މި ހަފްތާގެ ހުކުރު ނަމާދު ކުރުމަށް އަޅުގަނޑު ދިޔައީ ހުޅުމާލެ ދެވަނަ ފޭސްގައި ހުންނަ 'މަސްޖިދުލް އަމީލް ޖަލީލް'އަށެވެ. މިއީ ދާދި ފަހުން ހުޅުވި މިސްކިތެކެވެ. މި މިސްކިތް ފަރުމާ ކުރެވިފައިވަނީ އާންމުކޮށް ރާއްޖެއިން ފެންނަން ހުންނަ މިސްކިތްތަކާއި ތަފާތުކޮށް ވަރަށް ޒަމާނީ ގޮތަކަށެވެ.
ފާހަގަކުރެވުނު ކަންތައްތައް
މިސްކިތު އެތެރޭގައި ތަނބެއް ނުހުރެއެވެ. އެހެންކަމުން ހަރިންމަ ތެރެފެންނަނީ ވަރަށް ތަނަވަސްކޮށެވެ. ތަނބު ހުންނަ މިސްކިތްތަކުގައި ނަމާދުގެ ސަފުހެދުމުގައި ބައެއް ބޭފުޅުންނަށް އަރާ އޮޅުން މި މިސްކިތުގައި އަރާނެ ހެނެއް ހިޔެއްނުވެއެވެ. މިސްކިތް ފަރުމާ ކުރެވިފައި ހުރީ ތިމާވެއްޓާ ރަހުމަތްތެރި ގޮތަށެވެ. އެހެނީ، ފަރުމާކޮށްފައި ވަނީ ހަކަތައިގެ ބޭނުން ހިފުން ކުޑަކުރުމަށް ޓަކައި އިރުގެ އަލި ވަންނަ ގޮތަށާއި ވައި ދައުރުވާ ގޮތަށް ވިސްނައިގެންނެވެ. އެހެންކަމުން، ކަރަންޓްގެ ޚަރަދު ކުޑަކުރެވޭނެކަމަށް ބެލެވެއެވެ.
އަންހެނުން ނަމާދު ކުރުމަށް މި މިސްކިތުގައި ވަކި ޚާއްޞަ ބައެއް ހުރެއެވެ. މިބައި ހުންނަނީ މައި މިސްކިތުގެ އެތެރެއަށް ނުވަދެ ވެސް އެރޭނެ ގޮތަށެވެ. މިސްކިތުގައި އަޅާފައި އޮތް ކާޕެޓް ރީތިވެފައި ލޮލަށް ބަލާލަން ފަސޭހައެވެ. މިސްކިތުގެ ބޭރުގައި ނަމާދު ކުރެވޭގޮތަށް މާބުލް ޖަހާފައި ހުރި ބައެއް ހުރެއެވެ. ހުކުރުނަމާދާއި ޢީދު ނަމާދާއި ރަމަޟާންމަހު މީހުން ގިނަވެ މިސްކިތް ފުރޭ ޙާލަތެއްގައި ވެސް މި ބައިގެ ބޭނުން ކުރެވޭނެއެވެ. މައިގަނޑު ގޮތެއްގައި މިސްކިތުގެ ވަރަށް ގިނަ ކަންތައްތައް ރަނގަޅުވެފައި ފުރިހަމައެވެ. މި މިސްކިތް ބިނާކުރެވިފައިވާ ގޮތާއި މެދު ވިސްނާލަން ނަމާދުން ނިމިގެން އިރުކޮޅަކު މަޑުކޮށްލީމެވެ. އެ ވަގުތު އަޅުގަނޑުގެ ނަޒަރު ހުއްޓުނީ މިސްކިތުގެ ނަމަށެވެ. މިސްކިތުގެ ނަން އެބޭފުޅަކަށް ނިސްބަތްކޮށްފައިވާ "އަމީލް ޖަލީލް"ޢާއި ގުޅިފައިވީ ހަނދާންތަކެއް އަޅުގަނޑު މާދުރަށް ގެންގޮސްފިއެވެ. އާދެ! 1980ގެ ފަހުކޮޅާއި 1990ގެ ކުރީކޮޅަށެވެ.
