އަޅުގަނޑުމެން މި ނިސްބަތްވާ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަކީ ނިސްބަތުން ފަގީރު ގައުމުތަކެއް ކަމުގައި ވީނަމަވެސް، ބައެއް ކަހަލަ ޚިދުމަތްތައް ދިނުމުގައި އޭޝިއާގެ އެހެން ގައުމުތަކަށް ވުރެ މި ގައުމުތައް މާ ވާދަވެރި އެވެ.

ދަތުރުފަތުރުކުރުމުގައި އެހެން ގައުމުތަކާ ވާދަކުރުމުގެ ގާބިލުކަން ޕާކިސްތާނާއި ސްރީ ލަންކާގައި އެބަހުއްޓެވެ. އަނެއްކޮޅުން އިންޑިއާ އަށް ބަލާއިރު އިމާރާތްކުރުމާއި ކޮމްޕިއުޓަރު އަދި މައުލޫމާތުގެ ޚިދުމަތާއި ވިޔަފާރި ޚިދުމަތްދިނުމުގައި ވާދަވެރިވުމުގެ ގާބިލުކަން އެބަހުއްޓެވެ. ދިވެހިރާއްޖެ އާއި ނޭޕޭލްއަކީ ފަތުވެރިކަމުގެ ޚިދުމަތް ދިނުމުގައި ވާދާވެރިވުމުގެ ގާބިލުކަން ހުރި ގައުމުތަކެވެ. ބަންގުލަދޭޝްއަކީ މާލީ ޚިދުމަތް ދިނުމުގައި މިސާލެއް ނެތް ފަދަ ގާބިލުކަން ހޯދާފައިވާ ގައުމެކެވެ. މުއާސަލާތީ ޚިދުމަތް ދީ އެ ޚިދުމަތް އެހެން ގައުމުތަކަށް ފޯރުކޮށްދިނުމުގައި އިންޑިއާ، ބަންގުލާދޭޝް، ޕާކިސްތާން އަދި ސްރީ ލަންކާގައި ގާބިލުކަން އެބަހުއްޓެވެ.

ދެކުނު އޭޝިއާގެ ގައުމުތަކަކީ ސާކުގެ ޖަމިއްޔާ އަށް ނިސްބަތްވާ ގައުމުތަކެވެ. އެހެންކަމުން އިގްތިސާދީ އެއްބާރުލުން ސާކުގެ އޮނިގަޑު ތެރޭންނާއި ޒަމާންވީ ގުޅުމުގެ ތެރޭން މި އަންނަނީ ވަރުގަދަވެ ހަރުދަނާވަމުންނެވެ. ދުނިޔޭގެ އިގްތިސާދީ އޮއެވަރުގެ ބަދަލުތަކާ އެކު މިހާރު މި ގައުމުތަކުގެ މެދުގައި ކުރެވޭ މުއާމަލާތް މިދަނީ އިހުނަށް ވުރެ ބޮޑުތަން އިތުރުވަމުންނެވެ.

މި ހަތަރު ގައުމުގެ މެދުގައި އޮންނަ އިގްތިސާދީ ގުޅުމާއި އެއްބާރުލުން އިތުރުވަމުން ހަރަދުނާ ވަމުން އަންނަ އިރު މި ގައުމުތަކުގެ ޒައާމަތުގައި މި ވަގުތު ތިބި ލީޑަރުންނަށް ބަލާލާއިރު ހުރިހާ ލީޑަރުންގެ ވެސް އެއްކަހަލަ ސިފަތަކެއް ހުރި ކަމަށް ފާހަގަކުރެވެ އެވެ. މި ލީޑަރުންގެ އުމުރާއި، އިގްތިސާދީ ޝިއާރާއި، ސިޔާސީ ނުފޫޒުގެ ބާރުތަކުގައި އެއްގޮތް ސިފަތަކެއް ހުރިކަން ފާހަގަކުރެވެ އެވެ.

