ކޮންމެ މަސައްކަތެއްގައިވެސް އެކަމެއް ކުރާނެ ރަނގަޅު އުސޫލުތަކެއް ހުރެއެވެ. ނޫސްވެރިކަމުގައި ވެސް ގެންގުޅެންޖެހޭ އަދި ހިފާއްޓަންޖެހޭ އުސޫލުތަކެއް ހުރެެއެވެ. ނޫސްވެރިކަމުގެ އުސޫލުތަކަކީ ޕަބްލިކު ބްރޯޑުކާސްޓަރަކަށް އެކަނި ޚާއްސަވެ ލާޒިމުވާކަމެއްނޫނެވެ. ނަމަވެސް އެހެން ނޫސްވެރިންނަށް ވުރެ ބޮޑަށް ޕަބްލިކު ބްރޯޑުކާސްޓަރެއް ހިފައްޓަންޖެހޭ އަދަބު އަހްލާގު މާ މަތިވާނެއެވެ. މިކަންކަން ކަނޑައަޅާފައި ހުންނަނީ އާންމުކޮށް މުޖުތަމައު ޤަބޫލުކުރާ އުސޫލުތަކާއި ހެދިފައިވާ ޤާނޫނު ތަކަށް ބަލައިގެންނެވެ.

ދައުލަތުގެ މީޑިއާގެ ހައިސިއްޔަތުން ޕީއެސްއެމުން ކަނޑައެޅާފައި ހުންނަ އެޑިޓޯރިއަލް ގިއުގަޑެއް އޮވެއެވެ. އެހެކަމުން ޕީއެސްއެމުން ތައްޔާރުކުރާ ޕްރޮގްރާމްތަކާއި އަދި ޕީއެސްއެމުން ފޮނުވާ ޕްރޮގްރާމެއްގައި އާންމު އުސޫލުތަކާއި ޤަވާއިދާއި ހިލާފު މަންޒަރު ނުވަތަ އަޑެއް ފޮނުވިއްޖެނަމަ އެކަމުގައި ޒިންމާވާފަރާތަކަށް ފިޔަވަޅުއަޅައެވެ. އަދި އޮންނަ ޤަވާއިދުގެ ތެރޭން ކުންފުނި މާއާފަށް އެދެއެވެ. މާޒީގައި ކުރިމަތިވި ބައެއް މިފަދަ ކަންކަމުގައި ހުންނާނީ މިގޮތަށް އަމަލުކޮށްފައެވެ.

ޕީއެސްއެމުން ފޮނުވާ ޕްރޮގުރާމުތައް ބުރޯޑުކާސްޓުކުރާ ގަޑިތައް ކަނޑައަޅަނީ ކޮންޓެންޓަށް ބަލައިގެންނެވެ. ހެނދުނުން ފެށިގެން ހަވީރުވަންދެން ފޮނުވާ ޕްރޮގުރާމުތައް ހުންނަންވާނީ ހުރިހާ އުމުރަކަށް ފެތިފައެވެ. ނޫނީ ބޮޑު މީހަކާއި އެކު ބެލުން އެންމެ ރަގަަޅުގަމަށް އިރުޝާދު ދޭނެއެވެ. ރޭގަނޑު ގަޑިތަކުގެ ޕްރޮގުރާމްތައް ހުންނާނީ ބޮޑެތި މީހުންނަށެވެ.

ޕީއެސްއެމުން ލައިވް ކުރާ އިވެންޓުތަށް ވިޔަފާރި އުސޫލުން ލައިވުކުރި ކަމުގައިވިޔަސް ޕީއެސްއެމުން ކަނޑައަޅާފައި އޮންނަ އެޑިޓޯރިއަލް ގިއުގަޑުގެ ތެރޭގައި ކޮންޓެންޓު ހިފާއްޓާނެއެވެ. އަދި ޕީއެސްއެމްގެ ގައިޑްލައިނާ ހިލާފުވެއްޖެނަމަ އިވެންޓް ވަޤުތުން ކަނޑާލުމުގެ އިޚްތިޔާރު އެއްބަސްވުމުން އޮންނަނީ ހޯދާފައެވެ.