އަމީލު ޖަލީލްއާއި ބައްދަލުވީގޮތް
ސްކޫލު ނިމުމުން ވަޒީފާގެ ފުރުޞަތު އަޅުގަނޑަށް ލިބުނީ ފިޝަރީޒް ޕްރޮޖެކްޓްސް އިންޕްލިމެންޓޭޝަން ޑިޕާޓްމަންޓުންނެވެ. އެއީ މިހާރުގެ މިފްކޯއެވެ. ވަޒީފާގެ އިންޓަވިއުގައި އެ ފަރާތުން އަޅުގަނޑަށް ހުށަހެޅީ ރަށުބޭރުގެ ވަޒީފާއެކެވެ. ނަމަވެސް އަޅުގަނޑު ރަށުން ބޭރަށް ދާހިތެއްނެތެވެ. އެހެންކަމުން އެ ވަޒީފާ ބޭނުންނުވާކަމަށް ބުނީމެވެ. އޭގެ އަނެއް ދުވަހު އެ އޮފީހަށް އައުމަށް އެންގެވީމަ ދިޔުމުން އަޅުގަނޑާއި ވާހަކަ ދެއްކެވީ އަމީލު ޖަލީލެވެ. އަމީލަކީ އޭރު އެފް.ޕީ.އައި.ޑީގެ ސޭލްސް އެންޑް މާރކެޓިންނާއި ހަވާލުވެ ހުންނެވި ބޭފުޅާއެވެ. އެ ވަޒީފާ ޤަބޫލުކޮށް ރަށުން ބޭރަށް ދިޔުމަކީ އަޅުގަނޑަށް އެންމެ ރަނގަޅުގޮތްކަމުގައި ވިދާޅުވެ ނަސޭހަތް ދެއްވިއެވެ. މިގޮތަށް ދެ ދުވަހު ވާހަކަ ދެއްކެވީމައި އަޅުގަނޑު އެއްބަސް ވެއްޖައީމެވެ.
އަމީލު ޖަލީލް އަޅުގަނޑަށް ދެއްވި ނަސޭހަތް
އޯލެވެލް ނިންމުމަށް ފަހު އޭރު އަދި އިތުރަށް ކިޔެވުމުގެ ޝައުޤުވެރިކަމެއް އަޅުގަނޑުގެ ނެތެވެ. އެހެންކަމުން އެންމެ ރަނގަޅުވާނީ އަމަލީ މަސައްކަތެއްކުރުންކަމުގައި ވިދާޅުވެ އަޅުގަނޑަށް ވިސްނަވައި ދެއްވިއެވެ. ސަރުކާރު އޮފީހެއްގެ މޭޒުކައިރީ އިނުމަކީ އެންމެނަށް އެންމެ ރަނގަޅު ވަޒީފާ ނޫންކަމުގައި ވެސް ވިދާޅުވިއެވެ. އޭރު ވިދާޅުވި ވާހަކަތަކުގެ ތެރެއިން ތިން ނުކުތާއެއް މިއަދާ ހަމައަށް ވެސް އަޅުގަނޑުގެ ހަދާނުގައި ބިންވަޅުނެގިފައި އެބަހުއްޓެވެ. އަޅުގަނޑު ދެކޭ ގޮތުގައި ކަމެއް ކާމިޔާބު ކުރުމަށް ޓަކައި މިތިން ކަމުން ކޮންމެވެސް އެއްކަމެއް މުހިންމު ވާނެއެވެ.
