މިއަދުގެ މެނޭޖްމަންޓާއި ލީޑަރޝިޕުގެ ވާހަކަ ދެކެވޭއިރު އޯގާތެރިކަމުގެ ބާރާއި ބެހޭގޮތުން ވަރަށް ގިނައިން ވާހަކަ ދައްކައެވެ. އަދި މީހުނާއި މުއާމަލާތް ކުރުމާއި ގުޅޭގޮތުން އިރުޝާދު ދޭ ބޭފުޅުންނާއި މޯޓިވޭޝަނަލު ގުރޫންގެ އަތްމަތީ ބަހަކަށް  'އެންޕަތީ' ވަނީ ވެފައެވެ. ޒަމާނީ ހިންގުމުގައި އަޅުގަނޑުމެން ހީކުރާ ވަރަށް ވުރެ ސޮފުޓު ސުކިލުސް މިއަދު މުހިއްމުވެއްޖެއެވެ. ސޮފުޓު ސުކިލަކީ އެކި ހާލަތްތައް ކުރިމަތިވާއިރު މައްސަލަ ހައްލުކުރާނެ ގާބިލުކަން ހުރުމެވެ. އާންމުކޮށް މުއައްޒަފުން ގޮވައިގެން އުޅުމުގެ ހުނަރަށް ސޮފުޓު ސްކިލު ކިޔައެވެ.

ގޯހާއި ނުބައި ވިއްކޭނީ ވަރަށް ކުރު މުއްދަތަކަށެވެ. މިއީ އަޅުގަނޑުމެން އެންމެންވެސް ދަންނަކަމެކެވެ. އާހިރުގައި އަބަދުވެސް ކުޅިފަސް އަތުލާނީ ރަނގަޅު ގޮތްތަކެވެ. ރަނގަޅު އުސޫލެވެ.

އާންމު ދިރިއުޅުމުގައި އޯގާތެރިކަމާއި ހެޔޮކަންތައް މުހިންމުވާ ފަދައިން މަސައްކަތު މާހައުލުގައިވެސް މިކަންކަން މުހިންމެވެ. ދުނިޔޭގައި ކަންހިނގާގޮތަށް އެކަނި ބަލާނަމަ މިއީ ވަރަށް މާސޫމު ވިސްނުމެއްކަމަށް ބައެއް މީހުން ބުނެދާނެއެވެ. ނަމަވެސް މަސައްކަތު މާހައުލުގައި މިކަންކަން ފެންނަނީ ކުޑަކޮށެވެ. ސުވާލަކީ މަސައްކަތު މާހައުލުތެރެއަށް މިކަންކަން ވައްދާލެވޭނެތޯއެވެ. ނުވާންވީ ކީއްވެތޯ؟

ހަޔާތުގައި އަޅުގަނޑުމެން ހިޔާރު ކުރަނީ ލޯތްބާއި އުފާވެރިކަމާއެކު ދިރިއުޅުމެއް ހޯދޭނެ ގޮތެކެވެ. އަދި މިކަމަށް އަޅުގަނޑުމެން ހޭދަވެސް ކުރަމެވެ. ވަޤުތުވެސް ދެމެވެ. އެހެން ނަމަވެސް މަސައްކަތު މާހައުލުގައި ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ ކުރިއަށް ދިއުމަށް ބޭނުންކުރަން އޮތް ވަސީލަތަކީ ބާރާއި ހަރުކަށިކަން އިހުތިޔާރު ކުރުންކަމުގައެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް ވިހަ ގުޅުންތަކާއި ހަރުކަށިކަމުން ދުރުހެލިވާންޖެހޭކަން އަޅުގަނޑުމެނަށް އެނގެއެވެ.  

