ޓްރެޝަރީ ބިލަށް (ޓީބިލު) ފައިސާ ހޭދަކުރުމުން އަޅުގަނޑުމެންނަށް މި ކުރެވޭ ކަމަކީ ސަރުކާރަށް ދަރަންޏަށް މާލީ އެހީތެރިކަން ފޯރުކޮށްދެވެނީ އެވެ. އަދި އޭގެ ބަދަލުގައި، ޓީބިލު ގަންނަ ފަރާތަށް ސަރުކާރުން ޑިސްކައުޓެއް ނުވަތަ އިންޓްރެސްޓް ދެނީ އެވެ. ޓީބިލަކީ އިންވެސްޓްމަންޓް ހެދުމަށް ހުރި ފުރުސަތުތަކުގެ ތެރޭން ހޭދަ އެންމެ ޔާގީންވާ އެއް މަގެވެ. ސަބަބަކީ ޓީބިލަށް އިންވެސްޓްކުރާ ފައިސާ އަނބުރާ ލިބޭނެކަމާ މެދު ފިކުރުކުރަން ނުޖެހޭތީ އެވެ. ދައުލަތުން މި ފައިސާ ލިބޭނެ ކަމަށް ކަށަވަރުކޮށްދޭ ފަރާތަކީ ސެންޓްރަލް ބޭންކު (އެމްއެމްއޭ) ކަމުން، މި މުއައްސަސާ އިން ޓީބިލަށް ހޭދަކުރާ ފައިސާ ލިބޭނެ ކަމަށް ބުނާ ދުވަހު އެ ފައިސާ ދޫކުރާނެ ކަމުގެ ޔަގީންކަން އޮންނާތީ އެވެ. ޓީބިލުގެ އެޖެންޓަކީ އެމްއެމްއޭ ކަމުގައި ވާތީ ފައިސާ ޗާޕުކޮށްގެން ވެސް ދަރިނި އަދާކުރާނެކަމީ ކަށަވަރު ކަމެކެވެ.

ޓީބިލަށް އިންވެސްޓްކުރަން އެންމެ ރަނގަޅު އަދަދެއް ބިނާވަނީ އެ ފަރާތަކުން ފައިސާ ބުލޮކްކޮށްފައި ބެހޭޓޭނެ އަދަދެއްގެ މައްޗަށެވެ. އިންވެސްޓުކުރަން އަތުގައި ހުރި ފައިސާ ގިނަ ނަމަ، ކުރު މުއްދަތަށް ޓީބިލުގައި އިންވެސްޓްކުރި ކަމުގައި ވިޔަސް، ލިބޭ އާމްދަނީ ބޮޑުވާނެ އެވެ. މަދުން އިންވެސްޓްކުރާނަމަ ރަނގަޅު ގޮތަކީ ދިގު މުއްދަތަށް އިންވެސްޓްކުރުމެވެ.

އަދި މިއާއެކު ޓީބިލު ވިއްކާ ގޮތުގެ ތަރުތީބު އޮންނަ ގޮތް ބަލާލުމަކީ މުހިންމު ކަމެކެވެ.

ދައުލަތުން ޓީބީލު ވިއްކަނީ އޭގެ އަސްލު އަގަށް ވުރެ ހެޔޮކޮށެވެ. ޓީބިލު ގަނެފައިވާ މުއްދަތު ހަމަވާއިރު ޓީބިލު ބޭނުންކުރި ފަރާތުން ނުވަތަ ސަރުކާރުން ޓީބިލުގެ ވެރިފަރާތަށް އޭގެ ހަމައަގު ދީ މި ވިޔަފާރި މި ހިސާބުން ހަލާސްކުރާނީ އެވެ.