- ގިނަޢަދަދަކަށްފައިސާ ހުރުން
- ނުފޫޒު ހުރުން
- ކަންކަން ކޮށްދޭނެ ރަޙުމަތްތެރީން ތިބުން
މިއިން ކަމެއް ނެތިއްޔާ މިކަންކަން ޙާޞިލު ކުރުމަށް މަސައްކަތްކުރަން ޖެހޭނެކަމަށާއި އޭރު އަޅުގަނޑުގެ އުމުރަކީ އެކަމަށް މަސައްކަތް ކުރަން ޖެހޭނެ އުމުރު ކަމުގައި ވިދާޅުވިއެވެ.
ރަށުން ބޭރުގައި އަދާކުރި ވަޒީފާ
އަޅުގަނޑު ރަށުން ބޭރުގައި އަދާ ކުރަން ޖެހުނު ވަޒީފާއަކީ އަމީލު ޖަލީލުގެ ޒިންމާއާ ސީދާ ގުޅުންހުރި މަސައްކަތެކެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް މުއާމަލާތު ކުރަންޖެހެއެވެ. އެހެންކަމުން އަޅުގަނޑު މާލެ އަންނަ ފަހަރުތަކުގައި ވާހަކަ ދައްކާލާނެ ފުރުޞަތު ލިބެއެވެ. އަޅުގަނޑު އޭރު ބޮޑެތި ބޭފުޅުންނާއި ވާހަކަ ދެއްކުމަށް ޖެހިލުން ވާތީ އެހާ ގިނައިން މުއާމަލާތުކުރާކަށް މަސައްކަތެއް ނުކުރަމެވެ.
މާލެއަށް ބަދަލުވުން
އަޅުގަނޑު ރަށުން ބޭރުގައި ހުރި ދުވަސްވަރު އެތަނުގައި މަސައްކަތްކުރި ގިނަ ބޭފުޅުން މާލެއަށް ވަޒީފާ ބަދަލު ވަމުންދާތީ އަޅުގަނޑުވެސް އެދިގެން މާލޭގެ ވަޒީފާއަކަށް ބަދަލުވެއްޖައީމެވެ. އަޅުގަނޑު މަސައްކަތްކުރަން ޖެހުނީ އިދާރީ ދާއިރާގައި ދަތުރު ފަތުރުގެ ކަންކަން ހަމަޖެއްސުމަށެވެ. މިހެންކަމުން އަމީލާއި ވަރަށް ގިނައިން ދިމާވެއެވެ. އަދި އަޅުގަނޑު އަދާކުރާ ވަޒިފާގެ އިތުރުން މެންދުރު ފަހު އަމީލް ޖަލީލުގެ ޑިޕާރޓްމަންޓްގައި މަސައްކަތްކުރުމަށް އެދިލެއްވިއެވެ. އަޅުގަނޑު ވަރަށް ކުރާ ހިތުން އެ މަސައްކަތްކުރީމެވެ. އަޅުގަނޑު ރަށުން ބޭރުގައި ކުރި މަސައްކަތަކީ މި ހަވާލުކުރެވުނު މަސައްކަތާއި ގުޅުންހުރި މަސައްކަތަކަށްވާތީ މި މަސައްކަތްތައް ވަރަށް ފަސޭހައިން ދެނެގަނެވިއްޖެއެވެ. މިދުވަސްވަރު އަމީލުއާއިއެކު އެއަރޕޯޓަށް ދަތުރުކުރަން ވެސް ޖެހުނެވެ. އަދި އެއަރޕޯޓުން އެ އަންނަ މީހުން ގޮވައިގެން ރިސޯޓްތަކަށް ދަތުރުކުރަމެވެ. މިހެން ކުރާ ދަތުރުތަކުގައި ކުރެވިފައިހުރި ބައެއް ކަހަލަ ތަޖުރިބާތަކާއި އެކި ކަހަލަ ކަންތައްތަކުގެ ވާހަކަ އަމީލު ދައްކަވާނެއެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނީ އަމީލަކީ ވަރަށް ދޫ ފަސޭހަ ވަރަށް ގިނަ ކަންކަމަށް ލޯހުޅުވިފައިވާ ބޭފުޅެއްކަމުގައެވެ.
