އާދައިގެ މަތިން މިއަދު ހެނދުނުވެސް އަޅުގަނޑު ކަސްރަތަށް ދިޔާމެވެ. އަޅުގަނޑާއެކު މިއަދު ދުވުމުގެ ކަސްރަތުގައި ބައިވެރި ދުވުންތެރިޔާ ރަހްމަތްތެރިކަމުގެ ގޮތުން އަޅުގަނޑު ކައިރީ ސާފުކޮށްލަން އަހާލިއެވެ. އިއްޔެ ޕީއެސްއެމްއަށް ވަޑައިގެން ބޭފުޅުންނާއި ބައްދަލުނުކުރީ ކީއްވެގެންތޯއެވެ.

އަޅުގަނޑު އޮފީހުން ބޭރުގައި އޮތް ބައްދަލުވުމަށް ނިކުންނަން އުޅެނިކޮށް ސެކްރެޓޭރިއަޓުން އަޅުގަނޑުގެ ސަމާލުކަމަށް ގެނެސްދެއްވީ މިހާރު ބަޔަކު ބައްދަލުކޮށްލަން އައިސް ތިބި ކަމަށެވެ. އަޅުގަޑު ކޮންކަމަކުތޯ އަހާލީމެވެ. އެބޭފުޅުންނަށްވެސް ކޮންބޭނުމަކު ވަޑައިގެން ބޭފުޅުންކަމެއް ސާފެއްނޫނެވެ.

އަޅުގަނޑު އެހެން ބައްދަލުވުމަށް ދިއުމަށް ކުރިން ހަމަޖެހިފައި އޮތީމައި އެބައްދަލުވުމަށް ދިޔައިމެވެ. އަޅުގަޑު އެބައްދަލުވުމަށް އޮފީހުން ނިކުތީ ވަލުދޮރާއްޓަކުން ނޫނެވެ. އަޅުގަނޑު ނިކުމެގެން ދިޔައީ އާންމުކޮށް ވަދެ ނިކުންނަ ދޮރާށިންނެވެ. އަދި ވަޑައިގެން ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ނިކުމެގެން ދިޔަތަން ފެންނާނެއެވެ. މީގެ މާނައަކީ އަޅުގަޑު ނިކުތި ވަލުދޮރާއްޓަކުން ނޫންކަމެވެ.

އަޅުގަނޑު ދިޔަ ބައްދަލުވުން ނިމިގެން އަޅުގަޑު އޮފީހަށް ގުޅައި އެބޭފުޅުން އަދިވެސް ތިބިތޯ އަހައިލީމެވެ. އެބޭފުޅުން މިހާރު ވަޑައިގެންފިކަމާއި އަދި ބޭނުންފުޅުވީ ދައުލަތުގެ މީޑިއާއިން ވަޤުތު ނުދޭތީ އެކަމުގެ ޝަކުވާ އުފުލަންކަމަށް ވިދާޅުވިއެވެ.

ޕީއެސްއެމް އަށް ވަޑައިގެން ބޭފުޅުން ތެރޭގައި ކުރީގެ ދެ މިނިސްޓަރަކުވެސް ތިއްބެވިއެވެ. މިފަދަ ބައްދަލުވުމަށް ވަޑަަައިގަތުމުގެ ކުރިން އިޝާރާތް ކޮށްލެވުމަކީ އޮންނަ ކަމެއްކަން އެބޭފުޅުންނަށް އެނގިލައްވާނެއެވެ.

އަޅުގަނޑަށް އިޝާރާތެއް ލިބިފައި އޮތްނަމަ އަޅުގަޑު ވަޤުތު ހުސްކޮށް އަދި އެކަމަކާއި ގުޅޭ މުއައްޒަފުންވެސް އެބައްދަލުވުމުގައި ބައިވެރިކޮށް އެބޭފުޅުން ބޭނުންފުޅުވާ ކަމެއް ކޮށްދިނުމަށް މަސައްކަތް ކޮށްދިނީމުހެވެ.

