އަޅުގަނޑަށް ފެންނަ ގޮތުން ކުންފުނީގެ މަަސައްކަތްތަށް ހަރުކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ މުއައްޒަފުންގެ ވިސްނުން އެއް އަމާޒަކަށް މީޒާން ކުރަން ޖެހެއެވެ. މިކަން ކުރެވޭނީ ދިމާވާ ގޮންޖެހުންތަށް ހުރިހާ މުއައްޒަފުންނަށްވެސް ދެނެގަނެވިގެންނެެވެ. ހަމަ އެއާއެކު އެކުގައި މަސައްކަތް ކުރާނެ މާހައުލެއް އުފައްދައިގެންނެެވެ. މިކަން ކުރުމަށް އެންމެ އެއްތަންކޮށް އެކުގައި މަސަައްކަތްކުރާނެ އެންމެން ދަންނަ ގިއުގަޑެއް އޮންނަންޖެހެއެވެ. އެގިއުގަޑުގައި މަސައްކަތް ކުރުމަށް މިހާރު ހުރި ދަތިކާއި، ކަންނުވަނީ ކީއްވެތޯއާއި ކުރެވޭނެ މަގު ދައްކުވާންދޭންވާނެއެވެ.

އެހެންވީމައި މިފަދަ ގިއުގަޑެއްގެ އެކުލަވާލައި ޕީއެސްއެމްގެ ހިންގުމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުއައްޒަފުންކަހަލަ ގޮތަށް ބައިވެރިވާ ހަތަރު ދުވަހުގެ ވޯކްޝޮޕްއެއް ބޭއްވުނެއެވެ.

މިވޯކްޝޮޕްގެ ބައިވެރިން 5 ގުރޫޕްއަކަށް ބަހައިލެވިގެން ބައިވެރިން މަސައްކަތްކުރީ އަމަލީގޮތުން ދިމާވާ ގޮންޖެހުންތަށް ހައްލުކުރެވޭނެ ގޮތާއި އެކަމަށް ހައްލު ހޯދޭނީ ކޮން ފަރާތްތަކުންތޯ ދެނެގަތުމަށެވެ. މައިގަޑަކަށް ބަލައިފައިވާނީ ތިރީގައި ފާހަގަ ކޮށްފައިވާ ދިހަ ޕޮއިންޓެވެ.

1. ކުރެވޭނެ، ހުރިހާ ކަމެއްވެސް ކުރެވޭނެ، އެހެން މީހުން ބުނާކަންތައް ވެސް ކޮށްދީ، ފަހިކޮށްދީ .

ވަޒީފާ އަދާކުރާ އިރު ގޮންޖެހުންތަކާ ކުރިމަތިވާނެއެވެ. ޚާއްޞަކޮށް ތިމާކުރާ ހިތްވާ މަސައްކަތުގައި ދެމިހުންނަ އިރު ކަންބޮޑުވުމާއި ހާސްކަން ކުރިމަތިވާނެއެވެ. މިކަންކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ހައްލު ހޯދަން މަސައްކަތްކުރާށެވެ. އަދި އެކަންކަމާއި ދެކޮޅު ނުހަދާ މަސައްކަތް ކުރެވޭނެ ފަސޭހަ ގޮތްގޮތް ހޯދުމަށް މަސައްކަތްކުރާށެވެ. މަސައްކަތު މާޙައުލުގައި ސީދާ އެ މީހާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ބޭރުން އެހެން މީހުންނަށް ފަސޭހަކޮށް ދޭންޖެހޭ ކަންކަންވެސް ހުންނާނެއެވެ. ތިމާގެ މަސްއޫލިއްޔަތާއި ޒިންމާގެ ތެރެއަށް ވަންނަ ކަންތައްތައްވެސް ހުންނާނެއެވެ. އެކަންތައްތައް ކުރެވޭނެ މަގު އެންމެންނަށް ފަސޭހަކޮށްދީ ފަހިކޮށްދޭށެވެ.

2. ކުދިކުދިކަންތައްތައް ބަލާ ޗެކްކޮށްލާ! ހަމައަކަށް އަޅުވާލާ!

ތިމާގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ވަކި މިވެނި ކަމަކީ ކުޑަކަމެކޭ ކިޔައި ދޫކޮށްނުލާށެވެ. ކިތަންމެ ބޮޑު މައްސަލައަކީވެސް ކުޑަކަމަކުން ފެށިގެން އަންނަ ކަމެކެވެ. އެހެންވީމާ ކުދިކުދި ކަންތައްތަކަށް ވެސް ސަމާލުކަންދީ ކަންތައްތައް ހަމައަކަށް އަޅުވަން މަސައްކަތްކުރާށެވެ. ޤަވާޢިދާއި ޚިލާފަށް ހިނގާ ކިތަންމެ ކުޑަކަމެއް ނަމަވެސް އެކަމެއް ރަގަޅުކުރަން މަސައްކަތްކުރާށެވެ. ނިންމާލަން އޮތީ ކިތަންމެ ކުޑަ މަސައްކަތެއް ނަމަވެސް އެކަން އަވަހަށް ފުރިހަމަކޮށްލާށެވެ.

