ދާދިފަހުން އަޅުގަނޑުމެން ތެރެއަށް ނުކުތް ފޮތެއް " އެދުވަސް ގެނެވޭނެ" މިފޮތުގައި ނަފްސާނީ ބަލިތަކާއި ގުޅޭގޮތުން ވަރަށް ރަނގަޅު މައުލޫމާތު ހިމަނާފައި އެބަހުއްޓެވެ. މިފޮތް އަޅުގަނޑަށް ކިޔާލަން ފަސޭހަވެފައި ކަމުދިޔައީ، ފޮތުގައިި ހިމަނުއްވާފައިވާ މައުލޫމާތުތައް ލިޔުންތެރިޔާގެ އަމިއްލަ ތަޖްރިބާ ހިމަނުއްވާފައި ވާތީ އެވެ.
އަމިއްލަފުޅަށް މިފަދަ ބައްޔެއްގައި އުޅުއްވި ކަން އާންމު ކުރެއްވުމަކީ ވަރަށް އުނދަގޫ ކެމެކެވެ. އަޅުގަނޑުމެން މުޖުތަމައުގައި ވަރަށް މަދުން ނޫނީ ނުފެެންނަ ވެސް ކަމެކެވެ. ގިނަފަހަރު އަޅުގަނޑުމެނަށް ޖެހޭ، މިފަދަ ބަލިތަކުގެ ވާހަކަ ދެއްކުމަކީ އަބުއި ކަމެކެވެ. ނަމަވެސް މިހާރު މިފަދަ ވާހަކަތަށް މީސްމީޑިއާއިން ފެންނަމުން ދެއެވެ.
މިފޮތް ލިޔުއްވާފައިވަނީ މައްޝޫރު ނޫސްވެރިއެއް ކަމުގައިވާ އަޙްމަދު ސާއިލު ޢަލީއެވެ. އަޅުގަނޑަށް މިފޮތް ލިބުންމުން ކިޔާލުމުގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. ސަބަބަކީ އަޅުގަނޑަށް ޤަބޫލުކުރެވުނު ގޮތުގައި މި ފޮތުގައި އޮންނާނީ ޑޮކްޓަރެއް މިފަދަ ބައްޔަކަށް ފަރުވާ ކުރުމަށް އާންމު ކުރާނެ މައުލޫމާތުތަކެއް ކަމަށެވެ. ނަމަވެސް ފިހުރިސްތު ބަލާލުމުގެ ގޮތުން ފޮތް ހުޅުވާލުމުން އަޅުގަނޑަށް އަޅައިގަތީ އަޅުގަނޑާއި ނަފްސާނީ އުނދަގޫތަށް ނަމުގައި ލިޔެފައި އޮތް ބާބެވެ.
ދެންވެސް ހީކުރެވުނީ ސާއިލާއި ކޮންމެވެސް ގާތް ބޭފުޅެއް ތަހައްމަލު ކުރި ތަޖްރީބާއެއް ސާއިލު ދުށްގޮތަށް ލިޔެފައި އޮތް ކަމަށެވެ. ހީކުރިގޮތާއި ޚިލާފަށް ހިއްސާ ކުރައްވާފައި ވަނީ ސާއިލުގެ އަމިއްލަފުޅު ތަޖްރިބާއެވެ. އެހެންކަމުން މިހިސާބުން ފޮތްކިޔާލުމުގެ ޝައުގުވެރިކަން އުފެދިއްޖެއެވެ.
މިފޮތުން އަޅުގަނޑަށް ވަރަށް ގިނަ މައުލޫމާތު ލިބިއްޖެއެވެ. ފޮތުގައި ސާއިލުގެ ތަޖްރިބާ ހިއްސާ ކުރައްވާފައިވަނީ ވަރަށް ޝައުގުވެރިވާ ފަދަ ގޮތަކަށެވެ. ސާއިލުއަށް މިފަދަ އުނދަގޫތަށް ދިމާވާން ކުރިމަތިވި ސަބަބުތަކާއި ބޭސްވެރިކަމުގެ ގޮތުން މިފަދަ ބަލިތަށް ބާޔާންކޮށް ބަހާފައިވާ ގޮތާއި އަދި މިފަދަ ބަލިތަށް ޖެހޭ ސަބަބުތަށް ކިޔާދީފައި އެބަހުއްޓެވެ. ދެން މިފަދަ ބަލިތައް ޑޮކްޓަރުން ސިފަކުރާ ގޮތާއި އަދި ފަރުވާ ހޯދުމަށް ކުރެވިދާނެ ކަންތައްވެސް ކޮންމެވެސް ވަރަކަށް ހިމަނުއްވާފައި ވެއެވެ.
އަޅުގަނޑު ސާއިލު ދަންނަތާ ފަސްއަހަރު ވަރު ވެދާނެއެވެ. އަޅުގަނޑާއި ސާއިލު ދިމާވެ ރަހްމަތްތެރިކަން އުފެދުނީ ލިޔުންތެރިކަމާއި ނޫސްވެރިމުގެ ތެރެއިންނެވެ. ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވި އަދި ކޮފީން ވެސް ދިމާވެފައި ހުންނާނެއެވެ. އެހެން ނަމަވެސް ސާއިލުގެ ނަފްސާނީ އުނދަގުލެއް ހުރެދާނެ ކަމުގެ ހިލަމެއްވެސް ވެފައި ނެތެވެ. އެކަން އަޅުގަނޑުގެ ސަމާލުކަމަށް އައިސްފައި ނުވަނީ ނަފްސާނީ ބަލީގެ ކަންކަން ނޭގޭތީކަން މިފޮތް ކިޔާލުމުން އަޅުގަނޑުކަށް އެގިއްޖެއެވެ.
