ޙިދުމަތެއް ނުވަތަ މުދަލެއް ވިއްކާ ފަރާތަކުން މުދާ ގަންނަ އާންމު ފަރުދަކަށް އޮޅުވާލެވިދާނެ ކިތަންމެ ގޮތެއް ނުވަތަ އުކުޅުތަކެއް ހުންނާނެއެވެ. މިފަދަ އޮޅުވާލުންތައް ހުއްޓުވުމުގެ ގޮތުން ވަރަށް ގިނަޤައުމުތަކުގައި ޤާނޫނުތައް ފާސްކޮސްފައި ހުރެއެވެ. ދިވެހިރާއްޖޭގައިވެސް 'މުދާ ގަންނަފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތް ހިމާޔަތް ކުރުމުގެ ގަވާއިދު' މިވަނީ ޖޫން 2011 އިން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑީވެލޮޕްމަނޓްއިން ޢަމަލުކުރަން ފައްޓަވާފައެވެ. މި ގަވާއިދުގެ ބޭނުމަކީ ގަންނަފަރާތުގެ ހައްޤުތައް ހިމާޔަތްކުރުމެވެ. ހަމަ އެއާއިއެކު ވިއްކާފަރާތުގެ ކިބައިން ނުހައްޤުން ބަދަލުހޯދުން ހުއްޓުވައި އެފަރާތުގެ ހައްޤު ހޯދުމަކީ ވެސް މިފަދަ ޤާނޫނުތައް އޮތުމުގެ ބޭނުމެވެ.
މިފަދަ ގަވާއިދެއް ވުޖޫދުގައި އޮންނަ ހިނދުވެސް ބައެއް ފަރާތްތަކުން މިފަދަ ގަވާއިތަކައް ބޯނުލަބާ އަދި ޚިދުމަތް ލިބި ގަންނަ ފަރާތްތަކަށް އޮޅުވާލަމުން ގެންދާތަން މިއަދު ފެންނަން އެބަހުއްޓެވެ.
އަޅުގަނޑުގެ ވަރަށް ގިނަ ރަހްމަތްތެރިންތަކަކީ ދިރާގުގެ މޮބައިލް ޕޯސްޓް ޕެއިޑް ކަސްޓަމަރުންނެވެ. ދިރާގުގެ މިދެންނެވި ކަސްޓަމަރުންތަކަކީ 10000 - 5000ރުފިޔާގެ ދެމެދު ކުރެޑިޓް ދިފައިވާ ފަރާތްތަކެވެ. މާނައަކީ މިފަދަ ކަސްޓަމަރުން ގެ މަހެއްގެ މައްޗަށް ދިރާގުން ލިބިގަންނަ ޚިދުމަތް މިއިމުގެ ތެރޭހުރިކަމަށްވަނީ ނަމަ މޮބައިލް ޙިދުމަތް ކަޑައެއްނުލައެވެ.
ދިރާގުގެ ގިނަ މޮބައިލް ކަސްޓަމަރުން މޮބައިލް ފޯނުން އިންޓަނެޓް ބޭނުންކުރެއްވުމަށްޓަކައި ޑާޓާ ޕެކޭޖްއެއް ގަންނަންޖެހެއެވެ. މިޕެކޭޖް ކަސްޓަމަރުން ގަންނަނީ އޭނާ މޮބައިލުއިން އިންޓަނެޓް ބޭނުންކުރަން ބޭނުންވާ ވަރަށެވެ. ނުވަތަ ބެނުންކުރަން ބަޖެޓްކުރާ ވަރަށެވެ.