އެހެންނަމަވެސް ޕީއެސްއެމުން ލައިވް ކުރާ ބައެއް ކޮންޓެންޓުތައް ޕީއެސްއެމުގެ އެޑިޓޯރިއަލް ގައިޑުލައިނަށް ނުފެތޭ ވާހަކަ ހިތާމައާއެކު ފާހަގަކުރަމެވެ. އަދި އެއިވެންޓްތައް ފޮނުވެނީވެސް ޕްރޮގުރާމް ފޮނުވަން ތަރުތީބުކުރެވިފައިވާ ގަޑިތަކާއި އުސޫލާއި ހިލާފަށެވެ. މިދަންނަވަނީ ރައްޔިތުންގެ މަޖުލިސްގެ ޖަލުސާތަކުގެ ވާހަކައެވެ.

ދައުލަތުގެ މީޑިއާއިން ރައްޔިތުންގެ މަޖުލިސް އެންމެ ފުރަތަމަ ލައިވްކޮށް ގެނެސްދޭން ފެށުނީ 2007 ގެ ދުވަސްވަރުއެވެ. އެދުވަސްވަރު ރައްޔިތުންގެ މަޖުލިސްގެ ރައީސްއަކަށް ހުންނެވީ އަހުމަދު ޒާހިރުއެވެ. އޭރު މަޖުލިސް ލައިވުކުރަންވެގެން  އުސޫލެއް އެކުލަވާލެވުނެވެ. އަދި ދައުލަތުގެ މީޑިއާއިން މަޖްލިސް ގެނެސްދެމުން ގެންދިޔައީ މިދެންނެވި އުސޫލާއި އެއްގޮތަށެއެވެ. މި އުސޫލު މަޖުލިހުން އެކުލަވާލީ އިނގިރޭސިވިލާތުގެ ޕާލިމެންޓް ލައިވްކުރުމަށް ގެންގުޅޭ ޕްރޮޓޮކޯލު އަސްލަކަށް ބަލައިގެންނެވެ. މިއުސޫލުގައި ވާގޮތުން މަޖުލިސް ގެ ރިޔާސަތު ދައްކަންޖެހޭ ވަޤުތުތަކާއި އަޑުކަނޑަން ޖެހޭ ދަނޑިވަޅުތައް ފާހަގަ ކުރެވިފައި ހުރެއެވެ. އޭރު ލައިވްކުރުމުގެ މަސައްކަތްކޮށްދެނީ ދައުލަތުގެ މީޑީއާއިންނެވެ.

މިއަދުގެ ހާލަތު ތަފާތެވެ. ޓެކްނޮލޮޖިކަލު ގާބިލިކަން މިއަދު މާރަނގަޅުވެއްޖެއެވެ. މިއަދު ކެމެރާތައް އެހުރީ ހަރުކުރެވިފައެވެ. އެހެންކަމުން ދައުލަތު މީޑީއާގެ އެހީތެރިކަމެއް ބޭނުމެއް ނުވާނެއެވެ. މިއަދު ހުރިހާ ބުރޯޑްކާސްޓަރުންނަށްވެސް ލިބޭނީ މަޖުލިސުން ފޯރުކޮށްދޭ ފީޑެވެ. އެފީޑް އަޅުވާލީމައި އެނިމުނީއެވެ. އެހެންކަމުން މަޖުލިހުގެ ކޮންޓެންޓް ކޮންޓްރޯލު ކުރާނީ މަޖުލިހުގެ އިދާރީ ހިންގުމުގެ ތެރޭންނެވެ.

މަޖުލިހުގައި ބައެއް ދުވަސްދުވަހު ހިންގާ ސެޝަންތަކުގައި ދެބަސްވެ އަރާރުންވާ ހިސާބަށް މަޖުލިސް ހޫނުވެ ކުރެވޭ ޒުވާބުތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލް ގައިޑުލައިންއަށް ފެތޭ ކޮންޓެންޓެއް ނޫނެވެ. އަދި މިފަހުން މަޖްލިސްތެރޭ ހިނގާދިޔަ އަރާރުމާއި ބޭނުންކުރަމުން ދިޔަ ބޭއަދަބީ ބަސްތައް އަމުދުން ހުރީ ބްރޯޑުކާސްޓު ކުރެވޭ ގޮތަކަށް ނޫނެވެ.

