މިދިޔަ ހޮނިހިރު ދުވަހުު (5 އޯގަސްޓު) ހެނދުނު 8.45 ހާއިރު ޕީއެސްއެމްގެ އަޓީ ހެޑު އަޅުގަނޑާއި ގުޅާ ކުންފުނީގެ ބެކަޕް ޔޫޕީއެސް އަދައިފިކަމަށް ވިދާޅުވިއެވެ.
ކިހިނެއް ހިނގައިގެން އުޅޭ ކަމެއްތޯ އަޅުގަނޑު އަހާލީމެވެ. ވިދާޅުވީ އެދުވަހު ހެނދުނު ސްޓެލްކޯއިންވަނީ ކަރަންޓު ކަނޑާލާފައިކަމަށެވެ. އަދި ކަރަންޓު އެބުރި އައިސް އިރުކޮޅެއްވީތަނާ އަނެއްކާ ކަރަންޓު ކެނޑިގެން ގޮސް ބެލިއިރު ޔޫޕީއެސް ހުންނަކޮޓަރިން ދުންއަރާތީ ވަޤުތުން އަލިފާން ނިއްވަން އެމްއެންޑީއެފަށް ގުޅިކަމަށެވެ.
ފަޔަރު މީހުން ވަޤުތުން އައި ކަމަށާ، ތަނުގައި ހުރި އަލިފާން ނިއްވާ ފުޅި ބޭނުންކޮށް އަލިފާން ނިއްވާލީކަމަށެވެ.
މިހިނގާދިޔަ ވަޤުތުކޮޅުތެރޭ ޑިއުޓީ ކުރަމުން ދިޔަ މުއައްޒަފުން ވަގުތުން ގޮތްތަށް ނިންމިކަން ފާހަނގަކުރެވެއެވެ. އަދި މީގެ ސަބަބުުން ޔޫޕީއެސްއަށް ގެއްލުން ވުން ފިޔަވާ އެހެންއިތުރު ގެއްލުމެއް ނުވެއެވެ. މިކަން އެނގެނީ ޔޫޕީއެސް ހުރި ކޮޓަރީގައި އެއްވެސް ގެނދަބުޅިއެއް ނޫނީ ދުމުން ކުރާ އަސަރުން ދެން ހުރި އެއްވެސް އެހެން އަލާތަކަށް އެއްވެސް އަސަރެއްކޮށްފައި ނެތީމައެވެ. އަދި އެއްވެސް މުއައްޒަފަކަށް އެއްވެސް ގެއްލުމެއްނުވެއެވެ.
ޔޫޕީއެސް ބޭނުންކުރަނީ ކަރަންޓުދާހަލަތުގައި ބްރޯޑުކާސްޓިން ޓުރާންސްމިޝަން މެދު ނުކެނޑި ކުރިއަށް ގެންދުއުމަށް ބޭނުންކުރާ އާލާތެއްގޮތުގައެވެ.
ޓްރާންސްމިޝަން ކެނޑިފައިވާތީ އެންމެ މުހިންމު ކަމެއް ގޮތަށް ބެލީ އަވަހަށް ބްރޯޑުކާސްޓިން ފެއްޓޭނެ ގޮތެް ހޯދުމެވެ. އެހެންކަމުން އެއްގޮތަކީ ވަޤުތުން ސިދާ ކަރަންޓު ދީގެން ބްރޯޑްކާސްޓިން ކުރިއަށް ގެންދިއުމެވެ. އެހެންނަމަވެސް ދެން އަނެއްކާވެސް ކުއްލިއަކަށް ކަރަންޓު ހިނގައްޖެނަމަ ބުރޯޑްކާސްޓިން އަލާތަށް ގެއްލުންވެދާނެތީ އެހެން ގޮތެއް ހޯދަންޖެހުނެވެ.
ކުންފުނީގައި އެހެން ބޭނުމަކަށް ގެނެސްފައިހުރި ޔޫޕީއެސް ހުރިކަމުން އެބޭނުންކޮށްގެން އަނެއްކާ ޓްރާންސްމިޝަން ފަށާގަނެވިއްޖެއެވެ.
