ނޮވެމްބަރ 1988 ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވެނީ ރާއްޖޭގެ މިނިވަންކަން ގުޑައިގެން ދާވަރުގެ ކަންތައްތަކެއް ހިނގައި ދިޔަ ދުވަހެއްގެ ގޮތުގައެވެ. ދިވެހި ބަޔަކު ބޭރުގެ ކުލީ ސިފައިންނާއި ގުޅިގެން ރާއްޖޭގެ މިނިވަންކަން ނިގުޅައިގަތުމަށް ދިން ނުރައްކާތެރި ބޮޑު ޙަމަލާ ރާއްޖޭގެ ދިފާއީ ބާރުން ހިފަހައްޓާލި ދުވަހެއްގެ ގޮތުގައެވެ. އެހެނީ، އެ ދުވަހަކީ އެތައް ދިވެހި ދަރީންނެއް ޤައުމަށް ޓަކައި ލެއިން ގުރުބާންވި ދުވަހެކެވެ. އެ ޙާދިސާ ހިނގި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އެ ދުވަސް ފާހަގަކުރެވެމުން މި އަންނަނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ. އެ ޙާދިސާއަކީ މިއަދުގެ ޖީލަށް ކޮންމެހެން އެނގެންޖެހޭ ޙާދިސާއެކެވެ. އެހެންކަމުން މިއަދާއި ހަމައަށް ވެސް މި ދުވަސް ފާހަގަކުރުމުގައި ދައުލަތުގެ މީޑިއާއިން ވަރަށް އިސްދައުރެއް އަދާކުރަމުން އާދެއެވެ.

ޕަބްލިކް ސާރވިސް މީޑިއާގެ ރޭޑިއޯ އަދި ޓީވީ ޗެނަލްތަކުން ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތައް ފާހަގަ ކުރަމުން އަންނަނީ އެކި ފެންވަރުގައެވެ. މުޅިދުވަސް ފާހަގަކުރާ ދުވަސްތަކަށް ދުރާލައި ތައްޔާރުވާންޖެހެއެވެ. އެއީ ވީހާ ވެސް ބޮޑަށް އާންމު ޕްރޮގްރާމްތަކަށް ބުރުނާރާ ކުރިއަށް ގެންދެވޭނީ އެގޮތުގެ މަތިންކަމަށްވާތީއެވެ. ދައުލަތުގެ މީޑިއާ ކުންފުންޏަކަށް ބަދަލުވުމާއިއެކު ކުރަމުން އަންނަ ކަންތައްތައް ލިޔެކިޔުމަށް ބަދަލުކުރެވި ބައެއް ކަންތައްތައް ސިޔާސަތަށް ބަދަލުކުރެވުނެވެ. މިފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ސިޔާސަތު އެކުލަވާލުމުގެ މައިގަނޑު ވިސްނުމަކީ ދެ ވަސީލަތުން (ރޭޑިއޯ/ޓީވީ) ވެސް އެއްފެންވަރެއްގައި އެއްވިސްނުމެއްގައި ދުވަސްތައް ފާހަގަކުރުމަކީ ހަމަޖެހޭގޮތެއްކަމުގައި ޤަބޫލުކުރެވިގެންނެވެ.