އެހެންކަމުން މަޖުލިސް ގެ ޖަލްސާތައް ލައިވްކޮށް ބްރޯޑުކާސްޓުކުރުން ހުއްޓުމަކަށް ގެންނަން ނިންމުނެވެ. މިގޮތަށް ނިންމަން ޖެހުނީ ޕީއެސްއެމްގެ އެޑިޓޯރިއަލް ގައިޑުލައިނަށް ނުފެތޭކަމަށް ކުންފުނީގެ ކަމާގުޅޭ ޑިޕާރޓްމަންޓުން ކަންބޮޑުވުން ހުރިކަމަށް ބުނަމުންގެންދާތީއެވެ.

އެހެންނަމަވެސް މަޖްލިހުން ކުރަންމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭނެތީ ޕްރޮގުރާމެއް އިތުރަށް ހަދަން ނިންމީމެވެ. ޕްރޮގުރާމު ގެނެސްދޭނީ ރޭނގަޑުގެ ގަޑިއެއްގައިކަމަށް މަޝްވަރާކުރެވުނެވެ. އަދި މިހާރުވެސް ބާބުގެ ނަމުގައި މަޖްލިސް އޮންނަ ކޮންމެ ދުވަހަކުވެސް މަޖުލިހުގައި ކުރިއަށްދާ މަސައްކަތްތަކުގެ މައުލޫމާތު މަޖުލިސް މެންބަރުން ހިމަނާގެން ޕްރޮގުރާމެއް މިދަނީ ގެނެސްދެމުންނެވެ. އެހެންނަމަވެސް ބައެއް ދުވަސް ދުވަހު މަޖްލިހުގައި ބޭނުންކުރެވޭ ބަސްމަގު ހުރީ ރޭގަނޑު ގެނެސްދެވުނަސް ޕީއެސްއެމްގެ ގައިޑުލައިނަށް ފެތޭގޮތަކަށް ނޫނެވެ.

ޕީއެސްއެމުން މަޖުލިސް ގެ ޖަލުސާތަށް ގެނެސްދިނުން ހުއްޓާލުމުން މިހާރުނޫހުގެ އިސްމާއިލު ނަސީރާއި ދައުރުން ހިރިގާ ޒާހިރުވެސް މިކަން ހިނގާގެން އުޅޭގޮތް އޮޅުން ފިލުވުމަށް ގުޅިއެވެ. އަޅުގަނޑުމެންގެ ހުރި ކަންބޮޑުވުން ކިޔާ ދިނީމެވެ. ދެ ބޭފުޅުންވެސް ބުރަވަނީ ގެނެސްދޭންޖެހޭނެކަމަށެވެ. އަދި ޑިލޭއެއްލާފައި ނަމަވެސް ގެނެސް ދޭންޖެހޭނެކަމަށެވެ. އަޅުގަނޑުގެ ހުރި ކަންބޮޑުވުމަކީ ލަސްކޮށްފައި ގެނެސްދިން ކަމުގައިވިޔަސް މިހާރަކު މަޖުލިސްގެ ޖަލުސާތަކުގެ ކޮންޓެންޓު އުނިކުރުމުގެ އުސޫލެއް ޕީއެސްއެމަކު ނެތެވެ. އަދި އެގޮތަށް ކަންކޮށްފިނަމަ އަނެއްކާވެސް އިތުރު ސުވާލުތަކެއް ކުރިމަތިވާނެކަމަށް ބުނެދީނިމެވެ.

ދެބޭފުޅުންވެސް ތުހުމަތުކުރެއްވީ މަޖުލިސްތެރޭން ޕާރޓީއެއް އުފަންވާތީ ޕީއެސްއެމުން މަޖުލިސް މިވަޤުތު ދައްކަން ބޭނުންނުވަނީ ކަމަށެވެ.

މީޚަބަރުތައް އެކިގޮތްގޮތަށް އޮންލައިންތަކުގައި ޖަހަން ފެށުމުން ނިންމުން އަނބުރާ ގެންނަންޖެހުނެވެ. އަދި ކުރިން އޮތްގޮތަށް މަޖުލިސް ބްރޯޑުކާސްޓު ކުރަންފެއްޓީއެވެ.