ޓީބިލުގައި އިންޓްރެސްޓެއް އެކުލެވިގެން ނުވާ ކަމަށް ބަހުސްކުރެވިދާނެ އެވެ. އެހެނީ ޓީބިލު ވިއްކާ އިރު ވިއްކަނީ ޑިސްކައުންޓް އަގެއްގައި ކަމުގައި ވާތީ އެވެ. މި ދެވޭ ޑިސްކައުޓަށް ވިޔަފާރި ފައިދާގެ ގޮތުގައި ނަމަވެސް ނުވަތަ އިންޓްރެސްޓްގެ ގޮތުގައި ނަމަވެސް ފައިސާ ދެނީ ޓީބިލުގެ މުއްދަތު ހަމަވާ އިރު އެވެ. އެހެންވީމާ މި ދެންނެވި ޑިސްކައުންޓަކީ ޓީބިލު ގަންނަ އަގާއި އަސްލު ޓީބިލުގެ އަގާ ދެމެދު އޮންނަ އަދަދެވެ.

ބޭންކުގައި ބަހައްޓާ ފިކްސްޑް ޑިޕޮޒިޓާއި ޓީބިލާ އަޅާކިޔާލުމުން ޓީބިލުގެ ފައިދާ ދެނެގަތުމަށް ފަސޭހަވެދާނެ އެވެ.

އަޅުގަނޑުމެން އެއްލައްކަ ރުފިޔާ ބޭންކް އޮފް މޯލްޑިވްސްގައި އެއް އަހަރަށް ފިކްސްޑް ޑިޕޮޒިޓު ގޮތުގައި ޖަމާކޮށްފިއްޔާ އިންޓްރެސްޓްގެ ގޮތުގައި ލިބޭނީ 2.87 ޕަސެންޓެވެ. މިއީ ފައިދާގެ ގޮތުގައި 0782 ރުފިޔާ އެވެ. މިގޮތަށް އެއްލައްކަ ރުފިޔާގެ އަގު ހުރި ޓީބިލު އެއް އަހަރުގެ މުއްދަތަށް 91000 ރުފިޔާގެ އަގުގައި ގަނެފި ނަމަ، 12 މަސްދުވަސް ހަމަވެގެން ފައިދާއާ އެކު އެއްލައްކަ ރުފިޔާ ލިބޭނެ އެވެ. މިއީ ނުވަ ޕަސެންޓް ފައިދާ އެކެވެ. އެހެންކަމުން ޓީބިލަށް ފައިސާ ހޭދަކުރުމުން ފިކްސްޑް ޑިޕޮޒިޓުން ލިބޭ އާމްދަނީ އަށް ވުރެ 6.31ޕަސެންޓް އިތުރުވާނެ އެވެ.

ހަމަމިގޮތަށް ހަ މަސްދުވަހުގެ މުއްދަތަށް ފިކްސްޑް ޑިޕޮޒިޓުގައި އެއްލައްކަ ރުފިޔާ ބޭންކް އޮފް މޯލްޑިވްސްގައި ބަހައްޓައިގެން ލިބޭނީ 2.75 ޕަސެންޓެވެ. މިއީ 2750 ރުފިޔާ އެވެ. އެކަމަކު، 9200 ރުފިޔާ އަށް އެއްލައްކަ ރުފިޔާގެ ޓީބިލު ލިބޭނެ އެވެ. މިއީ ފައިދާގެ ގޮތުގައި އަށް ޕަސެންޓެވެ. އެހެންކަމުން ފިކްސްޑް ޑިޕޮޒިޓަށް ލިބޭ އާމްދަނީ އަށް ވުރެ ޓީބިލަށް ލިބޭ ފައިދާ 5.25ޕަސެންޓް އިތުރުވެ އެވެ. ފައިސާގެ ގޮތުން 5250 ރުފިޔާގެ އިތުރުވުމެއް ޓީބިލަށް ހޭދަކުރުމުން ލިބެ އެވެ