އެކަމު މަސައްކަތުގެ މާހައުލުގައި މިހަމަ ތަފާތުވާންވީ ކީއްވެގެން ތޯ؟

ހިންގުމުގެ ތެރޭގައި އަޅުގަނޑުމެން އެންޕެތެޓިކުވުމާއި އޯގާތެރިވުމުން މުއައްޒަފުންގެ އެއްބާރުލުން ލިބުން ފަސޭހަ ވާނެއެވެ. މިއާއެކު އެއްލަނޑުދަޑިއަކަށް މަސައްކަތް ކުރުމަށް އެންމެންގެ ވިސްނުން ސީދާކޮށްލަންވެސް ފަސޭހަވާނެއެވެ. ބައެއް ފަހަރު ހީވެފައި އޮންނަނީ މާބޮޑަށް މަޤުބޫލު ވުމާއި އެންމެން ގަބޫލުވާފަދަ ސަހުސިއްޔަތަކަށް ވުމުން ތިމާއަށް އިހުތިރާމު ކުޑަ ކުރާނެ ކަމަށެވެ. މިއީ އެއްވެސް ކަހަލަ ބުރަދަނެއް އޮވެގެން އަޅުގަޑުމެން ހިތަށް އަރާ ވިސްނުމެއް ނޫނެވެެ. ހަމަ މިއާއެކު އެންމެން ހިތްހަމަޖައްސާ ދިނުމަކީވެސް ވެވޭނެ ކަމެއް ނޫނެވެ.

އަޅުގަނޑުމެންނަށް އެނގޭ ގޮތުގައި މީހުން ވަޒީފާ ދޫކޮށްލުމުގެ ފުރުސަތު ބޮޑުވަނީ އެމީހުންގެ ވެރިމީހާއާ އޮންނަ ގުޅުން ނެތިގެންނެވެ.

އަޅުގަނޑާއި ދާދި ފަހަކުން ބައްދައްލުކުރަން ކުންފުނީގެ ސެކްޝަނެއްގެ މުއައްޒަފުންތަކެއް ބޭނުންވިއެވެ. އަޅުގަނޑަށް އެބައްދަލުވުން ބޭއްވުނީ ބައްދަލުކުރަން ބޭނުންވި ދުވަހަށް ވެރެވެސް ލަސްކޮށެވެ. އެ މުއައްޒަފުން އަޅުގަނޑުކައިރީ ބުނީ މި ބައްދަލުކުރަން މިއެދުނީ ޑިޕާރޓުމަންޓު ވެރިޔާ އަހަރެމެނާއި ބައްދަލު ނުކުރާތާ މިހާރު އަހަރު ވެފައިވާތީކަމަށެވެ.

ޑިޕާރޓުމަންޓު ބައްދަލުވުން ނުބާއްވަނީ ދިމާވެގެން އުޅޭ މައްސަލަތަށް ޑިޕާރޓުމަންޓުގެ ވެރިޔާއަށް އިނގިލައްވާތީ ކަމަށެވެ. އެކަމު އެމުއައްޒަފުންގެ އެހެންބައިވަރު މައްސަލަތަކެއް ޝަކުވާތަކެއްވެސް ހުއްޓެވެ. އޭރު އެ ޑިޕާރޓުމަންޓުގެ މުއައްޒަފަކު ކުންފުނީގެ ވަޒީފާއިން ވަކިވެގެން ހިގައްޖެއެވެ. އަދި އެހެން މުއައްޒަފުން އެފަދަ ވިސްނުން ގެން ގުޅޭކަމަށް އަޅުގަނޑާއި ހިއްސާ ކުރިއެވެ.

އަދި އަޅުގަޑާއި ބައްދަލުވިތާ ހަފްތާއެއް ވީފަހުން މުއައްޒަފަކު ވަކިވެގެން ހިނގައްޖެއެވެ.

މުއައްޒަފުން ވަޒީފާ ދޫކޮށްދަނީ ކީއްވެގެންތޯ ބެލުމަށް ހެދިފައި ހުރި ދިރާސާއެއް ރާއްޖޭގައި އޮތް ހެނެއް ހިޔެއް ނުވެއެވެ. އޮތްނަމަ އަޅުގަނޑު ބަލާލަން ބޭނުމެވެ. ތަރައްޤީވެފައި ހުންނަ ޤައުމުތަކުގައި މިފަދަ ދިރާސާތަށް ހަދާފައި ހުރެއެވެ.