ބުރޯޑުކާސްޓިން ނުފެއްޓިގެން އުޅެނިކޮށް މީޑިއާގެ ފަރާތްތަކަށް ހިނގައިގެން އުޅޭކަންތަކުގެ ހިލަންވެއްޖެއެވެ. ޤަބޫލުކުރެވެނީ ތަނުގެ ތެރޭން ބައެއް ކުދިން އެކަމުގެ ޚަބަރު ދޭން ބޭނުންވީކަމަށެވެ. މިހެން ކަންތައް ދިމާވުމުން ކުންފުނިގެ ޕީއާރުއަށް ތައްޔާރުނުވެނީސް ކުރިމަތިވީ މީޑީއާގެ ސުވާލުތަކެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކުރީ ބޮޑުއަލިފާންގަޑެއް ރޯވެފައި ހުރިހެން ދޭހަވާގޮތަށެވެ. މިގޮތަށް ރިޕޯޓުކުރުމުގެ ނިޔަތެއް އޮންނާނެއެވެ. ޕީއެސްއެމަކީ އެހެން މީޑީއާތަކުގެ ވާދަވެރިއެއް ކަމަށްވާތީ މިކުންފުނީގެ ތަސައްވަރު ގޯސްވާގޮތަށް ރިޕޯޓުކުރުމަކީ އެހެން ފަރާތްތަކުގެ ކުރިއެރުމެއް ކަމަށް ދެކޭ ޏުސްވެރިވެސް އުޅެއެވެ. މިހެން ދަންނަވަންޖެހެނީ މިޚަބަރު ގެނެސްދިން އިރު ޕީއެސްއެމްގެ އެޑިޓޯރިއަލުގައި ގެންގުޅޭ އުސޫލުތަކާއި ބެހޭގޮތުން ބައެއް ޚަބަރުތެރޭގައި ގެނެސްފައި ހުއްޓެވެ.
އޮންލައިންތަކުން މިޚަބަރުގެނެސް ދިންއިރު ޓްރާންސްމިޝަން ދެން ފެއްޓޭނެ އިރެއް، މަސައްކަތް ގޮސްފައިވާ ހިސާބެއް، މައްސަލަ ހައްލުކުރަން ކުރާނެ ކަމެއް، ވީ ގެއްލުމުގެ އަގެއް ގެނެސް ދިނުމުގެ ޝައުގެއް މީޑީއާތަކުގެ ނެތެވެ.
ގާތްގަޑަކަށް 4 ގަޑިއިރު ތެރޭ އަލުން ޓްރާންސްމިޝަން ވަނީ ފަށައިގަނެފައެވެ. މިދިޔަ ވަޤުތުގައި ޓީވީގެ ޗެނަލްތަކާއި ދިވެހި އެފްއެމް ގެ ބުރޯޑުކާސްޓިން މެދުކެނޑިގެން ދިޔައެވެ. މިހަލާކުވި ޔޫއެސްޕީ އަކީ 2016 ވަނަ އަހަރު ބޭނުން ކުރަން ފެށި އެއްޗެކެވެ. އޭރު އެއެތި ގަނެފައިވަނީ 2 ލައްކަ ރުފިޔާއަށެވެ. އަދި 2020ގެ ހިސާބުގައި މި ޔޫޕީއެސްގައި މައްސަލަ ޖެހެން ފައްޓާފިއެވެ. އެހެންކަމުން 2021ގައި ޔޫޕީއެސް ބަދަލު ކުރަން ޖެހޭނެކަމަށް ވަނީ އިނގިފައެވެ. ނަމަވެސް ބަޖެޓުގެ ދަތިކަމުން އެކަން އޮތީ ކުރިއަށް ނުގެންދެވިފައެވެ.
ޔޫޕީއެސްގައި މިމައްސަލަ ކުރިމަތިވީ، ޔޫޕީއެސްއަށް ކަރަންޓު ގުޅިފައިވާ ކާޑުގައި ރޯވުމުންނެވެ. މިބައި މަސައްކަތް ނުކުރުމުން އަލިފާނުގެ ހާދިސާއެއް ކުރިމަތި ވުމަކީ ވުން އެކަށީގެންވާ ކަމެއްކަމުގައި ލިބިފައިވާ ރިޕޯޓުން އިގިގެންދެއެވެ. މިވީގެއްލުމުގެ މިއަދުގެ އަގަކީ އެންމެ ކުޑަމިނުންވެސް 3 ލައްކަ ރުފިޔާ އެވެ.