ދަރަނި އަދާކުރަން ދަތިތަކާ ކުރިމަތިވުމުން، ނުވަތަ ދަރަނި ދައްކާނެ ކުޑަ އިންޓްރެސްޓެއް ހޯދުމުގެ ބޭނުމުގައި ބައެއް ކުންފުނިތަކުން މާލީ އޮނިގަނޑު އަލުން އެކުލަވާލަން ބޭނުންވެ އެވެ. އާންމުކޮށް ކުންފުނިތަކުގެ މާލީ އޮނިގަނޑު ބަދަލުކުރަނީ ކުންފުނީގެ އަމިއްލަ ޚިޔާލުތަކެއްގެ މައްޗަށް ބިނާކުރާ ހައްލުތަކެއްގެ ތެރޭންނެވެ. މިގޮތަށް މާލީ އޮނިގަނޑު ބަދަލުކުރާއިރު ކުންފުނީގެ ދަރަނި އެހެން ޝަރުތުތަކެއްގެ މައްޗަށް ކަނޑައަޅައި އިންޓަރެސްޓް ކުޑަކުރަނީ އެވެ.

އަޅުގަނޑުމެންގެ މާހައުލުގައި މިގޮތަށް އެންމެ ގިނައިން މާލީ އަދި މެނޭޖްމަންޓްގެ އޮނިގަނޑު ބަދަލުކުރަމުން ގެންގޮސްފައިވާ ކުންފުންޏަކަށް ފެނިފައިވަނީ ގައުމީ ޝިޕިން ކުންފުންޏެވެ. ގިނަ ސަބަބުތަކެއް މެދުވެރިވެގެން މިއަދު ގައުމީ ޝިޕިން ކުންފުނި ވުޖޫދަކު ނެތެވެ.

ހަމަ މިގޮތަށް މިފްކޯއަކީ ވެސް އެތައް ފަހަރަކު މެނޭޖްމަންޓް އަދި މާލީ އޮނިގަނޑު ބަދަލުކޮށްފައިވާ ކުންފުންޏެކެވެ. މިއަދު އަނެއްކާވެސް އަޑު މިއިވެނީ "ލޯންތައް ނުދައްކާ ގިނަ ދުވަސް ވުމުން މިފްކޯގެ ދަރަނި ވަރަށް ބޮޑުވެފައިވާތީ، އެ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް، ސަރުކާރުގައި މިހާރު އެދިފައިވާ ވާހަކަ އެވެ. މިހެން ވިދާޅުވެފައިވަނީ މި ނޫހަށް ސެޕްޓެމްބަރު 30، 2014 ގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ދެއްވާފައިވާ އިންޓަވިއުއެއްގަ އެވެ. މިފްކޯގެ މެނޭޖިން ޑިރެކްޓަރު ކުންފުނީގެ މާލީ އޮނިގަނޑު އެކުލަވާލަން މިގޮވާލަނީ ހިންގުމުގެ ބޮޑެތި ބަދަލުތަކެއް އަނެއްކާވެސް މިފްކޯއަށް ގެނެސްފައިވާ ދަނޑިވަޅެއްގަ އެވެ. މިފްކޯ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނަން މިޖެހުނީ މިފްކޯއާ އެކު ކުރިން ހުރި ތަންތަން ވަކި ކުންފުނިތަކަކަށް ބަދަލުކުރުމަށް ފަހު އަލުން މިފްކޯއާ ގުޅުވުމާ ވިދިގެންނެވެ.