އެމެރިކާގައި 2019 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 57 ޕަސެންޓް މުވައްޒަފުން ވަޒީފާއިން ވަކިވަނީ ވެރިމީހާގެ ސަބަބުންނެވެ. އަނެއް 14 ޕަސެންޓް މީހުން އެތައް ވަޒީފާއެއް ދޫކޮށްލާފައި ވަނީ އެމީހުންގެ މެނޭޖަރުންގެ ސަބަބުން ކަމަށާއި އިތުރު 32 ޕަސެންޓް މީހުން ވަނީ އެމީހުންގެ މެނޭޖަރުގެ ސަބަބުން ވަޒީފާ ދޫކޮށްލުމަށް ސީރިއަސްކޮށް ވިސްނާފައި ކަމުގައެވެ. މިދިރާސާއިން ދޭހަވަނީ ކުންފުނިތަކުން ހުނަރުވެރިން، ޝައުގުވެރިކުރުމަށާއި ހިފެހެއްޓުމާއި ކުރިއެރުވުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ބާރު އަޅާއިރު، އަދި ރަނގަޅުކޮށްލަން ޖެހޭ އެހެން ދިމާލެއް ކުންފުނި ތެރޭގައި އެބަ އޮތްކަމަށެވެ. ކުންފުނިީގައި މުއައްޒަފުން ގޮވައިގެން އުޅެން ތިބި ފަރާތްތަށް މުއައްޒަފުން ގޮވައިގެން އުޅުމަށް އަހުލުވެރިވާންޖެހޭކަމެވެ.

 

އިންސާނީ ގުޅުން މުހިންމު

މީހުނާއި އެކު މަސައްކަތް ކުރަން އުޅޭމީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރެވިފައިވާ ތަޖުރިބާ އަކީ ހައްޤު ތައުރީފާއި ކުރުމާއި މަސައްކަތް ބަލައިގަތުމާއި ހެޔޮ ބަސްތަށް ރައްދުކުރުމަކީ މުއައްޒަފުން ބަލައިގަންނަ ކަންކަން ކަމުގައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މުއައްޒަފުނަށް ހެޔޮ އަސަރު ކުރެއެވެ. އަދި ހެޔޮ ޖަޒުބާތުތަށް އުފެދިގެން ދެއެވެ. ހަމަ ޔަގީނުންވެސް މިއީ ގުޅިގެން މަސައްކަތްކުރާ މުއައްޒަފުންތަކެއްގެ ތެރޭގައި އުފެއްދުންތެރިކަން އަށަގަންނަ ކަމެކެވެ.

ޕުރޮޖެކުޓު އެރިސްޓޮޓިލުގެ ނަމުގައި ފުރިހަމަ ޓީމެއް ބިނާކުރުމާ ބެހޭ ގޮތުން ގޫގުލުން ވަރަށް މަޝްހޫރު ދިރާސާއެއް ކުރިއެވެ. އިންސާނީ ގުޅުންތައް މަސައްކަތު މާހައުލުގައި މުހިންމުވާ ފަދައިން، އެހެން ތަންތަނުގައިވެސް މުހިންމުވާކަމަށް މިދިރާސާއިން ވެސް ސާބިތުކޮށްދިނެވެ.

މިދިރާސާއިން ދޭހަވީ ގޮތުގައި އުސޫލުތަކެއް ލިޔެވިފައި ނެތް ކަމުގައި ވިޔަސް، ވަކިވަކި ފަރުދުންގެ ގުޅުންތަށް ބަދަހި ކުރުމަށް ނަފުސާނީ ރައްކާތެރިކަން އުފެދޭ ސުލޫކުތަކާއި ވާހަކަ ދެއްކުމުގެ ފުރުސަތު އޮތުމާއި އެކު، އެންޕެތީ އަކީ ގިނަ ފަހަރަށް އަޅުގަނޑުމެން މުއާސަލާތު ކުރުމަށް ބޭނުން ހިފާ ކަންކަންކަމުގައެވެ. އަދި އެ އިންސާނީ ގުޅުންތައް ދިރިއުޅުމުގެ އެހެންކަންކަމުގައި ވެސް މުހިންމުވާފަދައިންް މަސައްކަތު މާހައުލުގައި ވެސް މުހިންމެވެ.

ގޫގުލުގެ ވަރުގަދަ ޑޭޓާ އެއްކޮށްގެނާއި މަައުލޫމާތު ސާފުކޮށްގެން ނެރެވުނު ނަތިޖާއަކީ ރަނގަޅު ހެޔޮވިސްނޭ މެނޭޖަރުންނަށްވެސް ވިސްނޭ ގޮތަށް ނިކުން ނަތީޖާއެކެވެ. އެންމެ މޮޅު ޓީމުތަކުގައި މެންްބަރުން އެކަކު އަނެކަކުގެ ވާހަކަ އަޑުއަހައި އިޙްސާސްތަކާއި ބޭނުންތަކަށް ފަރުވާތެރިވާކަމެވެ.