ނަމަވެސް މައްސަލަ މިޖެހެނީ ކަސްޓަމަރު ބަޖެޓްކޮށްފައިވާ އިންޓަނެޓެ ޕެކޭޖް ހަމަވުމުން ދިރާގުން ކަސްޓަމަރަށް އެކަން ނާންގާ އިންޓަނެޓްގެ ޚިދުމަތް ކުރިޔަށް ގެންދާކަމެވެ. ޚިދުމަތް ލިބެންޖެހޭ ފަރާތައް ނާންގާ ޚިދުމަތް ދޭން ދިރާގުން އަމިއްލައަށް ނިންމުމުގެ ބަދަލުގައި ޒަމާނުގެ ތަހްޒީބީ ގޮތަކަކީ ކަސްޓަމަރުކައިރީ އަހާލުމެވެ. ޚިދުމަތް އިތުރަށް ގެންދިއުމުގެ އިޒްނަ ކަސްޓަމަރުކައިރިން އަހާލުމުގެ ކިތަންމެ ގޮތްތަކެއް ފަހިވެފައި އޮތްއިރު އެމަގުތައް ހިޔާރުނުކޮށް ޚިދުމަތް ކުރިއަށްގެންދިއުން އެއީ ކަނޑައެޅިގެން އޮޅުވާލުމެވެ. އަހާލުމުގެ ކިތަންމެ މަގުތަކެއް ދިރާގަށް ތަނަވަސްވަފައި އޮތްއިރު ކަސްޓަމަރު ބަޖެޓްކުރި ޕެކޭޖް ހަމަވުމުން މި ޚިދުމަތް އިތުރަށް މިދެނީ ވަރަށް އަގު ބޮޑުކޮށެވެ. ކަސްޓަމަރު ނަގާފައިވާ ޕެކޭޖްގެ ގޮތުން ބޭނުންކުރާ ކޮންމެ އެމްބީއަކަށް 10ލާރި އާއި 35ލާރިދެމެދުއަށް ދައްކަންޖެއެވެ. އަދި މިގޮތަށް ދިރާގުން މިޕެކޭޖް އިތުރަށް ދެނީ 20ކޭބީގެ ބުލޮކްގެ ގޮތުގައެވެ. އެހެންކަމުން ކަސްޓަމަރު ގަންނަ އިންޓަނެޓް ޕެކޭޖް ހުސްވުމުން، ކަސްޓަމަރުގެ އެއްވެސް އިޚްތިޔާރެއްނެތި، މިކޮށްޕާލަނީ އިންޓަނެޓް ޑާޓާ ހޮޅިއެއްގެ ތެރެއަށެވެ. މިހޮޅީގައި އިންޓަނެޓް ބޭނުންކުރަމުން ކަސްޓަމަރު ދަތުރުކުރަމުން ދާއިރު އޭނާއަކަށް އޭނަނެގި ޕެކޭޖް ހުސްވިކަމެއް ނޭގެއެވެ. މިހޮޅީގެ ކޮޅު ބެދެނީ އޭނާއަށް ދިރާގުން ދީފައިވާ ކްރެޑިޓް ހަމަވީމައެވެ. މިހާ ހިސާބަސް ދާއިރު ބައެއް ކަސްޓަމަރުންގެ ބިލުތަކަށް ހާހުން ފައިސާ އަރަމުންދެއެވެ.
ދިހަވަރަކަށް ބާރަވަރަކަށް ހާސް ރުފިޔާގެ އާނމުދަނީއަށް ލިބޭ މީހަކަށް4000 -3000 ރުފިޔާގެ ފޯނުބިލު ދައްކަންވީމާ އެއީ ބޮޑުކަމެކެވެ. ބައެއް މީހުން ލޯނުނަގައިގެން ދިރާގު ފޯން ބިލުދައްކަން ޖެހޭ ހިސާބަށްވެސް ގޮސްފައި އެބަހުއްޓެވެ. ކަސްޓަމަރަށް ލިބެމުންދާ ޚިދުމަތް ސީލިންގުގައި ޖެހިއްޖެކަން އެނގެނީ ދިރާގުން އެމީހަކަށް ދޭ ކްރެޑިޓް ސީލިންގައި ޖެހި ފޯނުގެ ޚިދުމަތް ކަޑާލުމުންނެވެ. އެއީ 5000 ރުފިޔާ ނުވަތަ 10000 ރުފިޔާއަށްވެސް ވެދާނެއެވެ. ސީލިންގުގައި ނުޖެހިއްޖެނަމަ ކަސްޓަމަރަށް މިކަން އެގެނީ ބިލަށް ފައިސާ ދައްކަން ދާއިރުއެވެ.
