އެކި ވައްތަރުގެ ކުންފުނި ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ތަފާތެވެ. އަމިއްލަ ފަރުދުންގެ ކުންފުނިތަކާއި ހިއްސާ ދާރުން ހިމެނޭ ކުންފުނިތަކާއި ޕަބްލިކް ކުންފުނިތަކާއި ބޭރުގެ ފަރާތްތަކުން ހިންގާ ކުންފުނިތަކުގައި ކުރިމަތިވާ ކަންކަން ތަފާތެވެ. ކުންފުނި ހިންގުމުގައި ކުރާ މަސައްކަތްތައް ތަފާތު ވި ނަމަވެސް ހިންގުމުގައި ގެންގުޅޭ އޮނިގަނޑު ގާތްގަނޑަށް އެއްގޮތެވެ. ކުންފުނީގެ މަސައްކަތްތައް ރާވާފައި ހުންނަ ގޮތުން ޑިޕާރޓްމަންޓްތަކާއި ލޮޖިސްޓިކުގައި އެއްގޮތްކަންތައްތަކެއް ހުންނާނެއެވެ.
އެހެން ނަމަވެސް އެކިވައްތަރުގެ ކުންފުނި ހިންގުމުގައި އަންނަ ނުފޫޒާއި ހިންގުމުގައި ގެންގުޅެންޖެހޭ ސިޔާސަތުތައް ވަރަށް ތަފާތެވެ. ދައުލަތުގެ ކުންފުނި ތަކަކީ ރައްޔިތުންގެ ފައިސާއިން ހިންގާ ކުންފުނިތައް ކަމުގައިވާތީ، އެ ކުންފުނިތަކުން ކުރާ މައިގަނޑު މަސައްކަތްތަކާއި ގުޅިގެން ދިމާވެދާނެ ހިރާސްތަކަކުން ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް ޓަކައި ބާރުވެރިކަން ލިބިދިނުމުގެ ގޮތުން ޤަވާއިދުތަކަކާއި ސިޔާސަތުތަކެއް އެކުލެވޭ އުސޫލުތައް ހެދިފައި ހުރެއެވެ. އަދި މިކަންކަން ރަނގަޅަށް ހިނގާތޯ ބެލުމަށް ދައުލަތުގެ އެކި މުއައްސަސާތައް ވެސް އުފައްދާފައި ހުރެއެވެ.
މިސާލަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން، ޕަބްލިކް ކޯފަރޭޝަން ބޯޑް، އޯޑިޓަރ ޖެނެރަލް އޮފީސް ތަކަކީ އެ މުއައްސަސާއަކާއި ގުޅޭ ގޮތުން ފާރަވެރިވުމަށް ޒިންމާތަކެއް މަތިކޮށްފައި ހުންނަ މުޢައްޞަސާތަކެކެވެ. އަދި ދައުލަތަގެ ކުންފުނިތަކުން ވެސް ހިންގާ ބަލަހައްޓަން ޖެހޭ ކަންތައް ތަކެއް ހުރެއެވެ. މިގޮތަށް ގާއިމު ކުރަން ލާޒިމް ކުރެވިފައި ހުންނަ މިނިވަން ކޮމިޓީތައްވެސް ކުންފުނީގެ ބޯޑުގައާއި ކުންފުނީގެ އޮނިގަނޑުގައި ހުރެއެވެ. މިފަދަ ކޮމީޓީތަކުގެ ނިންމުމަކަށް ކުންފުނީގެ ލީޑަރޝިޕްއަށް ނުފޫޒު ފޯރުވިގެން ނުވެއެވެ.