ޓީބިލަކީ ކުރު މުއްދަތުގެ އިންވެސްޓްމަންޓެކެވެ. ޓީބިލުގެ އެންމެ ދިގު މުއްދަތަކީ އެއް އަހަރު ދުވަހެވެ. ޓީބިލު ގަންނަން ލިބެން ހުންނަނީ އެއް މަސްދުވަހުގެ މުއްދަތަށް 7.5 ޕަސެންޓްގެ ފައިދާ، ތިން މަސްދުވަހަށް އަށް ޕަސެންޓްގެ ފައިދާ، ހަ މަސްދުވަހު 8.5 ޕަސެންޓްގެ ފައިދާ އަދި 12 މަސްދުވަހަށް 9 ޕަސެންޓް ފައިދާ އެވެ. ޓީބިލުގެ ފައިދާ ހިސާބުކުރާނީ އަހަރު ދުވަހަށެވެ. މިސާލަކަށް އެއް މަސްދުވަހުގެ މުއްދަތަށް ގަނެފައިވާ ޓީބިލުގެ 7.5 ޕަސެންޓަކީ މުޅި އަހަރު ދުވަހަށް ހިސާބުކުރާ އަދަދެކެވެ. އެހެންކަމުން މަސްދުވަހުގެ މުއްދަތަށް ގަންނަ ޓީބިލު ގަންނަން ލިބޭނީ ގާތްގަނޑަކަށް 99383 ރުފިޔާއަށެވެ.

އެހެންވީމާ ލައްކައެއްހާ ރުފިޔާ އިންވެސްޓްކުރާ ނަމަ ކުރު މުއްދަތެއްގެ ޓީބިލު ގަތުން ބުއްދިވެރިއެއް ނޫނެވެ. އެކަމަކު މިލިއަން ރުފިޔާ ވަރު ޓީބިލަށް އިންވެސްޓްކުރީމާ ގާތްގަނޑަކަށް 6000 ރުފިޔާ އެއް މަސްދުވަސް ތެރޭ އިތުރަށް ލިބޭނެ އެވެ.

ވީމާ ކުރު މުއްދަތުގައި ފައިސާ ޖަމާގައި ބަހައްޓަން ޖެހިއްޖެ ނަމަ ޓީބިލަކީ އިންވެސްޓްކުރަން ވަރަށް ރަނގަޅު މަގެކެވެ.

ޓީބިލުގައި ޕްރައިވެޓް ސެކްޓާއިންނާއި އެކި މުއައްސަސާތަކުން ވެސް އިންވެސްޓް ކުރެވިދާނެ އެވެ. ޓީބިލު އާންމު ފަރުދަކު ނުވަތަ ޕްރައިވެޓް ސެކްޓާ އިން ގަތުމުން ލިބޭ ފައިދާއަކީ ރައްޔިތުންގެ އަތުގައި ހުރި ފައިސާ އިގްތިސާދު ތެރެއަށް ވަދެ ދައުރުވާން ފެއްޓުމެވެ. މިކަން ހިނގާ ގޮތަކީ ރައްޔިތެއްގެ ޖަމާގައި ހުރި ފައިސާއިން ޓީބިލު ގަތުމުން، އެ ފައިސާ މި ބޭނުންކުރަނީ ސަރުކާރުގެ ކޮންމެވެސް ބޭނުމަކަށެވެ. ރައްޔިތުންގެ ކޮންމެވެސް ކަމެއް ފުއްދާދިނުމުގަ އެވެ. ދެން އަނެއްކާވެސް ޓީބިލުގެ މުއްދަތު ހަމަވުމުން ޓީބިލުގެ ފުރިހަމަ އަގު ޓީބިލު ގަތް މީހާ އަށް ރުޖޫއަކުރަނީ އެވެ. އާހިރުގައި ޓީބިލުގެ ފައިދާ ލިބޭ ރައްޔިތުމީހާ އެފައިދާ އަނެއްކާވެސް ކޮންމެވެސް ކަމަށް ޚަރަދުކުރާނެ އެވެ.

