މެލޭޝިއާ އާއި އިންޑޮނޭޝީއާ ދެމެދު ހައްލު ނުކުރެވި، ދިގުލައިގެންގޮސް 18 އަހަރުވީ ކަނޑުގެ ސަރަހައްދުގެ މައްސަލައެއް ދެ ޤައުމުގެ ބޭފުޅުން މަޝްވަރާކުރައްވައިގެން ވަނީ ހައްލުކުރައްވާފައެވެ.  މިމައްސަލަ ހައްލުކޮށް އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ 8 ޖޫން ގައެވެ. އެއީ އިންޑޮނީޝިއާގެ ރައީސް މެލޭޝީއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭންނެވެ.

މިއެއްބަސްވުމާއި ގުޅޭގޮތުން މެލޭޝީއާގެ ޕާލަމަންޓުގައި – ދޭވަން ރަކިޔަތުގައި ޕުރައިމިނިސްޓަރާއި ވަނީ ސުވާލުކޮށްފައެވެ.

އިދިކޮޅު ލީޑަރ މުހިއްދީން ވަނީ މިކަމާބެހޭ ގޮތުން މެލޭޝިއާގެ ޕާރލިމަންޓު 'ދީވާން ރަކިއަތު' ގައި މި މައްސަލަ އަކީ ޙައްލުކުރެވިފައި އޮތް މައްސަލައެއްތޯ ޕްރައިމިނިސްޓަރ އަންވަރު އިބްރާހިމް ސުވާލުކުރައްވާފައެވެ. އަދި ޤައުމުގެ ކަނޑުގެ ޙައްޤުތައް ހިމާޔަތް ކުރެވި ޤައުމުގެ އިސްތިޤްލާލް ރައްކާތެރިކުރެވިފައި އޮތް އެއްބަސްވުމެއްތޯ ސުވާލު އުފައްދަވާފައެވެ. ޖަވާބުގައި ޕްރައިމިނިސްޓަރ ވިދާޅުވީ މީގައި އެއްވެސް ދޫދެވުމެއް ދެވިފައިނުވާކަމަށާއި ޤައުމުގެ އިސްތިޤްލާލް ޤުރުބާން ކުރެވިފައި ނުވާކަމަށާއި އަދި ޤަވްމުގެ އެންމެ އިންޗިއެއް ވެސް ޤުރުބާން ކުރެވިފައި ނުވާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރައިމިނިސްޓަރ އަންވަރު އިބްރާހިމް ވިދާޅުވީ މި މައްސަލަ ހައްލުކުރުމުގައި އެކިފަރާތްތަކާއި ވާހަކަދައްކާފައިވާކަމާއި ޚާއްޞަކޮށް މެރިޓައިމް ޑިޕާޓްމަންޓްގެ އެކްސްޕާރޓުންނާއި ފޮރިން މިނިސްޓްރީއާއި އަދި ސާރވޭއާއި މެޕިންގ ޑިޕާޓްމަންޓްގެ އިތުރުން އެޓަރނީ ޖެނެރަލްގެ ޗެމްބަރ އާއިވެސް ވާހަކަދައްކަވައި މަޝްވަރާކުރެއްވިކަމަށެވެ.

މި އެގްރިމެންޓްގައި ސޮއިކުރެވުނީ 8 ޖޫން 2023ގައެވެ. އަދި މި އެގްރިމެންޓް ގެ އެއްބަސްވުގެ އަސާސަކަށް ބަލާފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚާއްޞަގޮތެއްގައި 1982ވަނަ އަހަރު ލޯ އޮފް ދަ ސީ ކޮންވެންޝަން ގެ ޤާނޫނެވެ.

މި މައްސަލަ ދެ ޤައުމުގެ ދެމެދު އެއްބަސްވެ ސޮއެ ކުރުމުން ދެ ޤައިމުގެ ޚަބަރުތަކުގެ ސުރުހީތަކުން މާ ބޮޑު ޖާގައެއް ހޯދާފައި އޮތްތަނެއް ނުފެނެއެވެ. އަދި އަޅުގަޑަށް މި ޚަބަރު ކިޔާލެވުނީ ޕާލަމަންޓުގައި ސުވާލުކުރިދުވަހުގެ ޚަބަރުތަކުގެ ތެރޭންނެވެ. އެދުވަހު އަޅުގަނޑަށް ލިބުނު ނޫހުން މިޚަބަރަށް ޖާގަ ލިބިފައި އޮތީ ތިންވަނަ ގަޑުންނެވެ. އެ ބޭފުޅުންގެ ޙައްޤު ގެއްލިގެން ނުވަތަ ޤައުމުގެ ކަނޑުގެ ބައެއް ގެއްލުވާލައިގެން އުޅޭކަމުގެ މޭރުމަކުން ނުމެނޫނެވެ.

ރާއްޖެއާއި މޮރޭޝަސާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލަ ހައްލުކުރީ އިންޓަރނޭޝަނަލް ޓްރައިބިއުނަލްއަކަށް ގޮސްގެނެވެ. އަދި އެ ޓްރައިބިއުނަލްގައި ރިއާޔަތްކޮށްފައި އޮތީވެސް 1982ގެ ލޯ އޮފް ދަ ސީގެ ކޮންވެންޝަން ގެ ޤާނޫނަށެވެ.

