އުލަތުގެ ހުރިހާ ކުންފުނިތަކުގެ ބެލެނިވެރިޔަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑެ ޓްރެޜަރީއެވެ. މިނިސްޓްރީގެ ފަރާތުން ކުންފުނިތަކުގެ ކަންކަން މޮނީޓަރކޮށް ސަރުކާރުގެ ޕޮލިސީތަކުގެ އިރުޝާދު ދޭފަރާތަކީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ).އެވެ. ދައުލަތުގެ ކުންފުނިތަށް ހުންނަނީ އެކި ގްރޭޑްތަކަށް ބެހިފައެވެ. މުސާރައާއި އިނާޔަތްތަށް ކަނޑައެޅިފައި އޮންނަނީ އެކުންފުންޏެއްގެ ޕާރފޯރމަންސްއަށް ބިނާވެގެންނެވެ. ކުންފުނިތައް ހިންގުމުގައި ޕީ.ސީ.ބީން ލާޒިމުކުރާ އުސޫލުތަކެއް ހުރެއެވެ. އެހެންނަމަވެސް އެކުންފުންޏެއްގެ ހިންގުމުގެ އަޞްލު ބިނާވެފައި އޮންނަނީ ކުންފުނި އުފަންކުރުވި އަސްލު އަސާސްގެ މައްޗަށެވެ. އެކި ކުންފުނިތަށް އުފައްދަނީ އެކި ބޭނުންތަކަށެވެ. އެހެންކަމުން ހިންގުމުގެ ގިނަކަންތައްތައް ބައްޓަންވެފައި އޮންނަނީ އެ ކުންފުނި އުފަންކުރުވި ބޭނުމާއި މަގުޞަދުގެ މައްޗަށެވެ. އަދި މެނޭޖްކުރުމުގެ އޮނިގަނޑު އެކުލަވާލާފައި އޮންނަނީ މި ދެންނެވި ވިސްނުމުގައެވެ.

ދައުލަތުގެ ގިނަ ކުންފުނިތަށް އުފައްދާފައި ހުންނަނީ އެކުންފުންޏަށް ވިޔަފާރި ފައިދާ ލިބޭގޮތަށް މަސައްކަތް ޔަޤީންކޮށްދީފައެވެ. މިސާލަކަށް ސްޓެލްކޯ، އެއާރޕޯރޓް ކޮމްޕެނީ، ޕޯރޓްސް ކުންފުނި، އެމް.ޓީ.ސީ.ސީ، އެމް.ޑަބްލިޔު.އެސް.ސީ ފަދަ ކުންފުނިތަކަކީ ގާތްގަޑަކަށް މޮނޮޕޮލީއެއްގައި މަސައްކަތްކުރަމުންދާ ކުންފުނިތަކެވެ. އެހެންކަމުން އެ ކުންފުނިތަކުން ފައިދާ ނެރެން ފަސޭހަވެއެވެ. އެހެންކަމުން މެނޭޖްމަންޓް ބަދަލުވުމަކުން ކުންފުނީގެ އަހަރީ ހިސާބުގެ ދެ ރޮނގު ދަމާލާ އިރު ބަދަލެއް ނާދެއެވެ.

ވޭތުވެދިޔަ 15 އަހަރުތެރޭގައި އަޅުގަނޑުމެނަށް ފެންނަން އޮތީ ކުންފުނިތަކުގެ މެނޭޖްމަންޓް ކޮންމެ ސަރުކާރެއްގައި ވެސް 1 ފަހަރަށްވުރެ ގިނަފަހަރު ބަދަލުކޮށްފައިވާތަނެވެ. އެހެންކަމުން އެއްވެސް މެނޭޖްމަންޓްއަކަށް ކުންފުނީގެ އޮނިގަޑާއި ސަގާފަތް މަޢުނަވީ ގޮތަކަށް ބަދަލުކުރުމުގެ ފުރުޞަތު ނުލިބިއެވެ. އަދި މައިގަނޑު އަސާސްތަށް ބަދަލުކުރާނެ ފުރުޞަތެއް ވެސް ނުލިބިއެވެ. އެގޮތުން ކޮންމެ މެނޭޖްމަންޓްއެއް ވެސް ޖެހޭނީ ކުރިން އެ ކުންފުނި ހިންގާފައިވާ އަސާސްގެ މަތީހިންގާށެވެ. ސަބަބަކީ ކުންފުނީގައި ހުރި ވަސީލަތްތަށް އަލަށް ޙަވަލުވާ މެނޭޖްމަންޓަށް ރަނގަޅަށް ދަސްވާ އިރު އެ މެނޭޖްމަންޓްއެއް އޮންނަނީ ބަދަލުވާންޖެހިފައެވެ. އީޖާބީ ވިސްނުމަކުން ވިސްނައިގެން އިތުރު ވިސްނުމެއް ތަޢާރަފް ކުރާނެ ޖާގައެއް ވެސް ނުލިބިއެވެ. މިސާލަކަށް ދަންނަވަންޏާ ދެންނެވޭނީ ގިނަ ކުންފުނިތަކާމެދު ކަންކަން ހިނގަނީ ފުޓްބޯޅަ ޓީމްގެ ކޯޗު ބަދަލުވާ އުޞޫލުންކަމުގައެވެ. އެހެނީ، ފުޓްބޯޅަ ޓީމްގެ ކޯޗް ބަދަލުވުމަކުން އަނެއް ދުވަހު ޓީމްގެ ފެންވަރު މަތިވެ، ނޫނީ ދަށެއްވެސް ނުވެއެވެ. އެހެންނަމަވެސް އެ ކޯޗުގެ ޕާރފޯމެންސް އިނގޭނީ ގާތްގަނޑަކަށް އަށެއްކަ މަސް ފަހުންނެވެ. ކުންފުންޏެއްގައި ވެސް ވާނީ މިހެންނެވެ. މި އުޞޫލަށް ރިއާޔަތްކޮށް ވިސްނާލާއިރު ކުންފުންޏަކާއި އަލަށް ޙަވާލުވާ މެނޭޖްމަންޓްގެ ފެންވަރު ދެނެގަނެވޭނީ ވެސް އެންމެ ކުޑަމިނުން އަށެއްކަ މަސް ފަހުން ހިންގަން އެ ފުރުޞަތު ލިބިގެންނެވެ.