މިކަމާއި މަޝްވަރާކޮށްލަން ދިރާގުގެ 123 އާއި ގުޅާލުމުން، ޑީއުޓީގައި ހުރި ސުޕަވައިޒަރު އޭނާ ބުނެދޭން ބޭނުންވަރަށް ކިޔައިދިނެވެ. ދިރާގުގެ ޕެކޭޖް ހުންނަގޮތާ އަދި އިންޓަނެޓް ޕެކޭޖްގެ ޗާޖު އަރަނީ ކިހިނެއްކަމެވެ. އަދި ދިރާގުން ބަލަނީ އެމީހުން ހަދާފައިވާ ގަވާއިދަށްކަމާ ދިވެހިރާއްޖެގައި ޖޫން 2011 ގައި ޢަމަލުކުރަން ފެއްޓި 'މުދާ ގަންނަފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތް ހިމާޔަތް ކުރުގެ ގަވާއިދު' އެމީހުންނަށް ނޭގޭކަމަށް ބުންޏެވެ.
އަޅުގަނޑަށް ލިބުނުމުހިންމު އަނެއް މަޢުލޫމާތަކީ މޮބައިލް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާ މިންވަރު ކަސްޓަމްރުގެ ޕްރޮފައިލްއަށް ހުށަހަޅަނީ 72 ގަޑިއިރު ފަހުންކަމެވެ. މާނައަކީ މޮބައިލުން އިންޓަނެޓް ބޭނުންކުރާ ފަރާތެއް އެނާއަށް އިންޓަނެޓް ބޭނުންކުރެވޭ ވަރު އެނގެނީ 3 ދުވަސް ފަހުންކަމެވެ. މިހެން މިކަން އޮތުމުން ޚިދުމަތް ދޭ ފަރާތަށް މިޢުލޫމާތާއި ކުޅުމުގެ ފުރުޞަތު ލިބެއެވެ. އަދި ގަންނަ ފަރާތުން މިކަމާއި ޝައްކުކުރުމުގެ ފުރުޞަތު އެބަލިބެއެވެ. މިސާލަކަށް ކަންރަންޓް ނުވަތަ ފެން އުފައްދާ ކުންފުނިން މީޓަރު އަނބުރާލާނީ 3 ދުވަހު އެއްފަހަރު ކަމަށް ވަނީނަމަ އަޅުގަނޑުމެން އެކަމާއި އެފަރާތާއި ސުވާލުކުރާނެއެވެ.
މިގޮތަށް މޮބައިލް އިންޓަނެޓް ޕެކޭޖްތައް ދިރާގުން ރާވާފައި ހުރުމުން، ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ 'މުދާ ގަންނަފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތް ހިމާޔަތް ކުރުގެ ގަވާއިދާ އެފަރާތުން މިކަން ކުރާގޮތާއި ތައާރުޒުވާ ކަންތައްތަކެއް އެބަހުރިކަމަށް ބެލެވެއެވެ.