ކުންފުނީގެ ހިންގުމާއި މާލީ އޮނިގަނޑު ބަދަލުވާއިރު އާންމުކޮށް އެނގެންޖެހޭ މައުލޫމާތުތަކެއް އަދި މިފްކޯއިން ހާމައެއް ނުކުރެ އެވެ. މިފްކޯއިން ސަރުކާރަށް ދަރާފައި އޮތީ ކިހާ ވަރެއް ކަމެވެ. ބޭންކުތަކުގެ ދަރަނި އޮތީ ކިހާ ވަރަކަށް ކަމެވެ. މިފްކޯއާ ގުޅުވާލެވުނު ކުންފުނިތައް ވަކިން ހުރި އިރު ފައިދާ ދެއްކިތޯ އެވެ. ނުވަތަ ވެފައިވަނީ ގެއްލުންތޯ އެވެ. ކޮންމެ ހިސާބަކުން ލައްވެފައިވާ ދަރަނި ކަމުގައި ވިޔަސް އެ ދަރަނީގެ ޒިންމާނަގާ ފަރާތަކީ އަލަށް މި އުފެއްދި ކުރީގެ މިފްކޯ އެވެ. މިދަރަނި މިގޮތަށް ޖަމާވަމުން އައިއިރު މިފްކޯގައި އޮތް މެނޭޖްމަންޓަކަށް ބަދަލެއް ނާދެ އެވެ. އަލުން އެއްކުރެވުނު މިފްކޯގައި ވެސް އެއޮތީ ހަމަ ކުރީގެ ވެސް މެނެޖްމަންޓެވެ.

މިފްކޯގެ މެނޭޖްމަންޓުން ސަރުކާރަށް މިހާރު މި ހުށަހަޅަނީ ކުންފުނީގެ މާލީ އޮނިގަނޑު ބަދަލުކުރުމަށެވެ. މާލީ އޮނގަނޑު ބަދަލުކުރުމަށް މިފްކޯ އިން ހުށަހަޅާނީ ދަރަނި ދައްކާ އިންޓްރެސްޓް ރޭޓް ބަދަލުކުރުމަށެވެ. ނޫނީ މިފްކޯގެ ބަލަދުވެރިޔާ ސަރުކާރު، ނުވަތަ ރައްޔިތުން، މިފްކޯގެ ދަރަނި ބޮލުގައި އެޅުމަށެވެ. މި ދަރަންޏާ ސަރުކާރުން ހަވާލުވެއްޖެނަމަ ހަގީގަތުގައި މި ދަރަނި އެދައްކަނީ ޓެކްސް ދައްކާ ރައްޔިތުންގެ ޖީބުންނެވެ. ރައްޔިތުންގެ ފައިސާއިން ދައުލަތުގެ މަސް ކުންފުނީގެ ދަރަނި އަދާކުރާއިރު މިފްކޯއަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަންޖެހޭ ހޭދަ ރައްޔިތުންނަށް އެނގެންޖެހޭނެ އެވެ. ސާފުވާންވާނެ އެވެ. ހަމާކުރަންޖެހޭނެ އެވެ.

ކުރިމަގުގައި މިފްކޯ ފައިދާހުރި ކުންފުންޏަކަށް ހެދުމަށް މަސައްކަތްކުރާނެ މަގު ވަނީ މިފްކޯގެ މެނޭޖްމަންޓުން ހާމަކޮށްފަ އެވެ. އަދި ވަރަށް ޔަގީންކަމާއެކު ކުންފުނީގެ ތަސައްވުރު ހާމަކޮށްފަ އެވެ. އުފެއްދުންތެރިކަން އިތުރުކޮށް ފިނިކުރި ގަނޑު މަސް ބޭރުކުރުން މަދުކޮށް ދަޅު މަސް އުފެއްދުން އިތުރުކޮށްގެން ކުންފުންޏަށް ފައިދާވާނެ ކަމަށް ލަފާކޮށްފަ އެވެ. މިގޮތުން ފެލިވަރުގެ އުފެއްދުން މަތިކޮށް 05 މެޓްރިކް ޓަނަށް އިތުރުކޮށް ދުނިޔޭގެ މާކެޓްގައި މިހާރު ފައިހަރުކޮށްފައިވާ ގައުމުތައް ކަމުގައިވާ ތައިލެންޑް ފަދަ ގައުމުތަކާ ވާދަކޮށް ފައިދާ ނެރެވޭ ވަރުގެ އަގުތަކެއް ހޯދުމަށެވެ.