ސައިންސް ވެސް ބުނެދެނީ، މީހުން ވަޒީފާގައި ހިފެހެއްޓުމަށްޓަކައި ދުޅަހެޔޮ، ސަޕޯޓިވު، އެންޕެތެޓިކު އަދި މުވާސަލާތީ މާހައުލެއް އަހަރެމެންގެ ވަށައިގެން އޮންނަން ޖެހޭނެކަމަށެވެ. މިއީ މަަސައްކަތު މާހައުލުގައި އާންމުވިސްނުމެއް ނޫންތޯއެވެ. ކަން އޮންނަންޖެހޭނެކަމަށް ޤަބޫލުކުރާ ވިސްނުމަކީވެސް މިއެވެ.

 

ކުރިމަގުގެ ލީޑަރުން

މިއަދު އަޅުގަނޑުމެން ކަޑަތު ކުރަމުން މިދާ 21 ވަނަ ގަރުނުގައި ލީޑަރޝިޕް ބައްޓަންވެގެން އަންނަ ގޮތުން އޯގާތެރިކަން އިސްކުރަން ޖެހެއެވެ. އެކަމަށް ފަރުވާކުޑަކޮށްގެން ނުވާނެއެވެ.

އަޅުގަނޑުމެނަށް ވިސްނިފައި އޮންނަނީީ އޯގާތެރި، ކަންކަން ހިއްސާ ކުރާ، މަޑުމައިތިރި ލީޑަރަކަށް ވަރުގަދަ އަދި ކެރޭ ހިންގުން ތެރި ލިޑަރަކަށް ނުވެ ވޭނެކަމަށެވެ. ނިއުޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން ވަނީ ލީޑަރުންނަށް އޯގާތެރިވެސް އަދި ވަރުގަދަ ވެސް ވެވޭނެ ކަމަށް ތަކުރާރުކޮށް އަމަލުން ދައްކަވާދެއްވާފައެވެ.

އާޑަރންގެ ލީޑަރޝިޕް ފެނިގެންދިޔައީ އެންޕަތީއާ އޮގާތެރިކަމާއެކު އިސްނަންގަވާ ލީޑަރެއް ގޮތަށެވެ. ބާރުއެޅުއްވީ އަދި ވިދާޅުވެދެއްވަމުން ގެންދެވީ، އޯގާތެރިކަމާއެކު ލީޑް ކުރަން ބޭނުންފުޅު ކަމަށާއި އެންޕަތީއަށް ސަމާލުކަން ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

އާޑަން ވިދާޅުވަނީ އެބޭފުޅާއަށް ހީވާގޮތުން ސިޔާސީ މާހައުލުގައި ފެނުނު ހިތާމަވެރި އެއް ކަމަކީ އަޅުގަނޑުމެން އެސަރޓިވްނެސް އާއި ވަރުގަދަ ނަޒަރިއްޔާތަކަށް އެހާ ބޮޑަށް އަހަންމިއްޔަތުކަން ދީފައި އޮތުންކަމުގައެވެ. އަޅުގަނޑުމެން ހީކޮށްފައި އޮތީ އޯގާތެރިކަމާއި އެންޕެތީގެ ސިފަތަކާއި އެކު ސިޔާސީ ލީޑަޝިޕު ނުދެއްކޭނެކަމަށެވެ.

އަދިވެސް ވިދާޅުވިއެވެ. އަޅުގަނޑުމެންނަށް ދުނިޔޭގައި ކުރިމަތިވާ ހުރިހާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާއިރު އަޅުގަނޑުމެންގެ ލީޑަރޝިޕުން އެންމެ ބޭނުންވާ ސިފައަކީ އެހެން މީހުންގެ ހާލަތަށް އެންޕެތައިޒް ކުރެވޭނެ ގޮތް އޮތުމެވެ. އަޅުގަނޑުމެންގެ ފަރާތުން ނިންމުންތައް ނިންމަމުން ދާންވާނީ އަންނަން އޮތް ޖީލަށް އެންޕެތައިޒް ކޮށްގެނެވެ. އަދި އަޅުގަނޑުމެންގެ ހުރިހާ ސަމާލުކަމެއް ދެނީ ހަމައެކަނި ކޮޓަރީގައި ހުރި އެންމެ ނުފޫޒުގަދަ އެންމެ ބާރުގަދަ މީހާއަށް ކަމަށް ވާނަމަ، ދެން އަޅުގަނޑުމެންގެ ބޮޑު މަންޒަރު ގެއްލިގެން ދިޔައީއެވެ.