މިގަވާއިދުގެ 6ގެ ހ. ގައި ބުނާގޮތުން މުދަލުގެ އަގު ލިޔެފައި ހުންނަންޖެހެއެވެ. މުދާ ވަކިން ވިއްކާ އަގު އަދި ގަނޑުކޮށް ވިއްކާ އަގު، ކޮންމެ މުދަލެއްގެ އަގު އެނގޭނެހެން ލިޔެފައި ހުންނަންޖެހެއެވެ. ދިރާގުގެ އިންޓަނެޓް ޑާޓާ ޕެކޭޖް ވިއްކާ އަގު ދިރާގު ވެބްސައިޓުން އެނގެން ހުރި ކަމުގައި ވިޔަސް ޕެކޭޖް ހުސްވެގެން ކަސްޓަމަރު ގެޚިދުމަތް ކަނޑާނުލާ އިތުރަށް އިންޓަރނެޓް ބޭނުންކުރެވޭގޮތް ހަދާފައިވީ ނަމަވެސް އެބޭނުންކުރެވެނީ ކަސްޓަމަރުގެ އެއްވެސް އިޚްތިޔާރެއް ނެތްގޮތަށް ޖީބުން ޚަރަދު ހިނގާ ގޮތަށް ކަމުން މިއީ ކަސްޓަމަރަށް އޮޅުވާލުމުގެ ނިޔަތް އޮތްކަމެއް ކަމުގައި ބެލުމުގެ ފުރުޞަތު އެބައޮތެވެ.
މިގޮތަށް ކަސްޓަމަރަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލެވިފައިވާ 20 ކިލޯބައިޓްގެ ބުލޮކްގެ އަގު ބުނެއެއް ނުދެއެވެ. އަދި އެބޭނުންކުރެވޭ ކަމެއްވެސް ކަސްޓަމަރަކަށް ނޭނގެއެވެ. ދިރާގު ވެބްސައިޓްގައި ހުންނަނީ އެމްބީ އެއް ވިއްކާ އަގު އެކަންޏެވެ.
މިދެންނެވި ގަވާއިދުގެ 8 ވަނަ މާއްދާގައިވަނީ އަގުދިނުންފިޔަވައި އިތުރު ޝަރުތަކާއެކު މުދާނުވިއްކޭނެކަމެވެ. މާނައަކީ މުދަލެއްގެ އަގު ދިނުމުގެ އިތުރުން އެހެންކަމެއް ޝަރުތުކޮށް މުދާވިއްކުމަކީ މަނާކަމެކެވެ. ދިރާގުން މިވިއްކާ އިންޓަނެޓް ޑާޓާ ޕެކޭޖް ވިއްކަނީ ކަސްޓަމަރު ގަންނަ ޕެކޭޖް ހުސްވުމުން އެކަން އޭނާއަށް އެނގޭނެ ގޮތެއް ނުމެ އެނގި އަދި އިތުރަށް ފައިސާ ދައްކައިގެން ޚިދުމަތް ކުރިއަށް ގެންދަން ބޭނުންތޯ ވެސް އޭނާކައިރީ އަހާލުމަކާ ނުލައެވެ. ދިރާގުގެ އިންޓަނެޓް ޑާޓާ ޕެކޭޖްގައި ޝަރުޠުވެފައި މިއޮންނަނީ ކަސްޓަމަރަށް ދިރާގުން ދީފައިވާ ކުރެޑިޓް އޮންނަކަމަށްވާނަމަ ޚިދުމަތް ކުރިއަށް ގެންދާގޮތަށެވެ. މިހެން ވުމުން ކަސްޓަމަރަށް ކުރެވޭ ޙަރަދުގެ ކޮންޓްރޯލް އޭނަގެ އަތްމައްޗަކު ނޯވެއެވެ.
