ހަނދާވަނީ އަޅުގަނޑަށް މިވާހަކަތައް ކިޔާލެވުނީ މީގެ އަށެއްކަ ވަރަކަށް އަހަރު ކުރިންނެވެ. ކޮންތާކު އޮތް ލިޔުމެއް ކަމެއް މިހާރު ހަނދާނަކު ނެތެވެ. މިވާހަކަތައް ކިޔާލާފައި އާންމު ހަމައާ ދޭތެރޭ ވިސްނާލަން ޖެހުނެވެ.

އެހެން ކަމުން މިވާހަކަތައް ހިއްސާ ކޮށްލާނަމޭ ހިތުގައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ކޮންމެ ކަމަކަށް ވެސް މުނާސަބު ވަގުތެއް އަންނާނެ އެވެ.

ފުރަތަމަ ވާހަކަ

ކަލެއަކީ ރޭލު ދުއްވަން ހުރި ޑްރައިވަރެވެ. ކަލެއަށް ރޭލުގެ ވެރިފަރާތުން އަންގަނީ ރޭލުގެ ދުވެލި މަޑުނުކޮށް ދުއްވުމަށެވެ. ސަބަބަކީ ކޮންމެވެސް ފަރާތަކުން އިންޒާރުދީފައިވަނީ ރޭލުގެ ދުވެލި މަޑުޖައްސައިފި ނަމަ، ރޭލުގައި އޮތް ބޮމެއް ގޮވާނެކަމަށެވެ. ރޭލު އެބުނާ ސްޕީޑުގައި ދުއްވަމުން ދަނިކޮށް މިހާރު ކުރިމަތިވަނީ ދެކަފިވެފައިވާ މަގެކެވެ. އެއްމަގަކީ ރޭލު ޕާކު ކުރަންދާ ރާސްތާއެވެ. އެއީ ބެދިފައި އޮތްމަގެކެވެ. ރޭލުކުރިއަށް ދުއްވެން އޮތީ އަނެއްމަގު ޚިޔާރުކޮށްގެންނެވެ. ނަމަވެސް އެމަގުގައި މީހަކު ބަނދެފައި އެބައޮތެވެ.

މިހާރު ނިންމަންޖެހޭ ކަމަކީ، ރޭލުގައި އެވަގުތު ތިބި ފަސް މީހުންގެ ފުރާނަމަ ސަލާމަތްކުރާނީތޯ ނޫނީ ރޭލު ދަގަނޑުގައި ބަނދެފައި އޮތް މީހާ ޖާނު ސަލާމަތް ކުރާނީތޯ އެވެ. ރޭލުގައި އޮތް ބޮމުން ސަލާމަތްވުމަށް މަސައްކަތްކުރެވެން އޮތީ މިދިމާވާ މައްސަލައަށް ގޮތެއް ނިންމައިގެންނެވެ. ހަދާނީ ކިހިނެއްތޯއެވެ؟

ދެވަނަ ވާހަކަ

ފޭރޭބަޔަކު ފަސް މީހަކު ރަހީނުކޮށްގެން އުޅެނީ އެވެ. ރަހީނުންގެ ތެރޭ ހުރި އެންމެ އިސްމީހަކީ ކަލެއެވެ. އެހެން ކަމުން ފޭރޭމީހުން މުއާމަލާތް ކުރަނީ ކަލެއާއެވެ. އެމީހުން މިވަގުތު އެދެނީ ރަހީނުން ތެރޭން އެކަކު މަރާލުމަށްޓަކައި ހަވާލުކުރުމަށެވެ. އެހެން ނޫނީ ފަސް މީހުން މަރާލާނެކަމަށެވެ. ކަލެއަށް މިވަގުތު ނިންމަން ޖެހެނީ ހަވާލުކުރާނީ ކާކުތޯއެވެ. ގޮތެއް ނުނިންމައިފި ނަމަ ކަލޭއާއިއެކު ފަސް މީހުން މަރާލާނެކަމުގެ އިންޒާރުވަނީ ކޮށްފައެވެ. ހަދާނީ ކިހިނެއްތޯއެވެ؟

