ނިމިދިޔަ ސަރުކާރަށް ކުރިމަތިވި އެންމެ ގޮންޖެހުމަކީ ސަރުކާރަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކެވެ. އެ ތުހުމަތުތަކުން ބަރިއްޔަވުމަށް ކުރެވުނު މަސައްކަތްތަކުން އިންތިޚާބަށް ކުރި ނޭދެވޭ އަސަރުތައް ވަރަށް ސާފުކޮށް އޮތީ ފެންނާށެވެ.
އަޅުގަނޑު ޕީއެސްއެމްއާއި ޙަވާލުވީ އިރު ކުންފުންޏަށް ވެސް އެފަދަ ތުހުމަތުގެ އިނގިލިތައް ހުރީ އަމާޒުވެފައެވެ. އަޅުގަނޑު ކުންފުންޏާއި ޙަވާލުވވީތާ 100 ދުވަހުގެ ތެރޭގައި ކޮރަޕްޝަންކަމަށް ލަފާ ކުރެވޭ 14 މައްސަލައަށް ވުރެ ގިނަ މައްސަލަ ތަޙްގީގުކޮށް ރިޕޯރޓްތަކާއިއެކު މި މައްސަލަތަށް އޭ.ސީ.ސީއަށް ފޮނުވީމެވެ.
މިއީ އެއްވެސް ފަރާތެއްގެ އެދުމަކަށް ނުވަތަ ކުރުމަށް އަންގައިގެން ކުރި މަސައްކަތެއް ނޫނެވެ. އޭރު އޮތީ 2018ކުރިން ވެސް އޭ.ސީ.ސީގައި އޮތް ބޯޑެވެ. މި މައްސަލަތަށް ތަހްގީގު ކޮށްދިނުމަށް އެ ބޯޑުގައި އެދެމުންގެންދިޔައީމެވެ. އަލަށް އޭ.ސީ.ސީގެ ބޯޑު އެކުލަވާލުމުން އަލުން އެމައްސަލަތަށް ބަލާދިނުމަށް
އެދުނީމެވެ. މައްސަލަތަށް ނުބެލި ލަސްވަމުން ދާތީ އިތުރު ލިޔެކިޔުންތަށް ބަދަލުކުރީމެވެ. މީގެއިތުރުން ޕީޖީގެ މަޝްވަރާ ވެސް މިކަމުގައި ހޯދީމެވެ. އަދި ޕީޖީ އޮފީހުގެ މެންޑޭޓްގެ ތެރެއިން މިކަމުގައި އޭސީސީއަށް ބާރުއަޅައިގެން ވެސް މައްސަލަތައް ކުރިޔަށް ގެންދެވޭތޯ ބެލީމެވެ.
އެއާއެކު ރައްޔިތުންގެ މަޖުލީހުގެ ކޮމިޓީއަކަށް މި ކުންފުނީގެ ބޯޑު ހާޟިރު ކުރި ދުވަހު މި މައްސަލަތަކުގެ ވާހަކަ ދެންނެވީމެވެ. މިކަމާއި ބޯޑުގެ މެންބަރުކު ސުވާލު ވެސް އުފައްދެވިއެވެ. އެބޭފުޅާއަށް އެކަން ނޭނގި ޝަކުވާގެ މޭރުމުން އަޑުއުފުއްލެވިއެވެ. އަޅުގަނޑު ހިތުން ހިނގާފައިވާ މިފަދަ އަމަލުތަށް ކަމާއި ބެހޭ މުއައްސަސާތަކަށް ހުށަހެޅުމަކީ މައްސަލައެއް ނޫނެވެ. އަދި މަޖްލިސް ގެ އެސް.އޯ.އީ ކޮމީޓީގެ އެދުމަށް ޕީ.އެސް.އެމްއިން ތަހްގީގުކޮށް އޭ.ސީ.ސީ، ޕީ.ޖީ އޮފީހަށް ހިއްސާ ކުރެވިފައިވާ މައްސަލަތަށް އެސް.އޯ.އީ ކޮމިޓީއާއި ހިއްޞާކުރެވުނެވެ.