މިފަދަގޮތަކަށް އޮޅުވާލައިވާ ކަމަށް ކަސްޓަމަރަށް ޤަބޫލުކުރެވޭނަމަ، އެކަމުގެ ޝަކުވާ ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާގައި (މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓްގައި )ކުރެވޭނެ ކަމަށް ބެލެވިދާނެއެވެ. އެހެންކަމުން ދިރާގުގެ ޑާޓާ ޕެކޭޖްގެ މިފަދަ މައްސަލައެއް ދިމާވެފައިވާ ނަމަ ދިމާވާ މައްސަލަތައް ލިޔުއްވައިގެން މައްސަލައަށް ޙައްލެއް ލިބޭތޯބަލަމާ ހިނގާށެވެ. މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓްއަށް ސިޓީއެއް ނުވަތަ އީމެއިލްއެއް ފޮނުވުުމުންވެސް މައްސަލަ ބަލާދެވޭނެކަމަށް މިނިސްޓަރީގެ އިސް ވެރިޔަކުވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅޭގޮތުން އަޅުގަނޑު ސުވާލުކޮށްލި ވަރަށް ގިނަ ފަރާތުގެ ފަރާތުން އެގިގެންދިޔައީ ދިރާގުގެ ޑާޓާ ޕެކޭޖްގެ އޮޅުންއަރާ މިމަޅީގައި ވަރަށް ގިނަ މީހުން ޖެހިފައިވާކަަމެވެ. މިހެން ކަމުން ގިނަބަޔަކަށް އެއްއޮޅުމެއް އަރާކަމަށްވަނީނަމަ އެ އުފެއްދުމެއް، ޚިދުމަތެއް ނުވަތަ ޕޭކޭޖު ފަރުމާ ކުރުމުގެ މައްސަލަތަކެއް އުޅޭކަމަށް އަޅުގަނޑު ޤަބޫލުކުރާނަމަވެ.
އަޅުގަނޑު ޤަބޫލުކުރަން ބޭނުންވަނީ ދިރާގަކީ ޒިންމާދާރު ކުންފުންޏެއްކަމެވެ. މާބޮޑެތި ކުންފުނިތަކަށްވެސް ގޯސް ހެދެއެވެ. ޓޮޔޯޓާ، ޖެނެރަލް މޮޓޯރސް، ފޯޑް ފަދަ ބަވަނަ ކުންފުނިތަކުން ބޮޑެތި ގޯސްތައް ހެދިފައި އެބަހުއްޓެވެ. އެފަދަ ވަޤުތުތަކުގައި އެކުންފުނިތަކުން ޒިންމާ ނަގާ އެކަން ޤަބޫލުކޮށް މައްސަލަ އުޅޭކަމަށް ފެންނަ ޕްރޮޑަކްޓް ރަނގަޅުކުރުމަށް ނުވަތަ އަނބުރާ ގެނައުމަށް އަންގައެވެ. މިހެން ހެދުމުން އެކުންފުނި ތަކުގެ ކަސްޓަމަރުންނަށް އެކުންފުންޏާއި ދޭތެރޭ އޮންނަ އިތުބާރު އިތުރަށް ބޮޑުވެގެންދެއެވެ. ސަބަބަކީ ކަސްޓަމަރުންނަށް ޤަބޫލުކުރެވޭ ގޮތުގައި އެމީހުން މުޢާމަލާތް މިކުރަނީ ޒިންމާދާރު ކުންފުންޏަކާކަމެވެ. އަދި ކުންފުނިން ގޯސްހެދޭ ހިނދުވެސް ކަސްޓަމަރުގެ އަތުން ދޫނުކުރާނެކަމުގެ ޔަޤީންކަން ލިބޭތީއެވެ.
ކިތަންމެ އިސްތިހާރެއްކުރިއަސް، ކިތަންމެ ކަސްޓަމަރ ކެއަރ ރަނގޅު ކުރަން މަސައްކަތް ކުރިއަސް، ކިތަންމެ ވަތަނީވާ މަސައްކަތްކުރިއަސް، އޮޅުވާލުމެއް އުޅޭކަމަށް ކަސްޓަމަރަށް ޤަބޫލުކުރެވޭނަމަ، ކުރާ ހުރިހާ މަސައްކަތަކީ 'ފޫނެތް ފަޔަށް ފެންފުރުން' ކަހަލަ ކަމެކެވެ.