3. އެހެން މީހުނާވެސް މެޑަލް ހިއްސާ ކުރަން ހަނދާން ބަހައްޓާ!

އަޅުގަނޑުމެން މަސައްކަތްކުރަނީ ޓީމެއްގެ ގޮތަށެވެ. އެހެންވީމާ އެކަނި އެކަކު މަސައްކަތްކޮށްގެން ޙާޞިލުކުރެވޭ ކަންތައްތަކެއް ނުހުންނާނެއެވެ. މަސައްކަތެއް އިވެންޓެއް ޕްރޮގްރާމެއް ނިމޭހިނދު އެތަނުގައި ޝާމިލުވާ އެންމެންނަށް މަސައްކަތް ޝުކުރުވެރިކަމާއިއެކު ފާހަގަކުރާށެވެ. ތަޢުރީފް ޙައްޤުވާ އެންމެންނަށް ތަޢުރީފް ކުރާށެވެ.

4. މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު އަޑުއެހުން ޚިޔާރުކުރޭ!

އިޚްލާސްތެރިކަމާއި މަޑުމައިތިރިކަމާއެކު މުއައްޒިފުންނާ ކުރިމަތިލާށެވެ. މީޓިންގތަކުގައި އެހެން މީހުން ދައްކާ ވާހަކަތައް ކެތްތެރިކަމާއެކު ކަނުލައި އަޑުއަހާށެވެ. އެގޮތުން މުވައްޒިފުންގެ މައްސަލަތައް ދެނެގަނެ ޙައްލު ހޯދައިދޭން ފަސޭހަވާނެއެވެ.

5. ގޮތްދޫކޮށްލަން ދޫކޮށްލަންޖެހޭ ހިސާބެއް ވެސް އޮވޭ.

އަޅުގަނޑުމެންނާއި ހަމައަށް އަންނަ ގިނަ ކަންތައްތަކުގައި އަޅުގަނޑުމެން އަމިއްލަ ގޮތުގައި ހިފެހެއްޓުން އިސްކުރުމުން ކުރިމަތިވާ ކަންތައްތައް އެހެން ގޮތަކަށް ފުރޮޅިގެން އަންނައިރު، ކުރިން ހިފަހައްޓަމުން އައި ގޮތްދޫނުކުރުމުގެ ސިފަ ދޫކުރަން ޖެހޭނެއެވެ. އެހެނީ، އަމިއްލަގޮތުގައި ހިފަހައްޓައި ގޮތްދޫނުކޮށް ތިބުމުން ތިމާގެ ސިކުނޑިއަށް ކުރާބާރު ބޮޑުވުމާއެކު ކުންފުންޏަށް ލިބޭނެ ގެއްލުން ބޮޑުވާނެއެވެ.

6. ޖަވާބުދޭން އާދަކުރޭ!

މުޢާމަލާތުކުރާ ގޮތް މިހާރު މިވަނީ ވަރަށް ފަސޭހަވެފައެވެ. އެހެން މީސްމީހުން އަޅުގަނޑުމެންނަށް ފޮނުވާ އީމެއިލްއާއި މެސެޖްތަކަށް ދުވަހުން ދުވަހަށް ޖަވާބުދޭށެވެ. ޖަވާބު ނުދިނުމަކީ ފަހުން އެކަމުގެ ނުބައި ނަތީޖާއާއި ކުރިމަތިލާން ޖެހޭނެކަމެކެވެ. ދުވަހުގެ މަސައްކަތް ނިންމަންވާނީ ލިބިފައި ހުންނަ ސިޓީބިޓީއަށް ޖަވާބުދީފައެވެ. އެއީ އެހެން މީހުންނަށް އިޙްތިރާމް ކުރާކަން އަންގައިދޭކަމެކެވެ.

7. މުއައްޒިފުންނަށް ފުރުޞަތު ހޯދައިދޭން މަސައްކަތްކުރޭ!

