ޚިދުމަތެއް ދިނުމަށް ނޫނީ މަސައްކަތެއްގެ ތެރެއަށް ވަދެ އާމްދަނީ އިތުރުކުރުމުގެ މަގްސަދުގައި ފަށާ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ނުވަތަ އިޝްތިހާރުކުރުމަށް ބަލާއިރު ފެންނާނެ އެއް ދިމާއަކީ އިޖްތިމާއީ މީޑީއާ އެވެ. ކުދި ވިޔަފާރިތައް އަލަށް ފަށައިގަންނަ އިރު މާކެޓްކުރާނެ ފައިސާއެއް ނުހުންނާނެ އެވެ. މާކެޓިން ބަޖެޓެއް ނެތް ކަމުގައި ވީނަމަވެސް އިޖްތިމާއި މީޑިއާގެ ބޭނުން ހިފައިގެން، މާކެޓްކުރެވިދާނެ މަގުތައް ބޭނުންކޮށްގެން އިޝްތިހާރުކުރާ ކުދި ވިޔަފާރިތައް އަޅުގަނޑުމެން ތެރޭ ވަރަށް ގިނައެވެ. ޚާއްސަކޮށް އަލަށް ފައްޓާ ކުދި ވިޔަފާރިތަކެވެ.

އިޖްތިމާއީ މިޑިއާ އުފަންވެ ފުޅާވުމުގެ ކުރީގައި ކުދި ވިޔަފާރިތަކަށް އެމީހުންގެ މަސައްކަތް އިޝްތިހާރުކުރުމުގެ މަގު އޮތީ ވަރަށް ހަނިކޮށެވެ. އޭރު ކޮންމެވެސް މަޖައްލާއެއްގައި އިޝްތިހާރު ޖަހަނީ އެވެ. ނުވަތަ އިޝްތިހާރު ޗާޕުކޮށްގެން ބަހަނީ އެވެ. ނަމަވެސް މިއަދު އިޝްތިހާރުކުރުމުގެ ފުރުސަތު މިވަނީ ވަރަށް ފުޅާކޮށް ހުޅުވިފަ އެވެ.

އިޖްތިމާއީ މީޑިއާ ބޭނުންކުރުން މިވަނީ ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. އެހެންކަމުން އިޝްތިހާރުކުރުމަށް އިޖްތިމާއީ މީޑީއާ ބޭނުންކުރުން ނޫން އެހެން ގޮތެއް ނެތޭ ބުނުން ގޯހެއް ނޫނެވެ. އެއީ ކޮންމެ ވިޔަފާރިއެއް ވެސް އިޖްތިމާއީ މީޑިއާ ބޭނުންކުރަންް ލާޒިމުވާ ވަރަށް މި މިޑީއާ މިވަނީ ވައިގައި ހިފާފަ އެވެ. ފޭސްބުކާއި ޓްވިޓާގައި ވިޔަފާރިތައް އިޝްތިހާރުކޮށްފައި ހުރި މިންވަރުން މިކަން އެނގިގެން ދެ އެވެ. ގާތް ރަހްމަތްތެރިން ކުރާ ވިޔަފާރީގެ ފޭސްބުކް ސަފްހާތަކަށް ލައިކް ޖެހުމަށް އަންނަ އެދުންތަކަކީ މިކަމުގެ ދަލީލެވެ.

އަޅުގަނޑުމެންގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ފޭސްބުކް ބޭނުން ކުރިޔަސް، ވިޔަފާރި އިޝްތިހާރުކުރުމަށް ބުލޮގް ބޭނުންކުރަމުންދާ ތަން ފެންނަނީ ވަރަށް މަދުންނެވެ. ބްލޮގްކުރުން ވެސް މިއީ ހަރަދަކާ ނުލާ ބޭނުންކުރެވިދާނެ އާލާތެކެވެ. ވިޔަފާރި އިޝްތިހާރުކުރުމަށް ބޭނުންކުރާ ފޭސްބުކް ސަފްހާ އާއި ބްލޮގު ގުޅުވާލައިގެން ކަސްޓަމަރުންގެ ސަމާލުކަން އިތުރަށް ހޯދާ އެމީހުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރެވެ އެވެ. ނަމަވެސް ފޭސްބުކުގެ ސޮފްހާ އަށް ލިޔުމެއް ލާހާ ފަސޭހަ ގޮތަކަށް ބްލޮގަކަށް ނުލެވެ އެވެ. ފޭސްބުކްގެ ސަފްހާއަކުން ނުދެވޭ މައުލޫމާތު ބުލޮގްގެ ޒަރިއްޔާ އިން ދެވިދާނެ އެވެ. މައުލޫމާތު ދިނުމަކީ ޚިދްމަތް ލިބިގަންނަ ފަރާތްތަކުގެ ސަމާލުކަން އިތުރަށް ލިބޭނެ ކަމެކެވެ. ނަމަވެސް ފޭސްބުކާ ބްލޮގާ ހުރި ތަފާތަކީ ބްލޮގެއް ފެއްޓުމަށް ފަހު އާކުރަމުން ގެންދަން ޖެހޭ ކަމެވެ. ފައިދާ ކުރާނީ ބްލޮގަށް މައުލޫމާތު އާކުރަމުން ގެންދާ ވަރަކުންނެވެ. އަދި ފޭސްބުކްގެ ޒައިއްޔާ އިން ބުލޮގް އިޝްތިހާރުކުރާ ނަމަ އެވެ.

އިޝްތިހާރުކުރުމަށް ޔޫޓިއުބް ބޭނުންކުރުމަކީ ވެސް މިހާރު ވަރަށް އާންމު ކަމެކެވެ. ވިޔަފާރި ވީޑިއޯކުރުމަކީ ވަރަށް ފަސޭހަ އިން މިހާރު ކުރެވޭ ކަމެކެވެ. ތިމާގެ އަމިއްލަ ފޯނުން ވެސް އިޝްތިހާރަށް ބޭނުންވާ ކަންކަން ވީޑިއޯކޮށްލެވެ އެވެ. ޔޫޓިއުބްގައި އަމިއްލަ ޗެނަލެއް ރަޖިސްޓްރީ ކުރުމަށް ފަހު އެ ޗެނަލަށް ލާ ވީޑިއޯތައް ފޭސްބުކް ސަފްހާއިން ފެންނަ ގޮތަށް ހުރުމުން ކަސްޓަމަރުންގެ ސަމާލުކަން އިތުރަށް ބޮޑުވެގެންދާނެ އެވެ. އެހެންކަމުން ޔޫޓިއުބުގައި އޮންނަ ތިމާގެ ވިޔަފާރި އިޝްތިހާރު ވީޑިއޯއެއް ފޭސްބުކާ ގުޅުވާލުމަކީ ގިނަ މީހުންގެ ސަމާލުކަން ހޯދިދާނެ އަނެއް މަގެވެ.

އަމިއްލަ ފަރުދަކު ހިންގާ ވިޔަފާރި އާއި ކުދި ވިޔަފާރިތައް ހިންގާނެ މަގު ތަނަވަސްކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އަލަށް ތައާރަފްކުރި 'އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓުރީކުރުމުގެ' ވަސީލަތުގެ ސަބަބުން ވިޔަފާރި އަށް ރަސްމީ ސިފައެއް ލިބުމުގެ މަގު ވަނީ ތަނަވަސް ވެފަ އެވެ. މިއީ އިޝްތިހާރުކުރުމަށް ވެސް ހުޅުވިގެންދާ މަގެކެވެ. ވިޔަފާރި އަށް ރަސްމީ ހައިސިއްޔަތެއް ލިބުމުން އެ ވިޔަފާރީގެ ނަމުގައި އަލަށް ތައާރަފްކުރާ މުދަލަކަށް ނުވަތަ ހިދުމަތަކަށް މީޑިއާގެ ތެރެއިން ނޫސް ބަޔާން ނެރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ނޫހަށް އަމާޒުކޮށްގެ މި މައުލޫމާތު ދިނުމުން އިންޓަނެޓްގައި ހަބަރާއި މައުލޫމާތު ފަތުރާ ވެބްސައިޓްތަކުގެ ޒަރިއްޔާއިން ނޫސް ބަޔާނުގައި ބުނާ ވާހަކަތަކުގެ ކޮންމެވެސް މިންވަރެއް އިޝްތިހާރުވުމަކީ ވުން އެކަށީގެންވާ ކަމެކެވެ.