މިގޮތުން ދުވަސްތައް ފާހަގަކުރުމުގެ ސިޔާސަތު ވަނީ 2013ވަނަ އަހަރު އެކުލަވާލެވިފައެވެ. އަދި އޭގެ ފަހުން 2016ވަނަ އަހަރު މި ސިޔާސަތުވަނީ އަލުން މުރާޖަޢާ ކުރެވިފައެވެ. މި ސިޔާސަތުގެ ދަށުން ފާހަގަކުރުމަށް 87ދުވަހެއްވަނީ ކަނޑައެޅިފައެވެ. އެހެންކަމުން މި ސިޔާސަތުގައި Aގްރޭޑްގެ ގޮތުގައި 10 ދުވަހެއް ފާހަގަކުރެވިފައިވެއެވެ. އޭގެ މާނައަކީ އެވްރެޖްކޮށް ކޮންމެ ދޮޅު މަހަށްވުރެ އަވަހަށް މުޅިދުވަސް ފާހަގަކުރާ ދުވަހެއް އަންނާނެކަމެވެ. އެގޮތުން Bކެޓެގަރީގެ ގޮތުގައި ފާހަގަ ކުރާ 15 ދުވަހެއް އޮވެއެވެ. އަދި Cކެޓަގަރީ ގޮތުގައި ފާހަގަކުރާ 44 ހަތަރުދުވަހަކާއި ވަކި ގިންތިއަކަށް ނުފެތި ފާހަގަކުރާ 21 ދުވަހެއް އޮވެއެވެ. ނޮވެމްބަރ3(ނަޞްރުގެ ދުވަސް)އަކީ Bކެޓަގަރީގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭ ދުވަހެއްކަމުން އެ ދުވަހު އޮންއެއަރގެ ގޮތުގައި ޕީ.އެސް.އެމްއިން ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ލައިވް ޕްރޮގްރާމްތަކުގައި އެ ވާހަކަ ދެއްކުމާއި ސްޕޮޓްތައް ދެއްކުމާއި އަދި އިތުރަށް ދުވަހާއި ގުޅޭ ޕްރޮގްރާމެއް ތައްޔާރުކުރުމެވެ.

2013ވަނަ އަހަރުން ފެށިގެން މިގޮތަށް މި ދުވަސް ފާހަގަކުރަމުން އަންނަގޮތަށް އެއްވެސް ބަދަލެއް ނުގެނެސް Bކެޓަގަރީގެ ދުވަސްތައް ފާހަގަކުރުމަށް އޮންނަ އުޞޫލުގެ މަތީންނެވެ. އެހެންނަމަވެސް މިއަހަރުގެ ނޮވެމްބަރ3 ފާހަގަ ނުކުރާކަމަށް އޮންލައިން މީޑިއާތަކުން ޚަބަރު ފެތުރީ ޕީއެސްއެމްގެ ޕޭޖުގައި ޝާއިއު ކުރެވުނު ޝެޑިއުލްގައި، އެދުވަހު ޚާއްޞަ ޕްރޮގްރާމެއް އޮންނަކަން ފާހަގަކުރެވިފައި ނެތުމުންނެވެ. ދުވަހުގެ ޝެޑިއުލްއަކީ ޕީއެސްއެމްއިން އޮންލައިންކޮށް ކުރީ ދުވަސްވަރުގައ ޢާންމުކުރާ މައުލޫމާތެއްނޫނެވެ. އިހުގައި އާންމުކޮށް ޝެޑިއުލް ފެންނާނީ ބަލަމުންދާ ސްކްރީނުންނެވެ.