މުއައްސަސާއަކުން ނުވަތަ ބޭންކިން ނިޒާމުން ޓީބިލު ގަތުމުން އެ ފައިސާ އަނބުރާ ވަންނާނީ ބޭންކިން ނިޒާމަށެވެ. ބޭންކިން ނިޒާމްގެ ތެރޭގައި ހުންނާނީ ޕްރައިވެޓް ސެކްޓާގެ ފައިސާ އެވެ. އެ ފައިސާ ދައުރުކުރާނީ ބޭންކަށް އެންމެ ފައިދާވާ ގޮތަށެވެ. އިގްތިސާދު މަޑުޖެހޭ އިރު ބޭންކިން ނިޒާމުން ފައިސާ ދައުރުކުރުން މަޑުޖައްސާނެ އެވެ. ބެންކުގައި ހުރި ޕްރައިވެޓް ސެކްޓާ ފައިސާ އެ ފަރާތުން އަމިއްލަ އަށް ޓީބިލުގައި ހޭދަކުރާނަމަ ލިބޭ ފައިދާ ބޮޑުވާނެ އެވެ. ބޭންކިން ނިޒާމުން ޕްރައިވެޓް ސެކްޓާ އަށް ފައިދާގެ ގޮތުގައި މި ދެވެނީ އެންމެ ބޮޑުވެގެން ވެސް 5.3 ޕަސެންޓެވެ. އަނެއްކޮޅުން ޓީބިލުން އަހަރަކު ނުވަ ޕަސެންޓް ލިބެ އެވެ.

ޓީބިލުގައި ކޮންމެ ފަރުދަކަށް ވެސް ބައިވެރިވެވިދާނެ އެވެ. މިއީ އެއްގޮތަކަށް ވެސް އެހާ އުނދަގޫކޮށް އޮންނަ ކަމެއް ކަމަކަށް ނުފެނެ އެވެ. ޓީބިލް ސަރުކާރުން ވިއްކި ކަމުގައިވީ ނަމަވެސް ސަރުކާރުގެ ޓީބިލް އެޖެންޓަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ. ޓީބިލުގައި ބައިވެރިވުމަށް ހުށަހެޅުމުން އެމްއެމްއޭ އިން ބައިވެރިވުމުގެ މަރުހަލާ ކުރިއަށް ގެންދާނެ އެވެ. ޓީބިލުގެ ބައިވެރިން ކަނޑައަޅަނީ އެމްއެމްއޭ އާއި މިނިސްޓްރީ އޮފް ފައިނޭންސް އިން މަޝްވަރާކުރުމަށް ފަހު އެވެ.

ނަމަވެސް ބޭންކުގައި ފައިސާ ބައްހައްޓައިގެން ފައިސާ ދައުރު ނުކުރާ ފަރާތްތައް ޓީބިލުގައި ބައިވެރިކުރުމަށް ސަރުކާރުން ފަސްޖެހިދާނެ އެވެ. ސަބަބަކީ ބޭންކިން ނިޒާމަށް ލިބެމުންދާ ފައިދާ އިން އެ ފަރާތް ރައްކާތެރިކުރުމަށްޓަކަ އެވެ. މިހެން މި ދަންނަވަން ޖެހެނީ ބައެއް ގައުމުތަކުގައި ޓީބިލަށް ވަރަށް ކުދި އަދަދުން ވެސް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާފައި އޮތީތީ އެވެ. ސިންގަޕޫރުގައި 1000 ޑޮލަރު ވެސް ޓީބިލަށް އިންވެސްޓްކުރެވެ އެވެ. މާނައަކީ ގާތްގަނޑަކަށް 18000 ރުފިޔާ އިން ޓިބިލުގައި އިންވެސްޓްކޮށް އޭގެ ފައިދާ އާންމު ފަރުދުންނަށް ވެސް ހުޅުވިފައި އޮންނަ ވާހަކަ އެވެ. އެހެންކަމުން ސިންގަޕޫރުގައި އާންމު ރައްޔިތުންނަށް މި ދޮރު މި ވަނީ ވަރަށް ފުޅާކޮށް ހުޅުވާލެވިފަ އެވެ.