އޮންލައިންކޮން ވިޔަފާރި ކުރެވޭނެ ވިއުގައެއް އޮތުމާ އެކު އަޅުގަނޑުމެންގެ ތެރޭގައި އިންޓަނެޓް ބޭނުންކޮށްގެން ވިޔަފާރިތައް ހިންގަމުންގެންދާ ފަރާތްތައް މިވަނީ އިތުރުވެފަ އެވެ. ވިޔަފާރީގެ ވާދަވެރިކަން އިތުރުވުމާ އެކު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް މިދަނީ ގިނަ ފައިދާތަކެއް ލިބެމުންނެވެ. ބައެއް ތަކެތި ފިހާރަތަކުން ގަންނަން ލިބޭ އަގަށް ވުރެ ވެސް ހެޔޮކޮށް ލިބެން ހުރެ އެވެ. ފޭރާމުން ފެށިގެން ވަކި ކަންކަމަށް ހާއްސަ މުދާ ވެސް އޮންލައިންކޮށް ގަންނަން ލިބެން ހުރެ އެވެ. ފިހާރަތަކުން ލިބެން ނުހުންނަ ތަކެތި ވެސް އޮންލައިން ވިޔަފާރީގެ ތެރެއިން އެބަ ހުރެ އެވެ. އަދި އެތަކެތި ގޭގެ އޮޅިގަނޑާ ހަމައަށް ރައްދުކޮށްދިނުމުގެ ޚިދުމަތް ވެސް ވަނީ އާންމުވެފަ އެވެ. މިއީ ކުރިން އަޅުގަނޑުމެނަށް ލިބޭ ޚިދުމަތެއް ނޫނެވެ.

އޮންލައިން ވިޔަފާރި ފުޅާވެގެން ދިއުމުގެ އަސްލެއް ކަމުގައި ބެލެވެނީ ވިޔަފާރިކުރުމަށް ބޭނުންވާ ފަރާތްތަކަށް ވިޔަފާރި ފެއްޓުމަށް އޮންނަ ހުރަސްތަކާއި ގޮންޖެހުންތައް ކުޑަވުމެވެ. ވިޔަފާރި ފެށުމަށް ކުރަން ޖެހޭ ހޭދަ ކުޑަކަމާއި ކަސްޓަމަރުންނާ ހަމައަށް ދިއުމުގެ މަގު އޮތުމާއި ވިޔަފާރި ކުރުމުގެ މާހައަލު ލުއި ކަމެވެ. މިއީ ވިޔަފާރި ތެރެއަށް ޝައުގުވެރިކަމާ އެކު ވަންނަ ފަރާތްތަކަށް ވިޔަފާރީގައި ދެމިތިބުމަށާއި ތަރައްގީކުރުމަށް ލިބޭ ހިތްވަރެކެވެ.