ކުންފުނި ހިންގުމަށް މަތި ވަނީ ޓީމްއަކާއެވެ. މިގޮތުން އެކުލަވާލެވޭ ޓީމްއަކީ ސިޔާސީ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ޓީމްއެކެވެ. ޒަމާނުންސުރެ ކުންފުނިތަކުގެ ބޯޑުތަށް އެކުލެވިފައި ހުންނަނީ މިގޮތަށެވެ. އެހެން ކަމުން ސަރުކާރު އެކުލެވިފައިވާ ހުރިހާ ކުލަތަކެއް ކުންފުނި ހިންގާ ޓީމްގައި ވެސް ޖެހިފައި ހުރެއެވެ. އަދި ކުންފުންޏެއް ހިންގުމުގެ ތަޖުރިބާއަށް އަހުލުވެރިވެފައި ހުންނަ މިންވަރުވެސް ތަފާތެވެ. އެހެންކަމުން ކުންފުނި ހިންގުމުގައި ބޯޑުގެ ތަޖުރިބާއާއި ފެންވަރުގެ ކުޅޭ ދައުރެއް އޮވެއެވެ.

ދައުލަތު ކުންފުނި ހިންގުމުގެ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަނީ ފައިދާ ނުވާ ކުންފުނިތަކަށެވެ. އެހެންކަމުން އެކުންފުނިތަށް އުފެއްދި ސަބަބު އަލުން ޒިޔާރަތްކޮށް މުރާޖާކުރަން އެބަޖެހެއެވެ. ސަބަބަކީ ބައެއް ކުންފުނިތަށް ހުރީ ޒަމާނުއްސުރެ އެކުލަވާލެވިފައިވާ މާލީ އަދި ހިންގުމުގެ އޮނިގަޑެއްގައި ގައިދުވެފައެވެ. މިހައްޔަރުން މިކުންފުނިތަށް ނެރޭނެ ގޮތެއް މިވަނީ ބޮޑު ގޮންޖެހުމަކަށްވެފައެވެ.

ބައެއް ކުންފުނިތަަކަށް ސަރުކާރުން މިފޯރިކޮށްދެނީ މުސާރައެވެ. އެކުންފުންޏަށް ދައުލަތުން މަތިކޮށްފައިވާ މަސައްކަތް ކުރަން މިޖެހެނީ ހޯދައި އަންމުދަނީއިންނެވެ. އަދި ލިބޭ އާނމުދަނީން ކުރާ މަސައްކަތާއި ދެވޭ ހިދްމަތް މިހުންނަނީ އަގު ނުކުރެވިއެވެ. މިސަބަބާއި ހުރެ ކުންފުނިތަކުގެ ދަރަނިމިދަނީ ބޮޑުވަމުންނެވެ.

ކުރުގޮތަކަށް ދަންނަވަނީނަމަ ސަރުކަރަށްކޮށްދޭ މަސައްކަތަށް އިންވޮއިސްކުރުމާއި އެމަސައްކަތަށް ފައިސާ ހޯދުމުގެ މަރުހަލާ ހިންގަމުން ނުދެއެވެ. އެހެންކަމުން ކުންފުނިތަށް ހިސާބު ކުރެވޭއިރު ފާހަގަ ނުކުރެވޭ ބާގަނޑެއް އެބައޮވެއެވެ.