ޓީބިލު ވިއްކަނީ ހަތަރު މުއްދަތަކަށެވެ. އެއީ 28 ދުވަހަށް، 91 ދުވަހަށް، 281 ދުވަހަށް އަދި 364 ދުވަހަށެވެ. ކޮންމެ ބުދަދުވަހެއްގެ ގާތްގަނޑަކަށް 1:30 އެހާކަށްހާއިރު ޓީބިލުގެ ދައުވަތު އެމްއެމްއޭގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލާނެ އެވެ. ޝައުގުވެރިވާ ބައިވެރިން ޖެހިގެން އަންނަ އާދިއްތަ ދުވަހު 8:30 އާއި 11.30އާ ދެމެދުގެ ގަޑިއެއްގައި މިކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ޕޭމަންޓާ އެކު ހުށަހަޅާނީ އެމްއެމްއޭ އަށެވެ. ޓީބިލު ކާމިޔާބުވި ފަރާތްތަކަށް ހަމަ އެ ދުވަހު އެކަން އަންގާނެ އެވެ.

އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ފައިނޭންސާ ވާހަކަދައްކައިގެން ޕްރައިވެޓް ޕްލޭސްމަންޓް ބޭސިސްގައި ޑިސްކައުންޓް ރޭޓާ މެދު މަޝްވަރާކޮށްގެން ރޭޓެއް ކަނޑައެޅުމުގެ ދޮރު ވަނީ ހުޅުވާލާފަ އެވެ.

ޓީބިލުގެ ވިޔަފާރީގައި މުއްސަނދި ގައުމުތަކާއި އެހެން ފަންތީގެ ގައުމުތައް ވެސް ހަރަކާތްތެރިވާ ތަން އެބަ ފެނެ އެވެ. މިސާލަކަށް ސިންގަޕޫރަކީ ދުނިޔޭގެ މުއްސަނދި 10 ގައުމުގެ ތެރޭ ހިމެނޭ ގައުމެކެވެ. އެ ގައުމުގެ ރިޒާވް ވެސް ބޮޑެވެ. ގައުމުގެ ޖީޑީޕީ ހުރީ ބޮލަކަށް 62000 ޑޮލަރުގަ އެވެ. ސިންގަޕޫރުގައި ވެސް ޓީބިލު ވިޔަފާރި އެ ގައުމުގެ ސަރުކާރުން ކުރަމުން ގެންދެ އެވެ. ބޭނުމަކީ، ފައިސާގެ މާކެޓް ސަޕްލައިވާ ގޮތް ރެގިއުލޭޓްކުރުމާއި ހުޅުވާލެވިފައިވާ މާކެޓްގެ ޒަރިއްޔާ އިން ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމެވެ.

މާލީ މާކެޓްގައި ހަރަކާތްތެރިވާ ފަރާތްތަކުން ޓީބިލުގެ ވިޔަފާރި ހިންގަމުންދާ ގޮތް ވަރަށް ގާތުން ބަލަންޖެހޭނެ އެވެ. ސަބަބަކީ ޓީބިލުގެ ސަބަބުން އިންޓެރެސްޓް ރޭޓާއި ފައިސާ ދައުރުވުމަށް ނުފޫޒުކުރާނެތީ އެވެ.