ކޮންސިއުމަ އިލެކްޓްރޯނިކްސްގެ ހާއްސަ އުފެއްދުންތަކުގެ މާކެޓް ހިއްސާ އޮންލައިން ވިޔަފާރިތަކުން މިހާރު ދަނީ ފުޅާކުރަމުންނެވެ. ސަބަބަކީ ކަސްޓަމަރުންގެ ބޭނުންތައް އޮންލައިން ވިޔަފާރިތަކަށް ދެނެގަންނަން ފަސޭހަވެފައި މިފަދަ ވަކިވަކި އުފެއްދުންތައް ދުނިޔޭގެ އެކި ހިސާބުތަކުން ހޯދައި އަޅުގަނޑުމެނާ ހަމައަށް ގެނެސްދިނުމަށް އޮންލައިން ކުދި ވިޔަފާރިތައް މާ ބޮޑަށް ވެސް ހުޝިޔާރު ކަމެވެ.

މިދެންނެވި ފަދަ ކުދި އޮންލައިން ވިޔަފާރިތައް ގިނަވެ ކުރިއަރައި ދިއުމަކީ ސަރުކާރަށް ރަނގަޅު ޚަބަރެކެވެ. އެއީ މިފަދަ ވިޔަފާރި ރާއްޖޭގައި ކުރަނީ ދިވެހިން ކަމަށް ވެފައި ވަޒީފާގައި ތިބީ ދިވެހިން ކަމަށް ވެފައި ވިޔަފާރި ފައިދާ ކުރަމުންދަނީ ވެސް ސިދާ ދިވެހި ރައްޔިތުންނަށް ކަމަށް ވާތީ އެވެ. މި ވިޔަފާރިތަކަަކީ އަދު ވަރަށް ކުދި ވިޔަފާރީގެ ގޮތުގައި ތިބި ބަޔެކެވެ. އެހެންކަމުން ވިޔަފާރީގެ ނިޒާމް ރޭވިފައި ވަނީ ވެސް ހަރަދު ކުޑަކޮށް ހިންގޭ ފަދަ ގޮތަކަށެވެ. ވިޔަފާރިތައް ހިންގަނީ ރައްޓެހިންނާއި ތިމާގެ މީހުންގެ އެހީތެރިކަމާ އެކު އެ މީހުންގެ އަމިއްލަ ވަގުތުގައި ދެވަނަ ވަޒީފާއެއްގެ ގޮތުގަ އެވެ. އެހެންކަމުން މުސާރައިގެ ހަރަދު ވެސް ވަރަށް ކުޑަ އެވެ. ވިޔަފާރިއަށް ނުވަތަ މަސައްކަތަށް ބޭނުންވާ ތަކެތި ވެސް ރާއްޖެ އެތެރެކުރަނީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން ވިޔަފާރިއެއްގެ ނަމުގަ އެވެ.

އަޅުގަނޑުމެންގެ އާންމު ވިސްނުމަކީ، ގައުމެއްގެ އިގްތިސާދުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ އަދި އިގްތިސާދަށް ގިނަ ވަޒީފާތައް ފޯރުވައިދެނީ ބޮޑެތި ކުންފުނިތަކުން ކަމުގަ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ ކުރިއަރާފައިވާ އިގްތިސާދުތަކުގައި 0691ގައި ބޮޑެތި ކުންފުނިތަކުގެ އިގްތިސާދީ ހިއްސާއަކީ 52 ޕަސެންޓް ކަމަށް ވިޔަސް މިއަދު ބޮޑެތި ކުންފުނިތަކުގެ ހިއްސާއަކީ އެންމެ 41 ޕަސެންޓެވެ. އެހެންކަމުން އިގްތިސާދުތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު މިދަނީ ބޮޑުވަމުން ފުޅާވަމުންނެވެ.