އެކުގައި މަސައްކަތްކުރާ މުއައްޒިފުންނަށް އެކިކަހަލަ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ހޯދައިދޭންވާނެއެވެ. މިގޮތަށް ފަހިކޮށްދެވޭ ފުރުޞަތުތަކުން އެންމެ ބޮޑަށް ފައިދާވާނީ ކުންފުންޏަށެވެ. މުއައްޒިފުން ވަޒީފާއިން ވަކިވާ އެންމެ ބޮޑު ސަބަބަކީ އޭނައަށް ކަންކަން އިތުރަށް ދަސްކުރެވޭނެ މަގުތައް ތަނަވަސްވެފައި ނެތުމެވެ. އެހެންވީމާ ލިބޭ މަދު ފުރުޞަތުތައް ނަގައިނުލައި އޭގެ ބޭނުން ހިފޭނެގޮތަށް އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަން ޖެހޭނެއެވެ.

8. ކުންފުނީގެ ޤަވާއިދަށް އިޙްތިރާމްކުރޭ!. އެއްވެސް މީހަކު ބުނެގެން ޤަވާދާއި ޚިލާފު ނުވާތި.!

ކުންފުނީގައި ހެދިފައިވާ ޤަވާޢިދުތަކަށް އަޅުގަނޑުމެން އިޙްތިރާމް ނުކުރާނަމަ އެކުގައި މަސައްކަތްކުރާ އެހެން މުއައްޒިފުން އިޙްތިރާމްކުރާނެ ކަމަށް ނުބަލާށެވެ. ކުންފުންޏެއް ހެން އެކުލަވައިލެވެނީ ކުންފުނީގައި ހެދިފައި ހުންނަ ޤަވާޢިދުތަކަށް ތަބާވާ މުއައްޒިފުން ތިބެގެންނެވެ. ކުންފުނި އެ މަގެއްގައި ކުރިއަށް ގެންދެވޭނީ "ހިންގާ ޤަވާޢިދެއް"ގެ ބޭނުން ހިފައިގެންނެވެ. "ހިންގާ ޤަވާޢިދާ"އި ޚިލާފަށް ކަމެއްކުރަން އެއްވެސް މީހެއްގެ ނުފޫޒު ބޭނުންކޮށްގެން ބާރުއަޅައިގެން ނުވާނެއެވެ. އެފަދަކަމެއްގައި ބައިވެރިވެގެން ވެސް ނުވާނެއެވެ. ބައިވެރިވެއްޖެ ނަމަ ނުވަތަ ކޮށްފިނަމަ ނަތީޖާއަކީ އެކަމެއްކުރުމަށް ބައިވެރިވާ މީހަކު ކޮންމެވެސް އެއް ހިސާބަކުން ޤާނޫނީ ގޮޅިއަކަށް ފެތޭގޮތްވުމެވެ. އެކަން ކުރުމަށް އެންގި ފަރާތެއް، ނުފޫޒު ފޯރުވި ފަރާތެއް ތިމާގެ ޙިމާޔަތުގައި އެފަދަ ވަގުތެއްގައި ނުހުންނާނެއެވެ.

9. ޚަރަދަށް ބަލައިގެން މަސައްކަތްތަށް ރޭވުން.

ކިތަންމެ ކުޑަ ހޭދައެއްވިޔަސް ބޭކާރުގޮތުގައި ކުރެވޭނަމަ އެއިން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ކުންފުނީގެ ތެރޭގައި ހިނގާ މިފަދަ ޚަރަދުތަށް ހުއްޓުވުމަށް މަސައްކަތްކުރަންވާނެއެވެ. ބަޖެޓަށް ފައްތައިގެން މަސައްކަތްކުރަން ދަސްކުރަންޖެހެއެވެ. ޚަރަދު ކުޑަކުރެވޭނެގޮތް ޓެކްނޮލޮޖީގެ އެހީގައި ދަސްކުރަންޖެހެއެވެ. އީޖާދީގޮތްތަށް ބޭނުންކޮށްގެން އެހުންތެރިންނާއި ބެލުންތެރިންގެ ޝައުގުވެރިކަން ހިފެހެއްޓޭނެ ފަދަ ޚަރަދުކުޑަ އުފެއްދުންތައް ވެސް އުފެއްދޭ ބަޔަކަށް ވާންޖެހެއެވެ.

.10ގުޅިގެން މަސައްކަތްކުރުން.

ވަޒީފާއަކީ ހަމައެކަނި ތިމާއަށް ޚާއްޞަ ވަޒީފާއެއްކަމަށް ނުދެކޭށެވެ. އަޅުގަނޑު މިއަދު ހުރި ވަޒީފާއަކީ މާދަން އެހެން މީހަކު އަދާކުރާނެ ވަޒީފާއެކެވެ. ވަޒީފާއިން ލިބިދޭ ބާރު، ކުންފުންޏަށް ފައިދާކުރުވަނިވިގޮތަކަށް ބޭނުންކުރާށެވެ. އަޅުގަނޑުމެންނަކީ ޚިދުމަތް ލިބިގަންނަ މީސްމީހުން މުޢާމަލާތުކުރަން އުނދަގޫ ބަޔަކަށް ނުވާށެވެ.