ޓީބިލަކީ ބޭންކިން ނިޒާމާއި އެހެން މުއައްސާސަތަކުން ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނާނެ ވިޔަފާރިއެކެވެ. ސަބަބަކީ ބޭންކުތަކަށް އަޅުގަނޑު ފައިސާ ޖަމާކުރުމުން ބޭންކުގެ ބެލެންސްޝީޓުން ފެންނާނީ އަޅުގަނޑުމެންނަށް ދޭންޖެހޭ ދަރަންޏެއްގެ ގޮތުގަ އެވެ. އެހެންވީމާ، ބޭންކުން އަޅުގަނޑުމެން ޖަމާކުރާ ފައިސާ ފައިދާ ހުރި ގޮތެއްގައި ހޭދަކޮށް ބޭންކަށް އަރަނި ބޮޑުކުރަން ބޭނުންވާނެ އެވެ. އެކަން ކުރެވޭނީ ލޯން ދީގެންނެވެ. ލޯން ދިނުމަކީ އެކަމުގައި ބައެއްފަހަރު ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމެވެ. ނަމަވެސް ޓީބިލަކީ ދައުލަތުގެ ސެންޓްރަލް ބޭންކު މެދުވެރިވެ ހޭދަކުރި ފައިސާ އަނބުރާ ލިބޭނެކަމުގެ 100 ޕަސެންޓް ގެރެންޓީއާ އެކު ކުރެވޭ މުއާމަލާތެކެވެ. އެއްވެސް ގެއްލުމެއް ނެތް އިންވެސްޓްމެންޓަކާ އެންމެ ގާތްކުރާނެ މުއާމަލާތަކީ ޓީބިލު ކަމަށް ވެސް ބެލެވިދާނެ އެވެ.

ޓީބިލު ދުނިޔެ އަށް ތައާރަފުވުމުގެ ކުރީގައި ލޯނާއި ބޮންޑު މި ވަނީ ބޭންކިން ނިޒާމް ތެރޭގައި ގެންގުޅެފަ އެވެ. މި ދެ ވަސީލަތް ތައާރަފުވީ އެމެރިކާގެ މަދަނީ ހަނގުރާމަ ފަނޑުކުރުމަށް ބޭނުންކުރި ވަސީލަތެއްގެ ގޮތުގަ އެވެ. ޓީބިލު އިނގިރޭސިވިލާތުގައި 1877ގައި ވަނީ ބޭނުންކުރަން ފައްޓާފަ އެވެ. އަދި އެމެރިކާގައި 1929ގައި ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައި ޓީބިލު އެ ގައުމުގައި ތައާރަފުކުރި އެވެ.

މިއިން އަޅުގަނޑަށް ދޭހަކުރެވެނީ އެމެރިކާގައި މާލީ ދާއިރާގައި އާ ކަންކަން ތައާރަފު ކުރަމުން މި ގެންދަނީ ހަނގުރާމަ ފަނޑުކުރުމުގެ ތެރޭގައި ކަމެވެ. އެމެރިކާގެ މަދަނީ ހަނގުރާމައިގެ ތެރޭގައި ބޭންކިން ނިޒާމުން ބޮންޑުގެ ގޮތުގައި ސަރުކާރުން ފައިސާ ނެގި އެވެ. އަދި ފުރަތަމަ ބޮޑު ހަނގުރާމަ އަށް ފަހު ކުރިމަތިވަމުން އައި އިގްތިސާދީ ދަތިތައް އެންމެފަހުން ފަޅައިގެން ދިޔައީ 1920ގެ ފަހުކޮޅުގަ އެވެ. އެ ދުވަސްވަރު އެ ގައުމުގައި ޓީބިލު ތައާރުފުކުރި އެވެ.