ތިންވަނަ ވާހަކަ

އެކްސިޑެންޓެއް ވެގެން ވަރަށް ބޮޑެތި އަނިޔާތަކާއެކު ފަސް މީހަކު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފި އެވެ. ކަލެއަކީ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ހުރި ސާޖަންއެވެ. އެކްސިޑެންޓް ވެގެން ގެނެވުނު މީހުން ވަރަށް ރަނގަޅަށް ބަލައިފީމު އެވެ. ކަލެއަށް ދެނެގަނެވުނީ މި އެންމެން ތިބީ ފުރާނަ ގެއްލިދާ ހާލަތުގައި ކަމަށެވެ. ނަމަވެސް މިތަނުން އެކަކުގެ ފުރާނަމަ ގުރުބާންކޮށް، އޭނާގެ ބައެއް ގުނަވަންތައް ބޭނުންކޮށްގެން އެހެން މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ލިބިދާނެ ކަމަށް ލަފާކުރެވުނެވެ. ނޫނީ އޮތީ ފަސް މީހުން އެކީ މަރުވާން ދޫކޮށްލުމެވެ. ހަދާނީ ކިހިނެެއްތޯއެވެ؟

މިދެންނެވުނު ތިން ހާލަތު ތަފާތު ނަމަވެސް އިޚްތިޔާރު ކުރަން ޖެހެނީ، ފަރުދީ ހައްގު ހިމާޔަތް ކުރާނީ ތޯ ނުވަތަ ގިނަބަޔަކަށް މަންފާވާ ގޮތަށް ކަން ނިންމާނީތޯ އެވެ.

ހަޔާތުގައި ވަރަށް މަދުބަޔަކަށް މަދު ފަހަރަކު ނޫނީ ފުރާނައާއި މެދު ގޮތެއް ނިންމަންޖެހޭ ހާލަތެއް މެދުވެރިއެއް ނުވެއެވެ. އެހެންނަމަވެސް، އާންމު ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އަޅުގަނޑުމެން ނިންމުންތަކެއް ނިންމަން ޖެހެއެވެ. އަޅުގަނޑުމެން ނިންމާ ކޮންމެ ކަމަކީ އަޅުގަނޑުމެންގެ މަސްލަހަތު އޮންނަ ކަންތައްތަކެއް ވެސް ނުމެނޫން މެއެވެ. އަދި ކޮންމެ ކަމަކަށް ފަރުދީ ހައްގުގެ ނަޒަރަކުން ނޫނީ ފަރުދީ މިނިވަން ކަމުގެ ނަޒަރުން ބަލައިގެން އެންމެނަށް އެންމެ ފައިދާ ހުރިގޮތަށް ކަންކަން ނުނިންމޭނެ ފަހަރުވެސް އާދެއެވެ.

އާންމު އުސޫލަކީ ފަރުދީ ޙައްޤު ހިމާޔަތް ކޮށްގެން ނޫނީ މުޖުތަމައުގެ އެންމެންގެ ޙައްޤުތަކެއް ރައްކާތެރި ނުކުރެވޭނެކަމަށެވެ. ޖުމުލަ ކޮށް އެންމެނަށް މަންފާވާ ގޮތަށް ކަމެއް ނިންމި ކަމުގައިވިޔަސް ފަރުދީ ހައްގު ހިމާޔަތްކުރުމަށް ގޮތެއް ނިންމިކަމުގައި ވިޔަސް ނިންމާ ނިންމުމަށް ފާޑު ނުކިޔާނެ ގޮތެއް ނުވާނެ އެވެ.

ހާލަތަކާއި ރިޔާއަށްކޮށް ގޮތެއް ނިންމާ ކޮންމެފަހަރަކު ފާޑުކިޔާކަށްވެސް ނުޖެހެއެވެ. ބައެއް ފަހަރު ފާޑުކިޔާ ފަރާތުން ފާޑުކިޔަނީ އަމިއްލަ މަސްލަހަތެއް އޮވެގެންނެވެ. އަޅުގަނޑުމެންވެސް ކަމަކާމެދު ފާޑުކިޔަންވާނީ ކަންނިންމާ ފަރާތުގެ ނަޒަރުން ދެކި ކަންނިންމާފައި ވަނީ ކޮންސަބަބެއް، ހުއްޖަތެއް މެދުވެރި ވެގެން ތޯ ވިސްނާފައެވެ.

ކޮންމެ ވާހަކައެއްގަވެސް ދެފަރާތެއް އޮންނާނެ އެވެ. އެކަމު ކޮންމެ ވާހަކައެއްގައި ވެސް އޮންނާނީ އެންމެ ހަގީގަތެކެވެ. އެންމެ ތެދެކެވެ.

މި ލިޔުންވާނީ ލިޔުންތެރިންގެ ގުޅުމުގައި ޝާއިއު ކުރެވިފައެވެ.