މި ހަތަރު ގައުމުގެ ލީޑަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެއް ޖީލެއްގެ ބޭފުޅުން ކަމުގައި ބެލެވިދާނެ އެވެ. ޖީލެއް ކަމުގައި ބަލަނީ20-25 އަހަރުގެ މުއްދަތެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުމުރުފުޅަކީ 46 އަހަރެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފްގެ އުމުރުފުޅަކީ 65 އަހަރެވެ. ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އުމުރުފުޅަކީ 69 އަހަރެވެ. މީގެ ތެރޭން އެންމެ ހަގު ބޭފުޅަކީ ދިވެހިރާއްޖޭގެ ރައީސް އަބުދުﷲ ޔާމީން އެވެ. އުމުރުފުޅަކީ 55 އަހަރެވެ.

އެއް ޖީލަކަށް ނިސްބަތްވާ ބޭފުޅުން ކަމުން ހުރިހާ ބޭފުޅުންގެ ވިސްނުންފުޅު ހުންނާނީ އުމުރާ ގުޅޭގޮތުން އެއްގޮތަކަށް ކަމަށް ބެލެވިދާނެ އެވެ. މިގޮތުން މިހުރިހާ ބޭފުޅުން ވެސް ގެންގުޅުއްވާ އިގްތިސާދީ ސިޔާސަތުގެ ޝިއާރުތައް ވެސް ހުރީ ގާތްގަނޑަކަށް އެއްގޮތަކަށެވެ. ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލުން، ސްޕެޝަލް އިކޮނޮމިކް ޒޯންގެ އުސޫލުތަކަށް ތާއީދުކުރުން، އޭޝިއާގެ އިގްތިސާދުތަކާ ގުޅުން އުފެއްދުން، އުމްރާނީ ތަރައްގީ އަށް އިސްކަން ދިނުން ފަދަ ކަންކަމުގައި ސިޔާސަތު ދާދި އެއްގޮތެވެ.

މިބޭފުޅުންގެ ސިޔާސީ ބާރާއި ނުފޫޒު އެބޭފުޅުން ނިސްބަތްވާ ޕާޓީގެ ތެރޭގައި އެހާމެ ގަދަ އެވެ. އަދި ޕާޓީގެ ވިސްނުން އެބޭފުޅުންނާ އެއްގޮތަށް އަނބުރާލުމުގެ ކުޅަދާނަކަން އެބޭފުޅުން ކިބައިގައި އެބަހުއްޓެވެ. މިބޭފުޅުންނަކީ ގިނަދުވަހު ސިޔާސީ ހަރަކާތުގައި އުޅުއްވައި ގިނަގުނަ ތަޖްރިބާތަކެއް ހުރި ބޭފުޅުންނެވެ. ސަރުކާރާއި ސަރުކާރުން ބޭރުގައި މަސައްކަތްކުރުމުގެ ތަޖްރިބާ ކުރައްވާފައިވާ ބޭފުޅުންނެވެ. މި ހަތަރު ގައުމުގެ ވެރިންނަކީ ވެސް ރައްޔިތުންގެ މަޖްލިސް ތެރޭގައި މަސައްކަތްކުރައްވައި ތަޖްރިބާ ލިބިފައިވާ ބޭފުޅުންނެވެ. އަދި ސަރުކާރުގެ އިސް މަގާމުތަކުގައި އުޅުއްވުމުގެ ސަބަބުން ސަރުކާރުގެ ބިޔުރޮކްރަސީ ހިނގާ ގޮތް ނިކަން ރަނގަޅަށް ދެނެވަޑައިގަންނަވާ ވެސް ބޭފުޅުންނެވެ.

މިބޭފުޅުންގެ ނުފޫޒާއި ބާރު އަދި އަމިއްލަ ތަނަވަސްކަން އައިސްފައިވަނީ އެބޭފުޅުންގެ ސިޔާސީ މަސައްކަތުގެ ތެރޭންނެވެ.

މިހުރިހާ ބޭފުޅުންގެ ވެސް ސިޔާސީ ވައުދުގެ ތެރޭގައި އިގްތިސާދު ރަނގަޅުކުރުމާއި ފަރުދީ ތަނަވަސްކަން ހޯދައިދިނުމުގެ ސިޔާސަތު ފާޅުކުރައްވާފައިވެ އެވެ. ނަމަވެސް ދުނިޔޭގެ އިގްތިސާދީ އޮއެވަރު ހުރި ގޮތުން މި ގައުމުތަކުގެ ރައްޔިތުން އުއްމީދުކުރާ ފަދަ ކުރިއެރުން ލިބިދާނެތޯ އެއީ ބަލާލުން ރަނގަޅު ކަމެކެވެ.