އަޅުގަނޑުމެން ޓީބިލުގެ ވާހަކަ ދައްކާއިރު ސައޫދީ އަރަބިއްޔާ އިން ޓީބިލުގެ ކަންތައް ކުރާ ގޮތަށް ބަލާލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ސައޫދީން ވެސް ޓީބިލުގެ ވިޔަފާރީގައި ބައިވެރިވެ އެވެ. ސައޫދީ ސަރުކާރުން އެމެރިކާ އަށް ވިއްކާ ތެލަށް ލިބޭ ފައިސާ އެމެރިކާގެ ޓީބިލުގައި އިންވެސްޓްކުރެ އެވެ. ޓީބިލުގެ ޑިސްކައުންޓަށް ލިބޭ ފައިސާ، ނުވަތަ އާމްދަނީ، ނޫނީ އިންޓްރެސްޓް ސައޫދީން ސިދާ އެ ގައުމަކަށް ނުގެންދެއެވެ. އެމެރިކާ ސަރުކާރުގެ ހަވާލުގައި ބަހައްޓާފައިވާ ސައޫދީންގެ ޑިސްކައުންޓް ފައިސާ އެ ގައުމަށް ރައްދުކުރަނީ އުމްރާނީ ތަރައްގީގެ ގޮތުގަ އެވެ. އެއީ އެމެރިކާގެ ކުންފުނިތަކަށް ސައޫދީގެ މަގުތަކާއި އެހެނިހެން އުމްރާނީ ތަރައްގީގެ މަސައްކަތްތަކުގެ ޕްރޮޖެކްޓްތައް ހަވާލުކޮށްގެންނެވެ.

އެމެރިކާ އިން ގިނަ އަދަދަކަށް ޓީބިލު ގަންނަނީ ސައޫދީން އެކަންޏެއް ނޫނެވެ. ޗައިނާ އިން ވަނީ އެއް ޓްރިލިއަން ޑޮލަރުގެ ޓީބިލަށް އިންވެސްޓްކޮށްފަ އެވެ. ސުވާލަކީ ޗައިނާ އިން މި ޓީބިލުތައް ނުއަގުގައި ވިއްކާލާއިފި ނަމަ އެމެރިކާގެ އިގްތިސާދު ފުނޑުފުޑުކޮށްލެވިދާނެތޯ އެވެ. ޖަވާބަކީ އާނއެކެވެ. މި ގޮތަށް އަމަލުކޮށްފި ނަމަ އެމެރިކާގެ އިގްތިސާދު ޗައިނާ އަށް ހަލާކުކޮށްލެވިދާނެ އެވެ. އެހެންނަމަވެސް އެއާއެކު ޗައިނާގެ އިގްތިސާދު ވެސް ހަލާކުވެގެން ދާނެކަމީ ކަށަވަރު ކަމެކެވެ.

ޗައިނާ އާއި ސައޫދީން ޓީބިލު ނުގަންނަ ނަމަ އެމެރިކާގެ އިގްތިސާދަށް އަސަރެއް ކުރާނެތޯ އެވެ؟ މި ދެ ގައުމުން ޓީބިލު ނުގަންނަ ނަމަ އެހެން ގައުމުތަކުން އެމެރިކާގެ ޓީބިލު ގަންނާނެކަން ކަށަވަރެވެ. މިހާރު ވެސް ޖަޕާނާއި ޑޮމިނިކަން ރިޕަބްލިކުން ބޮޑު އަދަދެއްގެ ޓީބިލުގައި ވަނީ އިންވެސްޓް ކޮށްފަ އެވެ. އެހެންކަމުން ޓީބިލުގައި އިންވެސްޓް މި ކުރަނީ ފައިދާއެއް ހޯދުމަށް ކަމާއި އެކަމުގައި ވާދަވެރިކަން އޮތް ކަން އެބަ އެނގެ އެވެ.

އަޅުގަނޑުމެންގެ މާހައުލުގައި، ރާއްޖޭގައި އޮޕަރޭޓްކުރަންމުންދާ ބޭންކުތަކުން ވެސް ޓީބިލު ގަންނާނެ އެވެ. މި ބޭންކުތަކަކީ އެ ބޭންކެއް ނިސްބަތްވާ ގައުމުގެ ގައުމީ ބޭންކުތައް ވެސް މެ އެވެ. އެހެންކަމުން އެ ބޭންކުތަކުން ގަންނަ ޓީބިލު ނުއަގުގައި ވިއްކައިފި ނަމަ އަޅުގަނޑުމެންގެ އިގްތިސާދާ ކުޅުމުގެ ފުރުސަތު އޮތްތޯ އެއީ ބަލާލަން ބޭނުން ކަމެކެވެ.