މި ތަސައްވުރާ ހަމައަށް ވާސިލުވުމަށް ކުރާ ދަތުރުގައި ކުންފުނީގެ މެނޭޖްމަންޓަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ. މިފްކޯގެ މެނޭޖްމަންޓުން ހާމަކޮށްފައިވާ ގޮތުން މިވަގުތު ކުންފުނީގެ ހަރުމުދާ ހުރީ އަލުން މަރާމާތުކުރަން ޖެހިފަ އެވެ. އަދި ދަޅު މަސް އުފެއްދުން އިތުރުކުރުމަށް ފެލިވަރު ކާރުހާނާ އަށް އިތުރު ހޭދަތަކެއް ކުރަންޖެހެ އެވެ. މީގެ މާނައަކީ މިފްކޯ އިން ކަނޑައަޅާފައިވާ ޕްލޭނާ އެކު ކުރިއަށް ދިއުމަށް އިތުރު މާލީ އެހީތެރިކަން ހޯދަންޖެހޭނެ ކަމެވެ. މާލީ އެހީތެރިކަން ހޯދުމަށް މިފްކޯއަށް އޮންނާނެ ދޮރަކީ ސަރުކާރުގެ އެހީތެރިކަން ހޯދުމެވެ. މިވަގުތު ސަރުކާރުގެ ޚަރަދުތައް ހުރިގޮތުން މިފަދަ އެހީތެރިކަމެއް ވެދެވިދާނެ ކަމަކަށް އުއްމީދެއް ނުކުރެވެ އެވެ. ދެން އޮތީ ބޭންކުތަކެވެ. މިހާރު ނަގާފައި ހުރި ލޯންތަކަށް ފައިސާ ދެއްކުމަށް ނުކުޅެދިފައިވާއިރު ބޭންކުތަކުން އިތުރު ލޯނެއް ދިނުމަކީ ވުން ވަރަށް ދުރު ކަމެކެވެ.

މިފްކޯގެ ތަސައްވުރުގައި މައިގަނޑުގޮތެއްގައި އޮތީ ދަޅު މަސް އުފެއްދުން އިތުރުކުރުން ކަމުގައި ވާއިރު، މިފްކޯގެ ދަޅު މަސް ތައްޔާރުކުރާ ކާރުޚަނާ ކަމުގައިވާ ފެލިވަރަކީ ކުރިން ވެސް 05މޓގެ ދަޅުމަސް ތައްޔާރުކުރުމުގެ ގާބިލުކަން ހުރި ފެކްޓަރީއެކެވެ. ފެލިވަރުގައި 50މޓ ނޫނީ އެއަށްވުރެ މަތީ އަދަދަކަށް އުފައްދަމުން ދިޔަ ދުވަސްވަރު މިފްކޯގެ މެނޭޖްމަންޓްގައި އުޅުއްވި ބޭފުޅުން މިއަދު އެކުންފުނީގެ އިސްސަފުގައި އަދިވެސް އެ ތިއްބެވީ އެވެ. އޭރުވެސް ދަޅުމަސް އުފެއްދުމުން ފައިދާވުމަކުން ނުދެ އެވެ. އެ ދުވަސްވަރު ވިލާތުގެ މާކެޓް އޮތީ މިފްކޯގެ އުފެއްދުމަށް އަދަށް ވުރެ މާ ފަހިކޮށެވެ. ދުނިޔޭގެ ދަޅު މަހުގެ މާކެޓްގައި ތައިލެންޑަށް މިހާރު އޮތް އާރާއި ބާރެއް އޭރަކު ނެތެވެ. ރާއްޖޭގެ އުފެއްދުންތަކުން ވިލާތުގެ އިއްތިހާދަށް ޓެކްސް ވެސް ދައްކާކަށް ނުޖެހެ އެވެ.