އެންމެ އިސްސަފުގައި ހަރަކާތްތެރިވާ ނޫސްވެރިންގެތެރޭގައި ހިމެނޭ ދެ ބޭފުޅުންވެސް ޚަބަރު ގެނެސްދެއްވީ ހާދިސާއެއްގޮތަށެވެ. މުޅި މަންޒަރު ގެނެސްދެއްވާން މަސައްކަތް ނުކުރައްވައެވެ. ދެން އެހެން އޮންލައިންތަކުން ޚަބަރު ގެނެސް ދިނުމުގައި މިބޭފުޅުން އަމަލުކުރެއްވިގޮތަށް ކަންކުރެއްވީމައި ޝަކުވާއެއް އޮވެގެން ނުވާނެއެވެ.

އަޅުގަނޑަށް ޤަބޫލުކުރެވެނީ ދައުލަތުގެ މީޑިއާގެ ހައިސިއްޔަތުން ހިފައްޓަންޖެހޭ ކަންކަން ގިނަބޭފޫޅުންނަށް ފަހުމު ނުވަނީކަމަށެވެ.

މަޖުލިސް ބްރޯޑުކާސްޓުކުރުން އެއްދުވަހު ހުއްޓުމަށްފަހު އަނެއްކާވެސް ފެއްޓިފަހުން ދެތިން ދުވަހެއްތެރޭގައި މަޖުލިހަށް މައުލޫމާތުސާފުކޮށްދެއްވަން ވަޑައިގެން ބޭފުޅަކަށް މަޖުލިހުގެ މައިނޯރިޓީ ލީޑަރު ފުރައްސާރަކުރި ތުހުމަތު ފެންމަތިވެއްޖެއެވެ. މިޚަބަރު މިހާރުގައާއި އަދި ދައުރު އޮންލައިނުންވެސް ކަވަރކުރިއެވެ.

އަނެއްކާ އޭގެ ދެތިން ދުވަސް ފަހުން މަޖުލިސް މެންބަރަކު މަޖްލިސް ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ބޭއަދަބީ ބަސްތަށް ބޭނުން ކުރަމުން ގެންދިޔަތަށް ބްރޯޑްކާސްޓުވަމުން ދިޔައެވެ. އެވަޤުތު އަޅުގަނޑު މިހާރުގެ އިސްމާއިލު ނަސީރަށް މެސެޖުކޮށްލިން، ދައުލަތުގެ މީޑީއާއިން އައުގުރާނަކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ ބަސްތަށް ފޮނުވަމުން ގެންދާކަމަށެވެ. ޖަވާބަކަށް ލިބުނީ ހަހަހަހަ އެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމުތަކުގައި މަޖުލިހުގައި ފެންނަފަދަ ޒުވާބާއި ރުޅިވެރިކަމާއި ފުރައްސާރަކުރާ ފަދަ ކޮންޓެންޓެއް ނުހުންނާއެވެ. އަދި މިފަދަ ކަންކަމަކީ މިއަދުގެ ތަހުޒީބީ މާހައުލުގައި ބަލައިގަންނަ ކަންކަމެއް ނޫނެވެ. އަޅުގަނޑުމެންގެ ޅަދަރީނަނަށް މިއަދު ސްކޫލުތަކުގެ މުގައްރަރުގައި ފުރައްސާރައާއި ހަނގާކުރުމަށް ދަރިވަރުން ހޭލުންތެރިކޮށް އެކަންކަމާއި ދުރުވުމަށާއި ކުރިމަތިލާނެ ގޮތް ދަސްކޮށްދެއެވެ. އަދި މަސައްކަތު މާހައުލުގައި މިކަންކަމުން ދުރުވުމަށް އެތަށް ތަމްރީން ޕުރޮގްރާމުތަކެއް ހިންގައެވެ. ހާއްޞަކޮށް ސިވިލް ސާވިސްގައާއި ހޮޓާ ރިސޯޓުގައި މިފަދަ ތަމްރީނުތަށް އާންމުކޮށް ހިންގައެވެ.

މަޖުލިހުގެ ތަޅުމުގައި އިސްލާމު ދީނާއި ހިލާފު ނޫން ކޮންމެ އެއްޗެއްވެސް ބުނުމުގެ ހުއްދައޮވެއެވެ. މަޖުލިހުގެ ތަޅުމުގައި ބުނާ އެއްޗަކުން މެންބަރަކަށް ކޯޓުގައި ދައުވާ ނުކުރެވިދާނެއެވެ. އެކަމު އަޅުގަނޑު ހިތަށް އަރަނީ ތަޅުމުގައި ބުނާއެއްޗެއް އެހެން ފާރަތަކުން ފަށްކޮށް ރިލޭ ކުރުމުން އެކަން ކުރިފަރާތް ކުށްވެރި ނުވާނެބާވައެވެ. ދައުވާ ނުކުރެވޭނެބާއެވެ. އަޅުގަނޑަށް މިކަމުގައި ޤާނޫނު އޮންނަގޮތެއް ނޭގެއެވެ. އެހެންނަމަވެސް ދީނާއި ލޮޖިކުން ހަމަައަޅާއިރު މިކަން ކުރެވިދާނެކަމަށް ހިތް ގަބޫލު ކުރެވެއެވެ.