އަމީލުގެ ހިންގުންތެރިކަން
އެޒަމާނަކީ މީހުން އޮފީހަށްދާއިރު ހެދުން އެޅުމަށް އެހާ ސަމާލުކަން ދޭ ދުވަސްވަރެއް ނޫނެވެ. އެހެންނަމަވެސް އަމީލު އޮފީހަށް ވަޑައިގަންނަވާނީ ވަރަށް ރީތިކޮށް ހެދުން އަޅުއްވައިގެނެވެ. އަމީލު އޮފީހަށް ވަޑައިގަންނަވާނީ ކުޑަކޮށް ލަސްކޮށެވެ. އެއީ ވަރަށް ދަންވަދެން އޮފީހުގައި މަސައްކަތް ކުރައްވާތީއެވެ. އެގޮތުން މަސައްކަތުގައި ގިނަ ވަގުތު އޮފީހުގައި ހޭދަކުރައްވައެވެ. ފަރިއްކުޅުވާ ގަޑިއެއް އަޅުގަނޑަކަށް ނޭގެއެވެ. ފަރިއްކުޅުވާ ބާވައޭ ވެސް އަޅުގަނޑު ހިތަށްއަރައެވެ. އަޅުގަނޑަށް ފާހަގަކުރެވޭ ކަމަކީ ގެއަށް ވަޑައިގަންނަވަނީ ދުވަހުގެ ހުރިހާ މުއާމަލަތެއް ނިންމަވާފައިކަމެވެ.
އަމީލަކީ ކުޅިވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެގޮތުން ކްލަބް ވެލެންސިއާ ހިންގުމުގައި އުޅުއްވިއެވެ. އަދި ކްލަބްގެ ފުޓްބޯޅަ ޓީމްގެ މެނޭޖަރުކަންވެސް ކުރެއްވިއެވެ. އެދުވަސްވަރަކީ އަޅުގަނޑުމެން ވެސް ފޯރިޔާއެކު ފުޓްބޯޅަ ކުޅޭތަން ބަލަން ދިޔަ ދުވަސްވަރުކަމަށްވެފައި ސަޕޯޓްކުރާ ކްލަބަކީ ވެލެންސިއާކަމަށްވާތީ މިތަންތަން ވަރަށް ގާތުންހުރީ ފެނިފައެވެ. މިހާރު ސިޔާސީ ވާހަކަ ދައްކާ ފަދައިން އެ ދުވަސްވަރު މަސައްކަތު މާހައުލުގައި އޮންނާނީ މުޅިންވެސް ކުޅިވަރުގެ ވާހަކައެވެ. ވެލެންސިއާއަށް ފުޓްބޯޅަ ތަށްޓެއް ނުލިބި އުޅެނިކޮށް ކްލަބް ލެގޫންސަށް ތަށި ލިބުމުން އަމީލު ވިދާޅުވި އަޑު އެހީމެވެ. "ވެލެންސިއާ ތިބެން ޖެހޭ ހިސާބަކީ އެއީއެވެ. މާ ފަހުން އުފެއްދި ކްލަބެއް ތަށި އެގެންދިޔައީއެވެ". އެހެންނަމަވެސް ނަމަވެސް ޖެހިގެން އައި އަހަރު ވެލެންސިއާއަށް ތަށްޓެއް ހޯދިއެވެ.
