ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނަށް ޕީއެސްއެމްގެ ޗެނަލްތަކުން އެފަރާތްތަކާއި ވާހަކަ ދެކެވިގެން ވަޤުތުވާނީ ފޯރުކޮށްދެވިފައެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބު މޮނީޓަރ ކުރަން ވަނީ ވިލާތުގެ އިއްތިހާދުންނާއި ކޮމަންވެލްތުންވެސް ވަފުދުތަށް ވަޑައިގެން ހަރަކާތްތެރިވެފައެވެ. އިންތިހާބުގެ ފުރަތަމަ ބުރު ނިމުނު އިރު އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ދިން މީހުންގެ %50  ހަމަ ނުކުރެވިގެން އަލުން ވޯޓަކަށް މިއޮތީ ދާންޖެހިފައެވެ.

އިންތިޚާބު ނިމިގެން ވިލާތުންނާއި ކޮމަންވެލުތުންވެސް ވަނީ ޕްރިލިމަނަރީ ރިޕޯޓުނެރެފައެވެ. އިޔުރޮޕުގެ އިއްތިހާދުން ނެރުނު ރިޕޯޓުގައި ޕީއެސްއެމުން ކެންޑިޑޭޓުންނަށް ވަޤުތުދިންގޮތާއި މެދު ބައެއް ވާހަކަތައް އެބަހުއްޓެވެ. ފައްސިކޮށް ފާހަގަކޮށްފައިވަނީ ހުރިހާ ކެނޑިޑޭޓުންނަށް ފުރުޞަތުދެވިގެން ކުރިއަށް ގެންދެވުނު ޕޮރޮގުރާމުތަކުގެ ވާހަކައެވެ.

ނަމަވެސް ރައީސުލުޖުމްހޫރިއްޔާއަށް ބޮޑަށް ސަމާލުކަން ދެވިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.

ރިޔާސީ އިންތިހާބު އިއުލާންކުރުމުގެ ކުރިންވެސް ޕީއެސްއެމުން ގެންގުޅެމުން އަންނަ އެއްމިންގަޑަކީ ރައީސް ބައިވެރި ވަޑައިގަންނަވާ ޕާރޓީގެ އިވެންޓުތައް ޕީއެސްއެމުން ގެނެސް ނުދިނުމެވެ. ޕާރޓީގެ ހަރަކާތްތަށް ޕީއެސްއެމުން ގެނެސްދީފައިވާނީ ވިޔަފާރި އުސޫލުންނެވެ. ކަނޑައެޅި އިއުލާކޮށްފައިވާ އަގުތަކުގައެވެ. މީއީ ހުރިހާ ޕާރޓީތަކަށްވެސް ހުޅުވިފައި އޮތް ފުރުޞަތަކެވެ. ބައެއް ޕާރޓީތަކުން މިގޮތަށް ވަޤުތު ގަނެގެން މަސައްކަތްކޮށްފައި އެބަހުއްޓެވެ.

އިލެކްޝަނުން ކެންޑިޑޭޓުން ފާސްކުރުމާއި ހިސާބުން ޕީއެސްއެމުން ރައީސަށްވެސް ހަމަޖެއްސީ އެހެން ކެންޑިޑޭޓުންނަށް ދޭ ފުރުޞަތެކެވެ. ހުރިހާ ކެންޑިޑޭޓުންނަށް ޕްރޮގްރާމްތަކުން ދެވޭ ފުރުޞަތު ހަމަހަމައެވެ. އަދި ގަޑި ގަނެގެންނާއި އިޝްތިހާރު ދެއްކުމަށްވެސް ފުރުޞަތުހުރީ އެއްވަރަކަށް ކަނޑައެޅިފައެވެ.

ބޭރުގެ ޖަމިއްޔާތަކުން ވަޑައިގެން ބޭފުޅުންނާއި އަޅުގަނޑުމެން ބައްދަލުވީއިރު ދެންނެވިފައިވާނީ ޤައުމުގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސް ކުރައްވާ ކަންކަން ޕީއެސްއެމުން ގެނެސްދޭންޖެހޭނެ ވާހަކައެވެ. އަދި މިއީ އެގައުމުތަކުގައި ވެސް ކުރިމަތިވާ ކަންކަންކަމަށް އެބޭފުޅުންވެސް ވިދާޅުވިއެވެ. އެގައުމުތަކުގައި ހުރި ގޮންޖެހުންތަށް އަޅުގަޑުމެނަށް ކުރިމަތި ވުމަކީ އާދަޔާއި ހިލާފުކަމެއްކަމަށް އަޅުގަނޑު ނުދެކެވެ.