އަޅުގަނޑު ދެކޭގޮތުގައި އެ ދުވަހު އުފެދުނު މައިގަނޑު މައްސަލައަކީ ދުވަހާއި ގުޅޭ ޕްރޮގްރާމްތައް ޓީވީގެ ޝެޑިއުލްގައި ފެންނަން ނެތުމެވެ. އެހެންނަމަވެސް އެ ދުވަހުގެ ސިޔާސަތާއި އެއްގޮތަށް ޕްރޮގްރާމްތައް ޝެޑިއުލްކުރެވިފައި އޮތެވެ. އަދި ސްޕޮޓްތައް ވެސް އެ ދުވަހު ބްރޯޑްކާސްޓްކުރަމުންދިޔައެވެ. ޕީ.އެސް.އެމްގެ ރޭޑިއޯއާއި ޓީވީ ޗެނަލްތަކުން ދުވަހާއި ގުޅޭގޮތުން 10ގަޑިއިރަށް ވުރެން ގިނަ ކޮންޓެންޓްވަނީ ގެނެސްދީފައެވެ. އެހެންކަމުން ނަޞްރުގެ ދުވަސް ފާހަގަކުރުމަށް އެކަށީގެންވާ ވަރަށް ކުންފުނިން މަސައްކަތް ކުރެވިފައިވާކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އެހެންނަމަވެސް ޝާއިއު ކުރެވުނު ޝެޑިއުލްގައި ދުވަހާ ގުޅޭ ޓީވީ ޕްރޮގްރާމެއް ނެތްކަން މީޑިއާގެ ސަމާލުކަމަށް އައިސް އެކަމުގެ ސުވާލު އުފެދި އަޅުގަނޑަށް އެކަމުގެ ޖަވާބުދާރީވާން ޖެހުމުން، އެފަދަ ދުވަސްތައް ފާހަގަކުރުމުގެ ސިޔާސަތުގެ މައުލޫމާތު ހިއްސާކުރީމެވެ. އެންމެ ބޮޑަށް މީޑިއާގެ ސަމާލުކަމަށް އައީ ދުވަސް ގިންތިކުރެވިފައި ވާ ގޮތެވެ. މި އަހަރުގެ ނޮވެމްބަރ3ވަނަ ދުވަހު ނޫސްތަކުގެ ހެޑްލައިން ބިނާވެގެން އައީ "ނަސްރުގެ ދުވަސް ކީއްވެތޯ B ކެޓަގަރީގެ ދުވަހެއް" ގޮތަށް ފާހަގަކުރެވި އެގޮތަށް ކެޓަގަރައިޒް ކުރެވިފައި މިއޮތީ؟ މިގޮތަށް ހެޑްލައިންތަކާއި ޚަބަރުތަކުގައި ހުރި ކޮމެންޓްތަކުން މިކަމުގައި މީޑިއާގެ ހިތްހަމަނުޖެހުމާއި ޢާއްމުންގެ ނުތަނަވަސްކަން އަޅުގަނޑަށް އިހްސާސްކުރެވުނެވެ.

ޕީ.އެސް.އެމް ދެމިއޮންނަނީ ރައްޔިތުންނަށް ކަންކަން އަންގައި ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ކަމުގައިވާ އިރު، މި ސިޔާސަތު އަލުން މުރާޖަޢާކުރުމަކީ ކުރެވިދާނެކަމެކެވެ. އެހެންކަމުން ކުންފުނީގެ ސިޔާސަތުތައް ކަނޑައަޅާނީ ކުންފުނީގެ ބޯޑުންކަމަށްވާތީ މިކަމުގައި ބޯޑާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދެވޭތޯ މަސައްކަތްކުރެވިދާނެއެވެ. މިފަދަ ކަންތައްތަކާއި މެދު މަޝްވަރާކޮށް ގޮތް ނިންމުމަކީ ބޯޑުގެ ކޮންމެ މެންބަރަކަށް ވެސް ލިބިފައި އޮންނަ ޙައްޤެކެވެ.

ވޭތުވެ ދިޔަ 2 އަހަރު މައްސަލައަކަށްނުވެފައި މިއަހަރު މައްސަލައަކަށްވީގޮތެއް އަޅުނގަޑު ދެނެގަންނަންޖެހެއެވެ. އަދި ދުވަހާއި ގުޅޭގޮތުން އާޕްރޮގްރާމް ނުހެދުން އަޅުގަޑަށް މައްސަލައަކަށްނުވީ ދުވަހާއި ގޫޅެގޮތުން އެކަށީގެންވާ ވަރުގެ ކޮންޓެންޓް ލައިބްރަރީގައި ހުރީތީވެއެވެ. އަދި އެ ކޮންޓެންޓް ބޭނުންކުރުމަށް ޝެޑިއުލްކުރެވިފައި އޮތީމައެވެ.

މިއަހަރު ނޮވެމްބަރ 3، ކަންތަށް ދިޔަގޮތުން ކުރިއަށް އޮތްތަނުގައި ސަމާލުވާންޖެހޭކައްތައްތަކަށް އަޅުގަޑު އިތުރަށް ފަރުވާ ބަހައްޓާނަމެވެ.

ބިނާކުރުވަނީ ހިޔާލު ދެއްވި ހުރިހާ ބޭފުޅުންނާއި އިހްލާސްތެރިކަމާއެކު ކަންބޮޑުވުން ފާޅުކުރެއްވި ހުރިހާ ބޭޅުންނަށް އަޅުގަނޑު ޝުކުރުދަންނަވަމެވެ.