މިހާހިސާބުންވެސް މައްސަލަތަށް ކުރިއަށް ނުދާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވުމުން ދެން އޮތްގޮތަކީ ކޮބައިތޯ ހޯދަން ޖެހުނެވެ. ކުންފުނީގެ އިންޓަރނަލް އޯޑިޓް ޑިޕާރޓްމަންޓުން މިމައްސަލަތަށް ބޯޑަށްފޮނުވައިގެން މައްސަލަތަށް ބަލާދިނުމަށް އިންޓާރނަލް އޯޑިޓް ޑިޕާރޓްމަންޓާއި ހަވާލުކުރެވުނެވެ.
އެމައްސަލަތަކުގެ ތަހުގީގުތަށް ވަރަށް ބާރަށް ގެންދެވުނެވެ. އަދި މައްސަލައަކަށް ފަހު މައްސަލައެއް ކުންފުނީގެ ބޯޑުގެ އޯޑިޓް ކޮމިޓީގައި ބަލަމުންގެންދެވުނެވެ. އަދި ބޯޑާއި ހަމައަށް އައިސް ފިޔަވަޅު އަޅަންޖެހޭ މުއައްޒަފުނަށް އަޅަންޖެހޭ ފިޔަވަޅާއި އެކު ބޯޑުން ފާސްކުރަމުން ގެންދެއެވެ. އަޅުގަނޑުގެ ވެސް ވޯޓާއިއެކުއެވެ.
އަޅުގަނޑަށް ފެނުނީ މުއައްޒަފަކަށް ފިޔަވަޅު އެޅުމުގެ ކުރިން އެމުއައްޒަފަކަށް ފިޔަވަޅުއަޅަނީ ކޮންކަމަކާކަން އެނގެން ޖެހޭކަމެވެ. އެހެން ކަމުން މައްސަލަ ރައްދުވާ މުއައްޒަފުންނާއި އިންޓަރނަލް އޯޑިޓުން ތައްޔާރުކުރި ރިޕޯރޓްތަށް ހިއްޞާކުރީމެވެ. ސަބަބަކީ އަޅުގަނޑަށް ތަޖުރިބާ ކުރެވިފައިވަނީ މުއައްޒަފުންނާއި ގުޅޭ މައްސަލައެއްގައި އެ ފަރާތުން ޖަވާބުދާރީވުމުގެ ފުރުޞަތު ނުދެވިއޮވެއްޖެނަމަ ކަމާއި ގުޅޭ މުއައްސަސާތަކުން އެމައްސަލަ ހުށައެޅޭ އިރު މައްސަލަ ފިޔަވަޅު އެޅިފަރާތާއި އިދިކޮޅަށް މައްސަލަ ނިޔާ އައުން އެއީ ގާތްކަމަކަށްވާތީއެވެ. އަދި ކޯޓުތަކާއި ޓްރައިބިއުނަލާއި މަޖުލިސްގައި ވެސް ކަންކުރަމުން އަންނަނީ މިގޮތަށް ކަމަށްވާތީއެވެ. ޒިންމާވާންޖެހޭ މުއައްޒަފުން ޖަވާބުދާރީކުރުވުމަށް އަޅުގަނޑު މައްސަލަ ފޮނުވީ ކުންފުނީގައި މިފަދަ މައްސަލަތަށް ބެލުމަށް އެކުލަވާލާފައިވާ ކޮމީޓީތަކަށެވެ.
