ރައްޔިތުންގެ މަޖްލީސް އިންތިޚާބް ނިމޭއިރަށް އާއްމުކޮށް އިވޭ އަޑަކީ ހޮވުނު މެމްބަރު ދާއިރާއަށް ވަޑައި ނުގަންނަވާ ވާހަކައެވެ. ދާއިރާގެ ރައްޔިތުންނާ ގުޅުން ނުބަހައްޓާ ވާހަކައެވެ. އެހެން ކަމުން ދާއިރާއަށް ކުރިމަތި ލައްވައި ނުހޮވުނު ބޭފުޅުން ދާއިރާގެ ރައްޔިތުންނާއި ގާތް ގުޅުމެއް ބަހައްޓާފާނެ ކަމަށް ދާއިރާގެ ރައްޔިތުން އެއްގޮތަކަށްވެސް އުއްމީދު ކުރާނެ ކަމަކަށް ނުބެލެވެއެވެ.
ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ، ކުރިޔާ މިހާރާ ތަފާތު ކަމެވެ. މިހާރު ހޮވޭ ބައެއް މަޖްލިސް މެންބަރުން މިހާރުވެސް ދާއިރާ އަށް ދަތުރު ކުރައްވާކަމާއި އަދިރައްޔިތުންނާ ބައްދަލުކުރައްވާކަން އަޅުގަނޑުމެންނަށް މީޑިއާގެ ޒަރީއާއިން އެބަ އެނގިގެންދެއެވެ.
ނަމަވެސް މިހިނގާ 19ވަނަ މަޖްލީހުގައި ވާދަކޮށް މަޖްލީހުގެ ގޮނޑި ކާމިޔާބު ނުކުރެވޭ ފަރާތްތަކުން ވާދަކުރި ދާއިރާއަށް ވަޑައިގެން ދާއިރާގެ ރައްޔިތުންނާގުޅުން ބަހައްޓާކަމީ އަޅުގަނޑަށް ވަރަށް އާދަޔާ ޚިލާފުކަމެއް ކަމަށް ފެނުނުކަމެކެވެ.
އަޅުގަނޑުގެ ދެ ރަޙްމަތްތެރިއަކު އެބޭފުޅުން ވާދަ ކުރެއްވި ދާއިރާގައި މިހާރުވެސް ޙަރަކާތްތެރިވާކަން އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑަށް އެބޭފުޅުންނާ ވާހަކަދައްކާލެވޭ ފުރުޞަތުތަކުގައި ދާއިރާގައި ކުރައްވާ މަސައްކަތާއި ގުޅޭގޮތުން ވާހަކަ އަހާލަމެވެ. އަޅުގަނޑުގެ އެކުވެރި އޒ. މުހައްމަދު ނަޝީދު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރުކަން ދެ ފަހަރު ވަނި ކުރައްވާފައެވެ. މިހާރު ވެސް އެދާއިރާއަށް ވަޑައިގަންނަވައެވެ. މަދުވެގެން މަހަކު އެއްފަހަރު ވަޑައިގަންނަވާ ކަމަށްވެއެވެ. އެބޭފުޅާ ކުރައްވާ މަސައްކަތުގެ ޚިދުމަތް ދާއިރާގެ ރައްޔިތުންނަށް ލިބޭނެ ގޮތަށް ބައެއް ކަންކަން އިންތިޒާމް ކުރައްވާފައިވާކަމަށް ވެއެވެ.
އަޅުގަނޑުގެ އަނެއް ރަޙްމަތްތެރިޔާ، ޢާދިލް ސަލީމް މަޖްލީސް އިންތިޚާބަށްފަހު އެދާއިރާގައި އިޤްތިސާދީ މަސައްކަތްތަކެއް ކުރެއްވުމަށް އެބައުޅުއްވައެވެ. ވިޔަފާރީގެ މަސައްކަތްތަކެއް ކުރައްވާތީ ދާއިރާ އަށްވެސް ނަފާ ލިބެމުންދާނެކަމީ ހަމަ ކަށަވަރުކަމެކެވެ.
އަޅުގަނޑު އުއްމީދުކުރަނީ އަވަސް ފުރުޞަތެއްގައި ދެބޭފުޅުން ކުރައްވާ މަސައްކަތްތައް ބަލާލުމަށް ކޮންމެވެސް އިރަކުން އެތަންތަނަށް ދެވޭނެކަމަށެވެ.
ދެބޭފުޅުންނަށްވެސް ބާއްޖަވެރިކަމާ ކުރިއެރުން ލިބުން އެދި ހެޔޮ ދުޢާކުރުމެވެ.