ޕާކެއްގެ އެތެރޭގައި ފުއްޕާހަމުގެ ވިޔަފާރި ކުރާ މީހަކު ވިޔަފާރި ހާއަޅާލައި ވަޤުތުތަކުގައި ވިޔާފާރި ރަނގަޅުކޮށްލަން ބޭނުންކުރާ އުކުޅަކީ ހީލިއަމް ވައިއަޅާފައި ހުންނަ ރަތްކުލާގެ ފުއްޕާހަމެއް ޖައްވަށް ދޫކޮށްލުމެވެ. މިގޮތަށް ރަތް ކުލައިގެ ހަމެއް ހަވަޔަށް ދޫކޮށްލާ އިރަށް ކުދިންވެރިން އައިސް އަނެއްކާވެސް ފުއްޕާހަންތައް ގަންނަންފަށައެވެ. ވިޔަފާރި ރަނގަޅުވެލައެވެ.

ވިޔަފާރި ދަށްވި ވަޤުތެއްގައި، އާދައިގެ މަތިން ރަތް ހަމެއް ޖައްވަށް ދޫކޮށްލި ތަނުން ކުޑަ ކުއްޖަކު އައިސް ހަންވިއްކާ މީހާކައިރީގައި ބުނަނީ، މައްޗަށް އަރައިގެން ދާކަހަލަ ރަތްކުލާގެ ހަމެއް ވިއްކުމަށެވެ.

ހަންވިއްކާ މީހާބުނީ ހަން މައްޗަށް އަރާގެން ދަނީ ހަމުގެ ކުލައަކުން ނޫންކަމަށެވެ. މައްޗަށް އަރަނީ ހަމުގެ ތެރޭގައި ހުންނަ އެއްޗެއްގެ ސަބަބުން ކަމަށެވެ.

ހަންވިއްކާ މީހާމިބުނީ ވަރަށް ބޮޑު ތެދެކެވެ. މަސައްކަތު މާހައުލުގައި ބައެއް ފަހަރު އަޅުގަނޑުމެނަށް ހީވޭ މީހުން ކުރިއަރަމުން ދަނީ އެއީ އޭނާ ހަމުގެ ކުލަ ދޮންވީމައި، ކުލައަލިވީމައި ސިފަ ރީތިވީމައި ނުވަތަ އެއީ ވެރިޔާއަށް ވައިޖަހާގެން އުޅޭ މީހަކަށްވާތީއެވެ. މިހެން ހީވާފަހަރުތަކުގައި މިވާހަކަ އެހެންމީހުން ކައިރީ ނުދައްކާ އަޅުގަނޑުމެން ބޭނުންވާ ކުރިއެރުން ނުލިބޭ ސަބަބާއި މެދު ވިސްނާލުމަކީވެސް އޮތްކަމެކެވެ. އަދި ވެރިޔާއާއި މަޝަވަރާކޮށްލައި އަހާލުމަކީވެސް ކުރެވިދާނެކަމެކެވެ.

ހަޤީގަތަކީ މަސައްކަތު މާހައުލުގައި ބައެއް މީހުންނަށް ވަޒީފާގެ ކުރިއެރުން ލިބުން، މުސާރަބޮޑުވުން، އިނާޔާތްތައް ލިބިގެން މިދަނީ އެމީހެއްގެ ކިބާގައި ހުރި ކުޅަދާނަކަމެއްގެ ސަބަބުންނެވެ. މަސައްކަތު މާހައުލުގައި އެމީހާގެ ބޭނުންތެރިކަން އޮތް ވަރެއްގެ މައްޗަށް ކުރިއެރުމަކީ އުފެދެމުން އަންނައެއްޗެކެވެ. އެމީހެއްގެ އުފެއްދުންތެރިކަން، ކިޔެވިފައި ހުރި ފެންވަރު، މީހުނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު، ނަތީޖާ ހާސިލު ކުރުމަށް ގަދައަޅާއި ކުރާ މަސައްކަތް، ކަންކަމަކީ އެމީހަކަށް ލިބިފައި ހުންނަބާރެވެ. މިއީ އެމީހެއްގެ އެތެރޭގައި ހުންނަ ވައި އެވެ. މިވައިގެ ސަބަބުން މައްޗަށް އަރާގެން ދިއުމަކުން މައްސަލައެއް ނެތެންނުންތޯއެވެ.

މިދެންނެވި ވައި ބޭނުން އެކަށީގެންވާ ގޮތަށް ބޭނުން ހިފައި މީހުން، އަޅުގަނޑުމެންނަށް މިފެންނަނީ މަސައްކަތު މާހައުލުން އެހެންމީހުންނަށްވުރެ އަލިކޮށެވެ. ރަތްކުލާގެ ފުއްޕާހަން ފަދަގޮތަކަށެވެ.

ހުނަރާއި ގާބިލުކަމާއި މަސައްކަތް ކުރުމުގެ ހިތްވަރު ނެތް މީހުނަށް ކުރިއަރާގެންދާ އެހެން މީހުންނަކީ ވެރިންނަށް ވައިޖައިގެން އުޅޭމީހުންނެވެ. އެމީހުންގެ ނާގާބިލުކަން ފޮރުވަނީ އެހެންމީހުންގެ ބޮލުގައި ވައިއަޅުވައިގެން އުޅޭކަމުގެ އިލްޒާމް އަޅުވައިގެންނެވެ.

ބަހުސްކުރުމެއްނެތި ޤަބޫލު ކުރަންޖެހޭ ހަޤީގަތަކީ، ލިބިފައިވާ ހުނަރާއި ގާބިލު ކަމުގެ ބާރު ބޭނުންކޮށްގެން ކުރިއަރާ ދިއުމަށް ވެރިންނަށް ވައިޖަހަން ނުޖެހޭކަމެވެ. ވާހަކާގައި ބުނެވުނު ފުއްޕާހަން ފަދައިން އަމިއްލަައަށް މައްޗަށް އަރާގެން ދިއުމުގެ ގާބިލުކަން ހުންނަ މީހުންނާއި ހަސަދަވެގެން ފާޑު ފާޑުގެ ވާހަކަތައް އުފަންކޮށްގެން ދައްކާނެއެވެ.

ބައެއް ފަހަރު މީހުން ހަސަދަ ވާތީވެ އަޅުގަނޑުމެން ކަންބޮޑުވެއެވެ. މީދެރަވާންވީކަމެއް ނޫނެވެ. އަޅުގަނޑުމެން އުފާކުރަންވީ އެހެންމީހުން ހަސަދަވަނީ އަޅުގަނޑުމެންގެ ކިބާގައި ހުނަރާއި ގާބިލުކަން ހުރީތީއެވެ.