މިހެން ކަންކުރުމުގެ ބޭނުމަކީ ބޯޑުން ނިންމާ ކަންކަން ތަންފީޒުކުރުމަށް މަގެއް ހޯދުމަކީ އަޅުގަނޑުގެ ޒިންމާގެ ތެރޭގައިވާ ކަމަކަށް ވާތީ އެވެ. އަދި އެކަން ކުރެވެން ނެތްނަމަ ވެސް އަޅުގަނޑަށް އަނބުރާ ބޯޑަށް ދިއުމަކީ ހުޅުވިފައި އޮންނަ ދޮރަކަށް ވާތީ އެވެ. މިއީ އޯޑިޓަރު ހިތްހަމަޖެހޭކަމަށް ނުވެއެވެ. އަދި ބޭނުންފުޅުވަނީ ބޯޑުނިންމިގޮތަށް ތަހްޤީޤް ރިޕޯރޓް ވެސް އާންމު ނުކޮށް ފިޔަވަޅުއަޅާށެވެ. މިހާރުވެސް ރިޕޯޓްތަކާއި ގުޅޭގޮތުން ކޮމީޓީތަކުން މުއައްޒަފުންގެ ބަސް ހޯދަމުން އެބަގެންދެއެވެ. އަދި މައްސަލަތަށް ނިންމަމުން އެބަގެންދެއެވެ.
މިހެން މި މަސައްކަތް ކުރިއަށް ދަނިކޮށް ކުންފުނީގެ މުއައްޒަފަކު އަޅުގަނޑަށް މި ޓްވީޓްގެ ސްކްރީން ޝޮޓް ފޮނުވައިފިއެވެ. އެހެންކަމުން އެ އަތްގަނޑުން ކޮށްފައި ހުރި ޓްވީޓްތައް އަޅުގަނޑު ބަލައިލީމެވެ. އަޅުގަނޑަށް ޔަޤީނާއި ގާތަށް އެނގުނީ އެއީ ޖޭޕީއަށް ތާއީދުކުރާ ފަރާތްތަކުން ބަލަހައްޓާއި އަތްގަނޑެއްކަމެވެ. އިތުރަށް ހޯދާލުމުން އެހެން ކަމެއް މާރަނގަޅަށް އެނގިއްޖެއެވެ. ކުންފުނީގެ ޒިންމާދާރު ވަޒީފާއެއްގައި ހުރި މުއައްޒަފަކު މި ސިޔާސީ މަސައްކަތުގައި ވަރަށް ހަރަކާތްތެރިކޮށް މަސައްކަތްކުރަމުން ދާކަން ސާބިތުވެއެވެ. ޕީއެސްއެމްގެ ސިޔާސަތު އޮންނަގޮތުން ޕާރޓީއެއްގެ މެންބަރުކަމުގެ އިތުރުން އެއްވެސް ސިޔާސީ މަސައްކަތެއް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ.
މިވަޤުތަށް މިވާހަކަ ބާއްވާލާނަމެވެ.
އަޅުގަނޑު މިއަދުވެސް މިހިރީ އަލަށް އެކުލަވާލެވޭ، އާދެ! މި މައްސަލަތަށް ހުށަހެޅޭ ތިންވަނަ (3) އޭސީސީގެ ބޯޑުން ޕީއެސްއެމްއިން ހުށަހަޅާފައިވާ މައްސަލަތަށް ތަހްގީގު ކުރައްވާނެކަމުގެ އިންތިޒާރުގައެވެ. މިކަމުގައި އަޅުގަނޑުގެ މަސްލަހަތެއް، ފޮރުވަންޖެހޭ ކަމެއް އޮންނަންޖެހޭ ސަބަބެއް އަޅުގަނޑަށް އަދި ނޭނގެއެވެ.
އަޅުގަނޑުގެ ހިތުގެ އަޑިން ޤަބޫލުކުރަނީ އެއް ކުށަކަށް ދެފަހަރު އަދަބު ނުދެވޭނެކަމެވެ. އަދި ފިޔަވަޅެއް އެޅުމުގެ ކުރިން އެފަރަތާކަށް ޖަވާބު ދާރީވުމުގެ ދޮރު އޮންނަންވާނީ ހުޅުވިފައެވެ.