މިއަހަރު މޭމަހު އިންޑިއާގެ އިންތިޚާބު ކާމިޔާބުކުރި ޕާޓީ ކަމުގައިވާ ބީޖޭޕީ ވެރިކަމަށް އައުމުން އުއްމީދުކުރެވުނީ އިގްތިސާދީ ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. ހީކުރެވުނު ގޮތާ ހިލާފަށް މޯދީގެ ސަރުކާރުން އިގްތިސާދީ ބޮޑެތި ބަދަލުތަކެއް ނުގެނެ އެވެ. އަދި މިހާތަނަށް ގެނެސްފައިވަނީ ކުދިކުދި އަދި އިގްތިސާދު ޓިއުން ކުރުމުގެ ބަދަލުތަކެކެވެ. ކުރިއެކޭ އެއްގޮތަކަށް ސަބްސިޑީ ދެމުން ގެންދެ އެވެ. ސަބްސިޑީއަކީ އިންޑިއާގެ ޖީޑީޕީގެ 2.3 ޕަސެންޓް ހިފާ ކަމެކެވެ. އިންޑިއާގެ އެތެރޭގެ ވިޔަފާރި ބޮޑުކުރުމަށް ސްޓޭޓްތަކުގެ މެދުގައި ކުރާ މުއާމަލާތް އިތުރުކުރުމަށް ޖީއެސްޓީ އަށް ބަދަލު ގެންނާނެ ގޮތުގެ ތާވަލު އަދިވެސް އޮތީ އެކުލަވާނުލެވި އެވެ. ފޮރިން އިންވެސްޓްމަންޓަށް ބައެއް ދާއިރާތައް އަދިވެސް ހުޅުވައެއް ނުލަ އެވެ. މިއަހަރު މިވީތަނަށް އިންޑިއާގެ ޖީޑީޕީ ހުރީ 5.7 ޕަސެންޓްގަ އެވެ. އަހަރުތަކެއް ކުރިން މިއީ ނުވަ ޕަސެންޓުގައި ބޮޑުވަމުން އައި އިގްތިސާދެކެވެ.

ސްރީ ލަންކާގެ އިގްތިސާދު މިއިން ދުވަހަކު ވެސް ނުވާހާ ވަރަށް އުޖާލާ ވަމުން އަންނަ ތަން ފެނެ އެވެ. އެ ގައުމުގެ ދާހިލީ ހަނގުރާމަ ނިމުމާ އެކު ގެނައި އިގްތިސާދީ ވިސްނުމުގެ ސަބަބުން ގައުމު ކުރިއަރަމުން އަންނަ ކަމަށް ބެލެވެ އެވެ. މިއަންނަ އަހަރަކީ އެ ގައުމުގެ އިންތިހާބު އޮންނަ އަހަރެވެ. އެ ގައުމުގެ ބަޖެޓް މި އަހަރަށް ވުރެ 5.71ޕަސެންޓް ވަނީ ބޮޑުކޮށްފަ އެވެ. މިއާއެކު އާންމު ދަރަނި71 ޕަސެންޓަށް އަރަ އެވެ.

ސްރީ ލަންކާގެ އިންތިހާބު އަވަސްކުރުމުގެ ސަބަބުތަކެއް އެބަހުއްޓެވެ. އެއީ އިގްތިސާދު ނުއަތުބުރެއް އެޅުމުގެ ކޮޅުމަތި ފެންނަނީ ކަމަށް ވެސް ވެދާނެ އެވެ. ލަންކާގެ ދާހިލީ ހަނގުރާމައިގައި ހިންގާފައިވާ ކަމަށް ބެލެވޭ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހުޅަނގުގެ ގައުމުތަކުން އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅެއްގެ ސަބަބުން އިގްތިސާދަށް އިތުރަށް ލޮޅުމެއް އަރައިފި ނަމަ، ގާނޫނުއަސާސީ ބަދަލުކޮށްގެން ރައީސް ރާޖަޕަކްސަ އަށް ތިންވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ސްރީ ލަންކާގެ ޖީޑީޕީ މި އަހަރު ވެސް އަދި އަންނަ އަހަރު ވެސް ހުންނާނީ 5.7 ޕަސެންޓުގައި ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން ލަފާކުރެ އެވެ. އެހެންކަމުން އިގްތިސާދަށް ބަދަލުތަކެއް އަންނާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.