މަޖުލިހުގެތެެރޭގައި އަދަބު އަހްލާޤު ހިފައްޓުމަށް އުސޫލުތަކެއް ހުރެއެވެ. އިއްޒަތްތެރި މެންބަރަކު އަޑުގަދަކޮށް މަޖުލިސް ކުރިއަށް ގެންދަން ހުރަސްއަޅާނަމަ، އެ މެންބަރަކު މަޖިލިސް ދޫކޮށް ދިއުމަށް ރިޔާސަތުން އަންގައެވެ. އަދި ރިޔާސަތުގެ ނިންމުމަށް ތަބާނުވެއްޖެނަމަ ގަދަކަމުންވެސް މަޖިލިހުން ނެރެއެވެ.

މީގެން ދޭހަވަނީ މަޖުލިހުގައި ސެންސަރުކުރުމުގެ އުސޫލުތަކެއް ގެންގުޅޭކަމެވެ. އަދި އެއީ އެންމެން ޤަބޫލުކުރާކަންކަންކަމެވެ. އެހެން ވިއްޔާ މަޖުލިސް ބްރޯޑުކާސްޓުކުރާ ފަރާތްތަކުން އަމިއްލަ އުސޫލުތަކެއް ނުގެންގުޅެންވީ ކީއްވެތޯ؟

އަޅުގަނޑުމެންގެ އަވަށްޓެރި ސްރީލަންކާގައި މަޖްލިސް ދައްކަނީ ޓެލެކޮމް ކުންފުންޏެއްގެ ޗެނަލްއަކުންނެވެ. އެހެން މީޑިއާތަކުން ފީޑުނަގަނީ މިޗެނަލުންނެވެ. އަދި އެހެން ޗެނަލުތަކުން ހުރިހާ ސިޓިންގެ ގެނެސްނުދެއެވެ. ޕާލަމަންޓަށް ޝައުގުވެރިވާ ޗެނަލުތަކުން ހުންނަނީ ޕާލަމަންޓުން ރިޕޯޓުކުރާނެ ނޫސްވެރިއަކު ކަނޑައަޅާފައެވެ.

އަޅުގަނޑުމެންގެ އަނެއް އަވަށްޓެރި ގައުމުކަމުގައިވާ ދުނިޔޭ އެންމެ ބޮޑު ޑިމޮކްރަސީގައި ޕާލިމަންޓުގެ ސެޝަންތައް ގެނެސްދިނުމަށް އޮންނަ ޗެނަލަކީ ޕާލަމަންޓުން ގެ ޗެނަލަކެވެ. އިންޑިއާގެ ދައުލަތުގެ މީޑިއާއިން އެމްއޯޔޫއެއްގެ ދަށުން ޗެނަލް އަޕްލިންކު ކޮށްދެނީއެވެ.

އިންޑިއާ އާއި ސްރީލަންކާގައިވެސް ޕާލިމަންޓުގެ ޖަލުސާތައް ބްރޯޑުކާސްޓުކުރުމުގައި ދައުލަތުގެ މީޑިއާގެ ޒިންމާއެއް ނޯވެއެވެ. ދައުލަތުގެ މީޑިއާއިން ގެނެސްދެެނީ މަޖުލިސްގެ ޚަބަރުތަކެވެ. އަދި ޚާއްޞަކޮށް ރައްޔިތުންނާއި ގުޅުންހުރި ޚަބަރުތަކެވެ.  

މިހާރުވެސް މަޖުލިސްގެ ޔޫޓިއުބު ޗެނަލެއް ހުރެއެވެ. މަޖުލިހުގެ ހުރިހާ ޖަލުސާތަކެއް އެޗެނަލުން ދައްކަމުން ދެއެވެ.