އެހެންވީމާ ހިތްހެޔޮ ލީޑަރުން ދަތި ހާލަތްތަކާ ކުރިމަތިލަނީ ސައްހަކަމާއި އެންޕެތީއާއެކު ކަން ޔަގީނެވެ.

 

ޖެސިންޑާ ވިދާޅުވީ " ބޭރުފުށުން ވަރުގަދަ މީހެއް ގޮތަށް އަހަރެން އެހެން މީހުނަށް ދައްކާކަށް ބޭނުމެއް ނޫން. އޭގެ ބަދަލުގައި އަހަރެން ދަސްކުރީ މީހުން ދައްކާ ވާހަކަ ފުރާނާނެ ގޮތްް؛ އެކި ފާޑުކިޔުންތައް އަޑުއަހައި އެކި މީހުންގެ ނަޒަރިއްޔާތު ދެނެގަނެ މިނެ ފުރާނާގެން ނުނީ، އެ ތަފާތު އަހަރެންނަށް ދެނެނުގަނެވޭނެ. މިއީ އަހަރެންނަށް ދަސްވެ އުނގެނުނު ފިލާވަޅު. އަސްލު ދުނިޔެއަށް ބޭނުމެއް ނުވޭ ހަންބޯ ބޮޑެތި ސިޔާސީ ބޭފުޅުންނެއް. ރައްޔިތުންނަށް ބޭނުންވަނީ އަޅާލާ މީހުން"

ވިޔަފާރިތަކަށްވެސް ހަމަ އޮތީ މިގޮތެވެ. ކުންފުނީގެ ބޮޑު ކުޑަމިނުގެ ސައިޒެއް މުހިންމެއް ނޫނެވެ. އަޅުގަނޑުމެނަށް ހީވެފައި އޮންނަނީ ފަށައިގަންނަ ވިޔަފާރިތަކަށް ހަމައެކަނި ނަތީޖާއަށް ފޯކަސްވެ އޮތުން އެންމެ ރަނގަޅުކަމަށެވެ. ނަމަވެސް ވިޔަފާރިއަކަށް މުއައްޒަފުން ފޯކަސްވެ ހިންގަން އުނދަގޫވަނީ، ވިޔަފާރިއަށް އަންނަ ހުށަހެޅުންތަކުގެ ސަބަބުތަކުން ކަންކަން ނިންމަން އުނދަގޫ ވީމައެވެ.

އަނެއްކާވެސް އަހާލަންޖެހެނީ މުއައްޒަފުންނަށް ސަމާލުކަން ނުދެނީ ކީއްވެގެންބާއެވެ. އަހަރެމެން އެންމެންނަކީ އިންސާނުން ކަމަށްވާތީ ލޯތްބާއި ރައްކާތެރިކަމާއި އިޙްތިރާމާއި މޮޓިވޭޝަން ބޭނުންވާނެއެވެ. އޯގާތެރި ލީޑަރޝިޕަކީ އިންސާނެއްގެ ބޭނުންތަށް ދެނެގަތުމުގެ ބުރަ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުމުވެ.

 

ކޮންއިރަކުން މިކަން ކުރާނީ

މޮޅެތި ސީއީއޯއިން ކުންފުނިތައް ހަމައަކައަކަށް އަޅުވާފައިހުރި ކަންތައްތަކަށް ބަލާއިރު، ކަންކޮށްފައި ހުންނަނީ ލުއި އަދި އާދައިގެ ކަންތައްތަކާއިވެސް ކުރިލާފަދައިން އުނދަގޫ ކަންތަތަކާވެސް އެގޮތަށް ކުރިމަތިލައިގެންނެވެ. މިފަދަ ކުންފުނިތަކުގައި ޓެލެންޓާއި ސަގާފަތާއި އޯގަނައިޒޭޝަން ފަރުމާކޮށް ބަލައްހައްޓަފައިވަނީ ފަރުވާތެރިކަމާއެކު ފުރިހަމަ ގަވާއިދުތަކެއް އެކުލަވާލައިގެންނެވެ.

ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެން ލީޑުކުރާ މީހުންނަށް އަޅާލުމުގެ ވާޖިބެއް އޮވެއެވެ. އަޅުގަނޑުމެންގެ ތެރެއިން އިގޯ އެއްފަރާތް ކުރަން ތައްޔާރަށް ތިބި މީހުންނަށް ލީޑަރުންގެ ގޮތުގައި ކުރިއަށް ދިއުމަށް، މަސައްކަތާއި ދިރިއުޅުމުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ ބަދަލުކުރެވިދާނެއެވެ. މިގަރުނުގެ ޒަމާނީ ލީޑަޝިޕަށް ބޭނުންވަނީ އޯގާތެރިކަމެވެ. ކާމިޔާބު ޓީމުތަކެއް އުފައްދާ ހުނަރުވެރިކަން ހިފޭޓުމަށް ވަރަށް މުހިންމު ތިން މާއްދާއެއް ފާހަގަކޮށްލާނަމެވެ. އެއީ ފައިދާހުރިގޮތަށް  މުވާސަލާތުކުރުމާއި ނަފްސާނީ ރައްކާތެރިކަމާއި ކުރިއެރުމުގެ ފުރުސަތުތައް އުފައްދާއިރު އޯގާތެރިކަން އިސްކުރުމެވެ.

ހެޔޮ ސަރުކާރެއްގައި ވެރިމިހާ ރައްޔިތުންނަށް މާނަހުރި، ހެޔޮ އަދި ކުރިއަރަމުން އަންނަ މާހައުލެއް އުފެއްދުމުގެ ފުރުސަތު ހޯދާދޭއިރު އެއީ ވެރިޔާއާއި ހަމައަށް ވާސިލްވާ ފަރާތްތަކަށް ދިގުދެމިގެންދާ އަސަރެއް ކުރާނެ ކަމަކަށް ނުވެދާނެއެވެ.

މަސައްކަތަކީ އަހަރެމެންގެ ދިރިއުޅުމުގެ ބޮޑު ބައެކެވެ. މަސައްކަތު މާހައުލުގައި ހިތްހަމަޖެހުމާއި ފުރިހަމަ ކަމުގެ މާނައަކީ އަހަރެން ހަގީގަތުގައި އުފާވެރުކަމާއި އެކު ދިރިއުޅެމުންދިއުމަށް ލިބޭ އިތުރު ބާރެކެވެ. މަސައްކަތުގައި ތަންކޮޅެއް އޯގާތެރިކަމާއި އުފާވެރިކަން ފެތުރިދާނެ ނަމަ، ރަނގަޅުވަގެންދާނީ ޕާފޯމަންސާއި އުފެއްދުންތެރިކަން އެކަންޏެއްނޫނެވެ.

އެންމެ ރަނގަޅު ޓީމުތައް މަސައްކަތް ކުރަމުންދާ ތަންތަނުގައި މެމްބަރުންނާއި ލީޑަރުން އެކަކު އަނެކެއްގެ ވާހަކަ އަޑުއަހައި އިޙްސާސްތަކާއި ބޭނުންތަކަށް ނަޒަރު ބަހައްޓައެވެ. އެހެންވީމާ މުއައްޒަފުންގެ އެއްބާރުލުންހޯދުމަށާއި އެމީހުންގެ ދުވަސް އުފާވެރިކުރުވުމަށް އަޅުގަނޑުމެން އެމީހުންގެ ބައިވެރިވުން ހޯދުމަށް އަބަދުވެސް ހަނދާންކޮށްދެއްވާނެއެވެ. ބުނަންވާނެއެެވެ.

ނިއުޒިލެންޑު ގެ ޕުރައިމިނިސްޓަރ ފަސްއަހަރު ބައިކޮށްފައި ވަކިވަމުން ވިދާޅުވެފައިވަނީ ކޮންމެ ކަހަލަ ސަހުސިއްޔަތެއްކަމުގައި ވިޔަސް މިތަނުގައި ކުރަން އޮތްކަމަކީ ލީޑުކުރުންކަމުގައެވެ. އަދި ޖެސިންދާ ލީޑުކުރެއްވިގޮތަށް ލީޑުކުރުމަށް އިލްތިމާސްކުރެއްވިއެވެ.