އެހެންކަމުން، ދައުލަތުގެ ކުންފުނިތައް ހިންގަމުންދަނީ ނޭދެވޭ ކަންކަން ކުރުމަށް މަގުފަހިކުރުވާ ފަދަ މާހައުލެއްގައެއް ނޫނޭ ބުނެވިދާނެއެވެ. އަދި އެފަދަ ކަމެއް ހިންގާނަމަ ލީޑަރޝިޕްއަށް އެކަނި އެ ކަމެއް ނުކުރެވޭނެއެވެ. އެތަށް ބައެއް އެފަދަ އަމަލެއްގައި ޝާމިލްވެގެން ނޫނީ ކޮރަޕްޝަންގެ އަމަލެއް ނުހިންގޭނެއެވެ. އަދި ނަހަމަ ގޮތުގައި މުއައްޒަފަކަށް ހޯދައި މަންފާއެއްވެސް، ވަޒީފާގެ ކުރިއެރުމެއް ވެސް އެ އޮންނަ އުސޫލުން ބޭރަކުން ކުރުމުގެ ފުރުސަތު ވަރަށް ހަނިވާނެއެވެ.
ދައުލަތުގެ ކުންފުނީގެ އެތެރޭގެ ހިންގުން ބެލެހެއްޓުމަށް މިހުންނަނީ ފާރަވެރިވެވޭނެ ގޮތްތަށް މެދުވެރި ކޮށްފައެވެ. އަދި މީގެ އިތުރުން ކުންފުނި ހިންގުމުގައި ހިންގަން ހުންނަ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ އެހެން ކަންތައްތަކެއްވެސް ހުރެއެވެ. މިކަންކަމަކީ ކުންފުނީގެ ބޭރުން ކުރިމަތިވާ ކަންކަމަށްވާތީ ލީޑަޝިޕްގައި ހުންނަފަރާތަކަށް މި ފަދަކަންކަމާއި ކުރިމަތި ލާންޖެހެނީ ހިކްމަތްތެރިކަމާއި ކެތްތެރިކަމާއި ވިސްނުންތެރިކަމާއިއެކުގައެވެ. އެނުކުތާތަށް ފާހަގަ ކޮށަލާނަމެވެ.
- ގައުމުގައި އޮންނަ ކޮންމެ އިންތިޚާބަށްވެސް ކުންފުންޏަން ނުފޫޒު ފޯރުވުން.
- މުއައްޒަފުން ސިޔާސީ ފަރާތްތަކުގެ ބޭނުން ހިފައިގެން ހިންގުމަށް ނުފޫޒު ފޯރުވުން.
- ކުންފުނި ހިނގުމަށް އެކުލަވާ ކުންފުނީގެ ބޯޑުގައި ތަޖްރިބާ ކުޑަ ސިޔާސީ ފިކުރުގެ ބޭފުޅުން ހިމެނުން.
- ކުންފުނި ހިންގުމަށް އިސްކޮށް މަތި ކޮށްފައިވާ ފަރާތާއި ބޯޑުގައި ހިމެނޭ މެންބަރުންގެ މުއްދަތެއް ނެތުން
- ކުންފުނީގެ ބަލަދުވެރި ފަރާތުގެ ތަޖްރިބާ ނެތުމާއި ސިޔާސީ ގޮތުން ރައްކާތެރިގޮތްތަށް ޚިޔާރު ކުރުން
- ދައުލަތުގެ ހުރިހާ ކުންފުންޏެއް އެއް ހަމައެއްގައި މިންނުކުރެވުން
- މީޑިއާތަކުން ދައުލަތުގެ ބައެއް ކުންފުނިތައް ބޭނުން ކުރަނީ ސުރުހީއަށް ބާނުވަން ގެންގުޅޭ އެންގަޑަކަށް.
މި ފާހަގަ ކުރެވިފައިވާ ކޮންމެ ނުކުތާއަކީ ތަފްސީލުކުރަން ޖެހޭ ކަންކަމަށްވާތީ ކޮންމެ ޕޮއިޓެއްގެ ތަފްސީލުކޮށް ކުރިޔަށް ހުރި ދުވަސްތަކުގައި ގެނެސްދޭނަމެވެ.