ދިވެހިރާއްޖޭގައި ޓެލެވިޒަން ބްރޯޑްކާސްޓް ކުރުން ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ކުރެވުނު އެއްކަމަކީ ޓީވީ މޯލްޑިވްސްގެ ގޯތި ތެރޭގައި ޓީވީ ޓަވަރު ޖެހުމުގެ މަސައްކަތެވެ. އެއީ 1977 ވަނަ އަހަރެވެ. އެޒަމާނުގައި ޓީވީ ޓަވަރު ޖެހުމަކީ ވަރަށް ބޮޑު ކަމެކެވެ. ކުރިމަތިވި ގޮންޖެހުންތަށް ބިޔަވެފައި އުނދަގުލެވެ.

ޓަވަރު ޖަހަން ޖެހޭ ބިމަކީ މާލޭގެ ދެކުނު ފަރާތު ހިއްކި ބިމެވެ. އޭރު އަދި އެހިސާބުގަޑުގައި މީހުން އާބާދުުނުވެއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އެބިމަށް ދިޔައަރައެވެ. ޓަވަރުޖެހުމަށް ބޭނުންވާ ސިމެންތި އެޒަމާނަށް ބަލާއިރު ވަރަށް ގިނައެވެ. ރާއްޖެއަށް މުޅި އަހަރު ދުވަހު އެތެރެ ކުރާހާއި ސިމެންތި މިޓަވަރު ޖެހުމަށް ބޭނުންވެއެވެ. މާލޭގައި އެދުވަސް ވަރު ހުރީ ސިމެންތި ގަށާ އެންމެ މެޝިނެކެވެ. އެހެން ކަމުން މަސައްކަތް ކުރިއަށް ގެންދަން ޖެހުނީ މިދަތިތަކާއެކުއެވެ.

މަސައްކަތް ފަށައިގަތުމާއި އެކު ވަރަށް ހަލުވިކޮށް މަސައްކަތް ކުރިއަށް ގެންދިޔައެވެ. މަސައްކަތް އަހަރުދުވަސްތެރޭގައި ނިންމާލުމަކީ އެޒަމާނަށް ބަލާއިރު ބޮޑު ކާމިޔާބީއެވެ.

މަސައްކަތުގެ ބޮޑުކަމުންނާއި މުހިންމުކަމުން މަސައްކަތް ބައްލަވަމުން ގެންދެވީ އޭރުގެ ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް ނާސިރުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ނާސިރުގެ ވެރިކަމުގެ ދައުރަކީ ރާއްޖޭގައި އިންޤިލާބީ އެތަށް މަސައްކަތްތަކެއް ކުރެވުނު ދުވަސްވަރެކެވެ.

ބިދޭސީންނާއި ނުލައިވެސް މަސައްކަތް ކުރެވޭނެކަމަށް މިސާލު ދައްކަވަމުން ގެންދެވި ރައީސެކެވެ. ވީދާޅުވާކަމަށް ވެއެވެ. 'ހުރިހާކަމެއްވެސް އަހަރެމެން ދިވެހީނަށް ކުރެވޭނެއެވެ".

[caption id="attachment_1067" align="alignleft" width="192"] ރައީސް އިބްރާހިމް ނާސިރު[/caption]

މިއަދު އަޅުގަނޑުމެން މިފަދަ ބޮޑެތި މަޝްރޫއު ރާވައި، ފަންނުވެރިކަމަށް ބަރޯސާ ވަނީ ބިދޭސީންނަށެވެ. މި އަދު ދިވެހި ފަންނު ވެރިއަކު ބުނާނީ އަހަރެމެންނަށް ވެސް މިފަދަ ކަންކަން ކުރެވި ދާނެ ކަމަށެވެ. ދިވެހީން ދިވެހީންނަށް އޮތް އިތުބާރު މިއަދު ވަނީ ނެތި ގޮސްފައެވެ. ކަން ކުރާނީ ބިދޭސީންނެވެ.

ނޯޓް: އަޅުގަނޑަށް މިވާހަކަ ކިޔައިދެއްވީ ޓީވީ ޓަވަރު ޖެހުމުގެ ޒިންމާއާއި ހާވާލުވެ ހުންނެވި އިންޖިނޭރު އަހްމަދު އަދާމް (ހ.ހިކަރި) އެވެ. ރާއްޖެއަށް މާސްޓަރޝެފް ތަޢާރުފު ކުރުމުގެ ހަފްލާގައި އަޅުގަނޑުވާނީ މިވާހަކަ ކިޔައިދީފައެވެ. މިޕޯސްޓްގައިވާ ފޮޓޯ އަޅުގަނޑަށް ދެއްވީ ތާރީޚް ދިރާސާކުރުންތެރިޔާ މުހައްމަދު ޝާތިރުއެވެ.

[caption id="attachment_1065" align="alignleft" width="253"] ޓެލެވިޒަން ބްރޯޑްކާސްޓް ކުރަން ފެށި އިރު އިންޖިނޭރަކަށް ހުންނެވީ އަހްމަދު އާދަމް.[/caption]