އަޅުގަޑަށް މި ޚަބަރު ފެނުމާއެކު ރާއްޖޭގެ ކުރީގެ އެޓާރނީ ޖެނެރަލް އަކަށް މި ޚަބަރު ފޮނުވާލާފައި އަޅުގަޑު އަހަލީމެވެ.  "އަޅުގަޑުމެން ޗާގޯސް މައްސަލަ ހައްލު ކުރުމުގައި މި ޤާނޫނުގެ ކޮން މާއްދާއަކާތޯ ރާއްޖޭގައި ޚިލާފުވެގެން މިއުޅެނީ"؟ ޖަވާބަކަށް ވިދާޅުވީ ރާއްޖޭން މި ކޮންވެންޝަން އާއި ޚިލާފުވެގެން ނޫޅޭކަމާއި އެކަމަކު މީގައި މައްސަލަ މިއަންނަ ކަމަކީ ޓްރައިބިއުނަލް ދިއުމުގެ ސަބަބުންކަމާއި މިހާ ޚަރަދުކޮށް ޓްރައިބިއުނަލް އަށް ދިއުމުގެ ބަދަލުގައި އެބޭފުޅުން ކުރި ގޮތަށް އެއްބަސް ވެވުނީސްކަމަށެވެ.

ކުރީގެ އެޓަރނީ ޖެނެރަލް ދެއްވި ޖަވާބުން ވަރަށް ބާއިވަރު ސުވާލުތަކެއް އުފެދުނެވެ. ފުރަތަމަކަމަކީ ޓްރައިބިއުނަލް އަށް ނުދިއަނަމަ ދައްކަންހުރި ވާހަކަތައް މާގިނަވާނެކަމެވެ. ދެވަނަކަމަކީ މައްސަލަ ހައްލުކުރުމަށް ދާންއޮތް ހުރިހާ މަރުހަލާއެއް ހުސްކުރެވުނީ ޓްރައިބިއުނަލަށް ދިޔަކަމުންކަމެވެ. ތިންވަނަ ކަމަކީ ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ކަނޑުގެ ސަރަހައްދުގެ މައްސަލަތަށް ހައްލުކުރުމަށް އޮތް ހަމަ އެކަނި ބައިނަލް އަޤްވާމީ ޤަނޫނަކީ 1982ގެ ލޯ އޮފް ދަ ސީ ކޮންވެންޝަންކަމެވެ. އެހެންނޫންނަމަ މެލޭޝިއާއި އިންޑޮނޭޝިއާވެސް އެހެން އޮތް މަގެއް ހޯދާނެކެމެވެ.     

އިންޑޮނޭޝިއާއަކީ މިވަގުތު އިޤްތިޞާދީ ގޮތުން ވަރަށް ބާރަށް ތަރައްޤީވަމުން އަންނަ ޤައުމެކެވެ. މެލޭޝިއާ/ އިންޑޮނޭޝިއަކީ ދުނިޔޭގެ އެންމެ އަގު ބޮޑެތި ޤާނޫނީ ވަކީލުންގެ ފީ ދައްކާލެވޭނެ ފެންވަރުގެ ޤައުމުތަކެވެ. އަދި ހަމަ ޔަޤީނުންވެސް މި ދެޤައުމުގައިވެސް ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް ޤާނޫނީ ވަކީލުންނާއި އެއްހަމައްގައި ވަކާލާތު ކުރެވޭނެ ފެންވަރުގެ އެތަށް ހާސް ޤާނޫނީ ވަކީލުންނެއް އުޅޭނެއެވެ.

އެކަމަކުވެސް މެ ދެ ޤައުމަށްވެސް މައްސަލަ ހައްލުކުރަން އޮތީ 1982ގެ ލޯ އޮފް ދަ ސީ ކޮންވެންޝަންގައި އޮތް ޤާނޫނާއި އެއްގޮތަށް ކަމެވެ. އަދި ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ޖެހެނީ އެ ބޭފުޅުން ޓްރައިބިއުނަލްއަކަށް ނުދާކަމެވެ. މައްސަލަ ނިންމީ ވާހަކަދައްކައިގެންނެވެ. ޑައިލޮގުންނެވެ.

އަޅުގަޑު ވާހަކަ ދެއްކި އެޓަރނީ ޖެނެރަލް ވެސް ވިދާޅުވީ މިކަންވެސް ދެ ޤައުމުގެ ދޭތެރޭ ވާހަކަދައްކައިގެން ނިންމާލެވެން އޮތްކަމެވެ. އެހެންކަމުން މިމައްސަލާގައި ދާނެ އިތުރު މަރުޙަލާއެއް ނުވަތަ ރިޔާއަތް ކުރާނެ އެހެން ޤާނޫނެއް އޮތްހެނެއް ހިއެއްނުވެއެވެ. އެހެން ނޫންނަމަ މެލޭޝިއާއި އިންޑޮނޭޝިއާއިން އެމަގެއް ހޯދާނެކަން ކަށަވަރެވެ.

އަޅުގަޑަށް ލަފާކުރެވެނީ ކަނޑުގެ ސަރަހައްދު މައްސަލަ ހައްލުކުރުމުގައި ރާއްޖޭންކަންކުރި ގޮތް ގޯހަކީ ނޫނެވެ. ދަނޑިވަޅުގެ ގޮތުން ސިޔާސީ މަންފާއެއް ނެގެން އޮތް ފަރާތްތަކުން ކަންކަން އޮންނަގޮތް ރައްޔިތުންނަށް އޮޅުވާލަނީ ކަމަށެވެ.