ޕާކިސްތާންގެ އިގްތިސާދު މީގެ ހަތް އަހަރު ކުރިން ކުރިނާރާ ވަރަށް ކުރިއަށް ޖެހެމުން އެބައާދެ އެވެ. މި ސަރަހައްދުގެ އެހެން ގައުމުތައް ކުރިއަރާ ސްޕީޑުގައި ކުރިނޭރި ކަމުގައި ވިޔަސް ޕާކިސްތާންގެ އިގްތިސާދު ފެންނަނީ ވަރަށް އުއްމީދީ ކޮށެވެ. އެ ގައުމުގެ ސަބްސިޑީ ކުޑަކުރުމާއި ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ ސަބަބުން އިގްތިސާދީ ދުވެލި ބާރުވާން ފެށީ އެވެ. އިންފުލޭޝަން މި ވަނީ ތިރިވާން ފަށާފަ އެވެ. އަދި 2015ގައި މިހާރަށް ވުރެ އިންފުލޭޝަން އެއް ޕަސެންޓް ތިރިވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ގައުމުގެ ޖީޑީޕީ މިވަނީ ހަތަރު ޕަސެންޓްގަ އެވެ. އަދި 2015ގައި 4.2 ޕަސެންޓްގައި ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.

އަޅުގަނޑުމެންގެ އިގްތިސާދު ބަރޯސާވަނީ ފަތުރުވެރިކަމަށެވެ. އެ ސިނާއަތު ފުޅާވަމުން ކުރިއަރަމުން އަންނަކަމީ އިގްތިސާދަށް ހެޔޮ އަސަރުކުރާނެ ކަމެކެވެ. ނަމަވެސް ޒަމާނުއްސުރެ އޮންނަ ބިރަކީ އެންމެ ދާއިރާއަކަށް އިގްތިސާދު ބަރޯސާވެގެން އޮތުމުން ލިބެދާނެ ގެއްލުމާ މެދު ކުރެވޭ ސުވާލުތަކެވެ.

ވޭތުވެދިޔަ 10 އަހަރު ރާއްޖެ މަސައްކަތްކުރަމުން މިގެންދަނީ ޑެފިސިޓް ބަޖެޓެއްގަ އެވެ. ހަމަމިއާއެކު ދަންނަވަން ޖެހެނީ ވޭތުވެދިޔަ އަށް އަހަރު ބޮޑު ބަޖެޓެއް އެކުލަވާލިޔަސް ހަމަ ކޮންމެ އަހަރެއް ވެސް ނިމެނީ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅައި ސަރުކާރުގެ ޚަރަދު ކޮންމެވެސް އިންސައްތައެއް ކުޑަކޮށްގެން ކަމެވެ. މިއިން ދޭހަވަނީ ސަރުކާރުގެ ކަންކަން ރޭވިފައިވާ ޕްލޭނާ އެއްގޮތަށް ކަންކަން ނުގެންދޭވޭ ކަމެވެ. އަދި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެއް އަހަރަށް ވުރެ ދިގުކޮށް ދެމިގެންދާ ކަމަށް ވަނީ ނަމަ އެ ގައުމެއް އެވަނީ އިގްތިސާދީ ހީނަރުކަމެއްގައި ކަމެވެ.

ރާއްޖޭގެ ޖީޑީޕީ މިއަހަރު 4.5 ޕަސެންޓްގައި ހުރެފައި މިއަންނަ އަހަރު 4.5 ޕަސެންޓަށް އަރާނެ ކަމަށް އޭޑިބީ އިން ލަފާކުރެ އެވެ. އެހެންކަމުން އިގްތިސާދު އަންނަ އަހަރު މި އަހަރަށް ވުރެ ތަންކޮޅެއް ރަނގަޅުވާނެ ކަމަށް ބެލެވެ އެވެ.