އަމިއްލަ ވިޔަފާރީގައި މަސައްކަތް ފެއްޓެވުން
އެއްދުވަހަކު އަޅުގަނޑުގެ ވެރިއަކު އަމީލުއަށް އެއްޗެއް ރައްދުކުރުމަށްފޮތެއް ހަވާލުކުރެއްވިއެވެ. އަޅުގަނޑު އެ ފޮތް ރައްދުކުރުމަށް ފަސޭހަފުޅު ގަޑިއެއް ހޯދުމަށް ގުޅާލުމުން ވިދާޅުވީ ރޭގަނޑު އައުމަށެވެ. އަޅުގަނޑު ބައިސްކަލުގައި ހ.މެރީ ރޯސްއަށް ހިނގައްޖައީމެވެ. ބޭރު ދޮރާއި ގޭގެ މައިދޮރާ ދެމެދު ހުސްތަންކޮޅެއް އޮވެއެވެ. އެގެޔަށް އަޅުގަނޑު ދިޔުމުން ރޭގަނޑު ކެއުމަށް ދައުވަތުދެއްވިއެވެ. ކެއުމުގެ ތެރޭގައި ދެއްކެވި ވާހަކަފުޅުތަކުގެ ތެރޭގައި، އެއަރޕޯޓްގައި މުދާ ކްލިއަރ ކުރާނެ ކުއްޖަކު ބޭނުންފުޅުވާ ވާހަކަ ވިދާޅުވިއެވެ. އަދި އަޅުގަނޑުގެ ދަންނަ ކުއްޖަކު ހުރިތޯ އެއްސެވިއެވެ. އޭގެ ދެ ދުވަހެއް ފަހުން އަޅުގަޑުގެ ރައްޓެއްސަކު ހުރި ވާހަކަ ދެންނެވުމުން، އެނާ ގޮވައިގެ އައުމަށް ވިދާޅުވިއެވެ. އޭނައަށް އަމީލު ކުންފުނިން ވަޒީފާ ހަމަޖައްސަވައިދެއްވިކަން ފަހުން އަޅުގަނޑަށް އެގުނެވެ.
އެންމެ ފަހު ބައްދަލުވުން
އަޅުގަނޑު އަމީލުގެ މޫނު ދެކެން ދިޔައީމެވެ. މޫނު ދެއްކުން އޮތީ ހ.މެރީ ރޯސްގައެވެ. މޫނު ބެލުމަށް ވަރަށް ދިގު ކިޔުއެއްއޮތެވެ.
އިންސްޕިރޭޝަން
އަޅުގަނޑު އަމީލުއާއި ދިމާވި މަދު ފަހަރުތަކުން އަޅުގަނޑުގެ ވިސްނުމަށް އަސަރެއް ނުފޫޒެއް އައިސްފައިވާ ކަމެއް އަޅުގަނޑުގެ ޚިޔާލަކަށް ނާދެއެވެ. އެހެންނަމަވެސް އަމީލު ނިޔާވިތާ ގާތްގަޑަކަށް 8 އަހަރު ފަހުން އަޅުގަނޑު މިފްކޯގެ ސޭލްސް އެންޑް މާރކެޓިން ހިންގުމުގެ ޒިންމާއާ ހަވާލުވީމެވެ.
ދާދި ފަހަކާ ޖެހެންދެން އަމީލުގެ އެއަރޕޯރޓް ފާހެއް އަޅުގަނޑު އަތުގައި އޮތެވެ. އެ ރައްކާކުރަން އެންމެ އެކަށޭނެ ފަރާތަކާއި ޙަވާލުކުރުމަށް އަމީލުގެ ޅިޔަނު އައްބާސްއާއި އަޅުގަނޑު ޙަވާލުކުރީމެވެ.
އާއިލާއިން އަމީލްގެ ހަދާނުގައި މިސްކިތެއް ބިނާކުރުމުން ހާމަކޮށްދެނީ އާއިލާއެއް އޮތުމުގެ ބޭނުމާއި އާއިލާގެ ލޯބާއި ގަދަރު އަމީލު ވަރަށް ރަނގަޅަށް ހާސިލް ކުރައްވާފައިވާ ކަމެވެ. އަމީލް ޖަލީލްގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށް އެދި މާތް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން! އާމީން!