އަޅުގަނޑުމެންގެ ގައުމުގައި މާލީ ލޭންދޭނަށް ފައިސާގެ ބޭނުންތެރިކަން އޮތީ ސަރުކާރު ހިންގުމުގައި ކަމުގައި ވަނީ ނަމަ ބޭރުގެ ގައުމީ ބޭންކުތަކުން ބޭރުން ފައިސާ ރާއްޖެ ގެނެސްގެން ޓީބިލުގައި އިންވެސްޓްކުރުމުން އެ ފައިސާއަކީ އަނެއްކާވެސް ފައިދާއާ އެކު ރާއްޖޭން ބޭރަށް ދާނެ ފައިސާ އެވެ. މި ގޮތަށް ފައިސާ ނިކުމެގެން ދިއުމުން ބެލެންސް އޮފް ޕޭމަންޓް ދާނީ ބޮޑުވަމުންނެވެ. މިއީ އިގްތިސާދީގޮތުން ނުރަނގަޅު އަސަރުކުރާނެ ކަންކަމެވެ.

ނިމިދިޔަ 2013ގައި ގާތްގަނޑަކަށް 48000 މިލިއަން ރުފިޔާގެ އަގުހުރި ޓީބިލު ދިވެހި ސަރުކާރުން ވަނީ ވިއްކާފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވަނީ 12000 މިލިއަން ރުފިޔާގެ އަގު ހުރި ޓީބިލް ވިއްކާފަ އެވެ. ޓީބިލު ވިއްކައިގެން ސަރުކާރު ހިންގުމަށް ބޭނުންވާ ފަންޑު އާންމުންގެ އަތުން ހޯދުމަކީ އެންމެ ރަނގަޅު ކަމެކެވެ.

ނަމަވެސް މައްސަލައަކަށް ވަނީ އަހަރު ނިމޭ އިރު ގައުމުގެ ދަރަނި އިގްތިސާދު ފުޅާވާ ރޭޓަށް ވުރެ ބޮޑު ނަމަ އެވެ. މި ގައުމުގައި މިކަން މި އޮތީ މިހެންނެވެ. އަޅުގަނޑުމެންގެ ޖީޑީޕީ ފުޅާވާނެ ކަމަށް ލަފާކުރެވިފައި ވަނީ 5-4 ޕަސެންޓަށެވެ. މި ވަރަކުން އަދި އަޅުގަނޑުމެންގެ ދަރިނި، ލިބޭ އެއްޗަކަށް ވުރެ ބޮޑުވާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.

ޓީބިލަކީ އިންވެސްޓްކުރަން އެންމެ ފައިދާ ހުރި ގޮތެއް ނޫނެވެ. އެހެންނަމަވެސް ޓީބިލަކީ ކަނޑައެޅިފައިވާ ފައިދާ އެންމެ ޔަގީންވާ އިންވެސްޓްމަންޓް ވަސީލަތެވެ. ޓީބިލުގައި އިންވެސްޓްކުރާ އިރު ސަމާލުވާންވީ މާލީ މާކެޓަށް އަންނަމުންދާ ބަދަލަށެވެ. ފައިސާގެ އަގަށް އަންނަމުންދާ ބަދަލަށް ހުޝިޔާރުވާން ޖެހޭނެ އެވެ. ކަށަވަރުވެފައިވާ ފައިދާ ލިބުނު ކަމުގައި ވިޔަސް އެ ފައިދާ އަކީ ފައިސާ އިންވެސްޓްކުރި އިރު ހުރި އަގު ކަމުގައި ނުވުމަކީ ވެސް ވެދާނެ ކަމެކެވެ.

މިމަޒުމޫނުވަނީ 12 އޮކްޓޫބަރ 2014ގައި ހަވީރު ނޫހުގައި ޝާއިއުކުރެވިފައެވެ.