ސާކުގެ މައި އިގްތިސާދުތައް މި ހުރީ ފަތުއަޑުޖަހާ ކުރިއަރާދާ ނިޝާންތައް ފެންނަ ގޮތަކަށް ނޫނެވެ. ދެން އޮތީ މި ގައުމުތައް މުއަމާލާތްކުރާ އެހެން ސަރަހައްދުތަކެވެ. މި ގައުމުތަކުން އިގްތިސާދީ ގިނަ މުއާމަލާތުތަކެއް ކުރާނެ އެއް ސަރަހައްދަކަށް ވާނީ އޭޝިއާގެ އިރުމަތީ ބިތުގެ ގައުމުތަކެވެ. އިގްތިސާދީ ކުރިއެރުމާއި ތަރައްގީ އެންމެ ހަލުވިކޮށް އަންނަނީ މި ގައުމަތަކަށް ކަމުގައި ވާތީ އެވެ.

ނަމަވެސް ވޯލްޑް ބޭންކުން ލަފާކުރަނީ ޗައިނާ އާއި ޕެސިފިކް ގައުމުތަކާއި އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ކުރިއެރުން2014 - 2016 ގައި ހުންނާނީ 6.9 ޕަސެންޓްގައި ކަމުގަ އެވެ. ކުރިން މި ގައުމުތަކުގެ ޖުމްލަ ކުރިއެރުން ލަފާކޮށްފައި ވަނީ 7.1 ޕަސެންޓްގަ އެވެ. މާނައަކީ އިގްތިސާދީ ކުރިއެރުން މިހާރު މަޑުޖެހެމުން އަންނަ ކަމުގެ ނިޝާންތައް ފެންނަމުން އަންނަ ކަމެވެ.

އަޅުގަނޑުމެންގެ ގައުމުގެ ޖިޑީޕީ ފަސް ޕަސެންޓްގައި ހިފެހެއްޓިފައި ހުންނަ އިރު، ކޮންމެ އަހަރަކު ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފޔަވަޅު އަޅަން ޖެހިފައި ވާއިރު، މިކަމުން މި ދައްކަނީ އަޅުގަނޑުމެންގެ އިގްތިސާދީ ސިޔާސަތު ބަދަލު ނުވާ ކަމެވެ. އަޅުގަނޑުމެން އިގްތިސާދީ ކުރިއެރުން ލިބިގަތުމަށް އިގްތިސާދީ އާ ރޭވުމެއް މިހާރު އެބަ ބޭނުންވެ އެވެ. އަޅުގަނޑުމެން ނިސްބަތްވާ ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާގެ ގައުމުތަކުގެ އިގްތިސާދު ކުރިއަށް އޮތް ދެ އަހަރު، މިހާރު ހުރި މިންވަރަށް ވުރެ މައްޗަށް ހިގައިދާނެ ކަމަކަށް އޭޑީބީއިންނާއި ވޯލްޑް ބޭންކުން ލަފައެއް ނުކުރެ އެވެ.

އާ ސަރުކާރެއްގެ ފުރުތަމަ އަހަރު ނިމުމަކަށް އަންނަ އިރު، ކުރިން އިގްތިސާދީ ސިޔާސަތު ހިންގަމުން އައި ގޮތް ދޫކޮށް އަޅުގަނޑުމެންގެ އިގްތިސާދު ހިލޭ ފަދަ ރޭވުމެއް އެކުލަވާލުން އެދެވިގެންވެ އެވެ. އެހެނީ އިގްތިސާދު ރަނގަޅުކޮށްދިނުމުގެ އުއްމީދުތަކެއް އާންމު ރައްޔިތުން ސަރުކާރުގެ ކިބައިން މިދަނީ ކުރަމުންނެވެ. ރަނގަޅު އިގްތިސާދީ ރޭވުންތެރިކަމެއް ތައާރަފު ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތް ދެ އަހަރު ރައްޔިތުން އުއްމީދުކުރާ ފަދަ ހާލަކަށް ވާސިލުވުމަކީ ދުރު ކަމެކެވެ.