އެދުވަސްވަރު ވިލާތުގެ މާކެޓްގައި އޮތް ހަމަތަކާއި އަސާސްތައް މިއަދު މިވަނީ ބަދަލުވެފަ އެވެ. މިއަދު ތައިލެންޑުން ވިލާތުގެ އިއްތިހާދާއި އެމެރިކާގެ މާކެޓަށް ވަދެ އެތިބީ އެ ގައުމުތަކުގައި ގާއިމުވެ ހުރި ބްރޭންޑްތައް ވެސް ގަނެގެންނެވެ. ރާއްޖޭގެ އުފެއްދުންތަކަށް މިއަދު ތައިލެންޑާ އެއްގޮތަށް އެއްހަމައެއްގައި 22 ޕަސެންޓް ޑިއުޓީ ދައްކަން ޖެހެ އެވެ. ރާއްޖޭގެ މަހަކީ އެމްއެސްސީ ސަނަދުގެ މަސް ކަމަށް ވާއިރު މިސަނަދަކީ ހަމައެކަނި ރާއްޖެއަށް ޚާއްސަ ސަނަދެއް ނޫނެވެ. އެހެންކަމުން މިއީ ހަމައެކަނި ރައްޖެއަށް ޚާއްސަ އަގެއް ވެސް ނޫނެވެ. ތައިލެންޑުން ވެސް އެމްއެސްސީ ސަނަދުގެ މަހުގެ އުފެއްދުންތައް ވިލާތަށް ގެންގޮސް މަސް ކޭހަކުން އިތުރަށް ތިން ޑޮލަރު ހޯދަ އެވެ. މިއަދު ތައިލެންޑުން އުފައްދާ އުފެއްދުން އަޅުގަނޑުމެނަށް ވުރެ އަގު ދަށްކޮށް އުފައްދަ އެވެ. ޑިއުޓީ ދައްކައިގެން ތައިލެންޑްގެ އުފެއްދުންތައް ރާއްޖެ ގެނެސް، ރާއްޖޭގެ ދަޅު މަހާ އެއްހަމައެއްގައި ވާދަކުރަމުންދާކަމީ މިކަމުގައި ފެންނަން ހުރި ހަގީގަތެވެ.

މިފްކޯގެ މެނޭޖްމަންޓުން މިބުނާ ވާހަކައަކީ ކުންފުނީގެ މާލީ އޮނިގަނޑަށް ބަދަލު ގެނައުމާއެކު އަދި އިތުރަށް މާލީ އެހީތެރިކަން ދިނުމުން ހަ މަހެއްހާ ދުވަސް ތެރޭގައި ފައިދާ ދައްކައިދޭނެ ކަމަށެވެ. މަސްވެރިކަމުގެ ވާދަވެރި މާހައުލު މިހާރު އޮތްގޮތުގެ އިތުރުން މިފްކޯ ކާމިޔާބުވުމުގެ އަސްލު ފެއްޓެނީ މަސްވެރިކަމުންނެވެ. މިއަހަރަކީ އެލްނީނޯ އަހަރެކެވެ. އާންމުކޮށް އެލްނީނޯ އަހަރުގައި މަސްވެރިކަން ތިޔާގިވާނެ ކަމަށް ލަފާކުރެ އެވެ. ނަމަވެސް މިއަހަރަކީ މަސްވެރިކަން އެންމެ ރަނގަޅު އަހަރު ކަމުގައި ނުބެލެވިދާނެ އެވެ. މިފްކޯގެ މެނޭޖިން ޑައިރެކްޓަރު އެސްޓީއޯގެ ފިޝް ވީކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ވިދާޅުވެފައިވަނީ މިއަހަރަކީ ވެސް މަސްވެރިކަން ރަނގަޅު އަހަރެއް ނޫން ކަމަށެވެ. މަސްވެރިކަމަށް މިފަދަ ބަދަލުތައް އަންނަމުންދާއިރު ބޮޑު ދަރަންޏަކުން ނުކުމެވޭ ވަރުގެ ރޭވުމަކާއިގެން ހަމައެކަނި މަސްވެރިކަމުގެ މައްޗަށް ބަރޯސާވެގެން އެކުލަވާލާ ވިޔަފާރި ރޭވުމެއް ލަފަޔާ އެއްގޮތަށް ހިންގުމަކީ އުނދަގޫ ކަމެކެވެ. ކަން މިހެން އޮތް އިރު މިފްކޯ މިދާ މިސްރާބުން އެ ވިދާޅުވާ މުއްދަތުގައި މިފްކޯއަށް ފައިދާ ވެދާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.