ރާއްޖޭގެ އެންމެ ކުދި ވިޔަފާރިތައް ހިނގަމުންދާ އޮނިގަނޑަށް ގޮންޖެހުމަކަށް ވާނީ އިތުރު ޓެކްސްއެއް ނުވަތަ ސަރުކާރަށް ދައްކަން ޖެހޭ ފީއެއް ތާއާރަފުކޮށްފި ނަމަ އެވެ. މިސާލަކަށް ކުދި ވިޔަފާރިތައް ވާދަވެރިވުމަށް ބޭނުންކުރާ މެޝިނަކުން ސަލާމަތްކުރެވެނީ މަހަކު 0001 ރުފިޔާ ކަމަށް ވެފައި އެ މެޝިނުން 005 ރުފިޔާ ސަރުކާރަށް ފީއެއްގެ ގޮތުގައި ދައްކަން ޖެހޭ ނަމަ އެ މެޝިނު ބޭނުން ނުކުރުމަކީ ވެދާނެ ކަމެކެވެ. ނަތީޖާއަކީ މީގެ ފައިދާ ސަރުކާރަށް ވެސް އަދި ވިޔަފާރިއަށް ވެސް ނުވުމެވެ. ޓިމް ހާފޯޑް ލިޔެފައިވާ 'ދި އަންޑަކަވާ އިކޮނޮމިސްޓް' ގައި ފާހަގަކޮށްފައި ވަނީ ފަގީރު ގައުމުތައް މުއްސަނދި ނުވެ އިތުރަށް ފަގީރުވަމުންދަނީ އެ ގައުމުތަކުގައި ވިޔަފާރި ފެއްޓުމާއި ވިޔަފާރި ހިންގުމަށް ހުންނަ ގަވާއިދުތައް ހަރުކަށިކަމުން ކަމަށެވެ.

ސިންގަޕޫރުގައި 8991ގައި އޮތް އެކްސްޕޯޓް ތަރައްގީކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އޭރު އެ ގައުމުގައި މުދާ ކްލިއަ ކުރުމުގެ ހުރިހާ ލިޔެކިއުމުގެ ތަރުތީބުތައް ނިންމުމަށް ހޭދަވަނީ ދެ މިނެޓްގެ ވަގުތުކޮޅެއް ކަމުގައި ބުންޏެވެ.

ރާއްޖޭގެ ވިޔަފާރި އަދި ޚިދުމަތުގެ ބާޒާރަށް އޮންލައިން ވިޔަފާރި ވަނުމާ ގުޅިގެން މި މާހައުލަށް ކޮންމެވެސް ބަދަލުތަކެއް އަންނަމުން އެބަ އާދެ އެވެ. އާންމު ވިޔަފާރީގެ ތަރުތީބު މި އަންނީ ބަދަލުވަމުންނެވެ. މިސާލަކަށް މުދާ ގޭގެ އޮޅިގަނޑާ ހަމައަށް ގެނެސްދިނުމާއި އަގު ހެޔޮކޮށް ލިބުމާއި އިހްތިޔާރުކުރަން ލިބޭ ވައްތަރުތައް ގިނަވުމެވެ.

ވިޔަފާރި ވާދަވެރިވުމަކީ ޖުމްލަކޮށް ފައިދާ ހުރި ކަމަކަށް ވާއިރު އެއްވެސް ވިޔަފާރިއެއް ހިމާޔަތްކުރުމަކީ ވާދަވެރިކުރުމުގެ ހަމަތަކަށް އަސަރުކުރާނެ ކަމެކެވެ. ވިޔަފާރި ވާދަވެރިވުމުން މާހައުލަށް އަންނަ ބަދަލާ އެކު ވިޔަފާރިން ކޮންމެވެސް ބަޔަކު އެކަހެރިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ވިޔަފާރީތަކަށް އެހީތެރިވާ ފަރާތްތަކުގެ އާމްދަނީ އަށް އަސަރުކުރާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ. މިސާލަކަށް އަންނައުނު ވިޔަފާރިކުރަން ކަސްޓަމަރުން ބޭނުންވަނީ އޮންލައިންކޮށް ކަމަށް ވަނީ ނަމަ މަޖީދީމަގުގައި ބޮޑު ކުލީގައި ތިބި ވިޔަފާރިތަކަށް އަސަރު ކުރާނެ އެވެ. އެ ވިޔަފާރިތައް ބަނގުރޫޓު ވެދާނެ އެވެ. މިހެން ވެއްޖެ ނަމަ އެ ފިހާރަތައް އެހެން ވިޔަފާރިއަކަށް ފުރޮޅިގެންދާނެ އެވެ. މިހާރު ފެންނަމުން މިދަނީ ޓެކްނޮލޮޖީގެ ސަަބަބުން މީހުންގެ ތޮބީއަތަށް އަންނަމުންދާ ބަދަލެކެވެ. އެހެންކަމުން ކަސްޓަމަރުންނަށް ބޭނުންވާ އެހެން މުދަލެއް ނުވަތަ ހިދުމަތެއް ދިނުމަށް ފިހާރަ ހިންގާ ފަރާތްތަކަށް މަޖްބޫރުވާނެ އެވެ. މި ގައުމުގައި ވިޔަފާރި މިދަނީ ކުރިއަރަމުންނެވެ. އެހެންވީމާ ފިހާރަ ވާނީ ގިނަ އެވެ.

ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި މަޖީދީމަގުގައި ވީއެޗެއެސް ކެސެޓް ފިލްމު ކުއްޔަށް ދޭ ފިހާރަތައް ހުއްޓެވެ. އޭރު މި ވިޔަފާރިތައް މަޖީދީމަގުގައި ތިބެގެން ވެސް ދެކޮޅު ޖެހެ އެވެ. ޓެކްނޮލޮޖީ އަށް އައި ބަދަލާ އެކު ޓޭޕުން ސީޑީ އަދި ޑީވީޑީ އަށް ފިލްމު ބަދަލު ވެއްޖެ އެވެ. މި ވިޔަފާރި މަޖީދީމަގުން ބޭރުވެ އެހެން މަގުތަކަށް ވިޔަފާރި ބަދަލުކުރަން ޖެހުނެވެ. މިއަދު ވެސް ފިލްމު ވިޔަފާރި ހިންގަ އެވެ. އަށްޑިހައިގެ އަހަރުތަކަށް ވުރެ އަގު ހެޔޮކޮށް ފިލްމެއް ހާޑް ޑިސްކަކަށް އަޅައިދިނުމުގެ ޚިދުމަތް ފޯރުކޮށްދޭ ފިހާރަތައް އެބަހުއްޓެވެ.

އިންޓަނެޓްގެ ތެރޭން ވުޖޫދަށް އައި އިޖްތިމާއީ މީޑިއާގެ ހިޔާވަހިކަމުގެ ދަށުގައި އުފެދެމުން މި އައި އޮންލައިން ވިޔަފާރިތަކަކީ އަޅުގަނޑުމެން ތެރޭ ޒަމާނުއްސުރެ ހުރި އާންމު ވިޔަފާރިތަކާ ތަފާތު ސިފައެއްގައި ހިންގަމުންދާ ވިޔަފާރިތަކެކެވެ. އެހެންކަމުން އޮންލައިން ވިޔަފާރިތަކުގެ ބޭނުންތަކާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ތަފާތުވާނެ އެވެ. އާންމު ވިޔަފާރި ކުރިއަރުވަން އެކުލަވާލާ ރޭވުމެއްގެ ތެރޭގައި އޮންލައިން ވިޔަފާރިއަށް ހާއްސަ ވިސްނުމެއް ނުދީ ބައްޓަންކުރާ ރޭވުމެއް ވާނީ އެންމެނަށް ހެޔޮވަރުގެ ހެދުމެއް ތައްޔާރުކުރަން އުޅުން ކަހަލަ ކަމަކަށެވެ.

މިމަޒުމޫނުވަނީ ހަވީރުގައި 22 ނޮވެމްބަރ 1402ގައި ޝައިއު ކުރެވިފައެވެ. ކޮމެންޓުތައް އެހުރީ ހަވީރުގައި ހުރިގޮތަށެވެ.