ކޮފީއަކުން ދިމާވާން ވެގެން ދާނި ކޮންތާކަށްތޯ އެއްފަހަރަކު ނަންގަތުމުން، ސާއިލު ޚިޔާރު ކުރެއްވީ ސާއިލުގެ ގެ ކައިރީ ހުރި ކެފޭ އެކެވެ. އަދި ކޮފީގައި ވާހަަކަ ދައްކަވަމުން ބުނުއްވީ މިހާރު ގޭން ބޭރަށް ވަރަށް ނުދުރުވާ ކަމަށެވެ. އަޅުގަނޑު ކީއްވެތޯ ސުވާލުކުރުމުން ބުނުއްވީ ހަމަ ދާހިތްނުވަނީ ކަމަށެވެ. އަޅުގަނޑު އިތުރަށް ސުވާލެއް ނުކުރަމެވެ. އެދުވަސް ކޮޅަކީ ސާއިލު ޑިޕްރެޝަންގެ އުނދަގުލުގައި އުޅުއްވި ދުވަސްކޮޅެއްކަން އަޅުގަނޑު ފޮތް ކިޔާލުމުން އެގުނެވެ.
އެހެން ފަހަރަކު އަޅުގަނޑުމެން ކެފޭއަކަށް ދިޔައީ ކަސްރަތު ކުރުމުގެ ވާހަކަ ދައްކާށެވެ. އެފަހަރު އަޅުގަނޑު ހުށަހެޅީ ދުވާ ގޫރޫޕަކާއި ސާއިލު ބައިވެރިވެލެއްވުމަށެވެ. އެފަހަރުވެސް މީހުނާއި އެކު ދުވަން އުނދަގޫ ކަމަށް ބުނއްވިއެވެ.
އަޅުގަނޑަށް ސާއިލުގެ ފޮތް ކިޔާލުމުން އެނގުނީ، ނަފްސާނީ އުނދަގޫވާ ބޭފުޅުންނަށް ބައެއްފަހަރު ގެއިން ބޭރަށް ނުކުތުމާއި އަދި އެހެން މީހުނާއި އެކު އުޅެން އުނދަގޫވާކަމެވެ.
ނަފްސާނީ ބަލިތަކާއި ބެހޭ ފޮތެއް ލިޔުއްވާ ވާހަކަ ވެސް އެއް ފަހަރަކު ދިމާވެގެން ބުނުއްވިއެވެ. އެފަހަރު ފޮތުގެ ވާހަކަ ދައްކާލެވުނެވެ. އެފަހަރުވެސް އެންމެ މުހިންމު ސުވާލު އަޅުގަނޑަކަށް ކުރާކަށް ނޭނގުނެވެ. އެފަދަ ފޮތެއް ލިޔަން ގަސްދު ކުރީ ކީއްވެތޯ އަހައެއް ނުލެވުނެވެ.
ސާއިލު ނަފްސާނީ ބަލީގައި އުޅުއްވަން ޖެހިލެއްވި އުނދަގޫ ހާލަތު މިފޮތުގައި ބަޔާން ކޮށްދެއްވާފައި ވެއެވެ. ސާއިިލު މިކުރެއްވީ ހާދަ ބޮޑު ޖިހާދެކޭ އަޅުގަނޑު ހިތަށް އަރައެވެ. މިފަދަ ހާލަތުގައި އުޅޭ އެހެން މީހުންނަށް ހާދަ އެހީތެރިކަމެއް ބޭނުންވާނެއޭ ހިތަށް އަރައި ވިސްނު ނެވެ. ބައެއް މީހުން އަމިއްލަ ނަފްސާއި މިކުރާ ހަނގުރާމަތަށް ދެނެގަތުމަކީ މިފަދަ ބަލިތައް ތަޙައްމަލު ކުން ނުޖެހޭ މީހުނަށް އުނދަގޫ ކަމެކެވެ.
ސާއިލުގެ ފޮތުން، ނަފްސާނީ ބައްޔަށް އަޅުގަނޑުމެންގެ މުޖްތަމައުއަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރާނެއެވެ. އަޅުގަނޑުމެން މިފަދަ ބަލިތަކަށް ދޭ ސަމާލުކަން އިތުރުވާނެ ކަން ކަށަވަރެވެ.
ސާއިލު އަކީ ދީނީ ކަންކަމަށް ވަރަށް ފަރުވާތެރިވާ ބޭފުޅެއް ކަމަވެސް ވާތީ، މިބަލިން އަރައި ގަތުމަށް ދީނީ އަގީދާގެ ބޭނުން ވަރަށް ވަރުގަދަ އަށް ސާއިލު ބޭނުން ކުރެއްވިކަން މިފޮތުން އެނގި ގެންދެއެވެ.
މިވީހާތަނަށް އަޅުގަނޑަށް ހީކުރެވުނީ " މިތުރުންގެ ހިތަށް ދަތިކުރި ކަޅު ކޮންމެ ރެޔެއްވެސް ފިޠުރަތުގެ އުސޫލުން މިނެނީ" މިއީ ސިޔާސީ ގޮތުން ބެނުން ކުރެވޭ ޅެމެއް ކަމަށެވެ. ސާއިލު ފޮތް ނިންމާ ލައްވާފައި ވަނީ މިޅެމުން ހިތްވަރު ލިބިގެން ކަމުގައި ބުނުއްވަމުންނެވެ. .