2022ވަނަ އަހަރުގެ ހެޔޮއެދުންތައް ވަރަށް އިޚްލާސްތެރިކަމާ އެކު ހުރިހައި މުވައްޒަފުންނަށް ފޮނުވަމެވެ. އަޅުގަނޑު އުއްމީދުކުރަނީ 2021ވަނަ އަހަރަކީ މަސައްކަތާއި ދިރިއުޅުމުގެ މާހައުލުގައި ހުރިހައި ބޭފުޅުންނަށް ވެސް ކާމިޔާބުވި އަހަރެއްގެ ގޮތުގައެވެ.

މިހާރު އަޅުގަނޑުމެނާ 2022ވަނަ އަހަރު ކުރިމަތިލީއެވެ. މި ފެށުނުގެ އައު އަހަރުގެ އައު އުންމީދުތަކަށް އަމާޒު ހިފަން ފެށުމުގެ ކުރިން ނިމިދޔަ 2021ވަނަ އަހަރު ހާސިލުވި ކަންކަމަކީ ކޮބައިތޯ ބަލައިލުން މުހިންމު ކަމުގައި ދެކެމެވެ. ކުންފުނީގެ އިސްތިރާތީޖީ ތަދުބީރާއި (ސްޓްރެޖިކް ޕްލޭނާއި) ވުނަދާނަ ތަދުބީރު (ބިޒްނަސް ޕްލޭން) އެކުލަވައިލެވި އޭގެ މައްޗަށް ބިނާކޮށް މަސައްކަތްތައް ފަށްޓައި ގިނަކަންކަން ކުރެވެމުން އަންނަ ކަން އުފަލާ އެކު ފާހަގަކުރަމެވެ.

. ކުންފުނީގެ އިދާރީ އޮނިގަނޑު ވެސް ވަނީ ފާސްކުރެވިފައެވެ. އިރާދަކުރެއްވިއްޔާ 2022ވަނަ އަހަރު އެ އޮނިގަނޑު ތަންފީޒު ކުރެވޭނެއެވެ. ބަދަލަކީ އަބަދުވެސް އަންނަމުން ދާ އެއްޗެކެވެ. މިއީ ދުނިޔޭގެ އާދައެވެ.

އަޅުގަނޑުމެން އަދިވެސް މި ތިބީ ކޮވިޑް19 އާލަމީ ވަބާގެ ނުރައްކާތެރި ހާލަތުގައެވެ. އެހެންނަމަވެސް ދައުލަތުން އަޅުގަނޑުމެނާ މަތިކުރައްވައިފައިވާ ވާޖިބުތަކާއި ޒިންމާތައް އަދާކުރަމުން މި އަންނަނީ ތިޔަ ލޮބުވެތި ހުރިހައި މުވައްޒަފުންގެ ހިތްވަރާއި މިންނަތުންނެވެ. ތިޔަ ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި އެކީގައި ކަން އަޅުގަނޑު ފަޚުރުވެރިކަމާ އެކު ހަނދާންކުރަމެވެ. އެ ކަންކަން ފާހަގަ މި ކުރަނީ ޝުކުރުވެރި ހިތަކުންނެވެ.

މިއަދު އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ ވަރަށް ގިނަ ގޮންޖެހުންތަކާ އެކުގައެވެ. ބޮޑެތި ތުރާތަކާއި ހުރަސްތަކާ އެކުގައި ވެސް މެއެވެ. މާލީ ގޮތުންނާއި ހިންގުމުގެ ގޮތުން ތަސައްވަރު ނުކުރެވޭ ވަރުގެ ގޮންޖެހުންތަކަކާ އެކުގައެވެ. ހަމަ ކޮންމެ ދުވަހަކު އަޅުގަނޑެކޭ އެއްފަދައިން ތިޔަ ބޭފުޅުން ވެސް މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާނެކަން ޔަޤީނެވެ.

ވީމާ އަޅުގަނޑުމެން ހަމަ ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަންވީ މި ކަންކަމާ ކުރިމަތިލަމުން ހައްލުހޯދާށެވެ. އެއްބައެއްގެ ގޮތުގައި، އެކުލުންތެރިކަމާ އެކު މަސައްކަތް ކުރުމުގެ ރޫޙެއްގައެވެ. ކޮންމެ ޙާލެއްގައި ވީ ކަމުގައި ވިޔަސް އަޅުގަނޑުމެން މުހިއްމު ކަންތައްތައް ހަނދާނުން ނައްތައިލައިގެން ނުވާނެއެވެ.

• އަޅުގަނޑުމެންނަކީ މާލީ ގޮތުން ދެ ކޮޅުޖެހޭ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ޓަކައި މަސައްކަތް ކުރަންޖެހެއެވެ.