ޤާނޫނުން ޕީއެސްއެމްގެ މައްޗަށް ލާޒިމުކޮށްފައި އޮންނަނީ، ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރުން ހިންގާ ކަންކަން އާންމު ރައްޔިތުންނަށް އަނގާދޭންޖެހޭނެކަމަށެވެ. މިގާނޫނަކީ ރައްޔިތުންގެ މަޖްލިހުން ފާސްކުރައްވާފައިވާ ގާނޫނެކެވެ. ގާނޫނު ފާސްކުރައްވާފައިވަނީ 2015ގައެވެ.

ދިޔަރެސް އޮންލައިންގައި އޮތް ޚަބަރުގައި އޮތީ ޕްރައިމްޓައިމް ވަޤުތުތަށް އިދިކޮޅު ކެނޑިޑޭޓުންނަށް ދީފައި ނުވާކަމަށެވެ. ޕްރައިމްޓައިމުގެ ވަޤުތުތަށް ޕީއެސްއެމުން އެއްވެސް ކެނޑިޑޭޓަކަށް ހިލޭ ދޫކޮށްފައި ނުވާނެެއެވެ.

ރޭގަނޑުގެ ވަޤުތުތަކަކީ ޕީއެސްއެމުން މިހާރުވެސް އިޝްތިހާރުގެ ގޮތުގައި އާމްދަނީ ލިބެމުންއަންނަ ވަޤުތުތަކެކެވެ. އެހެންކަމުން ރޭގަނޑުގެ ވަޤުތުތަށް ކެންޑިޑޭޓުންނަށް ވާނީ ވިޔަފާރި އުސޫލުން ދޫކުރެވިފައެވެ. މިގޮތުން އެމްޑީޕީ، ޕީއެންސީ- ޕީޕީއެމް، ޑިމޮކްރެޓްސް، އެމްއެންޕީ ވަނީ މިވަޤުތުތަކުގެ ބޭނުން ހިފާފައެވެ. އަދި މިކަމުގައި އެއްވެސް އިސްތިސްނާއެއް ނެތެވެ.

އިންތިހާބުގެ ދެވަނަ ބުރަށް މިތައްޔާރުވަނީ ކުރެވުނު ތަޖްރިބާގެ އަލީގައި ކުރިއަށް މިމަސައްކަތް ހަރުދަނާކޮށް ކުރިއެރުވޭނެ ވިސްނުން ބަހައްޓައިގެންނެވެ. އިންތިޚާބުގައި ބައިވިރިވި ހުރިހާ ކެންޑިޑޭޓުންނަށް ވަރަށް ހަމަހަމަ ފުރުޞަތު ހަމަޖައްސާދެވުން ވެސް އެއީ ކުރިއަށް އެޅުނުފިޔަވަޅެކެވެ. މިހެން ދަންނަވަން މިޖެހުނީ އެންމެފަހުން ބޭއްވުނު އިންތިޚާބުގައި ޕީއެސްއެމުން ކަންކޮށްފައި ހުރީ މިއިންތިޚާބުގައި މިފަހަރު ކަންކުރިގޮތަކަށް ނޫނެވެ. އެކަމަކު އޭރުވެސް މިހާރުވެސް އޮތީ އެއްޤާނޫނެކެވެ. ޤާނޫނަށް ބަދަލުއައިސްފައި ނެތެވެ.

ޕީއެސްއެމްއިން ކެންޑިޑޭޓުންނަށް ހުޅުވާލެވިފައިވާ ފުރުޞަތާއި ގުޅޭގޮތުން އަމިއްލަގޮތުން އިންތިޚާބުގައި ބައިވެރި ވަޑައިގެން ދެ ކެންޑިޑޭޓަކުވަނީ އެބޭފުޅުން ހިތްހަމަޖެހިވަޑައިގެންކމަށް ސިދާ އަޅުގަނޑާއި ހިއްސާކުރައްވާފައެވެ.

އެހެންވީމައި އަޅުގަނޑަށް ޤަބޫލުކުރެވެނީ ދިޔަރެސް އޮންލައިއިން މިއިންތިޚާބުގައި ޕީއެސްއެމުން ކެންޑިޑޭޓުންނަށް ވަޤުތު ދިންގޮތާއި ގުޅޭގޮތުން ގެނެސްދީފައިވާ ޚަބަރު މުޅިއެކުން ރަނގަޅެއް ނޫންކަމަށެވެ.