ފައިދާ ހުރި ވިޔަފާރިއަކަށް މިފްކޯގެ ވިޔަފާރި ބަދުލުކުރުމަށް އޮތް ހަމައެކަނި މަގަކީ ދަޅު މަސް އުފެއްދުން އިތުރުކުރުމެއް ނޫނެވެ. ކުންފުންޏަށް މިހާރު ފައިދާ ދައްކާ މަސައްކަތްތައް ގުރުބާން ނުކޮށް ފައިދާ އިތުރުކުރެވިދާނެ ގޮތްތައް ހޯދުން މުހިންމެވެ. ބައެއް ކަހަލަ ސިނާއަތްތަކުގެ މަސައްކަތްތައް މާހައުލަށް އަންނަ ބަދަލުތަކާއެކު ހުއްޓާލަން މަޖުބޫރުވެ އެވެ. ނުވަތަ މިންގަނޑު ބަދަލުކުރެ އެވެ. މިސާލަކަށް އެމެރިކާގައި މިއަދު ދަޅު މަހެއް ނުއުފައްދަ އެވެ. ބައެއް ސިނާއަތްތަކަކީ ކުދިކުދި ބަދަލު ގެނެސްގެން އަލުން ދިރުވޭނެ ކަންކަމެއް ނޫނެވެ. ވަރަށް ބޮޑެތި ބަދަލު ގެނެސްގެން ދިރުވޭ ސިނާއަތުތައް ވެސް ހުރެ އެވެ. ސުވިޓްޒަލެންޑްގެ އަތުކުރީ ގަޑި އުފެއްދުމުގެ ސިނާއަތު 1980ގެ ކުރީކޮޅު އަޑިއަޅާލާފައި ވަނިކޮށް 80ގެ މެދުތެރޭ ހިސާބުގައި އަލުން ކޮޅަށް ޖެހީ މިދެންނެވިފަދަ ގޮތަކަށް ސިނާއަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.

އަޅުގަނޑުމެންގެ ފަޚުރުކަމުގައިވި ގައުމީ ޝިޕިން ކުންފުނި ގޮތަށް މަސްވެރިކަމުގެ ސިނާއަތުގެ އުފެއްދުންތައް އަޑިއަށް ދާތަން ބަލަން ތިބެވޭކަށް ނެތެވެ. މިއަދު މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި އޮތީ ހާލު ދެރަކޮށެވެ. އެހެންކަމުން މި ސިނާއަތުގެ މިސްރާބަށް އަނެއްކާވެސް ބަދަލުތަކެއް ގެނެސްގެން ނޫނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ކުރިމަގު އުޖާލާއެއް ނުކުރެވޭނެ އެވެ. މިއަދު ގައުމީ ޝިޕިން ކުންފުނި ވުޖޫދުގައި ނެތް ކަމުގައި ވިޔަސް ރާއްޖޭގައި ޝިޕިން ޚިދުމަތް އެބަލިބެ އެވެ.

މިމަޒުމޫނު ވަނީ 3 ނޮވެމްބަރ 2014ގައި ހަވީރު ނުހުގައި ޝާއިއު ކުރެވިފައެވެ.