• އަޅުގަނޑުމެންގެ އޯޑިއަންސް ހިފެހެއްޓުމަށް ޓަކައި އަޅުގަނޑުމެންގެ އެހުންތެރިންނާއި ބެލުންތެރިންނާއި ކިޔުންތެރިން ޝައުޤުވެރިވާ ފަދަ ޕްރޮގްރާމުތައް އުފައްދަމުން ގެންދަންޖެހެއެވެ.

• އަޅުގަނޑުމެންގެ ސްޕޮންސަރުންގެ ބޭނުންތައް ދަނެގަނެ، އެފަރާތްތައް އަޅުގަނޑުމެނާ އެކު މަސައްކަތްކުރެވޭނެ ގޮތްތައް އިތުރަށް ހަރުދަނާ ކުރަންޖެހެއެވެ.

2022ވަނަ އަހަރަކީ އަޅުގަނޑުމެން ވިސްނުންތެރިކަމާއި ހަލުވިކަމާއެކު މަސައްކަތް ރާވާ ޓީމެއްގެ ގޮތަށް މަސައްކަތް އިތުރަށް ވަރުގަދަ ކުރަން ޖެހޭނެ އަހަރެކެވެ. ކުރިޔަށް އޮތް އަހަރުގައި އިތުރަށް މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކުރުމަށް ޓަކައި މަސައްކަތުބައްދަލުވުންތަކާއި ތަމްރީނުތަކާއި ޢިލްމީ ފޯރަމްތަކާއި މަޝްވަރާ ބައްދަލުވުންތައް ގިނަ ކުރާން އަޅުގަނޑު ވިސްނަމުން އެބަ ގެންދަމެވެ. މި ކަންކަމަކީ ހުރިހައި މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާނެ ކަންކަމެވެ.

ވޭތުވެދިޔަ އަހަރުތަކަކީ އެކި ގޮތްގޮތުން އެކިކަހަލަ ކަންކަން ކުރިމަތިވި ދުވަސްތަކެކެވެ. އަޅުގަނޑު ހުރިހައި ބޭފުޅުންނަށް ވެސް މިފަދަ ކަންކަމުގައި ދެއްވި އެއްބާރުލެއްވުމާއި ކުންފުނީގެ މަސައްކަތްތަކާ މެދު ބެހެއްޓެވި ޝައުޤުވެރިކަން ފާހަގަ ކުރަމެވެ. އެ ކަމަށް ޓަކައި ހުރިހާ ބޭފުންނަށް ވެސް ޝުކުރުދަންނަވަމެވެ.

މި ފެށުނު އައު އަހަރު އާދެ! 2022ވަނަ އަހަރު އަޅުގަނޑުމެން ހީނުކުރާ ފަދަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް ހުރިހައި މުއައްޒަފުން އެއް ރޫހެއްގައި މަސައްކަތް ކޮށްދީފި ނަމަ، ކުންފުނީގެ މުހިއްމު ކަންތައްތަކަށް ސަމާލުކަން ދީފިނަމަ، ސްޕޮންސަރުންނަކީ އެންމެ މުހިއްމު މާއްދާ ކަމަށް ދެކޭ ނަމަ ލަނޑުދަނޑިތައް ވަރަށް ފަސޭހައިން ކާމިޔާބުވެދާނެއެވެ.

މިއީ އަޅުގަނޑަށް އެންމެ މުހިންމުވާ ކަންތައްތަކެވެ. މި ކަންކަން ހާސިލް ކުޅައުމަށް ޓަކައި އަޅުގަނޑު އެންމެ ބޮޑަށް ބަރޯސާ ވަނީ ތިޔަ ހުރިހައި މުވައްޒަފުންނަށެވެ. އަޅުގަނޑުގެ އުންމީދުތައް ގުޅޭ އިމަކީ ތިޔަ ބޭފުޅުން ކުންފުންޏަށް ޓަކައި އެއް ރޫޙެއްގައި ކުރައްވާނެ އިޚްލާޞްތެރި މަސައްކަތްތަކާއެވެ. 2022ވަނަ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ އަޅުގަނޑު ތިޔަ އެންމެހާ ބޭފުޅުންނަށް މި އަރިސް ކުރަނީ މި އުންމީދުތަކާ އެކުއެވެ. އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ. މި ފެށުނު އައު އަހަރަކީ މުވައްޒަފުންނަށް ފާގަތި އަހަރެއް ކަމުގައި ލައްވާށިއެވެ. ކާމިޔާބާއި ހެޔޮ ނަސީބުގައި ތިޔަ އެންމެހައި މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތައް ލަހައްޓަވާށިއެވެ.