

 

ރިފަރެންސް:

ޑޫދަ އެޕިކް – އަންކޫރު ވަރިކޫ

އަބުދުލް ކަލާމްގެ ޔޫޓިއުބް އިންޓަވިއު

https://www.arabnews.com/islam-perspective/news/878931