އަޅުގަޑަށް މައުލޫމާތު ލިބުނުގޮތުގައި އެބޭފުޅުން ވަޑައިގަތީ އެބޭފުޅުން ނިސްބަތްވާ ސިޔާސީ ޕާޓީގެ ނަމުގައި ދައުލަތުގެ މީޑިއާއިން ވަޤުތު ހޯދަން ކަމުގައި ވަނީ ނަމަ، އެކަން އޮންނަ ގޮތް އަޅުގަޑެކޭވެސް އެއްފަދައިން އެބޭފުޅުންނަށްވެސް އެނގިލައްވާނެއެވެ.

މިއަދު މިޤައުމުގައި އޮތް ހަމަކޮންމެ ސިޔާސީ ޕާޓީއަކީވެސް ކުރީގެ ނޫނީ މިހާރުގެ ސަރުކާރުގެ ކޯލިޝަނެއްގައި ނަމަވެސް މަސައްކަތް ކޮށްފައިވާނެ ޕާރޓީއެކެވެ. އެހެން ކަމުން ކޮންމެ ސިޔާސީ ޕާރޓީއަކަށްވެސް ދައުލަތުގެ މީޑިއާ ހިނގަމުން އަންނަގޮތް ފަރިތަވާނެއެވެ.

އަޅުގަނޑު އެކަންތައްތައް ހަދާންކޮށްދޭކަށް ނުޖެހޭނެއެވެ. ޑިމޮކްރަސީގެ ކުރިއެއް ފަހަތެއް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ ޕާރޓީއެއް ވެރިކަމުގައި އޮތަސް ދައުލަތުގެ މީޑިއާގެ މެންޑޭޓްގައި އޮންނަ އެއް ކަމަކީ ސަރުކާރުން ކުރާ ކަންތައްތައް ރައްޔިތުންނަށް އަންގައި ދިނުމެވެ.  އެހެންކަމުން މި މަސްއޫލިއްޔަތު ޕީއެސްއެމް އުފެދުނީއްސުރެން މިއަންނަނީ ކުރަމުންނެވެ.

މިހާރު އޮތްތަފާތަކީ ޕީއެސްއެމްއަށް އިދިކޮޅު ޕާރޓީއެއް އޮންނަކަން އެގޭތީއެވެ. ޚަބަރުތައް ގެނެސްދެއެވެ. އަދި ވެރިކަން ކުރާ ޕާރޓީ ކަމުގައިވިޔަސް ޕާރޓީގެ ކަމެއްވެއްޖެއްޔާ ޖެހެނީ ވަޤުތު ގަންނާށެވެ. މިއީ އެހެން ޕާރޓީތަކަށްވެސް އޮތް ފުރުޞަތެކެވެ. ބައެއް ސިޔާސީ ޕާރޓީތަކުން މިގޮތަށް ވަޤުތު ގަނެގެން އެޕާރޓިތަކުގެ އިވެންޓް ގެނެސްދީފައި ހުންނާނެއެވެ.

މައްސަލައެއް ހައްލުކުރަން ވާހަކަ ދައްކައި، މަޝްވަރާ ކުރަން ބޭނުންނަމަ އެއީ އަބަދުވެސް އޮންނަ ފުރުޞަތެކެވެ. އަޅުގަނޑު އެކަމަކަށް ފުރަގަހެއް ނުދޭނަމެވެ. ބޭނުންވަނީ މަންޒަރެއް ނުވަތަ ޚަބަރެއް އުފައްދަން ކަމަށް ވަނީނަމަ އެކަމުން ދުރަށް ޖެހިލެވޭތޯ އަޅުގަނޑު ބަލާނަމެވެ.

އިއްޔެ ކުރައްވަން އެ އުޅުއްވީ ކޮންކަމެއް ކަމެއް އަޅުގަނޑަށްކަށް ނޭގެއެވެ.